ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްލްގައްޔޫމު ތިލަދުއްމައްޗަށް ކުރެއްވި ދަތުރުފުޅުގައި ހއ. ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރުން އަބްދުއްލަތީފު މުހައްމަދު ނެރުއްވި ބަޔާނަށް ޕީޕީއެމް އަށް ތާއިދުކުރާ ފަރާތްތަކުން ރައްދުދީފިއެވެ
ދިއްދޫ ރައްޔިތުން ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ޖެހޭ ސަބަބެއް ނެތްކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރުން އަބްދުއްލަތީފު ވިދާޅުވެފައިވާއިރު ރައީސް ޔާމީން ދިއްދޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ކިޔާފައިވާ ހޫނު މަރުހަބާއެކެވެ
ރައްޔިތުންގެ މަޖިލީހުގެ ތެރޭން ދިއްދޫ ރައްޔިތުންގެ އަޑު ކަނޑުވާލި ކަނޑުވާލުމަށް އެ ރަށުގެ ރައްޔިތުން މާފު ނުކުރާނެކަމަށް ވިދާޅުވެ އަބްދުއްލަތީފް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ސޯޝަލް މީޑިއާގައި ފޮޓޯއެއް ހިއްސާކޮށްފައެވެ. ރައީސް ޔާމީނަށް ދިއްދޫ ރައްޔިތުން ކީ މަރުހަބާގެ ފޮޓޯތައް ޓްވީޓުކޮށް އެމަންޒަރު ލަތީފަށް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ
މީގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން ދިއްދުއަށް ވަޑައިގެން ހަމަ އެކަނި ރައްޔިތުންނަށް ސަލާމް ކުރައްވަން ވެސް 45 މިނިޓް ހޭދަ ކުރައްވަން ޖެހި ވަޑައިގަތް ކަމަށާއި އެކަމުން ދޭހަވަނީ ލަތީފަށް ދިއްދޫ ރައްޔިތުން މާފު ނުކުރާނެކަންކަމަށެވެ
ރައީސަށް މަރުހަބާ ދެންނެވުމަށް ގިނައިން ދިޔައީ ކުޑަކުދިން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކައަށް ރައްދު ދެމުން ޕީޕީއެމްގެ މެމްބަރުން ބުނެފައިވަނީ ސުކޫލު ކުދިން ރައީސަށް މަރުހަބާ ކިޔަން ނުކުތުމަކީ އަލަށް މިގައުމުގައި ވާ ކަމެއް ނޫން ކަމަށެވެ.