English Edition
Dhivehi Edition

ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާގެ ބޯނަސް ހިފަހައްޓަން އެ ކްލަބްގެ ބޯޑުން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އެކްލަބްގެ ބޯޑުން ނޭމާގެ ބޯނަސް ނުދީ ހިފަހައްޓާފައިވަނީ އޭނާ ޕީއެސްޖީ އަށް ބަދަލުވާން ނިންމާފައިވާތީކަމަށް ރިޕޯޓްތައް ބުނެއެވެ. 2021 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓް ނޭމާ ވަނީ އައުކޮށްފައެވެ. އަދި އެ ކޮންޓްރެކްޓުގައިވާ ގޮތުން ފުރަތަމަ އަހަރު ފުރިހަމަ ކުރުމާއެކު ނޭމާއަށް 25 މިލިއަން ޔޫރޯގެ ބޯނަހެއް ދޭންޖެހެއެވެ. މިދިޔަ ހޯމަ ދުވަހަކީ ބާސެލޯނާ އިން ނޭމާއަށް ބޯނަސް ދޭން ޖެހޭ ތާރިހު ކަމުގައިވިޔަސް ބާސެލޯނާގެ ބޯޑުން ނިންމާފައިވަނީ ނޭމާ އޭނާގެ އެއްބަސްވުމުގައިވާ ބައެއް މާއްދާތަކާ ހިލާފުވެފައިވާތީ ބޯނަސް ހިފެހެއްޓުމަށެވެ. ނޭމާ އާއި ބާސެލޯނާ އާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބުނާގޮތުން ފުރަތަމަ އަހަރުތެރޭ ބާސެލޯނާގެ ހުއްދަނެތި އެހެން ކްލަބަކާ މަޝްވަރާ ކޮށްފިނަމަ ބޯނަސް ނުދިނުމުގެ އިހުތިޔާރު އެ ކްލަބަށް ލިބިގެންވެއެވެ. ނޭމާ ޕީއެސްޖީއާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވާއިރު، ޕީއެސްޖީ އޮތީ ނޭމާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 222 މިލިއަން ޔޫރޯ ދީގެން އޭނާ ގެންދަން ތައްޔާރަށެވެ. 201 ވަނަ އަހަރުސްޕެއިންގެ ބާސެލޯނާއާ ގުޅުނު ނޭމާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.