މި މަހުގެ މެދު ތެރޭގައި ރާއްޖެއާމެދު ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ
މ. ދިއްގަރު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިދިޔަ ހަފްތާ ތެރޭގައި ލިބިފައިވާ ކަމަށާއި އެކަމަށް އިންތިޒާރުކޮށްގެން ހުންނެވި ކަމަށެވެ. ރައީސް ވިދާޅުވީ މި ވާހަކަ އެމްޑީޕީ އިން އުފަލާއެކު ދައްކަމުންދާއިރު އެ މަނިކުފާނު މިކަން ބަލައިގަތީ ކަންބޮޑުވުމާއެކު ކަމަށެވެ
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އީޔޫއިން ފިޔަވަޅު އެޅި ނަމަވެސް އެމަނިކުފާނުގެ ސިޔާސަތުތަކަށް ބަދަލު ނުގެންނާނެ ކަމަށާއި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނުދެވޭނެ ކަމަށެވެ. އަދި ކުށްވެރިންތަކެއް ޖަލުން މިނިވަން ނުކުރެއްވޭނެ ކަމަށާއި ގޮނޑި ގެއްލުނު މެންބަރުންގެ ގޮނޑިއާމެދު އެމަނިކުފާނު ގޮތެއް ނުނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޔާމީން ވިދާޅުވީ އެކަންތައްތަކަކީ ޝަރުއީ ނިޒާމްގެ ތެރެއިން ގޮތްތައް ނިމިގެންދާން ޖެހޭ ކަންކަން ކަމަށެވެ.