English Edition
Dhivehi Edition

އޭނާ އެމަގުން ދާތަން ނުފެންނަ ދުވަހެއް ނާދެއެވެ. އަހަރެން ރަށަށް އައިއްސުރެންނެވެ. އުމުރުން 6 އަހަރުގައި މާލެ ދިޔަ ފަހުން އަހަރެން ރަށަށް އައީ އޭގެ ބާރަ އަހަރު ފަހުންނެވެ. މީމު އަތޮޅުގެ މުއްޔަކީ އަބަދުވެސް ބާރަށް ކުރިއަރަމުން އައި ރަށެކެވެ. އަހަރެން ރަށުން ދިޔައިރަކު މިހާރު ފެންނަން ހުރި ކަހަލަ އިމާރާތްތަކެއް ނެތެވެ. އެކަމަކު މިހާރު ދެބުރި ތިންބުރިއަށް ގެއަޅައި މަގުތައް ހަދައި ރަށް މިވަނީ ކުޑަވަރެއްގެ މާލެއަކަށް ހަދާފައެވެ. އަހަރެން އަސްލުގައި ބޭނުންވީ އަހަރެން ފުރައިގެން ދިޔައިރު ރަށް އޮތްގޮތަށް ގެތައް މަދު ހަމަހިމޭން އުފާވެރިކަން ފެތުރިފައި އޮންނަ އެންމެން އެކުވެރި ރަށެއްގެ ގޮތުގައި މި ރަށް އޮތުމަށެވެ. އެކަމަކު މިހާރަކު ދެމީހަކަށް އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލެވޭހާ ވަރެއް ނުވެއެވެ. ދިރިއުޅުމުގެ ކަންތަކުގައި އަވަދި ނެތި އުޅޭވަރުން ކަމަށް ވެދާނެއެވެ. އެއީ ތަރައްގީގައި ހިމެނޭ ނޭދެވޭ ސިފައެކެވެ.

އަހަރެން ބޭނުންވަނީ މިހައިޖާނާ ވީހާވެސް ދުރަކަށް ދިއުމަށެވެ.

ސަންޕަ ދައިތަގެ ގެޔަކީ އެކަހެރިކޮށް އޮންނަ ހަނިމަގެއްގައި ހުންނަ ކުޑަ ޖިފުޓިއެއް ކަހަލަ ގެޔެކެވެ. އެއީ ރަށުގައި އަހަރެން އުޅުނު އިރުވެސް އެގެ ހުރިގޮތެވެ. ސުނާމީގައި ގެއްލުމެއް ނުލިބޭ މަދު ގެތަކުގެ ތެރޭގައި އެގެ ހިމެނުނެވެ. ރާޅު ފައިބައިގެން ގޮސްފައިވަނީ އެގެޔާ އެންމެ ގޯޅިއެއްހާ ދުރުންނެވެ. އަހަރެން ދިޔައިރު ސަންޕަ ދައިތަގެ ފިރިމީހާ އުސްމާނު ދުނިޔޭގައި އުޅެއެވެ. މަހަށް ގޮސް ރުކަށް އަރާ ޖެހުނުހާ މަސައްކަތެއް ކުރާ ނިކަން ހީވާގި މީހެކެވެ. ދަރިޔަކު ނެތީމާ އަހަންނަކީ އެދެމަފިރީންގެ ދަރިއެއް ކަމަށް ދެކެމުން ދިޔައެވެ.

އަހަރެން އެނބުރި ރަށަށް އައުމުން އެންމެ އުފާވި އެކަކީ ސަންޕަ ދައިތަކަން ޔަގީނެވެ. އަހަރެންގެ މަންމަ ގެއްލުނީ އަހަރެން ވިހެއުމުގެ ތެރޭގައެވެ. ބައްޕަ ނިޔާވީ ސުނާމީގައެވެ. އަހަރެންގެ ހުރިހާކަމެއް ކިޔަވާ ނިމެންދެން ބަލަހަށްޓައި ދިނީ އިސްމާލު ބެއެވެ. އަހަރެންގެ މަންމަ ފަރާތު ބޮޑުބެ އެވެ. އޭނާ އަކީ މާލޭގައި ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ މީހެކެވެ. އެހެންނަމަވެސް ވީވަރަކުން އަހަރެން ދަރިއެއްގެ ގޮތުގައި ގެންގުޅެ ބަލަހަށްޓައި ދިނެވެ. އޭނާގެ ތިންދަރީންވެސް ފަދައިން އަހަންނާމެދުގައި ހިތަމުންނެވެ.

އިސްމާލުބެ ހުރީ އަހަރެން ރަށަށް ފޮނުވާލާކަށެއް ނޫނެވެ. އަހަރެން އަދި ކުޑަކަމަށް ދެކިއެވެ. އަހަރެން ބަލަހަށްޓާނެ މީހަކު ނުހުންނާނެޔޭ ކިޔާފައެވެ. ވިޔަސް އަހަރެންގެ ތިމާގެ މީހުން ރަށުގައި ތިއްބެވެ. އަހަންނަށް ކޮންމެ ގެޔަކުންވެސް ކާން ލިބޭނެއެވެ. އެހެން ނޫނަސް އަހަންނަށް ކޮންމެވެސް ވަޒީފާއެއް ލިބިދާނެކަމަށް އަހަރެން ބުނީމެވެ. އިސްމާލުބޭވެސް އުޅެނީ ރައްޓެހި ބައެއްގެ ގޯތީގައި ހަދާފައި ހުރި ކުޑަ ތަންކޮޅެއްގައެވެ. މިހާރު އެތަންވެސް އޭނާގެ ތިން ދަރީންބޮޑުވުމުން އުޅެވޭވަރަށް ވުރެން ކުޑަވެއްޖެއެވެ. ކޮންމެ ކުއްޖަކުވެސް މިހާރު އުޅެން ޖެހިފައިވަނީ ވަކީން ވީމައެވެ.

އަހަރެންގެ މުސްކުޅިގެ އަދިވެސް އެބަހުއްޓެވެ. ސުނާމީގައި ބޮޑެތި ގެއްލުމެއް ލިބުނު ކަމުގައިވިޔަސް ސަލާމަތުން ބޮޑު ބައެއް ހުއްޓެވެ. އަހަރެން އައިސް ދިރިއުޅެން ފެށީ އެގޭގައެވެ. ދެބޭންގެ ދަރި ދެކުއްޖަކު އައިސް އަހަންނާއެކު އެގޭގައި އުޅެން ފެށުމުން އެހާބޮޑު އެކަނިވެރިކަމެއް އިހްސާސެއް ނުވެއެވެ. އަމުދުން ސަންފަ ދައިތަ އަހަރެންގެ މަންމައެއްގެ ގޮތުގައި ހުރުމުން އެއްކަމެއްވެސް އުންޏެއް ނޫނެވެ. ހަވީރުގެ ވަގުތު އަހަރެން ހޭދަކުރަނީ ތުނޑީގައެވެ. އެއީ އަހަރެން ފުރައިގެން ދިޔައިރުވެސް ގޮސް އުޅޭތަނެކެވެ. ރައްޓެހި ކުދިންތަކާއެކު މޫދަށް އެރި ކުޅިވަރު ކުޅެ ދުވެހަދަން އުޅުން ހަނދާން އާކޮށްދޭ ތަނެކެވެ. ފޫހިވުމެއް ނުވާ ހިތްގައިމު މަންޒިލެކެވެ. ވަކީން ބޮޑަށް ހަވީރު ގަޑީގައެވެ.

އަހަރެން ކޮންމެ ދުވަހަކުވެސް އިރުއޮއްސެންދެން އެތަނުގައި ހޭދަ ކުރަމެވެ. ކުރީގައި އެކުގައި އުޅުނު ކުދީންތައް މިއަދު ބޮޑުވެ އެމީހުންގެ އަމިއްލަ ދިރިއުޅުމުގައި އަވަދި ނެތި އުޅެމުންދާތީ އަހަންނާއެކު މިގޮތަށް ވަގުތު ހޭދަކުރާކަށް ނާދެވެއެވެ. އެހެން ނޫނަސް އަހަރެން އުޅެން ބޭނުންވަނީ އެކަނި އެކަންޏެވެ. އަމުދުން މިގަޑީގައެވެ.

މާލޭގައި އަހަރެން އުޅުނު ދުވަސްތަކުގެ ހަނދާންތައް އައުމުން އަހަރެންނަށް ރޮވޭގޮތްވެއެވެ. ރައްޓެހި ކުދީންނާއެކު ކުރެވުނު މަޖާތައް ހިތަށް އިރުމުން ހިނިއާދެއެވެ. އަހަރެން އަމިއްލަ ދުނިޔެއެއްގައި މިވަގުތު ހޭދަކުރާތަން އެހެން މީހަކަށް ފެންނާކަށް ބޭނުމެއް ނުވެއެވެ. އަހަރެން ހީނލައި ރޮއިހަދަން ބޭނުންވަނީ ހަމައެކަނި މިއެކަނިވެރިކަމުގެ ތެރޭގައެވެ. އަހަރެން އުފާވީމާ ލަވަކިޔަމެވެ. މަޖާވީމާ ނަށަމެވެ. މިމަންޒަރު އެކަކަށް ވެސް ދައްކާކަށް ބޭނުމެއް ނުވެއެވެ. ވިޔަސް އަހަރެންގެ މިހަރަކާތް ދުރުދުރުން މީހަކު ބަލާކަމުގެ އިހްސާސްވެސް ވޭމެއެވެ. އެއްފަހަރަކު އަހަންނަށް ގަސްތަކުގެ ތެރޭން މީހަކު ހަރަކާތްތެރިވީހެން ހީވި ވެސް މެއެވެ. އެހެންނަމަވެސް އަހަންނަކީ މާ ފަސޭހައިން ބިރުގަންނަ މީހަކަށް ނުވާތީ އަހަރެން ފަރުވާލެއް ނުބަހަށްޓަމެވެ. އިރުއޮއްސި އަނދިރިވާން ފެށީމާ އަހަރެން އާދައިގެ މަތީން ދާނީ ސަންޕަ ދައިތަގެ ގެޔަށެވެ. އަހަރެން ލަސްވެއްޖެއްޔާ ދައިތަ ސުވާލުކުރާނެއެވެ. އެކަނި ގިނައިރު ދެނަމާދު ދޭތެރޭ ނުއުޅޭށޭ ބުނާނެއެވެ. މަންމަ ދުނިޔޭގައި ހުރިނަމަ ދައްކާނެ ހުރިހާވާހަކައެއް ސަންޕަދައްތަގެ ފަރާތުން އަހަންނަށް އަޑު އިވެއެވެ.

އަހަރެންނަށް ފަހަކަށް އައިސް އެ ދޮން މީހާވަނީ ދެފަހަރަކު ފެނިފައެވެ. އެއީ އަހަރެން ތުނޑިމަތީން އަރައިގެން އަންނަ މަގުމަތީގައެވެ. އޭނާ ފެންނަނީ ދުރުންނެވެ. ނަމަވެސް އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއްކަން އެނގޭހާވެއެވެ. އަހަރެންގެ ހިތުގައި ސުވާލެއް އުފެދުނު ކަމުގައިވިޔަސް އެއަށް ވުރެން ބޮޑަށް އޮޅުން ފިލުވާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އެއްފަހަރަކު އެމީހާ ސަންޕަ ދައިތަގެ ގެޔަށް ކާށްޓާއި ކުރުނބާ އަދި ދަރު ފަދަ ތަކެތި ހިފައިގެން އައިސް ބަހަށްޓާފައި ދިޔަތަން އަހަންނަށް ފެނުނެވެ. އެހެންވެ ދައިތަ ކުރެން އަހަރެން އެންމެ ފަހުން އެއީ ކާކުހޭ އަހައިފީމެވެ.

“އެއީ ދޮން މަންމަނު” ސަންޕަ ދައިތަ ބުންޏެވެ. އުސްމާނު މަރުވީފަހުން މިގެޔަށް ލައިގެން ކާ އެއްޗެހި އޭނާ ގެނެސްދޭނެ. މަހިތަނީ އޭނާއެއީ އުސްމާނުގެ ރައްޓެއްސެއްކަމަށް.”

ސަންޕަ ދައިތައަކީ އެކަނިވެރިއެއް ކަމުން ދޮން މަންމަނު ގެންނަ އެއްޗަކާ ރުހިގެން އިތުރު ސުވާލެއް ނުކޮށް އުޅެމުން އައެވެ. އަހަރެންވެސް އިތުރު ސުވާލެއް ނުކުރަމެވެ.

އަހަރެން އެންމެ ދުވަހެއްވެސް ދޫކޮށްނުލާ ތުނޑިމައްޗަށް ގޮސް އުޅުނީމެވެ. އަހަންނަށް އެންމެ ފޫހިފިލާ ވަގުތަކީ މިއީ ކަމަށްވާތީއެވެ. އަދި ކޮންމެ ދުވަހަކުވެސް އަހަންނަށް ދޮން މަންމަނު ފެނޭމެއެވެ. އޭނާއަކީވެސް އަހަރެން ކަހަލަ އެކަނި އުޅޭ މީހެއްކަމަށް އަހަންނަށް ފާހަގަ ކުރެވުނެވެ. އޭނާއަށް ވެސް އަހަރެން ފެނެއެވެ. ވިޔަސް އޭނާ ހީނލާކަށް ރައްޓެހިވާން ބޭނުން ކަން އަންގާކަށް ވެސް ކުޑަވިޔަސް ހަރަކާތެއް ނުކުރެއެވެ.

އެއްދުވަހު ހަވީރު އަހަރެން ތުނޑިއަށް ގޮސް ހުއްޓާ އައި ވިލާގަނޑަކުން ވާރޭ ވެހެން ފެށުމުން އަހަރެން މަގުގެ އެއް އަރިމަތީގައި ހުރި ހިޔަލަކަށް ވަދެ ހުރީމެވެ. އެވަގުތު އިރުއޮއްސި އަނދިރިވަމުން ދިޔައެވެ. ތެމިގެން ނޫން ގޮތަކަށް އަލިކަން ހުއްޓާ ގެޔަށް ދެވޭނެހެނެއް ހިޔެއް ނުވެއެވެ. އަނދިރިވެއްޖެއްޔާ ސަންޕަ ދައިތަގެ ގެޔަށް ވެސް ދާކަށް ނޭނގޭނެއެވެ. އަހަރެން ގޮތް ހުސްވެފައި ހުއްޓާ މީހަކު އައިސް އަހަންނަށް ބޮޑު ކެޔޮފަތެއް ދިއްކޮށްލިއެވެ. އަހަރެން ބަލާލިއިރު އެއީ ދޮން މަންމަނެވެ. އަހަރެން ކެޔޮފަތް އަތުލަމުން “ތެންކްޔޫ”އޭ ބުނެލީމެވެ. މަންމަނަށް އަހަރެން ބުނިއެއްޗެއް އެނގޭނެ ކަމެއް ނޭގެއެވެ. އޭނާ އިތުރު އެއްޗެއް ނުބުނެއެވެ. ހަމަ އެކަނި ބަލަހަށްޓައިގެން ހުރީއެވެ. އަހަރެން ގެޔަށް ދިޔަ މަގުމަތީގައި މަންމަނު އަހަންނަށް ބަލަން ހުރިގޮތް ހިތަށް އެރިއެވެ. އެލޮލުގައި ގަދަ ބާރެއް ހުރިކަމަށް އަހަންނަށް ފާހަގަ ކުރެވުނެވެ. އޭނާގެ ބާރުގަދަ މުލައްދަނޑިއާއި މޭމަތީގެ މަސްގަނޑު އޭނާ ލާފައި ހުރި ބާރު ޓީޝާޓަށް ނުތަކާހެން ހީވެއެވެ. ވާރޭގެ ބޮޑެތި ފެންތިކިތައް އޭނާގެ މޫނުމަތިން އޮހިގެން އާދެއެވެ. ޓީޝާޓްއާ ޝޯޓްބުރި ތެމިގައިގައި ތަތްލާފައި ހުރިއިރު އޭނާގެ ހަށިގަނޑުގެ ފުރިހަމަ ސިފަ ފާޅުވެފައިވެއެވެ.

އަހަރެން މާލޭގައި އުޅުނު އިރު ރައްޓެހިވާން އުޅުނު ފިރިހެން ކުދީން ދެއަތުގެ އިނގިއްޔަކުން ގުނައެއް ނުލެވޭނެއެވެ. ޒުވާން ކުދީންނެވެ. ރީތި ކުދީންނެވެ. ޒަމާނީ ކުދީންނެވެ. ވިޔަސް އަހަރެން އެއިން ކުއްޖަކަށް އަހަރެންގެ ނަފުސް މިލްކުކޮށެއް ނުދިނީމެވެ. ވިޔަސް އަހަރެންގެ ހިތުގައި ވެސް ޚިޔާލުގައިވެސް ފިރިހެނުން ވެއެވެ. އެކަމަކު އަހަރެންނަށް ކަމުދާ ސިފަތައް އެކުލެވޭކަމަށް އަހަންނަށް ފާހަގަވާ އެއްވެސް ކުއްޖެއް އޭގެ ތެރޭގައި ނުވެއެވެ. އަހަރެން އެއްކުއްޖަކާވެސް ގުޅުން ނުއުފެއްދީ އަހަރެންގެ ރައްޓެހި އެހެން ކުދީންގެ ފަރާތުން އިވެމުން ދިޔަ ވާހަކަތައް އަޑު އިވުމުންނެވެ. ރީތި އަންހެން ކުއްޖެއްނަމަ އެކުއްޖަކާ ރައްޓެހިވެފައި ކަންތައް ކުރާ ގޮތުންވެސް މެއެވެ. އެއީ މިޒަމާނުގެ ފިރިހެނުންތައް ދެކެ އަހަރެން ނަފްރަތު ކުރުވި އެންމެ ބޮޑު ސަބަބެވެ.

އަހަރެންގެ އުމުރަށް ވުރެން އަހަރެންގެ ވިސްނުންތެރިކަން މާ މައްޗޭ މީހުން ބުނަނީ މިހެންވެއެވެ. ރަށަށް އައި ފަހުންވެސް ރައްޓެހިވާން އެދުނު ކުދީންގެ އަދަދުވެސް ނޭނގެއެވެ. ޒުވާނުން އެއްކިބާގައި އޮތްވާ ދުވަސްވީ މީހުން ވެސް އެދެމުން ދިޔައެވެ. އަހަރެންގެ އަމިއްލަޔަށް އަހަރެން ރީއްޗެކޭ ފުރިހަމައެކޭ ބުނާކަށް ނެތީމެވެ. އެހެންނަމަވެސް އަހަރެން ފަލައެކޭ ކުރެކޭ ހުތުރެކޭ އެކަކުވެސް ނުބުނެއެވެ. ދުވަސްވީ އަންހެނުންގެ ޝަކުވާއަކަށް އޮންނަނީ އަހަރެންގެ އިސްތަށިގަނޑު ދިގުވީމައެވެ. އެޒީނަތްތެރިކަން ނުފޮރުވައިގެންނެވެ.

އަހަރެން ވިއްސާރަވީ ދުވަހުގެ ފަހަކުން އެގަޑީގައި ތުނޑިމައްޗަކަށް ނުދަމެވެ. ދޮންމަންމަނުގެ ޖާދޫގައި އަހަރެން ޖެހޭކަށް ބޭނުމެއް ނުވިއެވެ. އޭނާ އެހާކައިރިން އެދުވަހު ފެނުނީއްސުރެން އަހަރެންގެ ހިތުގެ ކޮންޓްރޯލް އަހަރެންގެ އަތުން ގެއްލިދާނެހެން ހީވާން ފެށުމުންނެވެ. އަހަރެންގެ ރޭނގަޑުގެ ނިދި ގެއްލެން ފެށުމުންނެވެ. އަހަރެންނަށް ކެތްނުވާވަރަށް އޭނާ ދެކެ ލޯބިވާން ފެށުމުންނެވެ.

ސަންޕަދައިތަ އަހަރެން ކުއްލިއަކަށް އައުން މަދުވުމުން އެކަމުގެ ޝަކުވާ ކުރަން ފަށައިފިއެވެ. ސަންޕަ ދައިތައަކަށް އަހަރެން އެންމެ ފަހުން އައި ދުވަހެއް ހަނދާނެއް ނުހުރެއެވެ. ކޮންމެ ދުވަހަކު ނާންނަންޏާ އަންނަ ކަމަކަށް ނުވެއެވެ. އެހެން ކަމުން އަހަރެން ތުނޑިމައްޗަށް ދިއުމުގެ ބަދަލުގައި ގޮސް އިންނަނީ ސަންޕަ ދައިތަގެ ގޭދޮށު އަތިރިމަތީގައެވެ. އެތަނުގައި ހުންނަ ހިރުނދުގަހެއްގެ ގޮފިގަނޑުގައި އިރުއޮއްސެންދެން އަހަރެން އިށީނދެ އިންނަނީ އެވެ. އޭގެ ފަހުން މާ އަނދިރި ނުވަނީސް ގެޔަށް ދަނީއެވެ.

އެރޭ އިރު އޮއްސުނު އިރު ހަނދު އަރަނީ އެވެ. އެއީ ފަނަރަވިލޭރެއެއްކަން އެނގުނީވެސް އެމަންޒަރު އަހަންނަށް ފެނުނީމައެވެ. ބަލާބެލުމަށް ހަނދާ އިރާ މިހާ އެއްވަރީ ކީއްވެ ބާވައޭ އަހަރެންގެ ހިތަށް އަރައެވެ. އެކަމަކު ހަނދު ފަޅިއެއްގެ ގޮތަށް އިރު ހުއްޓަކާ ދުވަހަކުވެސް އި އަހަންނަށް ފެނިފައެއް ނުވެއެވެ. އަހަރެން އެކަމާ އަބަދުވެސް ވިސްނަމެވެ. އެރޭ ތަންކޮޅެއް ގިނައިރު އެތާގައި އިނދެވުނީވެސް ހަނދު އަރައިގެން އަންނަ އެހިތްގައިމު މަންޒަރު ބެލުމަށެވެ. އަހަރެންގެ ހިތުގައި އަބަދުވެސް ހިނގާ އެ ސުވާލުތައް ހިތާ ހިތާ ކުރުމަށެވެ.

އެވަގުތު އަހަރެންގެ ފުރަގަހުން މީހަކު އައިސް އޭނާގެ ބާރުގަދަ އަތުން އަހަރެން ވަށާލިކަން ހިމެނުނީ އަހަރެންގެ ހިއްސުތަކަށް ހަނދުވަރެއް ދިން ފުރަތަމަ ފަހަރު ކަމުގައެވެ. އެއީ އުފާވެރި އެހާމެ މަތިވެރި ލައްޒަތެއް އަހަންނަށް އިހްސާސް ކުރުވި ކަމެކެވެ. އަހަރެން އެންމެ ހިދުކޮޅަކަށްވެސް އެ ފޮނި އިހްސާސްތަކަކާ ވަތްކެއް ވާކަށް ބޭނުމެއް ނުވިއެވެ. އަހަރެންގެ ހިތާ ނަފްސާ ފުރާނަ އެ އަތުގެ ވެރިޔާއަށް އަށް އެއްކޮށް ހިބަކޮށް ދިނީމެވެ.

“ޖިނާ” އޭނާ އަހަރެންގެ ގާތު އޭނާގެ ނަން ބުންޏެވެ. ހުރިހާ އެންމެންނަށް އޭނާއަކީ މަންމަނެއް ކަމުގައި ހީވިއަސް އޭނާއަށް ނުދެއްކޭ ވާހަކައެއް ނުކުރެވޭ ކަމެއް މިދުނިޔެ މައްޗަކު ނުވެއެވެ.

އަހަރެމެންގެ ކާވެނި ކުރެވުނީ އޭނާ ދިރި އުޅޭ ހަވާ ގައެވެ. އެއީ މިދުނިޔެއަށް ވުރެން ހުރިހާ ގޮތަކުން ފުރިހަމަ ތަނެކެވެ. އަހަރެން އެތަން ދޫކޮށް އެނބުރި ދުނިޔޭގައި އުޅޭކަށް ބޭނުމެއް ނުވިއެވެ. އެހެން ނަމަވެސް ޖިނާއާއެކު ކޮންމެ ސާދަ ފަނަރަ ރެއަކު އަހަރެން އައިސް އަހަންނަށް އެންމެ ހިތްގައިމު ތުނޑީގައި ވަގުތު ހޭދަ ކުރަމެވެ. ސަންޕަ ދައިތައަށް އަހަރެމެން ނުފެނުނެއްކަމަކު އެދައިތަގެ ހާލު ގަވައިދުން ބަލަމުން ގެންދިޔައިމެވެ.

އަހަރެން ގެއްލުނު ފަހުން އެތައް ދުވަހެއް ވަންދެން ރަށުމީހުން އަހަރެން ފެނޭތޯ ހޯދިއެވެ. އެއަށް ފަހަކު އަހަރެން ވީތަނެއް އެނގޭ އެކަކުވެސް ރަށަކު ނެތެވެ. ވިޔަސް ދޮންމަންމަނާއެކު އަހަރެން ތުނޑިމަތިން ފެންނަކަމަށް ހެކިދޭ އެތައް ބަޔަކު އެރަށުގައި ތިއްބެވެ.