English Edition
Dhivehi Edition

ޒައިން ދެކެ އަހަންނަށް މިހާވަރަށް ލޯބި މިވެވެނީ ކީއްވެ ހެއްޔެވެ؟ އަހަރެން މޮޔަވެދާވަރަށް އޭނާއަށް ހިތްކިޔަނީ ކީއްވެ ހެއްޔެވ؟ އަހަރެން ރައްޓެހިވެގެން އުޅެނީ ވިޝާމްއާއެވެ. ރަނެއް ޖަވާހިރެއް ކަހަލަ ރީތި ހިތްގައިމު އުނިކަމެއް ލަފެއް އައިބެއް ނެތް މީހެކެވެ. އަހަރެން ދެކެ އެހާ ލޯބިވެއެވެ. އަންނަ ހަފްތާގައި ޑޮކްޓަރީ ކޯސް ނިންމާފައި ރަށަށް އަންނާނެއެވެ. އަހަރެމެން ކައިވެނި ކުރަން ނިންމާފައިވަނީ އޭނާއައުމުން އާއިލާގެ އެންމެންނަށް އެއްތަންވެވޭނެ ތާރީޚަކަށެވެ. އަހަރެމެންގެ ދެއާއިލާވެސް އެހާ ރުހޭކަމެކެވެ. އެ ދުވަހަކަށް އެންމެން ދަނީ އިންތިޒާރު ކުރަމުންނެވެ.

ޒައިންއަކީ ކުރީން އަހަރެން ދުށްވެސް މީހެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ވާހަކަ އަޑު އިވެއެވެ. ލަންޑަނުން އާކިޓެކްޗަރ ކިޔަވައިގެން އައިސް ވަރަށް ފަހުން އަހަރެމެންގެ ކުންފުންޏާ ގުޅުނު މީހެކެވެ. އަހަރެންގެ ހުވަފެނީ ކެރިއަރަކީވެސް އާކިޓެކްޗަރީ މެއެވެ. އަހަރެންގެ ހިތުގައި އޮތީ އާކިޓެކްޗަރީއިން ދެވުނުހާ މައްޗަކަށް ދިއުމަށެވެ. އަންހެން ކުއްޖަކަށް ވުމުން އެޅޭނެ ހުރަހެއް ނޯންނާނެޔޭ އަހަރެން އަބަދުވެސް ބުނަމެވެ. ވިޔަސް އެކަންތަކުގެ ބުރަކަމާހެދި އަހަރެންގެ ހިތުގައި އޮންނަ ޔަގީންކަން ބަލިކަށިވާފަހަރުވެސް އާދޭމެއެވެ.

އެއީ އަހަރެންގެ ސެކްޝަން ބަދަލުވީދުވަހެވެ. އަހަރެންނަށް މިއާދެވުނީ އެބުނާ ޒައިންގެ ސެކްޝަނަށް ކަން އެނގުނީވެސް ކުރިމަތީގައި ހުރި އޮފީސް އޭނާއަށް ޚާއްސަ ކުރެވިފައިވާތަން ފެނުމުންނެވެ. އަހަންނަށް އެންމެ ފާހަގަ ކުރެވުނީ މޭޒުމަތީގައި އެންމެ ކަރުދާސްގަނޑެއް ފިޔަވައި އެހެން އެއްޗެއް ނެތްކަމެވެ. އެހާ މަޝްހޫރު އާރކިޓެކްޗާއަކަށް ކުރަހާލާނެ އެއްވެސް އިމާރާތެއް ނެތި އޮވެދާނެހެއްޔެވެ.

އެޚިޔާލުގައި ހުރެ ކޮފީތަށްޓެއް ހަދާލައިގެން އަހަރެން އައިސް މޭޒުދޮށުގައި އިނދެ މަދުމަދުން ކޮފީބޮމުން ގެންދިޔައީމެވެ. މަސައްކަތް ދައްކާކަށް އަހަރެންގެ ވެރިމީހާއެއް ނެތެވެ. އޮފީހަށް އައިކަން ވެސް އެނގޭކަށް ނެތްމެއެވެ. އަހަރެން ވިސްނަމުން ދިޔައީ މިއަދު އަހަންނާ ހަވާލުކުރެވޭނީ ކޮންކަމެއް ކަމާމެދުގައެވެ.

މޭޒުމަތީގައި ހުރި އިންޓަކަމް ރިންގުވުމާއެކު އަހަރެން ސިހެންވީ ސަބަބެއް ނެތެވެ. އެއާއެކު އަހަރެންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ.

“ޔެލޯ ބިލްޑިންގަށް އައިސްބަލަ. އަހަރެން މިހިރީ ދިހަވަނަ ބުރީގަ.”

ފެން އޮހޭ އުސް ފައްވާރާއެއްގެ މަތީން އަހަރެން ތިރިއަށް ކައްސާލިހެން ހީވީ ކީއްވެ ކަމެއް ނޭގެއެވެ. އަހަރެންގެ ހިތް މޭގެ ތެރޭގައި ވަކި ހަމައެއް ނެތި ތެޅެން ފަށައިފިއެވެ.

ޔެލޯ ބިލްޑިންގ ގެ ދިހަވަނަ ބުރީގެ ބެލްކަނީ ކުރެހީ އަހަންނެވެ. އެއީ ޑްރާފްޓިންގ ބައިގައި އަހަރެންނާ ހަވާލު ކުރެވުނު ފުރަތަމަ މަސައްކަތް ވެސް މެއެވެ. އަހަރެން އަވަސްކޮށްލައިގެން އެ ބިލްޑިންގަށް ހިނގައްޖެއީމެވެ. އާދަވެގެން ޑްރާފްޓިންގް ގެ މީހުން އިމާރާތް ކުރާ ބަޔަށް ގޮހެއް ނަހަދައެވެ. އެކަމަކު އަހަރެން މިހާރު ޕްރޮމޯޓްވެފައިވާ މަގާމުގައި ނަމަ އެއީ އަހަރެން ބަލަން ޖެހޭނެ ކަމެއް ކަން އަހަންނަށްވެސް ގަބޫލު ކުރެވެއެވެ.

ދިހަވަނަ ބުރިއަށް އަރަން ޖެހެނީ ސިޑިން ކަމެއް ފުރަތަމަ އަހަރެންގެ ހިތަކަށް ނާރައެވެ. އިމާރާތް ހަދަމުން ދާއިރަކު ލިފްޓްގެ ޚިދުމަތެއް ނުލިބޭނެކަން އަހަރެންގެ ވިސްނުމުގައި އޭރަކު ނެތެވެ. އަންހެނުން އަރާ ފައިވާނަކީ މިކަހަލަ މަސައްކަތާ ގުޅޭގޮތަށް ތައްޔާރު ކޮށްފައިވާ އެއްޗެއް ނޫންކަން އަހަންނަށް އެނގުނީ ސިޑިން އަރަން ފެށީމައެވެ.

އެކަމުގައި ހޭދަވީ ވަގުތަށްވުރެން އަހަރެންވެފައިވާ ވަރުބަލިކަން ބޮޑެވެ. ސޭފްޓީ ހެލްމެޓަކީ އެހާ ބަރު އެއްޗެއް ކަންވެސް އެނގުނީ އެދުވަހުއެވެ.

ދިހަވަނަ ބުރިއަށް އެރިއިރު ޒައިން ހުރީ އަހަރެން އައުން ލަސްވެގެންކަން ކެތް މަދުވެފައިކަން އެނގެއެވެ. ތޫނުލޮލެކެވެ. ބޯ ބުމައެކެވެ. ބުޅި އިސްތަށިގަނޑެކެވެ. ދޮނެއް ނޫނެވެ. އަހަރެން ޖެހުނީ އޭނާގެ މޫނަށް ބަލަން ކަރު މައްޗަށް ނަގާށެވެ. އަހަންނަކީ ވެސް ކުރު އަންހެން ކުއްޖެކޭ އެކަކުވެސް ނުބުނާނެއެވެ. އަހަރެން ތަންކޮޅެއް ހިކިވީމާ ދައްކާނީވެސް ދިގު ކުއްޖެއްގެ ގޮތުގައެވެ. އޭނާ އަހަރެންގެ ލޮލަށް ބަލާލީ ދެސިކުންތެއްހާ ކުޑަ ހިނދުކޮޅަކަށެވެ. އެއީ ނުރުހުމުގެ ބެލުމެކޭ އަހަރެން ހިތަށް އެރިއެވެ. ދެން އޭނާ އެބުރުނީ އަނެއް ފަރާތަށެވެ.

“އަޒާލް، ތީތިހާ ޒުވާން ކުއްޖެއްކަމަކަށް ކުރިޔަކުން ހިތަކަށް ނާރާ.” އޭނާގެ އަޑުގައި އަހަންނަށް ކުރީގައި އިވުނުފަދަ ހަރުކަށިކަމެއް މިހާރަކު ނެތެވެ. “ވަރުބަލި ފިލީމާ ބުނޭ. ބަލަން ޖެހޭ ވަރަށް ގިނަ ތަންތަން އެބަހުރި މި އިމާރާތުގައި.”

“އަޅުގަނޑު ވަރުބައްޔެއް ނޫން.” މިހެން ބުނެވުނު އިރު އަހަރެން ވަރުބަލިވެފައިވާ މިންވަރު އަހަންނަށް ވިސްނުނެވެ. ހަމަ ނޭވާއެއް ލެވޭތޯ އުޅެގަނެވުނެވެ.

“ތިޔަ ނޭވާލުން ހަމަޔަކަށް އެޅެންދެން މިކޮޅަށް އާދޭ.”

އޭރު އެތާގައި މޭޒަކާއި ދެގޮނޑިޔާ ކުރެހުމުގެ ބައެއް ތަކެއްޗާއި ފެނާއި ކޮފީ ތަރުމޯޒަކާ މިކަހަލަ އެއްޗެހި ހުއްޓެވެ.

ޒައިން ދެތަށި ކޮފީ ތަރުމޯޒުން އަޅާލިއެވެ. “ތިހާ ވަރުބަލިވެފައި ހުންނަ އިރު މާއަވަހަށް ފެން ބުއިމަކީ ރަނގަޅު ކަމެއް ނޫން.” ކޮފީތަށި ދިއްކޮށްލަމުން ޒައިން ބުންޏެވެ. “ކޮފީއާއެކު ކާން އެންމެ ރަނގަޅީ ނިޔަފަތްޗެއް ނޫން. މިހިރީ ބިސްކޯދު.”

އަހަރެން ހާސްވީމާ ނިޔަފަތި ކެވޭކަން އަހަންނަށް އެނގެއެވެ. އެކަމަކު ދެންމެއަކު އަހަންނަށް މިކަން އެނގުނީ ޒައިން ބުނީމައެވެ.

އަހަރެން އައި އިރަކު ވިއްސާރަވާނެ ކަމުގެ ޚިޔާލެއް ނެތެވެ. އުޑުމަތި ބަނަވެފައި އޮތް ކަމެއްވެސް އޭރަކު ފާހަގައެއް ނުކުރެވެއެވެ. ވާރޭ ވެހިގަތީ ކުއްލިއަކަށެވެ.

“ކަލޭ ހުއްޓާ ވާރޭ ވެހެން ފެށިކަން ރަނގަޅު.” ޒައިން ބުންޏެވެ. އޭނާ އަހަރެން ގޮވައިގެން ގޮސް ދެއްކީ ބެލްކަނީގައި ޖަހާފައި ހުރި ފުރޭމެކެވެ. “މިޑިޒައިން ކިތަންމެހާ ވެސް ރީތި.” އޭނާ ރުހިފައިވާހެން އަހަންނަށް ހީވިއެވެ. “އެކަމަކު ބަލާބަލަ ވާރޭ ވެހޭ އިރެއް ނަމަ މިތަނަށް ފެން ވިއްސާނެ. މިދިމާ މަތީގައި ހުންނަންޖެހޭ ފުރާޅުކޮޅު ކުރެހުމަކު ނެތް.”

އަހަންނަށް އެކަން ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އަހަރެން އެތާ ފުރާޅުކޮޅެއް ނުލީ އަލި މަދުވާނެތީއެވެ. “އަލިކުރަން ބޭނުންނަމަ ބިއްލޫރި ފުރޭމެއް މިތާ މަތީގައި ހެދިދާނެ.” އަހަރެން ހިތުގައި އޮތް އެއްޗެއް އެނގުނު ފަދައިން އޭނާ ބުންޏެވެ. “އެތެރޭގެ އިލެކްޓްރިކް ޕޮއިންޓްތައް ގިނައިން ހުރިކަން ފާހަގަ ކުރެވޭ. އެއީ މޭކަޕް ޓޭބަލަށް އަލިކުރަން އިތުރު ލައިޓްތަކެއް ބޭނުންވެދާނެ ކަމަށް ކަލޭ ވިސްނާފައި އޮތީމާ ކަމަށް ވެދާނެ.”

އަހަރެންގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ. މިއަދު އަހަންނަށް ތަންކޮޅެއް ބޮޑަށް މޭކަޕްކުރެވުނީ ބާއޭ ހިތަށް އެރިއެވެ. އާންމުކޮށް އަހަރެން މޫނުގައި މާގިނަ މޭކަޕެއް ނުހާކަމެވެ. އެކަމަކު އާވައްތަރެއްގެ ލިޕްސްޓިކެއް ޓެސްޓަކަށް ބޭނުންކޮށްލީމެވެ. އޭރަކު މީހަކު މިހާ ގާތުން އަހަރެންގެ މޫނަށް ބަލައި އެކަން ފާހަގަ ކޮށްފާނެއެކޭ ހިތަކަށް ނާރައެވެ.

އެއީ ދިގު ދުވަހެކޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން އޮފީހަށް އެނބުރި އައިސް އެބިލްޑިންގެ ބެލްކަނީތަކުގައި ވާރޭ ނުވިއްސާނެހެން ލާ ފުރާޅުކޮޅު އަލުން ޑިޒައިންކޮށް ކުރަހާ ބަޔަށް ފޮނުވާލީމެވެ. އޭގެ ފަހަކުން ޒައިންގެ ކޯލެއް އެދުވަހަކު ނާދެއެވެ.

އޮފީސް ނިންމާފައި ގެޔަށް ދިއުމުން އިމާރާތުގެ ކުރެހުންތަކުގެ މަތިން ވިސްނި ވިސްނުން ފޮހެވިގެން ދިޔައެވެ. ގޭގައި އެއް އަޑަކަށް އޮތީ ޑޮކްޓަރ ވިޝާމާއި އަހަރެންގެ ކާވެނީގެ ވާހަކައެވެ. ކާވެނީގެ ހަފްލާ ތައްޔާރުކޮށް ކުލަ އަލިތަކުން ގެ ޒީނަތްތެރި ކުރުމުގެ ވާހަކައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އާކާވެންޏެއްގެ އުފާވެރި ކުލަތަކެވެ. ހީވަނީ ކާވެނި ކުރެވެން އުޅެނީ އެމީހުންގެ ހެންނެވެ. ވީގޮތެއް ނޭނގި އަހަރެން ވާން ފެށީހާހެވެ. ހިތަށް ވަންނަން ފެށީ ބިރުވެރިކަމެކެވެ. ވިޝާމް އަކީ ބަލާލަން ރީތި ޒުވާނެއް މެއެވެ. ކުޅަދާނަ މޮޅު ޑޮކްޓަރެއްވެސް މެއެވެ. ވިޔަސް އަހަރެންގެ މޭގެ ތެރޭގައި މިފަދަ ނުތަނަވަސްކަމެއް ކުއްލިއަކަށް މިއުފެދުނީ ކީއްވެހެއްވެ. މިދެކެވޭ އެއްވެސް ވާހަކައަކުން ފެންނަ އެއްވެސް މަންޒަރަކުން އަހަރެންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ.

އަހަރެން ކޮޓަރިއަށް ވަދެ ހޫނު ފެނުން ފެންވަރާލައިގެން އައިސް އެނދުގައި އޮށޯތީ މި އުނދަގޫ ދެނިވި ޚިޔާލުތަކާ ވީހާވެސް ދުރަށް ދިއުމަށެވެ. މުޅި ދުވަހާއި ކުރިއަށް އޮތް ދުވަސްތަކުގެ ވިސްނުންތަކުން ހައިޖާން އުފެދިފައިވާ އަހަރެންގެ ސިކުނޑިއަށް އަރާމެއް ދިނުމަށެވެ. އަހަންނަށް ނިދުނީއެއް ކަމެއް ހޭލެވުނީއެއް ކަމެއް ނޭނގެއެވެ. އަހަންނަށް ހުރެވުނީ ޒައިންގެ ކުރިމަތީގައެވެ. އެއީ ފަތިހެކެވެ. ނުވަތަ އިރުއަރަމުން ދިޔަ ވަގުތެވެ. ކުލަކުލައިގެ ކުދި މާތަކުގެ ވާރެއެއް އޮހި އަހަރެން “ތެންމަމުން” ދިޔައެވެ. ޒައިން އައިސް އަހަރެން އުފުލާލައިގެން ފެންނަން ހުރި އެންމެ އުސް އިމާރާތުގެ އެންމެ ހުއަހަށް ގެންދިޔައެވެ. އަހަރެން ޒައިންގެ ކިބައިން އެމާތަކުގެ ވާރޭން ހިމާޔަށް ހޯދަމުން ދިޔައިމެވެ. އަހަންނަށް އެހާ ހިސާބުން ހޭލެވުނީ އަހަރެންގެ ކުޑަކޮއްކޮ މާބޮނޑިއެއް ތެންމައިގެން އައިސް އަހަރެންގެ މޫނުމަތީގައި ހާކަން ފެށީމައެވެ.

އޮފީހުގެ މަސައްކަތް ބާރަށް ހިނގަމުން ދިޔައެވެ. ޔެލޯ ބިލްޑިންގްގެ އެންމެ ފަހުގެ ނިންމުންތައް ކަނޑައެޅިފައިވާ ވަގުތުގެ ކުރީގައި ނިމޭނެކަމުގެ ޔަގީންކަން އޮތެވެ. އެހެންނަމަވެސް އެންމެންވެސް ހޭބޯނާރާ މަސައްކަތުގައި އަވަދި ނެތި އުޅެމުން ދިޔައެވެ. މީގެ ތެރޭން އެންމެ ބުރަކޮށް މަސައްކަތުގައި އުޅެން ޖެހިފައިވަނީ ޒައިންއަށެވެ. އެއިމާރާތަކީ އޭނާގެ މާސްޓަރޕީސް އެކެވެ. މުޅި މާލެ އޭނައަށްޓަކައި ފަޚުރުވެރިވާފަދަ ޑިޒައިނެކެވެ. ހުރިހާ ދިމާއަކުން ބެލިކަމުގައިވިޔަސް ތްރީޑީ ތަރިތަކެއް ފެންނަހެން ހީވެއެވެ. ޚުދު އަހަރެންވެސް އިމާރާތުގެ ބައެއް ކުރެހުން ކުރެހި މީހެއްގެ ގޮތުން ފަޚުރުވެރިވާވަރުވޭމެވެ.

ޒައިން ވަރަށް މަދުން ނޫނީ އަހަންނަކަށް އެއިމާރާތަށް ގޮވާ ނުއެއް ގެންދެއެވެ. މިހާރު އެއިމާރާތުގެ ފަނަރަވަނަ ބުރިއަށް އެރުމަކީވެސް ބުރަކަމެއް ނޫނެވެ. ބާރަށް ދަތުރުކުރާ ހަތަރު ލިފްޓް ހުއްޓުމެއްނެތި ބޭނުން ކުރެވެމުން ދިޔައެވެ. ކުރެހުންތަކުގެ މަސައްކަތް ނެތުމުން އަހަންނަށް ޖެހެނީ އިންސްޕެކްޝަންގެ މަސައްކަތެވެ. މަދުމަދުން އަހަރެންގެ ރިޕޯޓް ގެނެސް ދިނުމަށް ބުނި ކަމުގައި ވިޔަސް ޒައިންގެ ފަރާތުން އެއްވެސް ޝަކުވާއެއް ނާދެއެވެ.

ވިޔަސް ޒައިންއާ މެދު ކުރެވޭ ޚިޔާލުތައް އަހަރެންގެ ބޮލަށް ވަދެފައިވާ މިންވަރު ކުޑަކުރެވޭނެ ގޮތެއް އަހަރެންނަކަށް ނުފެނުނެވެ. ޒައިން ފެންނަ ހިސާބަށް ނުގޮސް ހުއްޓަކަސް އެކަމަކަށް ހައްލެއް ނެތެވެ. ނުފެންނަ ހިސާބުގައި ހުންނާކަށްވެސް ހިތަކަށް ކުޅަދާނައެއް ނުވެއެވެ. ފަހަރުގައި ވިޝާމްއާ ކާވެނި ކުރެވުމުން މިޚިޔާލުތަކުގެ އުނދަގޫ ފިލައިގެން ހިނގައިދާނެއެވެ.

ކާވެނި މިއީ އަހަރެން މިއަދު އަޑުއަހަން އެންމެ ބޭނުންނުވާ ލަފްޒުކަމަށް ވެއްޖެއެވެ. އޭގެ ސަބަބު އަހަރެން ވިސްނާވެސް ހިތަކަށް ނުވަނެވެ. އަހާނީ ކާކު ކުރެން ހެއްޔެވެ؟ އެހީތެރިވާނީ ކާކުހެއްޔެވެ؟ މާދަމާ ރެއަކީ އަހަރެންގެ ޒުވާން މިނިވަން ދައުރުގެ ނިމުން ސިއްކަ ޖެހިގެން ދާނެ ރެއެވެ. އެހާވަރަށް އެވަނީ ކާވެނި ތައްޔާރުކޮށްފައެވެ. އަހަރެންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބެއެވެ. ގަންނަ ބިރު ހައްތާ ދަނީ އިތުރުވަމުންނެވެ. ހާސްކަން މިވަނީ ކެތް ނުކުރެވޭހާ ހިސާބުގައެވެ.

އަހަރެން އެދުވަހު އޮފީހަށް ދިޔައީ ޗުއްޓީ ސިޓީ ލިޔެގެންނެވެ. މާދަމައިން ފެށިގެން އެއް މަސްދުވަހުގެ ޗުއްޓީއެއް ނެގުމަށެވެ. އަހަރެން އެސިޓީ ހިފައިގެން ގޮސް ޒައިންގެ މޭޒުމަތީ ބާއްވާފައި އެނބުރިލި އިރު އަހަރެންގެ ފުރަގަހުގައި ޒައިން ހުރިކަމެއް ނޭގެއެވެ. އަހަންނަށް ވަދެވުނީ ޒައިންގެ އަތުތެރެއަށެވެ. އިޚްތިޔާރެއް ނެތި އަހަންނަށް ޒައިންގެ ގައިގައި ބައްދައިގަނެވުނެވެ. އެވަގުތު އަހަރެންގެ ލޮލުން އޮހިގަތް ކަރުނަ އޮބިނޯވެގެން އޭނާގެ ހުދުގަމީހުގެ މައްޗަށް ފޭދިގެން ދިޔައެވެ.

ޒައިން ހަރަކާތެއް ނެތި އަހަރެންގެ ކަރުނަ އޮހެދޭން ފުރުސަތު ދިނެވެ. ދެން އޭނާ އަހަރެންގެ ދަތްދޮޅީގައި އިނގިޖައްސާ އުފުލާލާފައި ބޮޑުވާ އިނގިލިން އަހަރެންގެ ކޯތާފަތުގައި ހުރި ކަރުނަ ފޮހެލިއެވެ. ކުޅަދާނަ އާކިޓެކްޓެއްގެ އިނގިލިތަކުން އެހާ މައިތިރި އެހާ ލޯބިވެތި ފިރުމުމެއް ލިބިދާނެކަން ކުރިޔަކުން ހިތަށް ވަދެފައެއް ނުވެއެވެ.

ޒައިންގެ އޮފީހުގައި އޭނާގެ ކުރިމަތީ އިނދެގެން އަހަރެން ފުރަތަމަ ފަހަރަށް އަހަރެންގެ ހަޔާތުގެ މި ހިތްދަތި ސަފްހާ ހުޅުވީމެވެ. އަހަރެން ކާވެނި ކުރަން ހަމަޖެހިފައި އޮތްވާހަކަޔާއި ވަކި ހައްދެއް މިންވަރެއް ނެތި މީހަކު ދެކެ ލޯބިވެވިފައިވާ ކަމަށް ބުނީމެވެ.

ޒައިންއަކީ އޭނާގެ ގާބިލު ކަމާއެއްވަރަށް ވިސްނުންތެރި ވެސް މީހެކެވެ. އޭނާ އަހަރެން ކުރެން އަހަރެންނަށް މިހާވަރަށް ލޯބިވެވިފައި މިވަނީ ކާކާތޯ ސުވާލެއް ނުކުރެއެވެ.

“އަޒާލް ތިހެންވީ އިރު އޭނާގެ ގާތު އެވާހަކަ ނުބުނެ ހުރީ ކީއްވެތަ؟” މިއީ އޭނާއަށް ނޭނގޭތީ ކޮށްލި ސުވާލެއްކަމަކަށް އަހަރެން ނުބަލަމެވެ.

“އެފަދަ ފުރުސަތެއް އޭނާގެ ފަރާތުން އަހަންނަށް ލިބުނީ ކޮން އިރަކު؟”

އަހަރެންވެސް ކޮށްލީ ސުވާލެކެވެ.

“އަދިވެސް ތިޔަ ނިޔަފަތީގައި އިތުރަށް ކާނެ ބާކީތަނެއް އެބަހުރިތަ؟” ޒައިން ތެދުވެގެން އައިސް އަހަރެންގެ އަތުގައި ހިފައި އަހަރެންގެ އިނގިލި އަނގައިން ދުރަށް ލިއެވެ. އޭގެ ބަދަލުގައި އޭނާ ކުރީ އަހަރެން ހީވެސް ކޮށްފައި ނުވާފަދަ ހަރަކާތެކެވެ. އެއީ އަހަންނަށް ދެކޮޅުހެދެން ނެތް މާމުއިގެ ވަގުތުކޮޅެކެވެ. މުޅި އުމުރަށް އެވަގުތުކޮޅު ދެމިގެން ދިއުމަށް އަހަރެންގެ ހިތް ބޭނުންވިއެވެ. އަހަރެންވެސް އޭގެ ޖަވާބު ފޮރުވުމެއް ނެތި އިޚްތިޔާރާއެކު ޒައިނަށް ދިނީމެވެ. އެންމެ ހިތް އެދޭ ކޮކާލަށްޓަކައި މަލުގެ ފިޔަތައް މަރުހަބާ ކިޔާފަދައިން އެވަގުތު އަހަރެންގެ ތުންފަތްވެސް ހުޅުވިގެން ދިޔައެވެ.

ކާވެނީގެ އެ ބޮޑު ހަފްލާގައި ހަމަ އެދުވަހުން ފެށިގެން ހުޅުރޯވެ އަނދައި ހުލިވެއްޖެއެވެ. ހަފްތާއެއް ހާދުވަހުގެ ނުތަނަވަސްކަމަކަށްފަހު އެކަންތައް ހަމަޔަކަށް އެޅުނެވެ. އަލުން ހަމަ އެހަފްލާ އާ ކުލަތަކަކާ އާ ދިއްލުންތަކުން ދިއްލި އުޖާލާވެގެން ދިޔައެވެ. އެއާއެކު އަހަރެންގެ ހަޔާތުގެ ގުލްޝަނަށް މާތަކުގެ ވާރޭ ވެހެން ފެށިއެވެ. އެއީ ޒައިންއާއި އަހަރެންގެ ލޯބީގެ މާތަކެވެ. އެއީ ހިތާ ހިތުގެ ލޯބީގެ ފޮނިކަން އެކުލެވޭ މާތަކެވެ. އެއީ އަހަރެންގެ މުޅި ހަޔާތުގައި ތެމިފޯވާން ހިތް އެދުނު މާތަކުގެ ވާރޭވެސް މެއެވެ.

ނިމުނީ