އަހަރެންގެ އެކުވެރިޔާއަށް ވުރެން ރަނގަޅު ރަހުމަތްތެރިޔަކު ތަނަކުން ނުފެންނާނެއެވެ.
ސިޔާދުއާއި އަހަރެން ރަށުގައި ކިޔެވީ އެކުއެކީގައެވެ. އެއް މައްސަލައެއްގައި ތުހުމަތު ކުރެވިގެން މާލެ ގެނެސް އެއް ޖަލެއްގައި ތިންމަސް ވޭތިކުރީ އެކު އެކީގައެވެ. އެއަށްފަހުން މިނިވަންވެގެން ދެމީހުންވެސް ދެ ދިމާއަށް ގޮސް ވަޒީފާ ހޯދީމެވެ.
ޒުނައިރު ހޯދީ ކޮމްޕިއުޓަރގެ ރޮގުން ކުރާ މަސައްކަތެކެވެ. އަހަރެން ހޯދީ ކޮންސްޓަރކްޝަންގެ ދާއިރާއިންނެވެ. ދެމީހުންނަށްވެސް މި ވަޒީފާއިން އުޅެވޭ ވަރުވެއެވެ. އަހަރެންވެސް ރައްޓެއްސެއްގެ ގޯތިން ތަންކޮޅެއް ހަދައިގެން އުޅެން ފަށައިފީމެވެ. ޒުނައިރު އިނީ މާލޭގެ ގޮދޮރު ހުރި ކުއްޖަކާއެވެ. އެއީ ވިއްސަކަށް އަހަރުގެ ކުއްޖެކެވެ. އަހަރެން ދުށް އެންމެ ހިތްހެޔޮ ކުއްޖާއެވެ. ހެވިފައި ނުހުންނަ ވަގުތެއް މަދުވާނެއެވެ. ޒުނައިރަށްޓަކައި އަހަރެން ފަޚުރުވެރި ވީމެވެ.
ޝަފީގާ އަކީ މެދުމިނުގެ އާއިލާގެ ކުއްޖެކެވެ. ވިޔަސް އޭނާއަކީ ސިއްހީ ދާއިރާގައި އުޅޭ ކުއްޖެއްކަމުން ޒުނައިރާ އިނދެގެން ހީވެސް ނުކުރާހާ ތަނަވަސްކަމުގައި ދެމީހުން އުޅެން ފަށައިފިއެވެ. އަހަންނަކީ ޒުނައިރުގެ ބެސްޓް ފުރެންޑްކަން ޝަފީގާއަށް ފުރަތަމަ ދުވަހުން ފެށިގެންވެސް ތައާރަފު ވެފައިވެއެވެ. އެހެންކަމުން އަހަރެން ހިމެނިފައި ވަނީ އެމީހުންގެ އާއިލީ ރައްޓެއްސެއް ކަމުގައެވެ. ހުސްވަގުތެއް ލިބިއްޖެއްޔާ އަހަރެންވެސް އެ ގެޔަށް ގޮސް ހަދަމެވެ.
ޝަފީގާ އަހަންނަށް ވަރަށް ހެވެވެ. ހަމަ ތިމާގެ މީހެއް ފަދައިން ކަންތައް ބަހަށްޓައެވެ. ގެޔަށް އައުން ލަސްވެއްޖެއްޔާ ޝަކުވާވެސް ކުރާނެއެވެ. ޒުނައިރުއާ ޝަފީގާ އުޅޭ އުފާވެރި ދިރި އުޅުން ފެނުމުން އަހަރެންވެސް ކުޑަކޮށް ހަސަދަވެރިވާހާ ވެއެވެ. އަހަރެންވެސް ބޭނުންނަނީ ޝަފީގާ ކަހަލަ ކުއްޖެކެވެ. އެހެން އަބަދު ހިނިތުން ވެފައި ހުންނަ އެހާ މިޒާޖު ރަނގަޅު ކުއްޖެކެވެ. ޒުނައިރު ދެކެ ޝަފީގަ ލޯބިވާވަރަށް އަހަރެން ދެކެވެސް ލޯބިވާނެ ކުއްޖަކަށެވެ.
އެ ދެމީހުންގެ ކާވެންޏަށް ފުރަތަމަ އަހަރުވީ ތަނާ ފުރަތަމަ ދަރިފުޅު ލިބިއްޖެއެވެ. އެއީ އިޔާން އެވެ. އެއީ ވަރަށް ލޯބި ދަރިފުޅެކެވެ. ބޮޑުވެގެން އައީ އަވަހަށެވެ. ސިއްހަތު ރަނގަޅެވެ. އަހަރެން ވެސް ގޮސް އުޅޭ އިރު އެކުއްޖާ އުރާލާ ހަދަމެވެ. އެކުއްޖާ އަހަރެން ފެނުމުން އުފާވާކަން ވެސް އަހަންނަށް އެނގެއވެ. އެހެންކަމުން އަހަރެންވެސް ދަރިކުލުނު ޖެހެން ފަށައިފިއެވެ.
އޭގެފަހުން އަނެއް އަހަރު ފުރުނުތަނާ ޝަފީގާ އަނެއް ދަރިފުޅަކު ވިހައިފިއެވެ. އެއީ އީލާއެވެ. ހަމަ ޝަފީގާގެ ސޫރައެވެ. އެކުއްޖާވެސް އަހަންނާ ހެދީ އެވަރަށް އުޅެއެވެ. އެހެން ކަމުން ޝަފީގާ އަހަންނަށް ގުޅައި އަހަރެން އައުމަށް ދައުވަތު ދީހަދައެވެ.
ޒުނައިރު ގޭގައި ނެތަސް އަހަންނަށް ހުސް ވަގުތެއް ލިބިއްޖެއްޔާ އައިސް ހަދަމެވެ. އެކުދީންނާ ސަމާސާކޮށް ކުޅެ ހެދުމަކީ އަހަރެންނަށްވެސް މިހާރަކަށް އައިސް ނުކޮށް ދޫކޮށްލެވޭ ކަހަލަ ކަމެއް ނޫނެވެ.
ޝަފީގާ އަހަންނާމެދު ބަހަށްޓާ ގުޅުންވެސް އަހަރެން މިގެއަށް މިހާ ގިނައިން އައުމަށް ބާރު އަޅައެވެ. އައަރެން އައުމުން އެނައަށް ވެސް އުފަލެއް ލިބޭކަން މޫނުމަތީން ފެނިގެން ދެއެވެ. އަހަރެން ދެކޮޅު ހެދިޔަސް ކޮންމެވެސް އެއްޗެއް ކާންދޭނެއެވެ. ކޮންމެ ފަހަރަކު އެގޭން ކެއުމަކީ އަހަރެން ލަދު ގަންނަ ކަމެއް ކަމުގައި ވިޔަސް ޝަފީގާ ތައްޔާރުކޮށްފައި ހުންނަ ކެއުން އެހާ މީރުވެސް މެއެވެ. އަހަރެން އެކަނި އުޅޭ މީހަކަށްވާތީ އަބަދު ހޮޓަލުން ކެއުމަކީ ގިނަ ޚަރަދު ހިނގާ ކަމެކެވެ.
އަހަރެން ގެ ވަޒީފާ އޮންނަނީ ހެނދުނުން ފެށިގެން ހަވީރު ފަހަކަށް ކަމުން ކޮންމެ ދުވަހަކުވެސް ގެޔަށް ގޮސް ފެންވަރާލައިގެން އަހަރެން ދަނީ ޒުނައިރުމެންގެ ގެޔަށެވެ. ނުގޮސް ހުންނަންވެސް ދަތިވެއެވެ. އެކަނިވެރިކަމާ ފޫހިކަން އިހުސާސްވާތީއެވެ. އަހަރެން ލަސްވެއްޖެއްޔާ ޝަފީގާ ވަގުތުން ގުޅާނެއެވެ. ވީގޮތެއް އަހާނެއެވެ.
އަހަރެން އެގެޔަށް ދިއުމަކީ ޒުނައިރުވެސް ރުހޭ ކަމެކެވެ. އެއީ އޭނާއަށް ގެޔަށް އާދެވެނީ އެހާލަހުން ކަމަށްވެފައި ޝަފީގާއާ ކުދީން އެކަނި ފިލުވައި ދިނުމަށް އަހަރެން އައިސް އުޅެން އޭނާ ބޭނުންވާތީއެވެ. ޝަފީގާ އަހަންނާ އެކު މިބާއްވާ ގާތްކަމެއް އަހަރެން މިއަށްވުރެން ބޮޑަކަށް އިތުރެއް ނުގެންނަމެވެ. އަހަންނަށް ފާހަގަވާ ގޮތުގައި އަހަރެން ބޭނުންނަމަ މިއަށް ވުރެން ގާތަށް ވެސް ދެވިދާނެއެވެ. އެއީ ގޭތެރެ އެހާ މިނިވަން ވެފައި ޒުނައިރުގެ ކުޑަވެސް ޝައްކެއް ނެތުމާއެކުގައވެ. ދެދަރީން ލިބިފައި ވުމުން ޝަފީގާ މިހާރު ފެންނަނީ ހަށިގަނޑުގެ ބައްޓަންވެސް އަޅައިގަންނަ ފަދަ ޒުވާން އަންހެނެއްގެ ގޮތުގައެވެ. ވަކީން ޚާއްސަކޮށް ގަޔަށް ބާރު ޖީންސްލާފައި ހުންނައިރު ފުރަގަހުން ފެންނަ ގޮތަކުން ބައެއް ފަހަރު އަހަރެންގެ މޭގަނޑު ގުޑައިގެން ދެއެވެ. ފެންވަރާ ނިމުމުން އިސްތަށިގަނޑު ހިއްކަމުން އައިސް ބައެއްފަހަރު އަހަރެންގެ މޫނަށް ފެންބުރުވާލުން ފަދަ ސަމާސާވެސް ކުރާނެއެވެ. މިއީ އަހަންނަށް އޮބި އޮންނާނެ ވަރެއް ނޫނެވެ. މިކަންތައް އަހަންނަށް ވަރަށް ބޮޑުވާން ވެސް ފަށައިފިއެވެ. އަހަރެން ރަށަށް ދިއުމަށް ޗުއްޓީއެއް ނެގީ އެހެންވެއެވެ. ޗުއްޓީ ނެގީ ދެހަފްތާއަކަށެވެ. އެދުވަސްކޮޅުތެރޭގައި އަހަރެން ބެލީ އެއްގޮތަކަށްވެސް ފޯން ނުހުޅުވާ ބޭއްވުމަށެވެ. އެންެމެ ބޮޑު ސަބަބަބަކީ ޝަފީގާގެ ފޯނެއް އަދި އެތުއްތު ކުދީންގެ އަޑެއް އަހަރެންގެ ކަންފަތުގައި ޖެހުނަ ނުދިނުމަށެވެ. އަހަރެންގެ މުޅި ނަފްސުގެ ތެރެއަށް މިވަނީ ކެތްނުވާވަރުގެ ޖަޒްބާތުތަކެއް ވަންނަން ފަށާފައެވެ. ކެންސަރެއް ހެން މޫލާފައެވެ. މިއީ އަހަރެން މާ ކުރިގައި އަޅަން ޖެހިފައިވާ ފިޔަވަޅެއް މެއެވެ. ވިޔަސް މިއަދު އަހަރެން މިވަނީ މިބަލީގެ ތިންވަނަ ސްޓޭޖްގައެވެ. ޒުނައިރާ އަހަރެންގެ ގުޅުން ކެނޑިގެން ދާން ޖެހޭ ސަބަބަކަށް އަހަރެންގެ ޖަޒްބާތުތައް ވުމަކަށް އަހަރެން ނޭދެެމެވެ.
ހުޅުދޫގައި އަހަރެންނާ ރައްޓެހިވާނެ ކުދީން ތިއްބެވެ. އިނދެފާނެ ކުދީންވެސް ތިއްބެއެވެ. އަދި ބައެއް މީހުން އެކި ކުދީން ދައްކާވެސް ހެދިއެވެ. ކާވެނި ކުރުވުމަށް ވެސް ބާރު އެޅިއެވެ. އޭގެ ތެރޭގައި ޝަފީގާ ފަދަ ރިވެތި ކުދީން ވެސް ތިބި މެއެވެ. އެހެންނަމަވެސް އަހަރެންގެ ހިތެއް ޝަފީގާގެ ބަދަލުގައި މިއިން ކުއްޖެއް ޚިޔާރު ކުރާކަށް ގަބޫލެއް ނުވިއެވެ. އެހެން ނޫނަސް ރަށުން ކުއްޖަކާ އިނދެގެން ދިޔައިމާ އުފުލަން ޖެހޭ ޒިންމާ ބޮޑެވެ. މާލޭން ކުއްޖަކާ އިނދެވިއްޖެ ނަމަ ހަމަ ގައިމުވެސް ޚަރަދު ކުޑަވާނެއެވެ. ޒުނައިރު އެ އުޅޭ ފަދަ އުފަލެއްގައި އުޅެވިދާނެއެވެ.
ޒުނައިރުގާތުން ޝަފީގާ ވަރިކުރުވައިފިނަމަ އަހަންނަށް ހަމަ އެއުފާ ހާސިލު ކުރެވިދާނެއެވެ.
މިޚިޔާލު އައުމުން އަހަރެން ބިރުގެންފިއެވެ. އަހަރެން ގޮސް މިވެއްޓެން އުޅެނީ ބޮޑު އަލިފާން މަޅިއަކަށޭ ހިތަށް އެރިއެވެ. އަހަރެން މީ ޒުނައިރުގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށް ވާއިރު އަހަރެން އެމީހުންގެ ދިރިއުޅުން ބަރުބާދު ކޮށްލަންވީ ކީއްވެހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް އެ ކުދީން އަހަރެން ދެކެ ކިތަންމެ ލޯތްބެއް ވިޔަސް އެއީ އަހަރެންގެ އަމިއްލަ ދަރީން ކަމަކަށް ނުވާނެއެވެ. އެކުދީންނަށް ބޭނުންވާނީ އެކުދީންގެ އަމިއްލަ ބައްޕައެވެ. ކުދީން މިއަދު އެހާ ދޯޅުކޮށް އެއުޅެނީ ޒުނޭރަށް ވުރެން ގިނައިން އަހަރެން ފެންނާތީއެވެ. އަބަދު އެކުދީންނާ ތޮޅޭތީއެވެ. މަންޒަރު ފެންނަގޮތުން އަހަންނަށް މިއަދު ޒުނޭރު ދުރަށް ޖައްސާލެވިދާނެއެވެ. އަދި ޝަފީގާގެ ލޯބި ހާސިލު ކުރެވިދާނެއެވެ. އެހެންނަމަވެސް އަހަރެންގެ ހިތަކުން އަހަންނަށް މިކުރެވޭ ކަންތަކުގެ ކުށްވެރި ކަމެއް ނުފިލާނެއެވެ. އަހަންނަށް މިކަމުން ލިބޭނެ ދާއިމީ އުފަލެއް ނޯންނާނެއެވެ. ދޮން ބައްޕައެއް ކިތަންމެ ރަނގަޅުވިޔަސް ލޭގެ ގުޅުމަކުން ގުޅުވައެއް ނުލެވޭނެއެވެ.
އަހަރެން އެނބުރި މާލެ ދިޔައީ މިފަހަރު ގޮސް ވީހާވެސް ބޮޑަށް ޒުނޭރުމެންގެ ގެޔަސް ނުގޮސް ހުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އަހަރެން ގޮސް ދެހަފްތާ ވީއިރުވެސް ގުޅައެއް ނުލަމެވެ. އެހެން ހުއްޓާ އެއްދުވަހަކު ކުއްލިއަކަށް ޒުނައިރު ގުޅައިފިއެވެ. އަދި އޭނާ އަހަރެމެންގެ ގޭގައި ބަހަށްޓައިދިނުމަށް އެދިއްޖެއެވެ.
ކުއްލިއަކަށް މިވީ ކީއްބާވައެވެ! މިވެގެން އުޅޭ ގޮތެއް އަހަންނަށް އެނގުނީ މާފަހުންނެވެ. ޒުނައިރު އުޅޭ އޮފީހުން އޭނާ ކުއްޖަކާ ގުޅުން ހިންގީއެވެ. އެއީ ވަގުތީ ގުޅުމެއް ކަމުގައިވިޔަސް އެކަންތައް ގޯނިން ބޭރުވެ ޝަފީގާގެ ކަންފަތާ ހަަޔަށް ދިޔައީއެވެ.
ޝަފީގާ ހަމަ ވަގުތުން ޒުނޭރު ގޭން ބޭރުކޮށްލިއެވެ. ހަރުފައެއް ފައްސާލާހެން އަތުޖެހުނު އެއްޗަކުން ތަޅައި ކޮއްޕާ ފައްސާލިއެވެ.
ޒުނައިރު އައިއިރަކު އެކައްޗެއްވެސް ނުގެނެވެއެވެ. އޭނާގެ އަންނައުނު ކޮޅުގެ ތެރޭން އަތުޖެހުނު މަދު މިންވަރެއް ފިޔަވައެވެ. އޭނާ އައިސް ފިޔަ ބިނދިފައި އޮތް ކާޅެއްފަދައިން އަހަރެންގެ ގޭގެ ފެންޑާގައި ގޮދަޑިއެއް އަޅައިގެން އޮންނަން ފަށައިފިއެވެ.
މިވަގުތު އަހަރެން ޝަފީގާ ފެންނަ ހިސާބަށް ދިއުމަކީ އަދި މާ ނުރައްކާކަމެކެވެ. އެއީ ޝަފީގާއާއި އެކުޑަ ކުދީންކޮޅު އުޅޭނެ އެކަނިވެރިކަން ހިތަށް އަރާފައެވެ. އޭގެ މައްޗަށް އަހަރެންގެ ހިތުގެ ޖަޒުބާތު ގަދަވެ އަހަރެންގެ ސިކުނޑީގެ މައްޗަށް ބާރު ނުފޯރުވިދާނެތީެވެ.
އަހަރެން ޒުނައިރަށް ވިސްނާ ދިނީމެވެ. ކޮންމެ ވެސް ގޮތަކުން ޝަފީގާގެ ކިބައިން މައާފަށް އެދޭށެވެ. އޭނާ ރުހޭނެ ގޮތެއް ހޯދާށެވެ. ދެފައިގައި ހިފައިގެންނަމަވެސް އަލުން ޝަފީގާގެ ގާތަށް ދާށެވެ. ކުދީންނަށްޓައި ވެސް މެއެވެ.
ޒުނައިރުވެސް މިކަމާ ހިތާމަކުރިއެވެ. ޚިޔާލެއް ނެތި ކުރެވުނު އެންމެ ކުށެއްގެ ސަބަބުން އޭނާ މިވަނީ ފުނޑިފައެވެ. ހަސްނެތް ބާ ގޯނިގަނޑެއް ފަދައިން ހަފުސް ވެފައެވެ. ޝަފީގާއާ އަލުން ގުޅުން އުފައްދަން އޭނާ ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. އެންމެ ކުޑަމިނުން ދަރިންކޮޅު ލޮލަށް ވެސް ނުދެއްކިއެވެ.
އަހަރެންނާ ޝަފީގާއާ ދެމެދު ކިތަންމެ ގުޅުން ރަނގަޅު ނަމަވެސް މިވަގުތު އަހަރެން އެގެޔަށް ގޮސް ޒުނައިރުގެ މަތީން ވަކާލާތު ކޮށްދޭން ބޭނުމެއް ނުވިއެވެ. އަހަރެން ހަމަ އެނގޭކަމަކަށް ވެސް ނަހަދާ ހުރީއެވެ.
އެއްރޭ އިރާކޮޅު އަހަރެން ފެންވަރާ ނިމގެން ނުކުތްތަނާ ކުއްލިއަކަށް ޝަފީގާ ގުޅައިފިއެވެ. އަހަރެންގެ ގާތު އައިސްދޭށޭ ބުނެފިއެވެ. އަހަރެން ހިތަށް އެރިއެވެ. މިއީ ޒުނައިރާ އެކު ޝަފީގާ އަލުން ގުޅެން ފުރުސަތު ދޭން ވެގެން އަހަންނާ ގުޅަނީއެވެ. އަހަރެންގެ ޒުނައިރުގެ އެ މޮޔަ އަމަލަށް ޝަފީގާގެ ކިބައިން މާފަށް އެދޭނަމެވެ. އަދި މި ދެމެދު ސުލްހަ ކޮށްދޭނަމެވެ. އަހަރެންނާ ޒުނައިރުގެ ރަހުމަތްތެރި ކަމުގެ އަގު މިގޮތުން އަދާ ކޮށްދޭނަމެވެ.
އަހަރެން އެގެޔަށް ދާން ނުކުތް އިރަކު ޒުނޭރުއެއް ނެތެވެ. އަހަރެން ހިތަށް އެރީ ނުކުންނަ ނަތީޖާއަކުން ޒުނައިރަށް ގުޅާފައި އޭނާ އަލުން ޝަފީގާގެ ގާތަށް ފޮނުވުމަށެވެ. އެކަން ސަޕްރައިޒަކަށް ހެދުމަށެވެ. އެއީ ޒުނައިރަށް ލިބޭނެ ކިހާ ވަރެއްގެ ބޮޑު އުފަލެއްކަން އަހަންނަށް އިހުސާސްވާތީ ވެސް މެއެވެ.
އަހަރެން ދިއުމާއެކު އިޔާންއާއި އީލާ އައިސް އަހަރެންގައިގައި އޮޅުލައިގަތެވެ. “ބޭބޭ ބޭބޭ” ކިޔާފައެވެ. ހީވީ އަހަރެންގެ އަރުތެރޭގައި ކުންނާރެއް ތާށިވީހެންނެވެ. އަހަންނަށް ހިންވެސް ދިރުވައެއް ނުލެވުނެވެ.
ޝަފީގާވެސް އެކުދީންނާއެކު އައިސް އަހަރެންގެ ގައިގައި ބައްދައިގަތެވެ. “ރިޔާސް. ދެން ނުދޭ.”
ޝަފީގާ ކަރުނައާއެކު ބުންޏެވެ. “އަހަރެމެން އެކަނިވެރި ކޮށްފައި ނުދާތި.”
ކުއްލިއަކަށް އަހަންނަށް މިވަދެވުނީ ސިންގާ ކޮށްޓަކަށޭ އަހަންނަށް ހީކުރެވުނެވެ. އެ ދެކުދީންވެސް އަދި ޝަފީގާވެސް ދުރަށް ޖައްސާލާނެ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ. އަހަރެންޝަފީގާކިތަންމެ ބޭނުންވިޔަސް ކިތަންމެ ލޯތްބެއް ވިޔަސް މިއީ އަހަންނަކަށް ކެތްކުރެވޭނެ ކަމަކަށް ނުވިއެވެ. އަހަރެން ބުނީމެވެ. “ތިކަމުގައި އޮތް އެންމެ ރަނގަޅު ހައްލު މިއަކީއެއް ނޫން.”
އަހަރެން ޝަފީގާގެ މޫނުގައި ދެއަތުން ހިފަހަށްޓައި ދުރަށް ލީމެވެ. އަދި ނުހަނު މިންނަތުން ޝަފީގާ މަސަލަސް ކުރީމެވެ. އޭނާއަށް ވިސްނާ ދިނީމެވެ. އަންހެނަކު ކުރަން ހުރިއްޔާ ޒުނައިރު ނޫނަސް ކޮންމެ މީހަކުވެސް ގުޅުމެއް ހިންގާފާނެއެވެ. ޝަފީގާ ރަނގަޅަށް ވިސްނައިފިއްޔާ މިކަން އެނގެންވާނެއެވެ. “އަހަންނާ ޝަފީގާއަށް ވެސް އެފަދަ ކިތަންމެ ދަނޑިވަޅެއް އައެއް ނޫންތަ؟” އަހަރެން ހަނދާން ކޮށްދިނީމެވެ. ޝަފީގާވެސް އެކަމަކާ ދެބަހެއް ނުވިއެވެ. “އެންމެންނަކަށް އަހަރެން ކުރިވަރުގެ ހިތްވަރެއް ނުކުރެވޭނެ.” އަހަރެން ބުނީމެވެ. “ އަހަރެން ކުރަން ހުރި ނަމަ ޝަފީގާ ނުކުރާނެ ކަމެއް އޮންނާނެތަ؟ ޒުނައިރަށް ރޭކާވެސް ލާނެތަ؟ އަހަރެމެން ކަމެއް ހިންގައި އެކަން ފަޅާ އެރިނަމަ ޒުނައިރު ކަންތައް ކުރާނީ ކޮންގޮތަކަށްތަ؟ ޝަފީގާ ވަރިކޮށްފައި ހިނގައްޖެނަމަ ދަރީންނަށްޓަކައި ޒުނައިރު އަލުން ގެންނާކަށް ޝަފީގާ ބޭނުމެއް ނުވާނެތަ؟ “
ޝަފީގާވެސް އަހަރެން މިބުނި ވާހަކަތަކާ އެއްބަސް ވިއެވެ.
އެކަމަކު ޝަފީގާ އަހަރެން ދެކެ ލޯބިވާކަމަށް ފާޅުގައި ބުންޏެވެ. “އަހަރެންގެ ލޯބި ރިޔާސް ގަބޫލު ކުރަން އިންކާރު ކުރަނީތަ؟”
“ނޫން.”
އަހަރެން ޝަފީގާ އަތުކޮޅަށް ދުރަށް ޖައްސާލަމުން ބުނީމެވެ.
“އަހަރެން ޝަފީގާ ދެކެ ލޯބިވާކަން ގަބޫލު ކުރޭ. އަދި ޝަފީގާއަށް ދެރައެއް ނުދޭނެކަންވެސް ޔަގީން ކުރޭ. އަހަރެން ޝަފީގާގެ ލޯބި ހިތުގެ އަޑީން ގަބޫލު ކުރަން. އަހަންނަށް ތިޔަށް ވުރެން ލޯބިވާ މީހަކު މިހާތަނަށް ފެނިފައެއް ވެސް ނުވޭ.”
އަހަރެން އީލާ އުރާލުމާއެކު އޭނާގެ މަޑުފުށްގަނޑެއްކަހަލަ މޫނު އަހަރެންގެ މޫނުގައި ޖައްސާލައި ދޮނެއް ނެގިއެވެ. އެއީ ހަމަ ޝަފީގާގެ ސޫރައެވެ. ހަމަ އެމޫނެވެ. އަހަރެންގެ ދެފައިކޮޅުން ބާރު ދޫވެގެން ވެއްޓިދާނެޔޭ ހީވިއެވެ. އެކަން އެހިނގީ ހިނގަންނުވާނެ ދަނޑިވަޅެއްގައެވެ. އަހަރެން އަނެއްކާވެސް އަހަރެންގެ ބަލިކަށި ހިތުގެ މައްޗަށް ސިކުނޑީގެ ބާރުފޯރުވީމެވެ. އީލާ އަހަންނާ ވަކިކޮށްލައި ޝަފީގާގެ އަތަށް ދެވުނީވެސް އުނދަގުލުންނެވެ.
“ޝަފީގާ އަހަރެން ދެކެ ލޯބިވާ ނަމަ، އަހަރެން މިއެދޭ ކަންތަކަށް އާނއެކޭ ބުނޭ.”
ޝަފީގާ ހުރީ އަހަރެން އެދޭ ކޮންމެ ގޮތެއް ހަދަން ތައްޔާރަށް ކަން އެނގުމުން އަހަރެން ބުނީމެވެ. “އަހަރެންގެ ބަދަލުގައި ޒުނޭރު އަލުން އަނބުރާ ގެނޭ. އޭނާގެ ކުށަށް އެކަށީގެންވާ ސަޒާ އެވަނީ ލިބިފައި. އޭނާއަށް އެއް ފުރުސަތު ދީ.”
އަހަރެން ކައިރިއަށް ޖެހިލާފައި ޝަފީގާގެ ލޮލާ ލޯ ބައްދަލު ކުރީމެވެ. “މި ލޯބި ކުދީންނަށް އެކުދީންގެ ބައްޕަ އަނބުރާ ގެނެސްދީ.”
ޝަފީގާގެ ލޮލުން އޮހޭތަން ފެނުނީ އޭނާވެސް ގެނބެމުންދާ ޖަޒްބާތުގެ ކޯރުން ދެމިގެންދާ ކަރުނައިގެ ފައްވާރާއެކެވެ.
“ޝަފީގާއަށް އޭނާ ދެވަނަ ފަހަރަކަށް ބޭވަފާތެރި ވެއްޖެ ނަމަ ޝަފީގާ ބުނާކަށް ވެސް ނުޖެހޭނެ. އެދުވަހަކުން އަހަރެން ޝަފީގާގެ ގާތަށް އަންނާނަން. އަހަރެންގެ ލޯބި ޝަފީގާއަށް އަބަދުވެސް ލިބޭނެކަން ޔަގީން ކުރޭ.”
އަހަރެން ޒުނޭރަށް ގުޅައިގެން ގެނެސްފީމެވެ. އެކަނިވެރިވެފައިވާ އެދެކުދީންގެ ބައްޕަ އަލުން އެކުދީންނަށް ހޯދައިދިނީމެވެ.
އަހަރެންގެ ލޯތްބާއި އަހަރެންގެ ޖަޒްބާތު އަހަރެންގެ މޭތެރޭގައި ކަފުންކޮށް ވަޅުލައިފީމެވެ. ރަހުމަތްތެރިކަމުގެ އަގު ފުރިހަމަޔަށް އަދާކޮށްދިނީމެވެ. އެވަގުތު އަހަރެން މިވީ ގުރުބާނީއަކީ އަހަންނަށް ދުވަހަކުވެސް ލިބޭނެ އެންމެ މަތިވެރި އުފާ ކަމުގެ އިހްސާސް އަހަންނަށް ކުރެވިގެން ދިޔައެވެ. އަހަރެންގެ އެތެރެހަށި ފުނޑުފުނޑުވެ ޗިސްވެފައި ވީއިރު ވެސް މެއެވެ.
ނިމުނީ.