އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިހާރުން މިހާރަށް ދޫކޮށްލައި، އެ ބިންތައް ފަލަސްތީނަށް އަނބުރާ ހަވާލުކުރުމަށް ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މުއިއްޒު އެގޮތަށް ގޮވައިލެއްވީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ހައިރާން ކޮށްލާފަދަ ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން އިޒްރޭލުންވެސް ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައި ވަނިކޮށެވެ.
މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ފަލަސްތީނަކީ މިނިވަން ދައުލަތެއް ގެ ގޮތުގައި އިޒްރޭލުން ބަލައިގަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީނުގެ ބިންތައް ފޭރުން ނިމުމަކަށް ގެނެސް، 1967 ވަނަ އަހަރު ކަނޑައަޅާފައިވާ ބޯޑަރާ އެއްގޮތަށް އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ތަނެއްގެ ގޮތުގައި ބަލައިގަތުމަށް މުއިއްޒު ގޮވާލައްވާފައިވެ އެވެ. އަދި އިރުމަތީ ގުދުސްއިން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީންނަށް އެތަނަށް އަނބުރާ ދެވޭނެ މަގު ހޯދައިދޭންޖެހޭ ކަމަށް މުއިއްޒުގެ ޓްވީޓްގައިވަނީ ވިދާޅުވެފަ އެވެ.
Israel should end the illegal occupation of Palestine immediately and return the lands forcefully seized from Palestinians. Israel should recognize Palestine as an independent state with East Jerusalem as its capital within 1967 borders and allow the immediate return of refugees.
— Dr Mohamed Muizzu (@MMuizzu) October 7, 2023
އިޒްރޭލުން ހިސާރުކޮށް އެކި ފަހަރު މަތިން ހަމަލާދީ ވީރާނާކޮށްލާފައިވާ ޣައްޒާ ކޮންޓްރޯލްކުރާ، ހަމާސް ޖަމާއަތުން އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށް މިއަދު ވަރުގަދަ ހަމަލާތަކެއް ދިނުމުން، އޭގެ ރައްދުގައި ކަމަށް ބުނެ އިޒްރޭލުން ގެންދަނީ ޣައްޒާގެ އާއްމުން ދިރިއުޅޭ ސަރަހައްދު ތަކަށް ބޮން އަޅަމުންނެވެ.
ގަތަރުގެ އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒަރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 250 އަށް އަރައިފަ އެވެ.
ހަމާސް އިން ދިން ހަމަލާގައި އިޒްރޭލުގެ 200 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް އެ އެޖެންސީން ރިޕޯޓްކޮށްފައި ވެ އެވެ