English Edition
Dhivehi Edition
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބަން ދިވެހި ސަރުކާރުން ގޮވާލާ ކަމަށް ބުނެފައެވެ.

ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ނެރުނު ބަޔާނުގައި ވަނީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ލިބިގެންދާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރެވިގެން ކަަމަށެވެ. އަދި ރާއްޖެއިން އަބަދު ވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފަލަސްތީނު ހިފާފައި އޮތް އޮތުމާއި، މާތްވެގެންވާ ގުދުސްއަށް އަތްގަދަކުރުމަކީ ޣައިރު ޤާނޫނީ އަދި ގަބޫލުނުކުރެވޭ ކަމެއް ކަން އިއުލާނުކޮށް ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްކަމަށްވާ ހަމާސްއިން ޔަހޫދީންގެ ދަޢުލަތް، އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 200 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ޝަހީދުކޮށްލާފައެވެ.

ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޑްރޯނާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. މި ހަމަލަތަކުގައި ފަލަސްޠީނުގެ 1,600 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.