English Edition
Dhivehi Edition
456068

ބެސްޓް ފުރެންޑު ލިޔާ ކާމިޔާބުކޮށްލުމުން އަހަރެން ހިތުގައި ޖެހުނެވެ. ލިޔާއަކީ މާލެތެރޭގައި އުޅޭ އެންމެ ރީތި ކުއްޖާއޭ ބުންޏަސް ދެބަސްވާނެ އެކަކުވެސް ނޫޅޭނެއެވެ. އެންމެ ރީތި ދޮން ޖަންބު ކުލައެވެ. މާޖަހާ ވާސް އެއް ފަދަ ރީތި ބައްޓަމެކެވެ. ފިނިވައިރޯޅިއެއް ފަދަ ހިތް ގައިމު ހަރަކާތްތަކެވެ. އެސްފިޔައިންނާ ތުންފަތުން ކޮށްލާ ޖާދުވީ އިޝާރާތްތަކެވެ. އަހަރެން ހުންނަނީ ނުބަލާށެވެ. އެތަކެއް ޒަމާނެއްގެ ފަހުން ނަބިތުއަށް ލިބުނު ބިޓު ވީމައެވެ. އަހަރެންގެ ބިޓެއް ނުހުންނަ ފަހަރެއް ނާދެއެވެ. ހުސްވާތަނުން އަހަރެން އަހަރެން ބިޓެއް ނަގަމެވެ. ނަބިތަކީ މާ ލަދުރަކި މީހެއް ވީމައެވެ.

ނަބިތުއާ އަހަރެން ތައުލީމީ ދައުރު ނިންމާލީ އެކުއެކީގައެވެ. އުމުރުންވެސް ދާދި އެއްވަރެކެވެ. ވިޔަސް ކޮންމެވެސް ސަބަބަކާހެދި ނަބިތަށް ބިޓުން އެހާ ކާމިޔާބެއް ނުވެއެވެ.

ނަބިތު އަކީ އެއްވެސް ކުޅިވަރެއް ކުޅޭ މީހަކަށް ނުވާތީ ކަމަށްވެދާނެއެވެ. ގިނައިން ބިޓުން ހޯދެނީ ކުޅިވަރުގެ ދާއިރާގައި އުޅެގެން ކަމަށް މީހުން ބުނެއުޅެއެވެ. އަހަރެން ކުޅެނީ ޓެނިހެވެ. އެހެންނަމަވެސް އަހަންނަކަށް ޓެނިސް ކޯޓަކުން ކުއްޖަކާ ރައްޓެއްސެއް ނުވެވެއެވެ. އަހަރެން ބިޓުން ނަގަނީ ޖޮގިންގަށް ދާ ކުދީންގެ ތެރޭންނެވެ. ނަބިތުގާތު ޖޮގިންގަށް ދާން އަހަރެން ކުރީގައި ވަރަށް ކީމެވެ. އެކަމަކު ފަތިހު ހޭލުމަކީ އޭނާ ކުރާ ހިތްވާ ކަމަކަށް ނުވާތީ އެކަމެއް ނުކުރެވެވެ.

ނަބިތު އުޅެނީ ޓޫރިޒަމް ދާއިރާގައި ކަމަށްވީ ނަމަވެސް އެދާއިރާއިން ވެސް ނަބިތަކަށް ބިޓެއް ނުނެގުނެވެ.

ވަޒީފާއަށް ދިޔަފަހުން އަހަރެމެން ދެމީހުންނަކަށް މާގިނަގިނައިން ބައްދަލެއް ނުވެވެއެވެ. ވިޔަސް ގަވައިދުން ދުވާލަކު އެއްފަހަރުހެން ގުޅާ ހަދަމެވެ.

އަހަރެން ބައެއް ފަހަރު ނަބިތަށް ކޮފީއަކަށް ދިއުމަށް ދައުވަތުދީ ހަދަމެވެ. އަހަންނާ އަހަރެންގެ ބިޓު އެކީގައި މަޖާކޮށް ހަދާތަން ފެނުމުން ނަބިތު ދެރަވެފައި އިންނަތަން ފެނެއެވެ. އަހަރެންގެ ބިޓުވެސް ނަބިތަށް ހަމްދަރުދީ ވެއެވެ. އެގޮތަށް ނަބިތު ދެރަވެފައި ހުންނާތީ އަހަރެން ބަލަނީ ބިޓު ގޮވައިގެން ނަބިތުއާ ބައްދަލު ކުރަން ނުގޮސް ވޭތޯއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަޔަސް ބަދަލެއް ނައިސް އޮންނަނީ ނަބިތަށް ބިޓެއް ނުލިބުމުގެ މައްސައެވެ. އެހެން ކަމުން އެއްފަހަރަކު ދަނޑިވަޅެއް ހޯދައިގެން އަހަންނާއެކު ނަބިތު ޓެނިސް ކޯޓަށް ހިނގައްޖެއީމެވެ. އެއީ ސްކޫލުތަކުގެ ކުދީން ޓެނިސް ކުޅެން އަންނާތީ އެތަނުން ނަބިތު ގަޔާވާކަހަލަ ކުއްޖަކު ފެނޭތޯ ބެލުމަށެވެ.

ނަބިތު ގަޔާވީ އެތަނަށް އަންނަ ކުދީންގެ ތެރޭން އަހަންނަށް ވެސް އެންމެ ރީތި އެންމެ ހިތްގައިމު ކުއްޖާއާއެވެ. އެއީ ލިޔާއެވެ. ލިޔާ އަހަންނަށް އެތަނުން ފެނުނީ ދެފަހަރަކުއެވެ. އެއިން ކޮންމެ ފަހަރަކުވެސް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. އޭނާގެ އަވަސް އަވަހަށް ހަރަކާތްތެރިކޮށްލާ އެސްފިޔަޔަށް ބަލާލުމުން އަބަދުވެސް ކޮންމެވެސް މެސެޖެއް ފޮނުވާހެން ހީވެއެވެ. ވިޔަސް އަހަރެން އެ މެސެޖެއް ނުނަގަމެވެ. އަހަރެންގެ އުސޫލަކީ މަލަކަށް މާބުރެއްގެ އުސޫލު ވީމައެވެ.

ލިޔާގެ ގުޅުން ނަބިތު ކާމިޔާބުކޮށްލައިފިއެވެ. އެކަމުން އަހަންނަށް ލިބުނީ އުފަލެއް ކަމެއް ނުވަތަ ހިތާމައެއް ކަމެއް ނޭގެއެވެ. އެގޮތަކީ އަހަންނަށްވެސް ލިޔާ ވަރެއް ނެތީއެވެ.

އެއްދުވަހަކު ކުއްލި ގޮތަކަށް އަހަންނަށް ކޯލެއް އަތުވެއްޖެއެވެ. “މީ ލިޔާ.”

“މިއަޑު އިވުމުން އަހަރެންގެ ހިތް ރޭސްވެގެން ދިޔައީ ދަސްކުރާ ޑްރައިވަރަކަށް ފަހަތު ގެޔަރަށް ލާފައި ރޭސް ކޮށްލެވުނު ފަދައިންނެވެ. އަހަރެން އިދިފުށަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.
ދެން އިވުނީ އޭނާ ހީނލިއަޑެވެ. “ނަމްބަރު ލިބުނީ ނަބިތުގެ ފޯނުން.” އަހަރެން ސުވާލު ކުރުމުގެ ކުރީގައި އޭނާ ބުނެލިއެވެ.

“މީޓް ކޮށްލެވިދާނެތަ؟”

ޝައްކެއްވެސް ހުރިކަމެއް ނޫނެވެ. އެކަމަކު އެހެން މައްސަލައެއް އެބައޮތެވެ. އަހަރެން ކޮފީއަކަށް ބޭރަށްދާނަމަ ނިމާ ގެންދަމެވެ. ނިމާއާ އަހަރެން ގުޅުނުފަހަކުން އެހެން ދިމާއަކަށް އަހަރެންގެ ނަޒަރު ސީދަލެއް ނުވެއެވެ. އެކަމަކު ލިޔާއާ މީޓު ނުކޮށް ހުރެވޭހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އެހެން ނޫނަސް މިއީ ބެސްޓް ފުރެންޑުގެ ކަމެއްގައި ކަމުން ޚިޔާލުތައް އެނބުރި އެނބުރިފައިވެސް ގޮސް ހުއްޓުނީ ލިޔާ ބުނިތަނުގައި ވިލިގިލީގެ އެންމެ ދުރު ހިސާބުގައި އޮންނަ ގޮނޑުދޮށުގައެވެ.

އަހަރެމެން މީޓުކުރަން ލިޔާ އެތަން ހަމަޖެއްސީ ކީއްވެ ބާއޭ އަހަރެން ހިތަށް އެރިއެވެ. ވިޔަސް އެއަށް ވުރެން ދެމީހަކު މީޓްކޮށްލަން އެކަށީގެންވާ އެހެންތަނެއް އޮންނާނެ ކަމަކަށް އަހަންނަކަށް ވެސް ގަބޫލެއް ނުކުރެވުނެވެ. އެއީ އިރު އޮއްސެން ދިޔަ ވަގުތުވެސް މެއެވެ.

މި ހިތްގައިމު މަންޒަރުގެ ތެރޭގައި ލިޔާއާ ވާހަކަ ދައްކަން އަހަންނަށް ހުންނަން ޖެހުނީ ތެޅޭ ހިތުގެ މަތީގައި ފަރުބަދަފަޅިއެއް ބާއްވައިގެންނެވެ. އެ ނާޒުކީ ހަރަކާތްތަކާއި އެ ލަތީފު އަދާތައް އެ މިއުޒިކެއް ފަދަ ހިތްގައިމު އަޑު އަހަރެންނާ އެހާ ގާތުން އަޑުއިވި ފެންނަމުން ދިޔައެވެ. އެ ފޮނިކަން އެކުލެވޭ އިހްސާސްތަކުގެ ތެރެއަށް އަހަރެން ގެނބެމުން ދިޔައެވެ. އިރުއޮއްސުނު ދަޅައިގައި ހުރި ހިތްގައިމު ހުރިހާ ކުލަތަކެއް ލިޔާގެ ދެލޮލުން އަހަރެން ބަލަމުންދިޔައިމެވެ. އަހަންނަށް އެހުރިހާ މަންޒަރެއް ބެލީ އިޚުތިޔާރާއި ލައިގެން އެހެން ނަމަވެސް ގަސްތެއް ނެތިއެވެ. އަހަންނަށް ލިޔާގެ ދެކޮނޑުގައި ހިފައި އަހަންނާ ގާތަށް ދަމާލެވުނީ ވެސް އެފަދައިންނެވެ. އޭނާ ކަރުނަ އޮއްސަން ބޭނުންވީ އަހަރެންގެ ކޮނޑުމައްޗަށެވެ. އެއީ އޭނާގެ އިޚްތިޔާރެކެވެ.

އަހަރެންގެ ހިއްސުތައް އަހަރެންގެ ބާރުގެ ދަށުން ގެއްލިގެން ދިޔައީ އެފަށުވި އިސްތަށިގަނޑު އައިސް އަހަރެންގެ މޫނުމަތީގައިި އޮޅެން ފެށީމައެވެ.

ވީގޮތަކީ ލިޔާއާ ނަބިތުގެ ގުޅުން ގެއްލުނީއެވެ. ތަފްސީލު އަހާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެ ޖަޒްބާތީ ތޫފާން ލިޔާ އޮއްސާލީ އަހަރެންގެ ބާރެއްނެތް ހިތުގެ ފުންމިނަށެވެ. އަހަރެންގެ ކެތްތެރިކަމުގެ ވާފަށްތައް ވަޔަށް ބުރަބުރައިގެން ދިޔަ ދިމާއެއް ވެސް ނޭނގުނެވެ.

އަހަރެން ނިމާއަކަށް މިކަމެއް ނާންގަމެވެ. އެއީ ނިމާ ގެއްލުވާލަން އަހަރެން ބޭނުން ނުވާތީއެވެ. ތެދެކެވެ. ލިޔާއަކީ އަހަންނަށް މުޅިހަޔާތުގައިވެސް ފެނުނު އެންމެ ހިތްގައިމު އަންހެން ކުއްޖާއެވެ. ޕަރީ އެކޭ ހޫރެކޭ ކިޔާނެ ކަމެއް ނެތެވެ. އެއިން އެއްވެސް މިސާލެއް އަހަންނަކަށް ލިޔާއަށް ވުރެން ފުރިހަމެއް ނޫނެވެ. ވިޔަސް ނިމާއަކީ އަހަރެންގެ ރޫހެވެ. ފުރާނައެވެ. އަހަންނަށް މިހާތަނަށް ފެނުނު އެންމެ ވަފާތެރި ކުއްޖާއެވެ. އަހަރެންނަކަށް އޭނާ ދޫކޮށްލާފައި ލިޔާ ނަގާނެ ހިތްވަރެއްވެސް ނުލިބުނެވެ. އަހަރެންގެ ނަޒަރުގައި އެންމެ މާބުރަކަށް އެންމެ މަލެއް ކަމުގައވިޔަސް އެއް މާބުރު ކިތަންމެ މަލަކުން ފޮނިބޯކަން އަހަންނަށް ފެނެއެވެ.

ލިޔާއާ އަހަރެން ބައްދަލުކުރަނީ މަދުމަދުންނެވެ. ސިއްރު ސިއްރުންނެވެ. އެހެނަސް ލިޔާ އެގޮތެއް ބޭނުމެއް ނުވެއެވެ. ލިޔާ ބުނާ ގޮތުގައި އަހަރެން ޓެނިސްކޯޓުން ފުރަތަމަ ފެނުނު ފަހަރުވެސް އޭނާގެ ހިތް ވަނީ އަހަންނަށް ހިބަކޮށްދެވިފައެވެ. އެކަން އަންގާނެ ހިތްވަރެއް ނެތީއެވެ. އަހަރެންގެ ބިޓެއް ހުރިކަން އެނގުމުން އޭނާ ނަބިތު ޚިޔާރު ކުރީ އަހަރެންގެ ބެސްޓް ފުރެންޑް ވީމައެވެ.

ކިތަންމެ ސިއްރުން މާވަހަރެއް ގެންގުޅުނަސް އޭގެ ވަހެއް ސިއްރެއް ނުކުރެވޭނެޔޭ މީހުން ބުނެއެވެ. އެގޮތަށް ލޯތްބަކީވެސް ސިއްރު ކުރެވޭނެ އެއްޗެއް ނުމެ ނޫންމެއެވެ. މީހުން ބުނާ މިކަހަލަ ކިތަންމެ ވާހަކައެއް ދިމާ ނުވެފައިވެސް ހުރެއެވެ. އެގޮތުން ދެމީހަކަށް އެއްވަރަކަށް އެއްފަހަރާ ލޯބި ނުވެވޭނެޔޭވެސް މީހުން ބުނެއެވެ. އެކަމަކު އަހަރެންނަށް ނިމާއާ ލިޔާއާ ދެމީހުން ދެކެ ލޯބި މިވެވެނީ އެއްވަރަކަށެވެ. އެކަކުވެސް ދޫކޮށްލެވޭކަށް ނެތެވެ. ލިޔާގެ އަތުން އަހަރެންގެ ހަށިގަނޑު ބާރަށް ހިފަހަށްޓާފައި ހުންނަ އިރު އަހަރެންގެ އަތުގެ ތެރޭގައި ލިޔާ ގެންގުޅެނީ މަޑުމަޑު ލިލީމަލެއް ފަދައިންނެވެ. އޭގެ ނާޒްކު ފިޔައަކަށް އަނިޔާއެއް ތަދެއް ނުވާނެ ފަދައިންނެވެ. އެމަލުގައިވާފަދަ ފޮނި ޝަބްނަމްގެ ތިކިތަކެއް އެހެން މަލެއްގެ ކަރުގަނޑެއްގައި ނުވާނެކަން އަހަންނަށް ޔަގީނެވެ. އަހަރެން އަލާކެނޑުނަ ނުދެނީ އެޝަބްނަމްގެ ފޮނިގަދަ ތިކިތަކެވެ. އަނެއްކޮޅުން ނިމާއެވެ. އެނގިއްޖެނަމަ އޭނާގެ ހުވަފެންތައް ފުނޑުވެގެންދާނެއެވެ. އަހަންނަށް އޭނާ ކުރާވަރުގެ އިތުބާރެއް މި ބިންމަތީގައި ދިރިއުޅޭ މީހަކަށް ނުކުރެއެވެ.

އުނދަގުލީ އެއްހިތެއްގެ ދެފަޅީގައި ދެލޯތްބެއް ސިއްރުކޮށްގެން އުޅުމެވެ. ވިޔަސް ލިޔާއަށް އަހަރެންގެ ބިޓެއް ހުންނަކަށް ފޮރުވާކަށް ނުޖެހެއެވެ. އެކަމަކު އަހަރެންނަށް ވަނީ މުޅި ދުނިޔެއަށް ލިޔާ ފޮރުވާށެވެ. ޚާއްސަކޮށް އަހަރެންގެ ބެސްޓް ފުރެންޑަށެވެ. އަދި އަހަރެންގެ ވާން އުޅޭ ވައިފަށެވެ. މިހާތަނަށް މިކަންތައް ކާމިޔާބު ވިއެއްކަމަކު ގިނަ ދުވަހަކަށް މިކަން ސިއްރެއްގެ ގޮތުގައި ފޮރުވާފައި ބާއްވާނީ ކިހިނެއް ހެއްޔެވެ؟ އުޑާ ބިމާ ދޭތެރޭގައި އެއް ކަމެއްވެސް ސިއްރެއް ނުކުރެވޭނެޔޭ މީހުން ބުނެއެވެ.

އެކަން ހިނގީވެސް އެގޮތަށެވެ. ނަބިތު އެއްފަހަރަކު ހަމަ ކުއްލިއަކަށް ލިޔާގެ ވާހަކަ އަހައިފިއެވެ. ލިޔާ އުޅެނީ އަހަންނާ ރައްޓެހިވެގެންނޭ މީހެއްގެ ފަރާތުން އިވުނު ވާހަކަ އޭނާ ބުނެފިއެވެ. ލިޔާއާ އަހަރެން ގުޅުނުފަހުން ނަބިތާ ހަތަރުކަޅިއެއް ހަމައެއް ނުކުރަމެވެ. ފޯނުން ގުޅާލިޔަސް ބަސްތައް މަދުކޮށްލަނީއެވެ. ބައްދަލުވާނެ ފުރުސަތުވެސް ނުދެނީއެވެ. މިއީ ބެސްޓްފުރެންޑާމެދު އަހަރެންނަށް ކަންތައް ކުރެވުނު ގޮތެވެ. އަހަރެން ދެކެ އެންމެ ލޯބިވި ވަފާތެރިކަމުގެ މިސާލެއް ނެތްފަދަ ބައިވެރިޔާއާމެދު އަހަރެން ކަންތައް ކުރިގޮތެވެ. ގޮތެއް ނެތީ އަހަރެންގެ ކިބައިގައެވެ. ޒަމާންވީ ބެސްޓްފުރެންޑަށް ލިބުނު ބިޓު ޖަހައިގަތީ އަހަރެންނެވެ.

އަހަރެން އަމިއްލަ ނަފްސާމެދު ވިސްނާލީ މިވަގުތުއެވެ. އަހަރެން ހިތްވަރުކޮށްފައި ނަބިތުގެ ލޮލާ ލޯ ބައްދަލު ކުރީމެވެ. އަހަރެން ނަބިތުގާތު މިކަން ހިނގި ގޮތުގެ ވާހަކަ ބުނީމެވެ. ނަބިތު ވަނީ ލިޔާއާ ގުޅުން ކަނޑާލާފައި ކަމަށް ލިޔާ ބުނި ވާހަކަވެސް ބުނީމެވެ.

ނަބިތު ހައިރާންކަން ފެނުމުން އަހަރެންނަށް ލިބުނު ޝޮކު ބޮޑުވިއެވެ. ލިޔާ އެހެން ބުނެފާނެހެއްޔޭ އޭނާ ސުވާލު ކުރިއެވެ. ނަބިތަކަށް ލިޔާއާ ގުޅުން ކަނޑާލާނެ ހިތްވަރެއް ނުލިބޭނެކަން ޚުދު އަހަންނަށް ވެސް އެނގުނެވެ. ގޯސް ހެދުނީ އަހަންނަށެވެ. އެކަން ނަަބިތު ކުރެން އޮޅުން ނުފިލުވާ ކުރިއަށް ގެންދެވުނީމައެވެ.

ނަބިތުއަށް ލިޔާ ބޭވަފާތެރިވާކަމަށް ޝައްކު ކުރެވިގެން ކިތަންމެ ފަހަރަކު ސުވާލު ކުރިއެވެ. އެހެންނަމަވެސް ލިޔާ ހަމަ ލަފާ ކައިރިއެއްވެސް ނުކުރިއެވެ. ނަބިތު ނޫން މީހަކަށް ލޮލުގެ ހިމަކޮޅުން ވެސް ނުބަލާނެ ކަމަށް ބުނެ އެތައް ވައުދެއް ކުރިއެވެ. ނަބިތު ހުރީ އެވާހަކަ އަޑު އަހައިގެންނެވެ.

އަހަރެންގެ ހިތަށް ކުށްވެރިކަމުގެ ތަދާއި ވޭން ވަދެގަތީ ވަކި މިންވަރަކަށް ނޫނެވެ. އަހަރެންގެ ލޯމަތީގައި މުޅި ދުނިޔެ ވަށައި އެނބުރިގަތެވެ.

ނިމާގެ ކުރިމައްޗަށް މިއަދު އަހަރެން ދާނީ ކޮން މޫނަކާގެން ހެއްޔެވެ؟ ލިޔާގެ ލޯބި އަހަރެންގެ ހިތުގެ ހިތުގައި ކިތަންމެ ބޮޑަށް ވަކި ހިއްޕާފައި ވީނަމަވެސް އެއީ އަވާމެންދުރެއް ނޫން އެއްޗެއް ނޫނެވެ. އެއީ ކުލައަރާ ސައިބޯނި ބޮތްކެކެވެ. އެއީ ކުލަގަދަ ވިއްސާރަ ދުންޏެކެވެ. އުދަރެހަށް ވަދެ ނިވާވާ ވާ އިރެއްގެ ދަޅައެކެވެ. އޮއްސުމާއެކު ހުރިހާ ކުލަތަކެއް ކެނޑި ވަށައިގެން ފެތުރެނީ އަނދިރިކަމެވެ. މިކަން މިއަދު އަހަންނަށް ސާފުކޮށް ފެނިއްޖެއެވެ.

ނިމާ ކުރިމަތީގައި އަހަރެން އުޑަފައިން އިށީނުމަށް ހިތަށް އެރިފުރަތަމަ ފަހަރަކީ މިއެވެ. އޭނާގެ ދެފައިތިލައިގައި ހިފުމަށެވެ. މާފަށް އެދުމަށެވެ. އަހަންނަކަށް ނިމާގެ މާފެއް ހައްގެއް ނޫންކަން ފުރަތަމަވެސް ގަބޫލުރީ އަހަންނެވެ.

އަހަރެން ނިމާއަށް މިވާހަކަ އަހަރެންގެ ދުލުން ކިޔާ ދިނީމެވެ. އޭނާގެ ލޮލަށް ބަލާލުމުގެ ހިތްވަރެއް ނެތި ހުރެގެންނެވެ. އަހަރެންގެ ވާހަކަ ނިމުނުތާ ކިތަންމެ އިރެއް ވީއިރުވެސް ނިމާ އެއްޗެއް ބުނާ އަޑެއް ނީވެއެވެ. އެހަމަހިމޭންކަން ނިމޭނީ ކޮން އިރަކު ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ބަލަން ހުރީ ނިމާއާ ދުރަށެވެ. އޭނާ ރޮނީކަން ކަށަވަރެވެ. ގިސްލާއަޑެއް ނީވުނަސް އޭނާގެ ހިތް ގިރިގެން ފައިބާނެކަން އަހަންނަށް އެނގެއެވެ.

މަޑުމަޑުން އެންމެ ފަހުން ނިމާގެ އަތުން އަހަރެންގެ މޭމަތި ވަށާލިކަން އަހަންނަށް އިހުސާސް ކުރެވުނެވެ. އޭނާއާ ދިމާއަށް އަހަރެން އަނބުރުވާ ނުލިނަމަ މިރޭ އިރު އެރިޔަސް އޭނާއާ ދިމާއަށް އެނބުރޭނެ ހިތްވަރެއް އަހަންނަކަށް ނުލިބޭނެއެވެ.

“އެއް ހިތެއްގައި ދެލޯތްބަކަށް ނޯވެވޭނެ.” އޭނާ އަހަރެންގެ ލޮލާ ލޯ ބައްދަލު ކުރުމަށް ފަހު ބުންޏެވެ. “މާއިޝް އެހެން މީހަކަށް ހިތް ކިޔައިފިކަން އަހަންނަށް ފުރަތަމައިނުން ވެސް އިހްސާސް ކުރެވުނު. އަހަރެން ހުރީ މާއިޝްގެ ދުލުން އަހަރެންގެ ގާތުގައި ބުނާނެ ވަގުތަކަށް.”

ނިމާ އަހަންނަށް މާފު ކުރުމަށް ވުރެން ބޮޑު ހަދިޔާއެއް އެހެން މީހަކަށް ނުދެވޭނެއެވެ. ލިޔާގެ ހުރިހާ ފުރިހަމަ ކަމަކާ ޖާދޫއެއް އެއްކޮށްލިޔަސް ވަފާތެރިކަމާއި މައާފުގެ ކުރިމަތީގައި ފޮނިކަމެއް ނުދެވުނީހެވެ. ޝަބްނަމްގެ ރަހަ ފޮނިވާނީ ހިނދުކޮޅަކަށެވެ. ވަފާގެ ފޮނިކަން ދާއިމަށް ހުންނާނެއެވެ.

އަހަރެން ނިމާގެ ކުރިމަތީ ކުޑަކަކޫ ޖަހައި އަހަންނާ އިންނަން ރުހޭ ބަހަށް އެދުނީމެވެ.

އޭނާ އާނއެކޭ ބުނުން ހިމެނުނީ ލިޔާގެ ޖާދޫގެ ބާރު އަބަދަށްޓަކައި ކެނޑިގެންދާފަދަ އިސްމެއް ކަމުގައެވެ.

އަހަންނާ ނިމާ ކައިވެނި ކުރެވުނީ ކުލަގަދަ ކޮށެވެ. ނަބިތު ލަހެއް ނުވެ ކާވެނި ކުރިއެވެ. ލިޔާއަކާ ނޫނެވެ. އޭނާ ދެކެ ހަގީގީ ލޯބިވާ އެހެން ކުއްޖަކާއެވެ. އެއީ ނިމާގެ ރައްޓެހި ކުއްޖެކެވެ.

ވަފާތެރިކަމަށް ވުރެން ފޮނިކަންގަދަ އެހެން ޝަބުނަމެއް ނުވެޔޭ ވެސް މީހުން ބުނެއެވެ.

ނިމުނީ.