English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރުގެ ފިލްމު ‘ދަ ބަކިންހަމް މާޑާސް’ އަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނައިރު ފިލްމުގެ ޕްރޮމޯޝަންގައި، ކަރީނާ ފެހި ކުލައިގެ ކޯޓެއް ލައިގެން، ޖަންގަލީގައި ހުއްޓި ހުރި ފޮޓޯއާއި އެކުު ބެލުންތެރިންގެ ޝައުގުވެރިކަން ވަނީ ފިލްމަށް އިތުރުވެފައެވެ. ފިލްމުގެ ޓްރެއިލާ އާއި ޕޯސްޓަރު ރިލީޒް ކުރުމުން ފިލްމާ މެދު އުފެދިފައިވާ ފޯރި ފާހަގަ ކުރެވޭއިރު، ކުރިއަށް އޮތް މިސްޓަރީ ތްރިލާ ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.

މި ފިލްމު ސެޕްޓެމްބަރު 13، 2024 ގައި ސިނަމާތަކަށް ރިލީޒް ކުރަން ތައްޔާރުވެފައިވާއިރު ފިލްމުގައި ދިމާވާ ގޮތްނޭގޭ މަރުގެ ހަގީގަތް ހޯދުމަށް ކުރާ މަސައްކަތުގެ ވާހަކަ އެބުރެނީ ޑިޓެކްޓިވް އެއް ކަމަށްވާ ޖޭސްމީތު ބަމްރާގެ ވަށައިގެންނެވެ. އޭނާގެ ޒާތީ ދިރިއުޅުމުގައި ހިތާމަވެރި ހާދިސާއެއް ތަހައްމަލު ކުރަމުން ދަނިކޮށް ގެއްލިގެން ހޯދަމުންދާ ކުޑަކުއްޖަކުގެ މައްސަލަ ތަހުގީގު ކުރަން ޖެހެއެވެ.

ނޭޝަނަލް އެވޯޑް ލިބިފައިވާ ޑައިރެކްޓަރު ހަންސަލް މެހެތާގެ ކްރިއޭޓިވް ޑައިރެކްޝަންގެ ދަށުން އުފައްދާފައިވާ ދަ ބަކިންހަމް މާޑާސްގެ ކާސްޓުންގެ ތެރޭގައި ކަރީނާ ކަޕޫރު ގެ އިތުރުން ރަންވީރު ބްރާރ، އޭޝް ޓަންޑަން، ޕްރަބްލީން ސަންދޫ، އަސަދު ރާޖާ، ސަންޖީވް މެހެރާ، އަދުވޯއާ އަކޯޓޯ، އަދި ޒައިން ހުސެއިން ފަދަ ތަރިން ހިމެނެއެވެ.

އަސީމް އަރޯރާ، ކަޝްޔަޕް ކަޕޫރު، އަދި ރާގަވް ރާޖް ކައްކަރު ލިޔެފައިވާ މި ފިލްމަކީ ޝޯބާ ކަޕޫރު، އެކްތާ އާރް ކަޕޫރު، އަދި ކަރީނާ ކަޕޫރުގެ ފުރަތަމަ ޕްރޮޑަކްޝަން އެވެ.