މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރު އާއި އާލިއާ ބަޓް އާއި ދެމެދު އޮތް ‘ހާއްސަ’ ގުޅުމާއި ބެހޭ ގޮތުން އާންމުން ސުވާލުކުރަމުންދާ ތާ ވަރަށް ދުވަސްވެއްޖެއެވެ
މި ދެތަރިން އެކުގައި ފެނިގެންދާ ކަރަން ޖޯހަރްގެ ފިލްމު ‘ ބްރަހަމަޝްތްރަ’ ގެ ޝޫޓިން ފެށުމާއެކު މިވާހަކަތަކުގެ އަޑު އިހުނަށްވުރެ ގަދަ ވެގެން ދިޔައެވެ. އޭރު މި ދެތަރިންވެސް އެމީހުންގެ ގުޅުމާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް މީޑިއާ އާއި ހިއްސާކޮށްފައި ނެތް ނަމަވެސް އެންމެ ފަހުން ރަންބީރު މިވަނީ އާންމުންގެ ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބު ދީފައެވެ.
ރަންބީރު ވަނީ ސީކިއު މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި އާލިއާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީންކޮށްދީފަ އެވެ. އާލިއާ އާއި ރަންބީރުގެ ގުޅުމާއި ބެހޭ މާ ބޮޑު ތަފްސީލެއް ރަންބީރު ދީފައި ނުވާއިރު، އޭނާ ބުނެފައިވަނީ އަދި އެ ގުޅުމާއި ބެހޭ އިތުރު ތަފްސީލްދޭން މާ އަވަސް ކަމުގައެވެ
ވަރަށް ފަހުން ރަންބީރުގެ ދައްތަ ރިއްދިމާ ކަޕޫރު އާލިއާ އަށް ވަރަށް ހާއްސަ ހަދިޔާއެއް ދީފައިވާ އިރު ، މި ގުޅުމާއި ރަންބީރުގެ އާއިލާ ވަރަށް ގަބޫލުކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ
މީގެ ކުރުންވެސް މަޝްހޫރު ދެ ބަތަލާއިން ކަމުގައިވާ ދީޕިކާ އާއި ކެޓްރީނާ އާއި ރަންބީރުވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. ރަންބީރު އާއި ކެޓްރީނާ ކައިފްގެ ހަ އަހަރުވީ ލޯބީގެ ގުޅުން ނިމިގެންދިޔަ އިރު ގިނަ ބަޔަކު ބުނެފައިވަނީ ރަންބީރު އެ ގުޅުން ނިންމާލީ މަންމަ ނީތޫ ކަޕޫރު އެ ގުޅުމާއި ހިތްހަމަނުޖެހުމުން ކަމަށެވެ