English Edition
Dhivehi Edition

ފުވައްމުލަކު އަދި އައްޑޫ ސިޓީ ކައުންސިލުން ލާމަރުކަޒީ ގާނޫނުގެ ދަށުން ބަލަހައްޓަމުން އައި، ވިހައި މަރުވާ މީހުންގެ ރެކޯޑާއި ރަށުގައި ރަޖިސްޓަރީ ވެފައިވާ މީހުންގެ ދަފްތަރު ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ

މިދިޔަ ހަފްތާގެ ބުރާސްފަތިދުވަހު، ވިހައި މަރުވާ މީހުންގެ ރެކޯޑާއި ރަށުގައި ރަޖިސްޓަރީ ވެފައިވާ މީހުންނާއި ރަޖިސްޓަރީ ނުވެ އުޅޭ މީހުންގެ އިތުރުން އެ ރަށެއްގައި އުޅޭ ބިދޭސީންގެ ދަފްތަރު ވެސް،ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ

މި މައްސަލައާއި ގުޅިގެން އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ، އެންމެ ކުރިއްސުރެ ރަށު އޮފީހުން ނުވަތަ ކައުންސިލްތަކުން ކުރަމުން އައި އެ މަސައްކަތް ކުއްލިއަކަށް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރި ސަބަބެއް ވިސްނި ވަޑައިނުގަންނަވާ ކަމަށެވެ. ޔަސްރިފްވަނީ މީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅިގެން ހިނގާފައިވާ ސިޔާސީ ކަމެއްކަމަށް ތުހުމަތުކުރައްވާފައެވެ

ހައުސިން މިނިސްޓްރީގެ ޔުނިޓެއް، އައްޑު އާއި ފުވައްމުލަކުގައި ވަރަށް ކުރިއްސުރެ ގާއިމްކޮށްފައިވާއިރު ޔަސްރިފް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮއްވައި، މީހުންގެ ރަޖިސްޓަރީއާ ގުޅޭ ހުރިހާ ކަމެއް ވަކި މިނިސްޓްރީއެއްގެ ދަށަށް ބަދަލު ކުރުމުން ވޯޓަށް ނުފޫޒު ފޯރުވުމުގެ ބިރު އެބައޮތްކަމަށެވެ