English Edition
Dhivehi Edition

ބިދޭސީންނާ ގުޅޭ މައްސަލަތައް ހައްލުކުރަން، އުމަރު ނަސީރުގެ ވެރިކަމެއްގައި ހަރުކަށި ސިޔާސަތަކަށް އަމަލުކުރަން ނިންމައި އެ ސިޔާސަތު ހާމަކުރައްވައިފި އެވެ

މިއަހަރު ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ތައްޔާރުވަމުންދާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ 40،000 އަށް ވުރެ ގިނަ ބިދޭސީން އޭނާގެ ވެރިކަމެއްގައި އަލުން ރަޖިސްޓަރީ ވުމުގެ ފުރުސަތު ދޭނެ ކަމަށާއި އެ ބުރުގައި ރަޖިސްޓަރީ ނުކުރާ ހުރިހާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލާނެކަމަށެވެ. މީގެ އިތުރުން އުމަރު ވިދާޅުވީ ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ހުރިހާ ވިޔަފާރި އަކާއި ގުރޫޕް މަސައްކަތްތައް ހުއްޓުވައި އަނބުރާ ދިވެހިންނަށް އެ މަސައްކަތްތައް ހޯދައިދޭނެކަމަށެވެ.

އުމަރުގެ ވެރިކަމެއްގެ ފުރަތަމަ ތިން މަސްދުވަހު ބިދޭސީންގެ މައްސަލަ ހައްލުކުރައްވާނެކަމަށް ވިދާޅުވެ އުމަރުވަނީ ބިދޭސީންނަށް ހާއްސަ ޓައުނެއްގެ ގޮތުގައި ގުޅީފަޅު ހަދާނެކަމުގައި ވިދާޅުވެފައެވެ

މިއަހަރުގެ ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އުމަރު ނަސީރު ތައްޔާރުވަމުން އަންނައިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އިން ނިކުންނާނެ ކެނޑިޑޭޓަކީ މުހައްމަދު ނަޝީދުއެވެ. މީގެ އިތުރުން ޖޭޕީ އިން ގާސިމް އިބްރާހީމް ވާދަކުރައްވާނެ ކަމަށް ބެލެވޭއިރު މިހާރު ސަރުކާރުހިންގާ ޕާޓީ ޕީޕީއެމް އިން އިންތިހާބުގައި ވާދަކުރައްވާނީ މިހާރުގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްއެވެ. މި ހަތަރު ބޭފުޅުންގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާނޫން އަސާސީގައި ކަނޑައަޅާފައިވާ ޝަރުތު އަދި ފުރިހަމަ ވެފައިވަނީ ޔާމީން އަބްދުލް ގައްޔޫމާއި އުމަރު ނަސީރަށެވެ