English Edition
Dhivehi Edition

ފަޟީލަތުއްޝައިޚު ޙުސައިން ޝަރަފުއްދީނުލް އަޒްހަރީގެ ހަނދާނުގައި ބާއްވާ ޤުރްއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މިއީ ނެސޯ – ޖަމްޢިއްޔަތުލް ޢުލަމާ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނަމުގައި 2022 ވަނަ އަހަރުން ފެށިގެން، އައްޑޫ ސިޓީގެ ސްކޫލުތަކާއި ޢާއްމު ފަރާތްތަކަށް އަމާޒުކޮށްގެން، ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޤުރްއާން މުބާރާތުގެ ނަން ، ފަޟީލަތުއްޝައިޚު ޙުސައިން ޝަރަފުއްދީނުލް އަޒްހަރީގެ ހަނދާނުގައި ބާއްވާ ޤުރްއާން މުބާރާތަށް ބަދަލުކޮށް، މިއަހަރު ބާއްވާ މުބާރާތެކެވެ.

ކުޑަކުދީންނާއި ޒުވާނުންގެ ހިތްތަކުގައި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ހިތު ދަސްކުރުމަށް ޝައުޤުވެރިކަން އުފައްދައި، ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރްއާން ކިޔަވާ މުޖުތަމައެއް ބިނާކުރުމުގެ މަޤްސަދުގައި ޖަމްޢިއްޔަތުލް ޢުލަމާ އިން ވިލަރެސްކޮށް ހިންގާ މުބާރާތުގެ މެއިން ސްޕޮންސަރަކީ ނެސޯ ހޯމް އެވެ.

މުބާރާތުގެ ނަން ނިސްބަތްކުރެވިފައި މިވަނީ މިޞްރުގެ ޖާމިޢަތުލް އަޒްހަރުން ކިޔަވައި ވިދާޅުވެގެން އެނބުރި އައްޑުއަށް ވަޑައިގެން، އަވަހާރަވަންދެން އައްޑޫ އަތޮޅު ހިމެނޭހެން ދެކުނުގެ 4 އަތޮޅަށް ޤުރްއާނުގެ ޢިލްމާއި، ދީނީ ޢިލްމު ފެތުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، އެރޮނގުން އަމިއްލަފުޅަށް ކިޔަވައިދެއްވައި، ޢިލްމީ ދަރީންތަކެއް ބިނާކުރެއްވި އައްޑޫގެ މަޝްހޫރު ޢިލްމުވެރިޔާ، ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޝަރަފުއްދީނުލް އަޒްހަރީ (މަޝްހޫރު ނަމުންނަމަ ޝޭޚު ޙުސަންރަހާ) އަށެވެ.

ފަޟީލަތުއްޝައިޚު ޙުސައިން ޝަރަފުއްދީނުލް އަޒްހަރީގެ ހަނދާނުގައި ބާއްވާ ޤުރްއާން މުބާރާތުގައި އޮންނާނީ ސްކޫލުތަކުގެ ބަޔާއި ޢާއްމު ފަރާތްތަކުގެ ބައެވެ. އެގޮތުން ސްކޫލުތަކުން ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމު މިހާރު ސްކޫލުތަކަށް ފޮނުވިފައިވާކަމަށް ޖަމްޢިއްޔަތުންޢުލަމާއިން މަޢުލޫމާތު ދެއްވައެވެ. ސްކޫލްތަކުން މިމުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ފަހު ތާރީޚަކީ 2024 އޮގަސްޓް 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަމިއްލަ ގޮތުން މިމުބާރާތުގައި ބައިވެރިވާ ދަރިވަރުން ބައިވެރިވާން އެދި ހުށަހަޅަންޖެހެނީ 2024 އޮގަސްޓް 31 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން، އެކަމަށް ޚާއްޞަކޮށްފައިވާ ގޫގުލް ފޯމު ފުރުއްވައި ސަބްމިޓް ކޮށްގެންނެވެ. މުބާރާތުގައި އަމިއްލަގޮތުން ބައިވެރިވުމަށް އެދޭ (ގޫގުލް) ފޯމުގެ ލިންކް:

އަމިއްލަ ގޮތުން މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ދަރިވަރުންގެ މެދުގައި ފެންވަރު ބެލުމުގެ ގޮތުން އޮޑިޝަނެއް ބޭއްވޭނެކަމަށް ޖަމްޢިއްޔަތުން ޢުލަމާއިން ވިދާޅުވެއެވެ. އެގޮތުން މުބާރާތުގެ އަމިއްލަ ފަރާތްތަކުގެ ބައިގައި ކިޔެވޭނީ މި އޮޑިޝަނުން ފާސްވާ ދަރިވަރުންނަށް އެކަންޏެވެ. މި އޮޑިޝަނުގައި ބަލާނީ ދަރިވަރުން މުޤައްރަރަށް ފަރިތަ މިންވަރާއި ތަޖުވީދާއި ކިޔެވުމުގެ ހުނަރު ދަރިވަރަށް ލިބިފައިހުރި މިންވަރެވެ.

މުބާރާތުގެ ޤަވާޢިދުގެ ޕީޑީއެފް ކޮޕީ:

މިމުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ޖަމްޢިއްޔަތުން ޢުލަމާގެ ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.