English Edition
Dhivehi Edition

ދީނާ އެކަނި ހުންނަ ވަގުތު ސިއްރު ސިއްރުން އައިސް ސިއްސާލުމަކީ ނަވީގެ އާދައެކެވެ. ސިއްސައިގެން ގޮސް ދީނާގެ އަތުން އެއްޗެއް ވެއްޓިއްޖެނަމަ އަދި މާބޮޑަށް ނަވީ ހޭނެއެވެ. މިކަންތައް އެންމެ ނުރައްކަލީ ބަދިގޭގައި އޭނާ އުޅޭ ވަގުތު އެވެ.

ދީނާ އާ ނަވީ އެކަކު އަނެކެކަށް ނުދަންނަ އިރެއް ނާދެއެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އައީ އެކުގައި އުޅެމުންނެވެ. ނަވީ އުޅުނީ އީޕީއެސްގައެވެ. ދީނާ އަމީނިއްޔާގައެވެ. ވިޔަސް ނަވީ އަކަށް ސްކޫލް ނިންމައެއް ނުލެވުނެވެ. ހާލަތު އޭރު ހުރިގޮތުންނެވެ.

ދީނާއަށް ސްކޫލް ނިމުމާއެކު ވަޒީފާއެއް ލިބިއްޖެއެވެ. އަންހެން ކުއްޖެއްކަމުން މައިންބަފައިން ބޭނުންވީއެގޮތެވެ. ނަވީ ވެސް ކޮންސްޓަކްޝަންގެ ކުންފުންޏެއްގައި އުޅެން ފަށައިފިއެވެ.

ސްކޫލް ނިންމުމަށްފަހު ވަޒީފާއަކަށް ނުކުތުމާއެކު އެންމެންގެ ފުރަތަމަ ސުވާލަކަށްވާނީ “ކޮބާ ބިޓެއް ނަގާނީ ކޮން އިރަކުންހޭ” ނޫނީ އަދިވެސް ހުސްކޮށް ތިހުންނަނީ ކީއްވެގެންހޭ،” މިކަހަލަ ކޮންމެވެސް ސުވާލެކެވެ. ދީނާއާ ނަވީ ބިޓެއްގެ ގޮތުގައި އެކީގައި އުޅެމުންނެއް ނުދެއެވެ. ވިޔަސް ދީނާގެ ހުރީ ހަމަ އެކަނި ނަވީ ކަމަށް އޭނާ އަންނަނީ ދެކެމުންނެވެ.

ނަވީގެ އެންމެ ރަނގަޅު ސިފައަކީ ތެދުވެރިކަމެވެ. އެއްކަމަކަށްވެސް އަރާ ހުއްޓެކޭ ބުނެވޭކަށްނެތެވެ. ރީއްޗޭ ދިގޭ ދޮނޭ ކިޔާނެ ބޭނުމެއް ނެތެވެ. އޭނާއަކީ ވެސް ދިވެހި އެހެނިހެން މީހުންކަހަލަ އާދައިގެ މީހެކެވެ. ގައިމުވެސް ހުތުރެކޭ ހިތްކެކޭ ކަޅެކޭ ނުބުނެވޭނެއެވެ. ގައިމުވެސް އޭނާއަކީ ގައިގައި ވަރު ހުރި އުފާވެރި މިޒާޖެއް ހުންނަ މީހެކެވެ.

ދީނާއަށް އެވަރުން ފުދެއެވެ. މުއްސަނދިކަމާ ގަދަރާ މަގާމަކީ އޭނާއަކަށް މުހިންމު އެއްޗެއް ނޫނެވެ. ވަފާތެރިކަމުން ފުދެއެވެ.

ނަވީ އައިސް ވަދެލާނީ މަދުފަހަރަކުއެވެ. ބިޒީއެއްގެ ބަހަނާއެއް ނޯންނާނެއެވެ. ވަދެ ބަދިގެތެރެއިން އަނގަޔަށް ހެޔޮވަރުކޮށްލާނެ އެއްޗެއް ފެނޭތޯ ހޯދާނީއެވެ. އެއްޗެއް ލިބިއްޖެއްޔާ ނިކަން އަވަހަށް ދާނެއެވެ. ކޮންމެހެން ބިޓުވެގެން އެކަނި ވަގުތު ހޯދައިގެން ކޮޓަރިތެރެއަށް ވަދެ އޮންނާކަށް ނޫޅޭނެއެވެ. މިއީ އާގޮތެއް ކަމަށް ވެދާނެއެވެ. އެކަމަކު ދީނާއަށް މިގޮތް މާ ކަމުދެއެވެ.

އެއްރެއަކު ނަވީ ހަމަ ކުއްލިގޮތަކަށް ދެތިން މީހުން ގޮވައިގެން އައިސް ބައްޕަގެ ގާތުން ވަލީ ހޯދައި ރަން ކިޔުއްވާ ހަދާފައި އޭގެ އަނެއް ރެއަށް ކައިވެނި ކުރުން ހަމަޖައްސައިިފިއެވެ.

ކޮންމެހެން ގޮތެއް ދައްކާކަށް ޕާޓީއެއް ބާއްވާކަށް މަޝްވަރާއެއް ކުރާކަށް އިޝްތިހާރެއް ކުރާކަށް ނަހަދައެވެ. ގޭގައި ކާވެނިކޮށް ނިމުނީމާ އައިމީހުންނަށާއި ގާތްތިމާގެ މީހުންނަށް ކުޑަ ސަޔެއް ހަދާލައިގެން ނިންމާލިއެވެ.

އަހަރުވެގެން ދިޔައިރުވެސް ކާވެނީގެ ޚަބަރު ނޭގޭ މީހުން ތިއްބެވެ. އެއަކީ ދީނާއަކަށް މައްސަލައަކަށް ނުވެއެވެ. އަމުދުން ނަވީ އަންގާކަށްވެސް ބޭނުމެއް ނުވެއެވެ.

ނަވީއާ ދީނާ ވަކިން ދިރިއުޅޭނެ ތަނެއް ހަދައިގެން އުޅެމުން ދެއެވެ. އެއީ ކުޑަތަނެއް ކަމުން އިތުރު މީހަކު ގެންގުޅެވޭނެ ގޮތެއް ނުހުރޭމެއެވެ. އެހެންކަމުން ފުރަތަމަ ގެޔަށް އާދެވޭ މީހަކު ކައްކަނީއެވެ. ނަވީއަކީ ގިނަ ކަންތަކެއް ދަންނަ މީހެއްކަމުން ނިކަން ރަނގަޅަށް ކައްކަންވެސް އެނގެއެވެ. މިގޮތް ދެމީހުންނަށް ނިކަން ކަމުދެއެވެ. ވިޔަސް ދީނާ ދަންނަ މީހެއްނަމަ މިދިރިއުޅުމުގެ ވައްޓަފާޅިއަށް ފާޑު ކިޔާހަދައެވެ. އެހެން މީހުންގެ ތަނަވަސް ކަމާ ދިރިއުޅުން ކުރިއަރާފައިވާ ވަރުގެ ވާހަކައެވެ. ސައިކަލެއް ނުވަތަ ކާރެއް ނުގެންގުޅޭ ވާހަކައެވެ. ތެދެކެވެ. ނަވީ އުޅޭނީ ގިނައިން ހިނގާފައެވެ. އަވަހަށް ތަނަކަށް ދާން ނޫނީ ބައިސްކަލަށް ނުވެސް އަރާނެއެވެ. އެވެސް ގިނަފަހަރު ހުންނާ ފުރޮޅުން ވައިގޮއްސައެވެ. ދީނާއަކަށް އޮފީސް ދުރެއް ނޫނެވެ. އާދައިގެވަރަކަށް ހިނގާފައި ދިޔަޔަސް ދިހަވަރަކަށް މިނިޓުން ދެވެއެވެ. އެކަމަކު ވިއްސާރައްޔަކާ ހިނގާފަ ދާކަށް ފަސޭހައެއް ނުވެއެވެ. ކުޑައެއް ނަގައިގެން ދެވޭވަރުވާނަމަ ދީނާ ޓެކްސީއަކަށް އަރާކަށް ނޫޅެއެވެ. ސައިކަލެއް ގަނެވިދާނެއެވެ. އެކަމަކު ނަވީ ނުއެއް ދުއްވާނެއެވެ. ދީނާ ދަސްކުކުރާކަށް ވެސް ބޭނުމެއް ނުވެއެވެ.

ނަވީ ގެޔަށް އާދެވުމުން މިހާރަކަށް އައިސް ގިނައިން އުޅޭނީ އޭނާ ހަދާ ކޯހުގެ ފިލާވަޅުތައް ހެދުމަށެވެ. އެކަން މިހާރު ދީނާއަށް ބޮޑުވެސްވާން ފަށައިފިއެވެ. އުޅެނީ ދެމީހުން އެކަންޏެވެ. އެކަކު އެކަންޏަކު ވާހަކަ އެއް ނުދެއްކޭނެއެވެ. ދުވަހުގެ ހުރިހާ ހައިޖާންތަކެއްގެ ފަހުން އެކަކުއަނެކަކަށް އުފަލާއެކު ވާހަކަ ދައްކައި ވިސްނުމަށް އަންނަ ވާހަކަތައް ހިއްސާކޮށްލަން ވަގުތު ހޭދަކޮށްކޮށްލަން ދީނާ ބޭނުންވެއެވެ. އަބަދަކު ވާހަކަފޮތެއް ނުކިޔޭނެއެވެ. ލޮލަށް ވެސް އަރާމު ދޭން ބޭނުންވެއެވެ. އަދި މިހާވަރަކުންވެސް ނުނިމެއެވެ. އެނދުގައި އަހަރެމެންގެ ދެމެދުގައި އަދި ދެމީހަކަށް އޮވެވޭނެހާ ޖާގަވެސް ހުންނަން ފަށައިފިއެވެ. މިހެން މިކަންތައް ވާން ފެށުމުން ނަވީއާ މިވާހަކަ ދައްކަން ދީނާ ވިސްނަން ފަށައިފިއެވެ. ވިޔަސް އެކަމަކަށް ދަނޑިވަޅެއް ނާދެއެވެ. ނަވީގެ ކިޔެވުމަކަށް ދީނާ ހުރަހެއް އަޅާކަށް ބޭނުމެއް ނުވެއެވެ. މިއީ ނިމުމެއް ނެތް ކޯހެކޭ ވެސް ދީނާއަށް މިހާރު ހީވާން ފަށައިފިއެވެ.

އެރޭ ކަރަންޓް ކެނޑޭނެކަން ކުރީގައި އޮތީ އެނގިފައެވެ. އެހެންވެ ދީނާ ހުރީ އުއްބައްތި ދުރާލާ ހޯދާފައެވެ. ދީނާއައި އިރު ނަވީ ހުރީ ރިހަ ކައްކާފައެވެ. ދީނާ ތިން ހަތަރު ރޮށްޓެއް ފިހެލާ ސެލެޑްކޮޅެއް ތައްޔާރުކޮށްލިއެވެ. ދެމީހަކަށް އެކަނި ކޮންމެހެން ގިނަ ކާއެއްޗެއް ހަދާނެއް ކަމެއް ނޯންނާނެޔޭ ނަވީ އަބަދުވެސް ބުނާނެއެވެ. ފަހަކަށް އައިސް މިވަރުކަމެއްވެސް އޮންނަނީ ނަވީއަށް ނުކުރެވިފައެވެ. އެކިޔެވުމަކާ ހެދިއެވެ.

ކަން ދިމާވީ ގޮތުން މިރޭ ހިމެނުނީ ކާވެނީގެ ފަހުން ފުރަތަމަ ދެމީހުން އެކީގައި ‘ކެންޑަލްލައިޓް’ ޑިނާއެއް ބޭއްވި ފުރަތަމަ ފަހަރަށެވެ. މިހާތަނަކަށް ދެމީހުން ކުރެ އެކަކުވެސް ޗުއްޓީއެއް ނަގައިގެން މަޖާކޮށްލަން ތަނަކަށް ގޮސްފައެއް ނުވެސް ވެއެވެ. އެހެންކަމުން އެތަކެއް ދުވަހަކަށް އުނގުރިޖެހި ތާށިވެފައި ހުރި ވާހަކަތައް ދެމީހުންނަށްވެސް ދެކެވެން ފަށައިފިއެވެ. އަދި ނަވީގެ ކޯސްވެސް ވަރަށް އަވަހަށް ނިމޭނެވާހަކައާއި ގޯތި ތެރޭގައި އިތުރުބައެއް ހަދައި ކުއްޔަށްދީ ނޫނީ ވިޔަފާރިއެއް ފަށާ ވާހަކަވެސް ދީނާގެ ގާތު ނަވީ އެރޭ ބުންޏެވެ. ދީނާއެވެ. ދެމަހެއްވަރު މިސްވި ވާހަކަޔާއި މިހާރު ދަރިޔަކު އަންނަން އުޅޭކަމަށް ޔަގީނާ ހަމަޔަށް ދިޔަ ވާހަކަ ބުންޏެވެ.

މިރޭ ހިމެނުނީ ކަރަންޓު ކެނޑިފައި ގިނައިރުތަކެއް ވީކަން ފާހަގަ ނުކުރެވުނު ރެއެއްކަމުގައެވެ. އެއާ ޚިލާފަށް މިރޭ ހިމެނުނީ ދެމީހުންގެ އުދާސްވެފައިވާ ހިތަށް ވެސް އަރާމެއް ހަމަޖެހުމެއް ލިބިގެން ދިޔަ ރެއެއް ކަމުގައެވެ.

ދީނާއަށް ކުރެވުނު ޝައްކު ހަގީގަތަކަށްވެ ދުވަހުން ދުވަހަށް އޭނާގެ ބަރުދަން އިތުރުވަމުން ދިޔައެވެ. ދަރިޔަކު ބަނޑުގައި އުފުލުމުގެ ބުރަކަން އޮފީހުގެ މަސައްކަތަށްވުރެން އިތުރުވެގެން ހިނގައްޖެއެވެ.

ދީނާއަށް އެހީތެރިވުމަށް ނަވީގެ ތިމާގެ ކުއްޖަކު މިހާރު ގެނުވަން ފަށައިފިއެވެ. އޭނާއަކީވެސް ކިޔަވާ ކުއްޖެކެވެ. އެކަމަކު ކޮންމެ ދުވަހަކުވެސް ގެޔަށް އައިސް ކޮންމެވެސް ކަމެއް ކޮށްދީ ހެދުމުން ދީނާ މަސައްކަތަށް ލުޔެއް ލިބި އަރާމު ކޮށްލާނެ ފުރުސަތުވެސް ލިބެން ފަށައިފިއެވެ. މިއީ ދީނާއަށް މަދުން ނޫނީ ލިބޭ ފުރުސަތެއް ވެސް ނޫންމެއެވެ.

ދީނާއަށް ނަވީގެ ބެލުމުގެ ދަށުގައި ހޭދަކުރަން އެންމެ ބޭނުންވީ ދުވަސްވަރަކީ ނަވީގެ ފަހުގެ އިމްތިހާނުގެ ދުވަސްވަރެވެ. މުޅިރޭގެ ބޮޑުބައެއް ކުލާހުގައި ހޭދަކުރަން ޖެހެއެވެ. އެކަމަކު ދީނާ އުޅޭ ބަރުކަން ފެނިފައި ނަވީ އުޅުނީ ނުދާށެވެ. އެރެއަކީ ފަހު އިމްތިހާނުގެ ރޭ ވިޔަސް ވެސް މެއެވެ. އެކަމަކު ދީނާ އެކަމާ ދެކޮޅު ހެދިއެވެ. “ ނަވީއަށް ތިޔަ ފުރުސަތު ގެއްލިއްޖެއްޔާ މާ ދެރަ ވާނެ. އަހަރެން އަދި ދިހަ ދުވަސްވަރު ނަގާނެޔޭ ޑޮކްޓަރު ވަނީ ބުނެފަ. އެހެން ނޫނަސް އަހަރެން ގޮވާލާއިރަށް ޒޫނާ އަންނާނެ. އަދި ގޭ އެންމެންވެސް އެތިބީނު.“

އެރޭ އެހިނގި ހާދިސާގެ އެއްވެސް ޚަބަރެއް ނަވީއަކަށް ނޭނގެއެވެ.

އޭނާ އިމްތިހާނު ނިންމާފަ ގެޔަށް އައިސް ބެލި އިރު ދީނާއެއް ނެތެވެ. އޭނާ އަވަހަށް އޭޑީކޭއަށް ހިނގައްޖެއެވެ.

ހީވީ ގަދަ އަވި ދީފައި އޮތްވާ ކުއްލިއަކަށް ބޮޑު ވިލާގަނޑެއް ބޯމައްޗަށް އުފުލުނީހެންނެވެ. ނަވީގެ ދުނިޔެ ބަނަވެގެން ހިނގައްޖެއެވެ. އޭނާގެ ހަޔާތަށް އުފާވެރިކަން ގެނެސް ދިއްލައިދޭނެ ހުޅުކޮޅު އެރޭ ނިވިގެން ދިޔަކަން އެނގުމުންނެވެ.

ދީނާ ހޮސްޕިޓަލަށް ގެންދަން ޖެހުނީ ހަމަ ކުއްލިއަކަށެވެ. ވިޔަސް ދީނާގެ އެދުމުގެ މަތީން އެކަކުވެސް ނަވީއަކަށް ނުގުޅިއެވެ. ކަންދިމާވީ ގޮތުން މަގުމަތީގައި މީހުން ތޮއްޖެހި ޓްރެފިކް ހުއްޓިފައިވާތީ ޑޮކްޓަރުން ހިތްއެދޭހާ އަވަހަކަށް ނުދެވުނެވެ. އެމީހުން ދީނާ އަވަހަށް އެމަރޖެންސީ ރޫމަށް ވެއްދީ ހަމަ އެކަނި ދީނާގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

ދީނާގެ ފުރާނަ ސަލާމަތްވިއެވެ. އެކަމަކު އޭނާގެ ރޫހު އެމީހުންނަކަށް ސަލާމަތެއް ނުކުރެވުނެވެ. ކުޑަ ދަރިފުޅު ގެއްލުމުން ދީނާގެ ދިރިހުރުން ގެއްލި ރުއިން ނޫން ކަމެއް ކުރަން ބޭނުން ނުވިއެވެ.

ނަވީ ދީނާއަށް ވިސްނާ ދޭން ކުރާ އެއްވެސް ކަމެއްގެ ބޭނުމެއް ނުފުދެއެވެ. އޮފީހަށް ދިއުމުގެ ޚިޔާލެއްވެސް އޭނާއެއް ނުކުރިއެވެ.

ނަވީ އިމްތިހާނުން ފާސްވިއެވެ. ވަޒީފާގެ ކުރިއެރުން ލިބި ތަނަވަސްކަން ލިބިގެން ދިޔައެވެ. ވިޔަސް ދީނާ މިއަދު އެވާ ހާލަތުގެ ސަބަބުން އޭނާއަކަށް އުފަލެއް ލިބުމެއް ނެތެވެ. ތިމާގެ މީހުންނާ ރައްޓެހީން ދިން އެއްވެސް ނަސޭހަތެއް އަދި އޭނާ ރުއްސަން ކުރިއެއްވެސް ކަމަކުން ނުކުތް ނަތީޖާއެއް ނެތެވެ.

ބަހާރު މޫސުން އަންނާނެ ދުވަހަކަށް އިންތިޒާރު ނުކުރާނަމަ ޚަރީފުމޫސުމުގައި އިންސާނާ ފަނާވެ ނެތިގެން ހިނގައިދާނެއެވެ. ނަވީގެ ހަޔާތަށް މިއަދު މިވަނީ އެކަހަލަ ޚަރީފެއް އައިސްފައެވެ. އުންމީދު ކުރި ބަހާރު ވީތަނެއް މިހާރަކު ނޭނގެއެވެ.

ދީނާއާއެކު ނަވީ ގޭގެ ޕޯޓިކޯ މަތީގައި ތިއްބެވެ. އެއީ ހަނދުވަރީ ރެއެކެވެ. ވިޔަސް އަލިގަދަތަރިތައްވެސް ދިއްލިފައިވެއެވެ. އެރޭ ހިމެނުނީ އަނެއްކާވެސް ގިނަ ވަގުތަކަށް ކަރަންޓު ކެނޑިފައިވާ ރެއެއް ކަމުގައެވެ. އެހެން ކަމުން ހިމޭން ކަމާއެކު ތަރިތަކަށް ބަލަން ދީނާ އިނެވެ. ހަމަ ކުއްލިއަކަށް ހެން ދީނާ ނަވީއަށް ގޮވިއެވެ. “އައިސްބަލަ. އައިސް ބަލާބަލަ.”

އެތައް ދުވަހެއްގެ ފަހުން ދީނާ އޭނާއަށް ގޮވައި އުފަލާއެކު އެއްޗެއް ބުނީ އެވަގުތުއެވެ. އޭނާ ދީނާ ދެއްކި ދިމާއަށް ބަލާލިއެވެ. “އެއިނީނު. އެއީ އަހަރެމެންގެ ދަރިފުޅެއް ނޫންތަ؟”

ދީނާގެ އެ އުފާވެރިކަން ގެއްލުވާލާކަށް ނަވީ ބޭނުމެއް ނުވިއެވެ. “އެއީ ހަމަ އެ ދަރިފުޅު. ނަވީ ލަސްލަހުން ބުނަމުން ދިޔައެވެ. “އޭރު ދީނާ އޮތީ ނިދާފަ. އަހަރެން އެދަރިފުޅު ނަގާ އަތަށްލިން. ހީވަނީ ދެންމެ ލޯހުޅުވާފައި ހީނލާނެހެން. އެތައް އިރަކު އަހަރެން އެ ތުއްތު މޫނަށް ބަލަން ހުރިން. އެއީ ހަމަ ކުޑަކުޑަ ދީނާ. ހަމަ ތިޔަ ލޯބި މޫނު.”

ނަވީ އޭނާގެ އަންހެނުންގެ މައުސޫމު މޫނުގައި ފިރުމާލިއެވެ. އަދު މަޑުމަޑުން އެމޫނު އުފުލައި އޭނާގެ މޫނާ ކައިރިކޮށްލިއެވެ. މަރުވެފައިވާ އޭނާ ދަރިފުޅަށް އެންމެ ފަހުން ދިން ދޮންދިނުމުގެ ހަނދާން އާލާވާނެ ފަދައަކުންނެވެ.

ފުން ނިންޖަކުން ހޭލެވިގެން ލޯ ހުޅުވާލި ފަދައިން އެވަގުތު ދީނާވެސް ލޯ ހުޅުވާލިއެވެ. އަދި އޭނާގެ ފިރިމީހާގެ މޫނުގެ ތެރޭގައި އޭނާގެ މޫނުވެސް ފޮރުވާލިއެވެ. މަރުވެ ގޮސްފައިވާ އޭނާގެ ދަރިފުޅަށް އަލްވަދާއު ކިޔާނެ ފަދަޔަކުންނެވެ.

އުއްބައްތީގެ ހުޅުކޮޅު ވަޔާ ހެލެމުން ދިޔަކަމެއް ތަރިތައް ފިޔަ ޖަހަމުން ދިޔަކަމެއް އެވަގުތަކު ދީނާވެސް އަދި ނަވީވެސް ބަލާކަށް ބޭނުމެއް ނުވިއެވެ.

އޭގެ ނުވަ މަސްފަހެވެ. އަނެއްކާވެސް ދީނާ އެމަރޖެންސީގައި އޭޑީކޭއަށް ގެންދެވުނެވެ. އެކަމަކު އެފަހަރު ހިމެނުނީ އެދެމީހުންގެ ހަޔާތަށް އަނެއްކާވެސް ބަހާރު މޫސުމެއް އައިސް އާ މަލެއް ފޮޅިގެން ދިޔަ ރެއެއް ކަމުގައެވެ.

ކުޑަކުޑަ ރީނާގެ ފުރަތަމަ އުފަންދުވަހުގެ ކޭކުގައި ޖެހުމަށް ދީނާ ޚިޔާރު ކުރީ އޭގެ އެއް އަހަރު ކުރީގައި އެމީހުން އެ އުއްބައްތިއެއްގެ ހުޅުކޮޅުގެ އަލީގައި ހިއްސާ ކުރި ހަނދާންތަކެއްގެ ސިއްރު އެކުލެވޭ އުއްބައްތި ކަމުގައި ހެދީ މުހިންމު ސަބަބަކާ ހެދިއެވެ. އެސިއްރު އެނގޭނީ ދީނާއަށާއި ނަވީއަށް އެކަންޏެވެ.

ނިމުނީ