English Edition
Dhivehi Edition
ފޮޓޯ: ޅުބްނާ މަޖީދު މުހްތާރު / އޭއޯ ނިއުސް

މިނިވަން ކަޕް 2018 ގައި މިއަދު ކުޅުނު މެޗު ގައި ގައުމު އެފްސީ އާއި ތައްލިހި އެފްސީ ބައްދަލު ކުރި މެޗު 4-4 އިން އެއްވަރުވެއްޖެ އެވެ

ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑް ހޯދީ ތައްލިހިންނެވެ. ތައްލިހި ޓީމްގެ މި ލަނޑު ހަވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރޮނާއެވެ. ތައްލިހި ޓީމުން ޖެހި ގޯލާއެކު އެ ޓީމަށް މެޗުގައި ހަމަޖެހިނުލެވެނީސް ގައުމު އެފްސީގެ ލިރު ޖެހި ބޯޅަ ގޯލް ދަނޑީގައި ޖެހި ބޭރުވި ވަގުތު އެ ޓީމްގެ ސަބާހް (ސޯބާ)ކުޅަދާނަކަމާއެކު ބޮލުން ޖަހި ބޯޅަ ގޯލަށް އަމާޒުވެ އެ ޓީމުންވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ ހަތްވަނަ މިނިޓްގައި ގައުމު އެފްސީގެ ލިރު ޖެހި ލަނޑާއެކު ގައުމު އެފްސީ އިން ވަނީ ލީޑް ނަގާފައެވެ

މެޗުގެ ދެވަނަ ހާފްގައި ތައްލިހި އެފްސީ އިން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް މަސައްކަތްކޮށްފައިވާއިރު އެ ޓީމުން ޖެހި ދެވަނަ ލަނަޑަކީ އެ ޓީމްގެ ޝަމްހާދު ކާމިޔާބުކޮށްދިން ލަނޑެކެވެ.ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ގައުމު އެފްސީގެ ވިޝޫ އެ ޓީމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު ތައްލިހި އެފްސީ އަށް ރޮނާ ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާވަނީ އެއްވަރުވެފައެވެ

ދެ ޓީމުންވެސް މެޗުގެ ނަތީޖާ ބަދަލުކޮށް ލީޑް ނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މެޗުގައި ތައްލިހި އެފްސީގެ ރޮނާ ޖެހި ހަތަރުވަނަ ގޯލާއެކު އެ ޓީމުންވަނީ މެޗުގެ ލީޑްނަގާފައެވެ. ރޮނާގެ ގޯލާއެކު ގައުމު އެފްސީ އިން ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު މެޗުގެ އެންމެ ފަހު ފަސް މިނިޓާއި ހަމައަށް ތައްލިހި އެފްސީ އިން ވަނީ ގައުމު އެފްސީ ހިފަހައްޓާފައެވެ.

ވެހެމުންދިޔަ ވާރޭގައި ކުޅުނު މި މެޗުގެ ހަތަރުވަނަ ލަނޑު ގައުމު އެފްސީ އަށް ކާމިޔާބުކޮށްދީ، މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އެ ޓީމްގެ ސޯބާއެވެ.ދެ ޓީމުން ބާކީއޮށް ކުޑަވަގުތު ކޮޅު މެޗުގެ ލީޑް ނެގުމަށް ދެ ޓީމުންވެސް މަސައްކަތްކޮށްފައިވާއިރު މެޗު ނިމިގެން ދިޔައީ އެއްވެސް ޓީމަށް ލަނޑު ޖަހާނެ ފުރުސަތެއް ނުލިބިއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ތައްލިހި އެފްސީގެ ރޮނާއެވެ.

މިއަހަރުގެ މުބާރާތުގައި ގައުމު އެފްސީ އިން ކުޅުނު އެއްމެޗުން އެ ޓީމް ބަލިވެފައިވާއިރު، އެއްމެޗުންވަނީ ބޮޑު ތަފާތަކުން މޮޅުވެފައެވެ. އަދި މިއަދު ކުޅުނު ދެ ޓީމުންވެސް އެއް މެޗުގެ ނަތީޖާ އެއްވަރުވެފައިވާއިރު ތައްލިހިން ވަނީ މުބާރާތުގައި އެ ޓީމް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. މާދަމާ ހަވީރު ގައުމު އެފްސީ އާއި ވެމްކޯ ކުޅުމައް ހަމަޖެހިފައިވާއިރު ދެން ތައްލިހި ބައްދަލުކުރާނީ 21 ވަނަ ދުވަހު ޑީކޭ ސްޕޯޓްސް އާއެވެ.

.