English Edition
Dhivehi Edition

ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ކުރިއަށް ގެންދާ ޢަސްކަރީ ޙަމަލާތަކާއި އިރުމަތީ ޣައްޒާގައި ދިރިއުޅެމުންދާ 1.2 މިލިއަން ޢާއްމު ރައްޔިތުން 24 ގަޑިއިރު ތެރޭ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް އިސްރޭލުގެ ސިފައިން އެންގި އެންގުން ދިވެހިރާއްޖެއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.

ސަރުކާރުން ވިދާޅުވީ ސަލާމަތްތެރިކަމާއި އެނބުރި އާދެވޭނެކަމުގެ ގެރެންޓީއަކާނުލައި މިފަދަ ކަމެއް ކުރުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވާ މަޖުބޫރުން ހިޖުރަކުރުވުމެވެ. އެހެންކަމުން އެއަމުރު ބަދަލުކުރަންޖެހޭ ކަމަށެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ޤަބޫލުކުރާގޮތުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މިޢުދުވާންތަކަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާ ބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޙަމަލާތައް ވަޤުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން ތަކުރާރުކުރައްވާ ކަމަށް ވެސް ވިދާޅުވެއެވެ.

ދިވެހި ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމިގެންދާނެ އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ހަނގުރާމަވެރިންނާއި ޢާއްމުންނާ ތަފާތުކުރުމެއްނެތި ދެމުންދާ ޙަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާއިރު އިތުރު އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ހަމައެއާއެކު، މިޙަމަލާތަކުގައި ހޮސްޕިޓާތަކާއި ސްކޫލުތައް ހިމެނޭހެން މުހިއްމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި އ.ދ.ގެ ޢިމާރާތްތަކާއި ޢާއްމުން ދިރިއުޅޭ ޢިމާރާތްތަކާއި އަޅުކަންކުރާތަންތަން ސުންނާފަތިވެފައިވެއެވެ.