English Edition
Dhivehi Edition

އަހަންނަށް މިއިނދެވުނީ އަހަރެންގެ ބޮސްއާ ކަމެއް އޭރަކު ނޭނގެއެވެ. އަހަރެމެން ދެމީހުން އިނީ ލޯބިންނެވެ. އެއީ އަހަންނަށް ފެނުނު އެންމެ ލޯބި އަންހެނާ ވެސް މެއެވެ.

އަހަރެން ޒުވާން އުމުރު ލާހޫރުމުގައި ހޭދަ ކުރާތާ ކިތަންމެ އަހަރެކެވެ. އެކި ކުދިންނާ ރައްޓެހިވެ ރުޅިވަމުންނެވެ. އަނެއްކާވެސް މިއީ ހުސް ދުވަސްކޮޅެކެވެ. ފޫހި ފިލުވާލާށާއެކު އަހަރެން އެނބުރެމުން ދިޔައީ ޕާކު ތެރޭގައެވެ. ފޮޓޯ ނެގުމަކީ އަހަރެން ފޫހިފިލުވަން ވެގެން ކުރާ ކަމެކެވެ.

އަހަންނަށް އެ އަންހެނާ ފެނުނީ ދުރުންނެވެ. އަހަރެން އަޅައިގަތް ވަރުން މަޑުމަޑުން ކައިރިއަށް ދިޔައިމެވެ. އޭނާ އެނބުރި ބަލާލީމާ އަހަންނަށް ސިހުމެއް ލިބުނެވެ. އަވަހަށް ކެމެރާ އެހެން ދިމާއަކަށް އަނބުރާލީމެވެ. އަހަންނަށް އަނބުރާލެވިފައިވަނީ ގަހެއް މަލެއް ނެތް ހުސްދިމާއަކަށް ކަން އެނގުމުން އަހަރެން ރަކިވިއެވެ. އަހަރެން ބަލާލި އިރު އޭނާއަށް ވެސް ވަނީ ހިނިތުން ވެވިފައެވެ.

އަހަރެން އަވަހަށް އެތަނުން ދުރަށް ހިނގައިގަތީމެވެ. އޭނާގެ ލޮލުގައި ވަނީ ގަދަ ބާރެކެވެ. ޖާދޫއެއް ކަހަލައެވެ. އެއީ ކޮންމެ މީހެއް ނަމަވެސް އެއީ ހަމަ ގައިމު އަހަންނާ އެކަށިގެން ނުވާނެ މީހެކެވެ. އިސްކޮޅާ އެއްވަރަކަށް ހަށިގަނޑުގެ ބައްޓަން ރީއްޗެވެ. އެހާ ދޮނެވެ. ވަޔާއެކު އޭނާގެ އިސްތަށިގަނޑު ވިހުރެމުން ދިޔަ ފަދައިން އަހަރެންގެ ހިތްވެސް ދިޔައީ ހޫރެމުން ތެޅިފޮޅެމުންނެވެ. އަހަރެންގެ ނަޒަރު އޭނާއާ ފޭކޮށްލާކަށް އަހަރެން ބޭނުމެއް ނޫނެވެ. ވިޔަސް އެދިމާއަށް ބަލާލާނެ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ.

އެވަގުތު އަހަރެންގެ ހިތުގެ މަތީގައި ހިލަގަނޑެއް ބާއްވާލެވޭނެ ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ.

އެކަނިވެރިކަމަކީ ހިތަށް މިހާ ބަލިކަށިކަމެއް ލިއްބައިދޭ ކަމެއްކަން އެނގުނީ މިވަގުތު އެވެ. ތަނަކުން ރީތި އަންހެނެއް ފެންނައިރަށް ހިތުގެ ހާލު މިހާ ހިސާބަށް ދާނަމަ މާގިނަ ދުވަހެއް ނުވެ އަހަރެން އޮންނަން ޖެހޭނީ ކާޑިއެކް ވޯޑެއްގައި އެޑްމިޓް ކުރެވިފައެވެ. އެކަމަކު ނަސީބަކުން ކޮންމެ ކޮންމެ އަންހެނަކު ފެނިގެން އަހަރެންގެ ހިތަކަށް މިހާވަރެއް މީގެ ކުރިއަކުން ވެފައެއް ނެތެވެ.

އެހެންވެ އަހަރެން ބެލީ އެ ސޫރައަށް އަލުން އަހަރެންގެ ނަޒަރު ހުއްޓުވާ ނުލާ ވާނެ ގޮތެކެވެ. އެހެންވެ އަހަރެން އަނބުރާލާފާ އައިކޮޅަށް ހިނގަން ފަށައިފީމެވެ.

އަހަރެން ފޮޓޯއެއް ނަގަން ރީތި މަންޒަރެއް ފެނޭތޯ ބެލީމެވެ. އަހަންނަށް ފެނުނީ ކޮކާލެއް އައިސް ރީނދޫ މަލެއްގައި ޖައްސާލިތަނެވެ. އެވެސް ރީނދޫމަލެކެވެ. އެއަންހެން މީހާވެސް ހުރީ މިމަލުގެ ކުލައިގެ ޓޮޕެއް ލާފައިކަން އަހަންނަށް ހަނދާންވިއެވެ. ނުލާ ރީދޫ ގުޅުވީމާ އަބަދުވެސް އަހަންނަށް ރީތިވާ ގޮތެއް ހުރެއެވެ. އޭނާގެ ހެދުމުގެ ތިރީބައިގައި ހުރީ ކަނޑު ނޫކުލައެވެ. އޭނާގެ ލޮލަކީ ވެސް ފުންމިން ނޭނގޭ ކަނޑެއް ފަދައެވެ.

އަހަރެންގެ އުމުރުން މިގުނަނީ ވިހީގެ ފަހު ކޮޅު ވިޔަސް އަހަރެންގެ ލޮލުގައި އަޅައިގަންނަނީ އެ އަންހެން މީހާގެ އުމުރުގެ މީހުންނެވެ. އަހަންނަށް ލަފާ ކުރެވެނީ އޭނާގެ އުމުރުންވާނީ ފަންސަވީހަކަށް އަހަރު ކަމަށެވެ. އެ އުމުރުގައި ހުސްކޮށް އެހާ ރީތި އަންހެނަކު ނުހުންނާނެއެވެ. އެއީވެސް އަހަރެންގެ ހިތުން އޭނާ ފިލުވާލަން ޖެހޭ އެއް ސަބަބެވެ.

އަހަރެންގެ ކުރިމަތީގައި ހުރި މަލަށް ފޯކަސް ކޮށްގެން އަހަރެން ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. އެއީ އެމަލަށް ކޮކާ ތިރިކޮށްލާނެ ދަނޑިވަޅެއް ބަލާށެވެ. ކޮކާ އެކި މާމަލުގެ މަތީން ހުދުހެމުން އައިސް އެންމެ ފަހުން އެމަލަށް ތިރިކުރަން އަތުވެއްޖެއެވެ. އަހަރެން އަވަހަށް ފޮޓޯއެއް ނެގީމެވެ. ކަންވީ އަހަރެން ހީކުރި ގޮތަށެވެ. ކޮކާލަކަށް އެމަލުގެ ކަރުގަނޑުގައި އިށީންނާނެ ހިތްވަރެއް ނުލިބުނެވެ. އޭތި ނައްޓާލިއެވެ.

އެވަގުތު އަހަރެންގެ ފުރަގަހުން އޮމާން އަޑަކުން މީހަކު ހީނލި އަޑު އިވުނެވެ. އަހަރެން އެނބުރުނު އިރު އަހަރެންގެ ކުރިމަތީގައި އެހާ ކައިރީގައި ހުރީ އެމީހަކާ ދުރަށް އަހަރެން ދާން މިއުޅޭ އަންހެން މީހާއެވެ.

“ރީނދޫ މަލަކަށް ކޮންމެ ކޮންމެ ކޮކާލެއް ނުޖައްސާނެ.”

އޭނާ މިހެން މިބުނީ ތަޖްރިބާއެއްގެ މައްޗަށް ބިނާކޮށް ކަމެއް އަހަންނަކަށް ނޭނގެއެވެ.

“އެއި.. އެއީ ކީއްވެތޯ؟” އަހަންނަށް އަޅައިގަންނަމުން ކަހަލަ ގޮތަކަށް އަހާލެވުނެވެ.

“އެހާވަރުގެ ހިތްވަރެއް ކޮންމެ ކޮންމެ ކޮކާލެއްގަ ނުހުންނާނެ.”

މިއީ އަރަތެއް ކަހަލަ ވާހަކައެވެ. އެކަމަކު މިވާހަކަތަކުން އަހަންނަށް އިތުރަށް އޭނާއާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނެވެ.

“ތިޔަ ކަންތައް އިތުރަށް އޮޅުން ފިލުވަން އަހަރެން ބޭނުން. “

އަހަންނަށް އޭނާއަށް ކޮފީއަކަށް ދައުވަތު ދިނުމުގެ ހިތްވަރެއް ލިބުނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. މާ ގިނަ އިރެއް ނުވެ އަހަރެމެން ދެމީހުން ތިބީ އަފޮގާޓޯގެ މޭޒެއްގެ ދެފަރާތުގައެވެ.

އަހަރެމެން އެރޭ ދެއްކި ވާހަކައިގެ ތެރޭން އެކަކު އަނެކަކާ މެދު ގިނަ ކަންތަކެއް އެނގުނެވެ. އަސްލު އިތުރު ކަމެއް އެނގޭކަށް ވެސް ބޭނުމެއް ނޫނެވެ. މިވަގުތުވެސް އަހަރެން މިވަނީ ޖަވާޒާއަށް ޓަކައި ފިދާވެފައެވެ.

ޖަވާޒާ ވަނީ ކުރީން މީހަކާ އިނދެފައެވެ. ކުޑަ އަންހެން ދަރިއެއް ވެސް ހުރެއެވެ. އެކަމަކު އެކުއްޖާވީ އޮސްޓްރޭލިޔާގައި އޭނާގެ ބައްޕަ ގާތުގައެވެ. އެކަން ހިނގީ ޖަވާޒާ ކިޔަވަން އޮސްޓްރޭލިޔާގައި ހުރި ދުވަސްވަރުގެ ތެރޭގައެވެ. އޭރު އޭނާވެސް ވަރަށް ޅައެވެ. އަށާރަ ކިރިޔާ ފުރުނީއެވެ. އޭނާ އެނބުރި ރަށަށް އައުމަށް އޭނާގެ ފިރިމީހާ ދެކޮޅު ހެދިއެވެ. ޖަވާޒާއަކަށް އޮސްޓްރޭލިޔާއަކު އުޅެވޭކަށް ނެތެވެ. މިކަމާވީ ދެބަސްވުމެއްގައި ފިރިމީހާ ދަރިފުޅު ގޮވައިގެން ފިލީއެވެ. ފަހުން އޭނާ ވީތަނެއް ޖަވާޒާއަކަށް ނޭނގުނެވެ. ކޯސް ނިމުމުން ރަށަށް އައުން ނޫން ގޮތެއް ނެތެވެ.

މިއަދު އޭނާވަނީ ކޯޓް މެދުވެރިކޮށް ވަރިވެފައެވެ. ދިރިއުޅުން އެކަނިވެރިވެ މާޔޫސް ވެފައެވެ. ވީކެންޑް ކުރުކުރަން ޕާކަކީ އެންމެ ރަނގަޅު ތަނެވެ. އެކަނި ގޭތެރޭގައި އޮވެ ފޮތް ކިޔަން ދަތިވާތީވެސް މެއެވެ.

އަހަރެން ހުރީ ޖަވާޒާގެ ކޮންމެ ހާލަތެއް ގަބޫލުކުރަން ތައްޔާރަށެވެ. އަހަންނަށް ވުރެން އޭނާގެ އުމުރު ތިން އަހަރު ދޮށި ނަމަވެސް މެއެވެ. ޒުވާން ކުދީން ކޫސަނިވާނެއެވެ. އެއީ އަހަރެން އެންމެ ފަހުން ރައްޓެހިވީ ކުދީންގެ ކިބައިން ފެނިގެން ދިޔަ ކަންތަކެވެ. އަވަހަށް ރުޅިއައިސްގެން ފޫއަނބުރާފައި ދިއުމާއި ކަމަކާ ނުލާ ޝައްކު ކުރުމެވެ. ބަދަލު ހިފަން އެންމެ ރައްޓެހި މީހާއާ ގުޅުން ހިންގުމަށް ވުރެން ހިތްދަތި ކަމެއް ނޯންނާނެއެވެ. އަހަރެން އެންމެފަހުން ރައްޓެހިވި ކުއްޖާ އަހަރެން ކުރި ކުށެއް ނެތި އަހަރެންގެ ބެސްޓް ފުރެންޑާއެކު ގުޅުން ހިންގީއެވެ. ކިތަންމެ ލޯބިވިޔަސް ދެން އަލަކުން އަހަރެން އޭނާގެ ބޭނުމެއް ނެތެވެ.

އަހަރެން ބޭނުމީ އަވަސް ގޮތަކަށް ޖަވާޖާއާ ކާވެނި ކުރާށެވެ. އޭނާއަކީ މެނޭޖްމެންޓްގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކޮށްފައި ހުރި މީހެކެވެ. އެހެން ކަމުން މިހާރުވެސް އުޅެނީ ކުންފުންޏެއްގެ މެނޭޖިންގ ދާއިރާގައެވެ. އަހަރެންނަށް އުޅެން ޖެހިފައިވަނީ ސަޕްލައި އޮފީހެއްގައެވެ.

އަހަރެމެން ކާވެނި ކުރެވުނީ ވީހާވެސް ސިއްރިޔާތެއްގައެވެ. އެއީ އޭނާވެސް ބޭނުންވީގޮތެވެ. އަސްލުގައި އަހަރެން ހޮވީ އޭނާއެވެ. އެއީ އަހަރެންގެ ކިބައިން ކޮން ސިފައެއް ހުންނާތީ ކަމެއް އަހަންނަކަށް ނޭގެއެވެ. އަހަރެންގެ ޝައުގުވެރިކަން ހުންނަނީ ފޮޓޯ ނެގުމަށް ކަން އޭނާއަށް އެނގޭތީ ކަމެއް ނޭނގެއެވެ. އޭނާއަކީ ވެސް ކުރެހުމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ.

އަހަރެމެން ކާވެނިކޮށްގެން އުޅެން އޭނާ ނިންމީ އޭނާގެ ގޭގައެވެ. އެއީ ރީއްޗަށް ހަދާފައިވާ ޒަމާނީ ގެއެކެވެ. އަހަރެން އުޅެމުން ދަނީ އެއްގެއިން އަނެއް ގެއިން ދަތި ހާލުގައެވެ. އަހަންނަކީ ބީރައްޓެއްސެއް ކަމަށްވާތީއެވެ.

އަހަރެމެންގެ ކާވެނީގެ ފަހުން އަހަރެމެން ދެމީހުންގެ ހުރިހާ ހިތާމައެއް ގެއްލި ދިޔަ ގޮތެއް ނުވެސް އެނގެއެވެ. އޮންނަހާވެސް އުނދަގުލަކީ ދެމީހުންވެސް ވަޒީފާގައި އުޅޭތީ ދިމާވާ ކަމެކެވެ.

އަހަރެން ކުރާ މަސައްކަތަކީ ބުރަކަމެއް ނަމަވެސް ޖަވާޒާގެ މަސައްކަތް ވެސް ވަކި ކުޑައެއް ނޫނެވެ. މުވައްޒިފުންގެ ކަންތައް ބެލެހެއްޓުމާއި ވަޒީފާއަށް މީހުން ގެނެސް ވަކިކުރުން އެއީ އެންމެ އުނދަގޫ އެއްކަމެވެ.

އޮފީހުގެ ވާހަކަތައް ޖަވާޒާ ނުދެއްކިޔަސް އެއީ ކިހާވަރެއްގެ ކަމެއްކަން އަހަންނަށް ވެސް އެނގެއެވެ. އަހަރެން އެންމެ ކަންބޮޑުވާކަމަކަށް އޮންނަނީ އަހަރެންގެ ވަޒީފާއިން ވަކި ނުވެ ހުންނާނެ ގޮތަކާ މެދުގައެވެ.

އަހަރެންގެ ވަޒީފާއާމެދު ހިތްހަމަ ނުޖެހިފައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެސް ވެއްޖެއެވެ. ވިޔަސް އަހަންނަކަށް ވަޒީފާއިން ވަކިވެގެން އުޅެވޭކަށް ނެތެވެ. ދިރިއުޅުމުގެ ޚަރަދު ބޮޑު ވީމައެވެ. ސްޓޫޑިއޯއަކާ ނުލާ ފޮޓޯ ނަގައިގެން އެވަރުގެ އާމްދަނީއެއް އަހަންނަކަށް ނުލިބޭނެއެވެ.

އަހަރެން ވަޒީފާއަށް ފަރުވާ ކުޑަކުރާކަމަށް ބުނެ އަހަރެންގެ ބޮސް ވަނީ އިންޒާރު ދީފައިވެސް މެއެވެ. އެހެންނަމަވެސް އަހަރެން ވަތްކެއް ނުކުރެއެވެ. އިތުރަށް އަހަރެންގެ ފަރާތުން ކުށެއް ފެންނަންދެން އޭނާ ވަނީ އަހަރެން ވަކި ނުކޮށް ބަހައްޓާފައެވެ. އެކަމަކު މިހާރު އާވެރިޔަކު އަންނަން އުޅޭ ޚަބަރު އެބަ ލިބެމުން ދެއެވެ. އެއީ ވަރަށް ހަރުކަށި ބޮސްއެއް ކަމަށް އެންމެންވެސް ދަނީ ބުނަމުންނެވެ. އެހެންވެ އެންމެންހެން ތިބީ ބިރުން މެއެވެ.

އަހަންނާ ޖަވާޒާގެ ކާވެނި ހިމެނުނީ އަހަރެމެން ދެމީހުންގެ ހަޔާތަށް ބަހާރު މޫސުމެއް ގެނުވި ކަމަކަށެވެ. ދެމީހުން ވަޒީފާގައި އުޅުނެއް ކަމަކު އެއްވެސް ކަމެއް ދައްޗެއް ނޫނެވެ. ޖަވާޒާގެ ގޭގައި މިއަދު އުޅެނީ އަހަރެމެން ދެމީހުންނާ ދެ ނޯކަރުންނެވެ. އެމީހުން ޖެހޭހާ ކަމެއް ކުރެއެވެ. ގެޔަށް އައިސް ފެންވަރާލައިގެން އަހަރެމެންގެ ދެމީހުން އެކަކު އަނެކެއްގެ އަތުގެ ހިމާޔަތުގެ ދަށުގައި ދުނިޔޭގައިވާހައި އުދަގުލަކަށް ފިލާ ތިބެނީއެވެ.

މިހެން ތިބޭ އިރު އަހަރެމެން ބަލަނީ ބަހެއްވެސް ދުލުން ބުނެ އެ އުފާވެރި ހިމޭންކަން ގެއްލުވާ ނުލާ ވޭތޯއެވެ.

ޖަވާޒާގެ މަސައްކަތާ ބެހޭގޮތުން ބުނެލި މަދު ބަހެއްގެ ތެރޭގައި އޭނާ އެހެން އޮފީހަކަށް ބަދަލުވާން އުޅޭ ވާހަކަ ބުނެލިއެވެ. ވިޔަސް އެކަން އޮޅުން ފިލުވާކަށް އަހަރެންގެ ހިތަށް ނުވެސް އެރިއެވެ

އޭގެ ދުވަސްކޮޅެއް ފަހުން އަހަރެމެންގެ އޮފީހަށް އާ ސީއީއޯއެއް އައި ޚަބަރު ލިބިއްޖެއެވެ. އަހަރެމެންގެ ސެކްޝަންގެ މީހުންނަކަށް އޭނާ ފެނިފައެއް ނުވެއެވެ. ބުނާ އަޑު އިވެނީ އަންހެނެއް ކަމުގައެވެ. އެކަމަކު ވަރަށް ހަރުކަށްޓެވެ. އެހެނަސް ހިތާ ކުޅެލާފަދަ ރީތި އަންހެނެއް ކަމުގައެވެ.

އަހަރެން ހުރީ ބިރުންނެވެ. ދެ ދުވަހެއްވީ ތަނާ އެންމެ ފަހުން އަހަރެން ސީއީއޯގެ އޮފީހަށް ދާން އަންގައިފިއެވެ. އަހަރެންގެ ބިރުވެރިކަމުގެ އިންތިހާއަށް ދިޔައީ އެވަގުތު އެވެ. އަހަރެންގެ ބޫޓު ފުހެލައި ރީތި ކޮށްލީމެވެ. އަދި ގަމީހުން ރޫފިލުވައި މަތީގޮށް އަޅުވާލީމެވެ. އަދި ބޯ އޮމާންކޮށް މޫނުން ދާ ފުހެލީމެވެ. ސެކްޝަން ކުދީންނަށް އަލްވަދާއުގެ ނިޝާނެއް އަތުން ދައްކާލާފައި އަހަރެން ހަތަރުވަނަ ބުރިއަށް އަރައިފީމެވެ. ލިފްޓެއް ނެތުމާއެކު އަހަރެން ހުރީ ވަރުބަލިވެފައެވެ. ނޭވާ ހަމަޔަކަށް އެޅުމުން އަހަރެން ދޮރުގައި ޓަކިޖަހާފައި ވަދެއްޖެއީމެވެ. “މުސްތާގު.” އޭނާ އިނީ އިސް ޖަހާލައިގެންނެވެ. “ކަންތައް ހުރިގޮތުން އަހަންނަށް މިޖެހެނީ މުސްތާގު ވަޒީފާއިން ވަކި ކުރަން.”

އަހަރެންގެ ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔައެވެ. އަހަރެން ކަންބޮޑުވީ އަހަރެންގެ ވަޒީފާ ގެއްލުނީމައެއް ނޫނެވެ. އަދި އަހަރެންގެ ކުރިމަތީގައި އިން އަންހެނަކީ އަހަރެންގެ އަންހެނުން ވީމައެވެ.

އޭނާ އިސް އުފުލާ ބަލައިލިއެވެ. “ކުރިއަކުން އަހަންނަށް ތިޔަ މުސްތާގަކީ އަހަރެންގެ ފިރިމީހާ ކަމެއް އެނގިފައެއް ނެތް.” މިހާރު އޭނާ ބަލާލި އިރު މޫނުމަތީގައި ކުރީގައި ހުރި ހަރުކަށި ކަމެއް ނެތެވެ.

“އަހަރެން މުސްތާގު މިވަޒީފާއިން ވަކިކުރަން ޖެހުނީ ހުށަހެޅިފައި އޮތް މަސްއަލައިގެ ސަބަބަކުންނެއް ނޫން. މުއައްޒިފަކަށް ބޮސްއާ އިނދެގެން އުޅެން ދަތިވާނެތީ.”

މުސްތާގު ގެޔަށްދޭ. އަހަރެން ވާނީ މުސްތާގަށް ސްޓޫޑިއޯއެއް ހަދާދިނުމުގެ އިންތިޒާމު ހަމަޖައްސާފައި. އެއީ މުސްތާގުގެ އަމިއްލަ ސްޓޫޑިއޯ ކަމަށް ދެކޭ. އަހަރެން މުސްތާގުގެ އެސިސްޓެންޓް ކަމަށް ހަދާ. އެގޮތް އެންމެ ރަނގަޅެއްނު.”

އަހަރެންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ އެއީކަން ކަށަވަރެވެ. އަމިއްލަ ސްޓޫޑިއޯގައި މަސައްކަތް ކުރުމަށް ވުރެން ބޮޑު ހުވަފެނެއް އަހަންނަކަށް ނެތެވެ.

އަހަރެންގެ ބޮސް އަކީ އެހެން މީހުން ކިތަންމެ ޖެހިލުންވާ މީހެއް ނަމަވެސް އެއީ މިހާރަކު އަހަރެންގެ މައްޗަށް ހުރި ސީއީއޯއެއް ނޫނެވެ. އެއީ އަހަރެންގެ ޕާޓްނަރު ސީއީއޯއެވެ. އަހަރެމެން ދެމީހުންގެ ހަޔާތުގެ ބޮސް އަކީ އަދި ސީއީއޯ އަކީ ވެސް އަހަރެންނެވެ.