English Edition
Dhivehi Edition
ފޮޓޯ:ލުބްނާ މަޖީދް- އޭއޯ ނިއުސް

މިނިވަން ކަޕް 2018 ގައި މިރޭ ކުޅުނު ކުއާާޓާރ ފައިނަލް މެޗުގައި ގައުމު އެފްސީ އާއި މަރަދޫ ޒެލޯން ބައްދަލުކުރި މެޗު ހަނި ފުރުސަތަކުން ގައުމު އެފްސީ މޮޅުވެއްޖެއެވެ

މިރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗުން ގައުމު އެފްސީ މޮޅުވެފައިވަނީ 6 ލަނޑު 5 ލަނޑުންނެވެ.މި މެޗުގެ ފުރަތަމަ ލަނޑު ގައުމު އެފްސީ އިން ކާމިޔާބުކުރީ މެޗުގެ ހަވަނަ މިިޓްގައި ލިރު ނަގައިދިން ހިލޭ ޖެހުމަކުން ޝާކާއެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ގައުމު އެފްސީގެ ސޯބާ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު ޒެލޯންގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިކްއެވެ.

ގައުމު އެފްސީގެ ސޯބާ މެޗުގެ ދިހަވަނަ މިނިޓްގައި އިތުރު ލަނޑެއް ޖަހާފައިވާއިރު ސާދަވަނަ މިނިޓްގައި ޝާކާވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްފައެވެ، ޒެލޯންގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ސޯޅަވަނަ މިނިޓްގައި ވާޒިއުއެވެ

މެޗުގެ ފުރަތަމަ ހާފް ހަތަރެއް، ދޭއްގެ ނަތީޖާއަކާއެކު ގައުމު އެފްސީ ކުރި ހޯދާފައިވާއިރު މެޗުގެ ދެވަނަ ހާފްގައި ޒެލޯން އިންވަނީ ކުޅުން ރަގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުގައި ގައުމު އެފްސީގެ ފަސްވަނަ ލަނޑު އެ ޓީމުގެ ނައުފަލް ނަގައިދިން ކޯނަރު ގޯލަށް އަމާޒުކޮށް ޝާކާ ކާމިޔާބުކޮށްދީފައިވާއިރު މެޗުގެ ހަތާވީސްވަނަ މިނިޓްގައި ޗިޅާވަނީ ޒެލޯންއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ތިރީސް ތިންވަނަ މިނިޓްގައި ލިރު ނަގައިދިން ހުރަހަކުން ސޯބާ ވަނީ ގައުމު އެފްސީ އަށް މެޗުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީ ފައެވެ. ޒެލޯންއިން މި މެޗުގެ ނަތީޖާ ބަދަލުކޮށް މޮޅު ވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މެޗުގެ ތިރީސް ހަތްވަނަ މިނިޓްގައި ވާޒިއުވަނީ ލަނޑެއް ޖަހާފައެވެ. މި މެޗުގައި ޒެލޯން އިން ޖެހި ފަސްވަނަ ލަނޑަކީ ގައުމު އެފްސީ އަށް އޭރިއާ ތެރެއިން ހެދުނު ގޯސްތަކެއްސަބަބުން ލިބުނު ޕެނެލްޓީ ގޯލަށް އަމާޒުކޮށް ކާމިޔާބުކުރެވުނު ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަތޫފްއެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީގައުމު އެފްސީގެ ކެޕްޓަން ސޯބާއެވެ.

މާދަމާރޭ ކުޅޭ މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގައުމު އެފްސީ އާއި ތައްލިހި އެފްސީއެވެ، މި ދެ ޓީމް ގުރޫޕް ސްޓޭޖްގައިވެސް ވާދަކޮށްފައިވާއިރު، އެ މެޗު ގައި ދެ ޓީމު ވަނީ އެއްވަރުވެފައެވެ.

މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 35000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށްވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ.

މި އަހަރުގެ މުބާރާތުގެ ސޮޕޮންސަރުންނަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދު، އައިލެންޑް އެކްސްޕްރެސް، ހުޅުދޫވިޔަފާރިވެރިން ގެ އިތުރުން ހުޅުދޫ ޒުވާނުންނެވެ. އަދި މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ