English Edition
Dhivehi Edition

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ހަމްޒަތު އަހުމަދު މަރުވީ ސްޓްރޯކެއް ޖެހުމުން އޭނާ އަށް އެކަށީގެންވާ ފަރުވާ މޯލްޑިވްސް ކަރެކްޝަންސް އިން ނުދިނުމުން ކަމަށް އޭނާގެ ބައްޕަ ބުނެފިއެވެ

ހަމްޒަތުގެ ބައްޕަ އަހުމަދު ފަތުހީ ބުނެފައިވަނީ ހަމްޒަތަށް ސްޓްރޯކު ޖެހުމުން އެންމެ ފުރަތަމަ ދެއްކީ މާފުށީ ޖަލުގެ ޑޮކްޓަރަށް ކަމަށާއި ނަމަވެސް އޭނާގެ ހާލަތު ގޯސްވުމުން، އިތުރު ފަރުވާ އަށް އައިޖީއެމްއެޗަށް ގެންދިޔައީ ފަސް ގަޑިއިރު ފަހުން ކަމަށެވެ.މީގެ އިތުރުން ފަތުހީ ބުނެފައިވަނީ އައިޖީއެމްއެޗަށް ގެންގޮސް ހަމްޒަތުގެ ހާލަތު އާއިލާ އަށް އެންގީ ވެސް ހަމްޒަތު ޝަކުވާ ކުރަން ފެށުމުން ކަމަށާއި އާއިލާ ކައިރީގައި ހުރެގެން ފަރުވާ ދިނުމަށް އެދުނު ނަމަވެސް އެ ފުރުސަތެއް ކަރެކްޝަންސް އިން ނުދީ ކަންތައްތައް ކުރީ ވަރަށް އިހާނެތިކޮށްކަމެށެވެ

ހަމްޒަތުގެ މަރާއި ބެހޭ ގޮތުން ފަތުހީ ބުނެފައިވަނީ އެހާ ވަރުގެ ބޮޑު ކަމެއް ވެގެން ދިޔައިރު ފަރުވާ ދިނުން ލަސްވެގެން ދިއުމަކީ އިހުމާލު ވުންކަމަށާއިކަރެކްޝަންސް އިން ދަރިފުޅު ގަސްތުގައި މަރާލީ ހަމަ ފަރުވާ ދިނުން ލަސްކޮށްގެންކަމަށެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންޒީފު ކުރަމުން ދިޔަ ހަމްޒަތު އަށް މިދިޔަ ހަފްތާގެ ބުދަ ދުވަހު ހަވީރު ސްޓްރޯކެއް ޖެހިފައވާއިރު، އޭނާ މާލެ ގެނެސް އަޖީއެމްއެޗަށް ގެންދިޔައީ އޭގެ ހަތަރު ފަަސް ގަޑިއިރެއް ފަހުން، އެރޭ ކަމަށެވެ

ހަމްޒަތަކީ ޖަލުގައި މިއަހަރު މަރުވި ތިން ވަނަ ގައިދީއެވެ. މިދިޔަ އަހަރު ވެސް ޖަލުގައި ފަސް ގައިދީއަކު މަރުވެފައިވެއެވެ، އޭގެ ކުރީ އަހަރު، 2016 ވަނަ އަހަރު ޖަލުގައި ހަ ގައިދީއަކު މަރުވެފައިވެއެވެ