English Edition
Dhivehi Edition
އަބްދުއްރަހީމް އަބްދުﷲ ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ./ ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސިޔާސީ މަސައްކަތަކީ ގޭގައި ނުވަތަ ފިނި ކޮޓަރީގައި ތިބެގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ގޭގެއަށާއި ބަދިގެއަށް ވެސް ވަދެގެން ކުރެވޭ ކަހަލަ މަސައްކަތެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުއްﷲ، ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވައިފިއެވެ.

ޕީއެންސީގެ މަތީ މަޖިލިސް ރަސްމީކޮށް ފެށުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ބޭފުޅުންނަކީ ކިބުރުވެރި ބޮޑާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި، އެއީ ރައްޔިތުންނަށް ހިތްހެޔޮ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

ސިޔާސީ މަސައްކަތް ކުރެވޭނީ މަގުމައްޗަށް ނުކުމެ، ކަނޑުމައްޗަށް އަރައި، ރަށްރަށަށް ދަތުރުކޮށްގެންކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ހޮޅުއަށިތަކަށާއި މީހުންގެ ގޭގެއަށް ވަދެ، އެމީހުންގެ ވާހަކަތަކާއި ކަންބޮޑުވުންތައް އަޑުއަހަންޖެހޭ ކަމަށެވެ.

ރައްޔިތުންނާ ގާތުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީގެ މެންބަރުންގެ އަދަދު 3,000 އިން 80,000 އަށް އިތުރުވެގެން ދިޔަކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރާ ބޭފުޅަކީ ކޮންމެ މީހަކާއެކީގައި ވެސް ސައި މޭޒުގައި އިށީނދެވޭ، ކޮންމެ މީހަކާ ސަލާމްކޮށްލެވޭ، ކޮންމެ މީހަކު ދައްކާ ވާހަކަ އަޑުއަހާލެވޭ މީހަކަށް ވާންވާނެކަމަށެވެ.

މި ސަރުކާރުން ބޮޑު ދަރަންޏަކާއެކު ހަވާލުވެ، ދަރަނިތައް ދައްކަމުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށް ވިދާޅުވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް އަޒުމް ކަނޑައެޅުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.