މި ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވުން ނޫން ގޮތެއް ނެތެވެ. އެއީ ހަމަ އެކަނި އަހަރެންގެ އުފަލަށް ޓަކައެވެ.
އަހަރެންގެ ހަޔާތުގެ މި ފަސާނާ ފެށޭކަށް ނުޖެހެއެވެ. އަދި އަމުދުން ނިމޭކަށް ވެސް ނުޖެހެއެވެ. ނުނިމި އޮތީ އެހެންވީމާ ކަމަށް ވެދާނެއެވެ.
އަހަންނާ ޒާރާގެ އާއިލާ އަކީ ފެށުނީއްސުރެންވެސް އެކީގައި އުޅެމުުންދާ ދެއާއިލާއެވެ. ތިމާގެ ކަމެއް ނެތަސް ރައްޓެހިކަމުގެ ގުޅުންވެސް ތިމާގެ ކަމެކޭ އެއްވަރަށް ބަދަހި ވެދާނެކަން މިއަދު ވިސްނާލީމާ އަހަންނަށްވެސް އެނގެއެވެ. އަހަރެމެންގެ ދެއާއިލާ އެއްބަނޑު އެއްބަފާ ފަދައެވެ. އެހެންކަމުން އަހަންނާ ޒާރާވެސް އެންމެ ކުޑައިރުން ފެށިގެން އުޅެމުން ދިޔައީ އެކުއެކީގައެވެ. ނާސަރީން ފެށިގެން ސްކޫލުން ނިމެންދެންވެސް މެއެވެ.
އަހަރެމެންގެ ގެ ހުންނަނީ ފަސްމިނިޓް ތެރޭގައި ހިނގާފައި ދެވޭ ހިސާބުގައެވެ. ދެ އަވަށެއް ނަމަވެސް ދުރެކޭ ނުބުނެވޭނެއެވެ. ޒާރާއާއެކު އަހަރެން އެގެޔަށް ގޮސް އުޅޭއިރަކު އަދި އަހަރެންގެ ގެޔަށް ޒާރާ އައިސް އުޅޭ އިރަކު މިއީ ދެއާއިލާއެއްގެ ދެކުދީން ކަމަކަށް ދުރުން ބަލާބަޔަކަށް ފާހަގައެއް ނުކުރެވޭނެއެވެ.
ޒާރާގެ ބޭބެއާ އެކު އަހަރެން އުޅޭ ވަގުތަށް ވުރެން ޒާރާއާއެކު ހޭދަ ކުރެވޭ ވަގުތު ގިނަކަން އަހަންނަށް ފާހަގަ ކުރެވުނެވެ. މި ގާތްކަން މިހާ ބޮޑު ނަމަވެސް އަހަރެމެންގެ ދެމެދުގައި އިޝްގީ ލޯތްބެއްގެ ކުޑަވެސް ޖަޒްބާތެއް އުފެދިފައެއް ނުވެއެވެ. މިހެން އެވަނީ ތިމާގެ ގޮތުގައި ކުޑައިރުން ފެށިގެންވެސް އުޅެމުންދާތީ ކަމަށް ވެދާނެއެވެ.
އަހަރެން އެހެން އަންހެން ކުދިންނާ މައްލަވަކޮށް ހަދާއިރުވެސް ޒާރާއަކަށް އުނދަގުލެއް ނުވެއެވެ. ޒާރާވެސް އޭނާގެ ރައްޓެހި ކުދީންނާ އަހަރެން ގުޅުވަން އެހީތެރިވެދީ ހަދައެވެ. ހަމަ އެގޮތަށް ޒާރާއަށްވެސް އަހަރެންގެ ރައްޓެހި ފިރިހެން ކުދީން ތައާރަފް ކޮށްދޭން މަސައްކަތް ކުރަމެވެ. އަހަރެންގެ އުމުރުން ވިހިއަހަރަށް ފެށުނު އިރު ޒާރާއަށް ކިރިޔާ އަށާރަ ފުރުނީއެވެ. ޒާރާ ބޭނުންވަނީ ދުވަސްކޮޅަކު މުޅީން ހުސްކޮށް ހުރެލުމަށެވެ. އެހެންނަމަވެސް އަހަރެން ބޭނުންވީ ވީ އެންމެ އަވަހަކަށް ކުއްޖަކާ ގުޅިގެން އުޅޭށެވެ.
އަހަރެން ރައްޓެހިވީ ޒާރާގެ ބެސްޓް ފްރެންޑާއެވެ. އެއީ ދުރު އަވަށެއްގެ ކުއްޖެކެވެ. އެހެންކަމުން މަދުން ނޫނީ ބައްދަލެއް ނުވެއެވެ.
އެއާ ޚިލާފަށް ޒާރާއަކީ އަހަރެންގެ ހިޔަންޏެވެ.
އަހަރެމެން އާއިލާ ކޮންމެ ބަންދެއްގައި އެކީގައި ދަތުރު ދާނެއެވެ. މިއީ ފެށުނީއްސުރެން އާދައެކެވެ. އަހަރެމެން ގިނައިން ގޮސް އުޅޭނީ ހުރާ ގަނޑަށެވެ. އެތާގައި ކުޑަވަރެއްގެ ހަރުގެއެއްވެސް ދަތުރުވެރީންނަށް ޚާއްސަކޮށްގެން ހަދާފައި ހުރެއެވެ.
މިބުނާފަހަރު އަހަރެމެން ދަތުރު ދިޔައިރަކު ވިއްސާރައިގެ ކުޑަވެސް އަސަރެއް ނެތެވެ. އެކަމަކު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ހަމަ ކުއްލިއަކަށްހެން އޮއްސާލިއެވެ.
އަހަރެމެން އެންމެންވެސް ކެއުމުގެ ފަހުން އެންމެ ފަސޭހައިން ލިބުނު ޖާގައަކަށް ވަދެއްޖެއީމެވެ.
ގޮދަޑިތައް އެތުރިފައި ހުރި ގޮތުން ޒާރާ އާ އެހެން އަންހެން ކުއްޖަކަށް ވަކި ގޮދަޑިއެކެވެ. ދެން ގޮސް ތިބި އެހެން މީހުންނަށްވެސް ކޮންމެވެސް ގޮތަކަށް ގޮދަޑިތައް ވަނީ ބަހާލެވިފައެވެ. ކަން ދިމާކުރި ގޮތުން އަހަންނަށް ވަކި މީހަކާ ޝެއާ ކުރާކަށް ނުޖެހުނެވެ. ޒާރާގެ ބޭބެއާ އަދި ވެސް އެހެން ކުއްޖަކަށް ވަނީ ގޮދަޑިއެއް ހަމަ ޖެހިފައެވެ.
އާންމު ގޮތެއްގައި ރޭގަނޑު މިތަނުގައި ދިއްލާފައި އޮންނާނީ ފާނޫޒެކެވެ. ކަރަންޓް އަލީގައި އުޅެ އާދަވެފައިވާތީ މި ބައްތި ހިމެނެނީ ނިދާ ބޮތްކެއް ކަމުގައެވެ.
މުޅި ދުވަހު ސަކަރާތުގައި އުޅެފައި ކޮންމެ މީހަކުވެސް ވަނީ ނުހަނު ބޮޑަށް ވަރުބަލިވެފައެވެ. އެހެންކަމުން ނިދޭކަށް އިރެއް ނުނެގިއެވެ. އެކަމަކު ނިދާފައި
ގިނަ އިރަކު ނުވެސް އޮވެވުނެވެ. ހޭލެވުނީ ކޮންމެވެސް މީހަކު އަހަންނާ އެކު ގޮދަޑި ޝެއާ ކުރާކަން ފާހަގަ ވެގެންނެވެ. ފާނޫޒްގެ އަލި ކިތަންމެ ފަނޑަކަސް އެއީ ކާކުކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.
ޒާރާ އޮތީ ނިދާކަށް ނޫނެވެ. އަސްލުގައި އޭނާ އުޅެގެން އަހަރެން ހޭލައްވާލީއެވެ.
ޒާރާގެ މިހާ ގާތްކަމެއް އަހަންނަށް އިހުސާސް ކުރެވުނު ފުރަތަމަ ފަހަރަކީ މިއީއެވެ. އަދި މިއީ އެހެން އަންހެން ކުއްޖަކާވެސް މިހާ ބޮޑު ކައިރިކަމެއް އިހްސާސްވި ފުރަތަމަ ފަހަރެވެ. ޒާރާ އެއް އުނދަގުލަކަށް ފަހު އަނެއް އުނދަގުލެއް ކުރަމުން ދިޔައެވެ. އެއްފަހަރު ފައިގައި ވިކިއްޔާ އަނެއްފަހަރު އަތުގައެވެ. އޭނާގެ ބޭނުމަކީ އަހަންނަށް ނިދުނަ ނުދިނުންކަން އަހަންނަށް އެނގެއެވެ.
އޭރު މުޅިތަން އޮތީ ނިދާ މަރުވެފައެވެ. އަހަރެމެން ތިބި ތަންވެސް ތަންކޮޅެއް އެކަހެރިއެވެ. ފާނޫޒުގެ އަލި ރީއްޗަކަށް އަހަރެމެންނަކަށް ނޭޅެއެވެ. އެހެން ކަމުން މިވަގުތު ހިމެނުނީ އަހަރެމެން ހިތަކަށް ލިބުނު ޚަޒާނާއެއް ކަހަލަ ވަގުތަކަށެވެ.
ޒާރާގެ މި ގާތްކަމާ ސަކަރާތަކީ އަހަންނަށް މުޅީން އާ އެހެނަސް ނޭގޭ ބާވަތެއް އުފަލަކާ އަރާމެއް ހިތަށާ ނަފްސަށް ގެނެސް ދިން ކަމެކެވެ. ހިނދުން ހިނދަށް އާދެވެމުން އައީ ކައިރިއަށެވެ. ދުރަށް ޖެހޭނެ ޚިޔާލެއް ހިތްވަރެއްވެސް ނެތީމައެވެ.
ޒާރާއާ އަހަރެންގެ މިއާ ގާތްކަން ރައްޓެހިކަމުގެ ގުޅުން ފަހަނަޅައި ދާކަށް ގިނަ އިރެއް ނުވެއެވެ. އެންމެ ފަހުން ދެމީހުންއެކުވެ އޮޅި ލާ މެހިފައިވާ ވަރުން އެކަކު އަނެކަކު އޮޅުން ފިލުވަންވެސް އުނަގޫވާވަރަށް ބޮނޑިވެ މަސްހުނި ވެއްޖެއެވެ.
އިރު އެރުމާ އެދެމެދު ހިނގި ވަގުތުކޮޅު ކުރުކަން އެއީ ނަސީބު ކަމެއް ނުވަތަ ބަދުނަސީބު ކަމެއް ނޭނގެއެވެ. ހަމަ ގައިމު އެއަކަށް ވުރެން ބޮޑު އަރާމެއް ލައްޒަތެއް ލިބުނު ރެއެއް އަހަރެންގެ މި ކުރު ހަޔާތުގައި ދިމާ ވެފައެއް ނުވެއެވެ.
އިރު އެރީ ސާފު ރީތި ދުވަހަކަށެވެ. އަހަރެމެން އެންމެން ދަތުރުގެ މަޖާ ކަމާ ކުރިމަތި ލުމަށް ނުކުމެއްޖެއީމެވެ.
އެރޭ އެހިނގި ކަމެއް އަހަންނާ ޒާރާ ނޫން އެކަކަށްވެސް ކުޑަކޮށްވެސް ރޭކާއެއް ނުލައެވެ. އަމުދުން ދެފަރާތުގެ އާއިލާއަށް ޝައްކެއްވެސް ނުކުރެވެއެވެ.
ޒާރާގެ ކުޅަދާނަ ކަމަކީވެސް އެއީ އެވެ. އޭނާގެ މޫނުމައްޗަކުން ކަމެއް ހިނގިކަން އަހަންނަކަށް ވެސް ނުދެއްކިއެވެ. ޚުދު އަހަންނަށް ވެސް އެކަން އޮޅޭ ވަރު ވިއެވެ.
ދަތުރު ނިމި އާދައިގެ ދިރިއުޅުމަށް އަހަރެން އެނބުރިގެންފީމެވެ. ޒާރާ ހަމަ އެހެންޏާވެސް އުޅޭ ގޮތަކަށް އުޅެމުން ދިޔައެވެ. އެގާތްކަން ހަމަ އެގޮތުގައި ބާއްވަމުންނެވެ.
ދެމީހުން ކުރެ އެކަކުވެސް އޭގެ ފަހުން އެހާދިސާގެ ވާހަކައެއް ނުދައްކަމެވެ. ދައްކާނެ ވާހަކައެއް ނުވެސް ނެތް މެއެވެ. ވިޔަސް އަހަރެންގެ ހިތުން އެ ހަނދާނެއް އެއިހުސާސްތަކެއް ހަމަ ހިނދުކޮޅަކަށްވެސް ފިލައިގެންނެއް ނުދެއެވެ. އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އަޅެ ޒާރާއަކަށް އެއީ ހަމަ އެއްވެސް ކަމަކަށް ނުވަނީ ބާވައެވެ. ކޮންމެވެސް ގޮތަކުން އެކަން ހަނދާން ހުރިކަން އަންގާނުލާ ހުރެވެނީ ކިހިނެއް ބާއެވެ.
މި ސުވާލު ކުރަން ކިތަންމެ ފަހަރަކު އަހަރެން ހިތަށް އެރި ނަމަވެސް އެކަމަކަށް އެކަށީގެންވާ ފުރުސަތެއް ނުލިބުނެވެ. އެގޮތުގައި އެ އަހަރު ވޭތިވީ އިރު އަހަރެންވެސް އަހަރެންގެ ބިޓްއާ ގުޅުން އިތުރަށް ބަދަހިކޮށް ކާވެންޏާ ދިމާއަށް ކުރިޔަށް ހިނގަމުން ދިޔައިމެވެ.
ޒާރާވެސް ވަޒީފާއަކަށް ނުކުމެއްޖެއެވެ. މަދުން ނޫނީ އަހަންނަކާ ބައްދަލެއް ނުވެއެވެ. އަހަރެމެންގެ ދެއާއިލާގައިވެސް ދަތުރުދާން އުޅޭ ކުޑަކުދީން ނެތުމާއެކު ކުރީގައި ދަތުރުގޮސް މަޖާ ކުރާ ގޮތަކަށް އެކަންތައް މިހާރަކު ކުރަމުންނެއް ނުގެންދެއެވެ. ވިޔަސް ގޭގައި ކެއުމެއް ޕާޓީއެއް ހަފްލާއެއް އޮވެއްޖެއްޔާ ދައުވަތު ދޭކަށް ނުޖެހެއެވެ. އަހަރެމެން އެންމެން އެކަމުގައި ބައިވެރިވަމެވެ.
މިހެން މިކަން އޮތަސް އަހަންނަށް ޒާރާގެ މަތީން ޚިޔާލު ނުކުރެވޭ ހިނދުކޮޅެއް އަދިވެސް ނާދެއެވެ. އެރޭގެ އެހާދިސާ ހީވަނީ އަދިވެސް ލޯމަތީގައިވެސް ތަކުރާރު ވަމުން ދާހެންނެވެ. އެނާގެ ނޭވާގެ ހޫނުކަމެވެ. އިސްތަށިގަނޑުގެ މީރުވަހެވެ. ހަށިގަނޑުގެ މަޑު ބީހިލުންތަކެވެ. އިނގިތަކުން ކުރި ސަމާސާތަކެވެ. މި އަޖައިބެއްކަހަލަ އިހްސާސްތައް ޒާރާއަށް ފަހެ ނުކުރަނީ ހެއްޔެވެ؟ މިއަދުވެސް އޭނާ ބޭނުންނަމަ އެފުރުސަތު އަލުން ހޯދިދާނެއެވެ. އެ މާމުއިގެ ލައްޒަތު އަލުން ރަހަބަލާލެވިދާނެއެވެ. ކުރިޔަށް ވުރެންވެސް މިނިވަން ކަމާއެކުގައެވެ.
އެއީ އަހަންނާ ސަދާގެ ކާވެނި ކުރެވުނު ރެއެވެ. އަހަރެމެން ތިބީ ޕާޓީގެ ކަންތައް ނިންމާލެވުނު އިރު ވަރުބަލިވެގެން ހާންތިވާ ވަރުވެފައެވެ. އަހަރެމެން ބެލީ އަވަހަށް ނިދާށެވެ.
ސަދާ އަދި އަހަންނަށް ވުރެން މާ އަވަހަށް ނިދި މަރުވެއްޖެއެވެ. ކާވެނީގެ ފުރަތަމަ ރޭ ކަމުގައި ވިޔަސް ދެލޯ ހުޅުވޭ ވަރަށް ވުރެން އައިސްފައިވާ ނިދި ގަދައީއެވެ. އަހަރެންވެސް ކޯޓްފަޓްލޫނުގައި ނެތް ނަމަ ހެދުން ބަދަލުވެސް ނުކުރީމުހެވެ. އެހާވެސް ވަރުބައްޔެވެ. އެނދުމައްޗަށް ވެއްޓިގަތް އިރަކު ނިދާ ބޮކި ދިއްލާކަށް ވެސް ހަނދާނެއް ނުވިއެވެ.
އަހަންނަށް ހޭލެވުނީ ކުރީރޭގައި ޒަރާގެ އިސްތަށިގަނޑުން ދުވިކަހަލަ މީރުވަހެއް ދުވާހެން ހީވެގެންނެވެ. ސަދާ އޭރު އަހަރެންގެ ގައިގެ މަތީގައި ކަހަލަ ގޮތަކަށް އޮށޯވެ އޮތެވެ. ސަދާ އަކީ ޒާރާގެ ބެސްޓް ފްރެންޑު ވުމުން ދެމީހުން ވެސް އެއް ޝޭމްޕޫއެއް ބޭނުން ކުރަނީތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަދި އެ ޝޭމްޕޫ ނުވަތަ ސެންޓުވަސް އެއްގޮތްވުން އެކަންޏެއް ވެސް ނޫނެވެ. ހަށިގަނޑުގެ މަޑުކަމާއި ހޫނުކަންވެސް ހަމަ ޒާރާއެކޭ ތަފާތެއް ނުވިއެވެ. މިކަމުން އަދި ވަކީން ބޮޑަށް ޒާރާގެ މަތީން ހަނދާންވެ ސަދާއާއެކުވެ ލާމެހިގެން ދިޔައެވެ. އަހަރެމެން ދެމީހުންވެސް އެކަކު އަނެކަކާ އެކަތިގަނޑެއް ފަދައިން ބޮނޑިވެ އޮޅިގަނެގެންފީމެވެ. އިނީ ސަދާއާ އެވެ. އެނދުގައި މިއޮތީ ޒާރާއާއެވެ. ހަމަ ކުޑަވެސް ތަފާތެއް ނެތީއެވެ.
އެއީ ކާވެނީގެ ފުރަތަމަ ރޭ ކަމުން އެފަދަ ދެވަނަ ރެއެއް ނާންނާނެ ފަދައަކުން އަހަރެމެން ދެމީހުންވެސް އުފާވެރިކަމުގެ އިންތިހާއާ ހަމަޔަށް ދިޔައިމެވެ. މިނިވަންކަމާއެކު އެވެ. ހުއްދަ އޮވެގެންނެވެ. ފަތިސްވެ އަލިވުމާ ޖެހެންދެންވެސް ދެމީހުން ތިބީ ހަމައެފަދައިން އޮޅާލެވިފައިވާ ވަލެއްހެންނެވެ. ދަތުރުދިޔަރޭގައި ޒާރާއާ އަހަރެން އޮޅާލެވިގެން ތިބި ފަދައިންނެވެ. އަހަރެންގެ ލޮލަށް ނިދީގެ ބަރުދަން އިތުރުވަމުންގޮސް ޒާރާއާއެކު އެހޭދަވި ފޮނި ލައްޒަތު އެކުލެވޭ ހިނދުކޮޅު މެދުކެނޑިގެން ދިޔައެވެ. އެއީ ޒާރާހެއްޔެވެ؟ ނުވަތަ ސަދާހެއްޔެވެ؟ އެސުވާލު ސުވާލެއްގެ ގޮތުގައި ބޭއްވުން ނޫން ގޮތެއް ނެތެވެ.
ސަދާ ހެނުދުނު ތައްޔާރުވެލައިގެން އައިސް އަހަންނަށް ގޮވި އިރުވެސް އަހަރެން އޮތީ ހަމަ ގަދަ ނިދީގައެވެ. އަހަރެން މޯޅިއަކަށް ދެމިލާފައި ސަދާ އަހަރެންގެ ގައިމައްޗަށް ވައްޓާލީމެވެ. އޭނާ މިއަދު ޖަހާފައި ހުރީ މުޅީން އެހެން ސެންޓެކެވެ. އަދި ހަށިގަނޑުގެ މަޑުކަންވެސް ރެޔާ ތަފާތު ކަމަށް އަހަންނަށް ފާހަގަ ވިއެވެ.
“ސަދާ ރޭގައި ޖަހާފައި ހުރީ ކޮން ކަހަލަ ސެންޓެއް. “ އަހަރެންނަށް އަހާލެވުނެވެ.
“ރޭގައި ވެސް ހަމަ މި ސެންޓް. “ އޭނާ ބުންޏެވެ. “އަހަރެން އަތަކު އެހެން ސެންޓެއް ނުވެސް ހުންނާނެ.”
“އެކަމަކު އަހަންނަށް ރޭގައި ދުވީ ޒާރާ ޖަހާ އުޅޭ ކަހަލަ ސެންޓެއް ނޫނީ ޝޭމްޕޫއެއްގެ ވަސް.” އަހަރެން ހައިރާން ވެފައި ބުނެލީމެވެ.
“ޝުވީޒް ރޭގައި އައިގޮތަށް ނިދީނު. ސެންޓެއްގެ ވަސް ބަލާލާނެ ވަގުތެއް ވިތަ؟ ކާވެނީގެ ފުރަތަމަ ރޭކަމެއްވެސް ހަނދާނެއް ނެތެއްނު؟” ސަދާގެ ރާގުގައި ހުރީ ޝަކުވާއެވެ.
“ކީކޭ. “ ރެޔަކު ވަގުތެއް ނުވެެއޭތަ؟ “އެހުރިހާ އިރަކު އޮތީ ވަސް ބެލުން ނޫން ކޮން ކަމެއްތަ؟” އަހަރެންވެސް ސަމާސާ ގޮތަކަށް ރޭގެ ހިނގި ކަންތައް ހަނދާން ކޮށްދިނީމެވެ.
“ކިހިނެއް ތިހެން ވާނީ؟ އަދިވެސް ތިޔަ އޮތީ އެނދަށް އެރި އިރު ލީ ޕިޖާމާގައެއް ނު؟”
އަހަރެން ސަދާ މިބުނި އެއްޗެއްގެ ތަފްސީލު އިތުރަށް އޮޅުން ފިލުވީމެވެ. ރޭގައި އެހިނގި ހާދިސާގެ އެއްވެސް ކަމެއް ސަދާއަށް އެނގުމެއް ނެތްކަން އަހަންނަށް ގަބޫލުކުރަން ދަތިވިއެވެ. އެއީ ސަދާ ނޫންނަމަ ދެން ކާކު ހެއްޔެވެ؟ ޒާރާއަކަށް ރެޔަކު މިކޮޓަރިއަކަށް ވަދެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
އަނެއް ދުވަހު އެންމެ މުހިންމު ކަމަކަށް އަހަރެން ބެލީ އަވަސް ގޮތަކުން ޒާރާއާ ގުޅާލުމަށެވެ.
ޒާރާވެސް ރޭގައި އަހަރެމެންގެ ޕާޓީގެ ކަންތައް ކޮށްދޭން އުޅެފައި ގޮސް އޮތީ ނިދާފައެވެ. އަހަރެން ސުވާލު ކުރިވަރަކަށް އޭނާއަށް ދިޔައީ ހައިރާންކަން ލިބެމުންނެވެ. އެންމެ ފަހުން އަހަރެން ދަތުރު ދިޔަ ރޭގެ ކަންތައް ދިޔަ ގޮތް އޭނާގެ ހަނދާނުގައި ހުރިވަރެއްވެސް އަހާލީމެވެ.
ޒާރާއަކަށް އެރެއަކު އެއްވެސް މުހިންމު ހާދިސާއެއް ހިނގިކަމުގެ ހަނދާނެއް ނުވިއެވެ. އަހަރެން ތަފްސީލް ދިން ވަރަކަށް އޭނާގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ. ވިޔަސް އަހަރެންނަށް އެކުރެވުނު ފޮނި ތަޖްރިބާއާ އިހްސާސްތަކަކީ އަހަރެންނަށް ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލެވޭނެ ކަމެއް ނޫނެވެ. އެއީ ހަގީގަތެއް ނަމަވެސް ނޫން ނަމަވެސް އެންމެ ރަނގަޅެވެ. އެވަރުގެ އުފަލެއް އަރާމެއް އަހަންނަކަށް ދުވަހަކުވެސް ލިބިފައެއް ނުވެއެވެ.
އެފަދަ ވަގުތެއް އަލުން އައުމަށް އިންތިޒާރު ނުކުރެވޭ އެންމެ ރެއެއްވެސް ނާދެއެވެ. އެހެންކަމުން މި ފަސާނާއަކަށް ނިމުމެއް ނެތެވެ.