English Edition
Dhivehi Edition

އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ބަލައި ތަހުގީގުކުރުމަށް، މިނިވަން ކޮމިޝަނެއް އުފައްދަން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ފާސްކުރި ގަރާރަށް ރާއްޖެއިން ތާއީދުކޮށްފި އެވެ

ދިވެހިރާއްޖެއިން މިނިވަން ކޮމިޝަނެއް ހަދަން ތާއީދުކުރާކަން ހާމަކޮށްފައިވަނީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ. މި ގަރާރަށް ތާއިދުކޮށް 29 މެމްބަރުން ވޯޓު ދީފައިޗާއިރު އެވޯޓުގައި 14 މެމްބަރުން ބައިވެރިނުވެ އެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާ އާއި އޮސްޓްރޭލިއާ އެވެ

މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ޖެނީވާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހާލާ ހަމީދު ވަނީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި އެއްވެސް ހަތިޔާރެއް ނެތި ސުލްހަވެރިކަމާއެކު މުޒާހަރާކުރާ ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވާފައިކަމަށެވެ

އެމެރިކާ އެމްބަސީ ގުދުސަށް ބަދަލުކުރުމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގައި އިސްރާއިލް ސިފައިން ބަޑިޖަހައި ފަލަސްތީނުގެ 60 މީހުން ޝަހީދުކޮށްލާފައިވާއިރު މި ހަމަލާގައި 2700 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ