English Edition
Dhivehi Edition

އޮފީހަށް ދާން ގެއިން ނުކުތުމަކީ އަބަދުވެސް ދަތިކަމެކެވެ. ސަރީނާ ކޮންމެވެސް ޝަކުވާއެއް ކުރާނެއެވެ. އުނދަގުލެއް ކުރާނެއެވެ. ހުރަހެއް އަޅާނެއެވެ.

ސަރީނާއާ އަހަރެން އިނީ އެނާއަކީ އަހަންނާ ފުރަތަމަ ރައްޓެހިވި ކުއްޖާ ވީމައެވެ. އޭރަކު އަހަރެންގެ ވަޒީފާއެއްވެސް ނެތެވެ. ތަނަވަސްކަމެއްވެސް ނެތެވެ.

އަހަރެން ސްކޫލުން ވަކިވާން ޖެހުނީ ވެސް މައިންބަފައިންގެ ތަނަވަސްކަން ނެތިގެންނެވެ. މާލޭގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވެ ދައްކަން ޖެހޭ ކުލީގެ އަދަދު މަތިވެ ދިރިއުޅުން ދަތިވާން ފެށީމައެވެ. އަހަރެންނަށް ޚަރަދު ކުރަން ހުރީ މަންމަ އެކަންޏެވެ. އަހަންނަށް ޖެހުނީ ކިޔެވުން ދޫކޮށް އެންމެ އަވަހަށް ލިބުނު ވަޒީފާއަކަށް ދިއުމަށެވެ.

އޭރު އަހަރެން ވަނީ ސަރީނާއާ ރައްޓެހިވެފައެވެ. އަހަންނަށް ކޮންސްޓްރަކްޝަން ކުންފުންޏަކުން ވަޒީފާއެއް ލިބުމާއެކު އަހަންނާ ސަރީނާއާ ކައިވެނި ކޮށްފީމެވެ. ބޮޑު ޕާޓީއެއް ބޭއްވުމެއްނެތި ކޯޓުގައެވެ. ކާވެނި ކުރެވުނުތަނާހެން މަންމަ ވަރަށްބޮޑަށް ބަލިވެއްޖެއެވެ. އަދި މާގިނަ ދުވަހެއް ނުވެ އަހަރެމެންނާ ވަކިވެއްޖެއެވެ.

ސަރީނާއާ އަހަރެން ވިލިގިލިން ކޮޓަރިއެއް ނަގައިފީމެވެ. ތަންކޮޅެއް އަގު ހެޔޮވީމައެވެ. ވިޔަސް ލިބޭ މުސާރައިން އޮންނަނީ ކުލިދައްކާފައި ޚަރަދު ނުކުރެވިއެވެ. އެކަމުގެ ޝަކުވާ ސަރީނާ ކުރަމުން ދިޔައެވެ. ރީތި ހެދުންތަކާ ޒީނަތުގެ ސާމާންތައް އޭނާ ބޭނުންވަރަށް ހޯދާ ނުދެވޭތީއެވެ. މިކަން މިހެން އޮތް ކަމުގައި ވިޔަސް އަހަރެން އޮފީހަށް ދިއުމަށް އޭނާ ހުރަސް އަޅައެވެ. އޭނާ އަކަށް އަހަރެން ލޯމަތީން ގެއްލޭކަށް ނުރުހެވެއެވެ. ޝައްކު ކުރުމުގެ އިންތިހާއެވެ. މިހެން މިކަން އޮންނާތީ ކިތަންމެ ބައްދަލުވުމަކަށް ކިތަންމެ ފަހަރަކު ނުދެވި އެތަކެއް ގެއްލުންތަކެއް ވެފައިވެސް އެބަހުއްޓެވެ.

މިއަދުވެސް މިކަންތައް ތަކުރާރުވީ އަހަރެން އޮފީހަށް ދާން ނުކުތް ވަގުތުއެވެ. އިއްތިފާގުން ފޯނެއްވެސް އައީ އެވަގުތުއެވެ. އެއީ މިއަދު ބާއްވަން އޮތް އިންޓަވިއުއަކަށް އަހަރެން ދާން އޮތް ގަޑިއެވެ. ސަރީނާ އަހަރެންގެ ގަމީހު ފަސްބާގައި ހިފާ ދަމައިގަތުމުން މަތީ ދެގޮށް ކެނޑިގެން ދިޔައެވެ. އެކަމާ އަހަރެން ރުޅިއައިވަރުން ވަރަށް ބާރަށް އެއްޗެހިވެސް ކިޔައިގަނެވުނެވެ.

[ކޮންމެ ދުވަހަކު ތިހެން ކަންތައް ކުރަންޏާ އަހަރެންގެ ވަޒީފާވެސް އިސާހިތަކު ގެއްލިދާނެ.] އަހަރެން ބުނީމެވެ.

[ޝާމީ އަހަރެންގެ އަޑުވެސް އަހަންވާނެ ނު. ] އޭނާވެސް އެއާ ވިއްދައިގެން ބުނެލިއެވެ.

[އަހަރެން މިތާ އިންނަން ޖެހެނީ އެކަންޏެއްނު؟ އަހަރެން ކިހާ ފޫއްސެއްވާނެ. މިތާކު ނުހުރޭ ބަލާލާނެ ޓީވީއެއްވެސް. އަހަރެންގެ އަތުގައި އޮންނަ ފޯނަކުން ނެޓަކަށް ވެސް ނުވަދެވޭ.[

މި ޝަކުވާ ކުރިއެއް ކަމަކު އަހަންނަކަށް އަދިއެއް ކޮޓަރި ކުލިދައްކަމުން ޓީވީއެއް ގަންނާނެ ވަރަކަށް ފައިސާއެއް ޖަމާއެއް ނުކުރެވެއެވެ. އަދި އޭނާ ބޭނުންވަނީ ވެސް އެސް ނައިންގެ ފޯނެކެވެ. އަހަރެން ސަރީނާއަށް ވިސްނާދީދީ ވަރުބަލި ވެއްޖެއެވެ.

އަގުބޮޑު ތަކެތި ގަނެވޭނީވެސް ވަޒީފާގެ ކުރިއެރުން ލިބިގެންނެވެ. ކޮންމެ ދުވަހަކު ގަޑިޖެހިގެން އޮފީހަށް ދިޔައިމަކާ ކުރިއެރުމެއް ނުލިބޭނެއެވެ. ވަޒީފާއަކު ހަރެއް ނުލާނެއެވެ. ސަރީނާ މިވަރު ވިސްނާކަށް ބޭނުމެއް ނުވިއެވެ.

އަހަރެން ދިޔައީ ފަނަރަ މިނިޓް ލަހުންނެވެ. އެހެންނަމަވެސް ސެކްޝަން ހެޑަކީ އަހަރެންވީމާ އެކަކުވެސް އެއްޗެއް ނުބުނެއެވެ. ވިޔަސް އެކަންތަކާ އަޑިއަޑިންނުރުހޭނެ ބަޔަކުވެސް މިސެކްޝަނުގައި އުޅެއެވެ.

އަހަންނަށް އިންޓަވިއު ކުރަން މިއަދު ޖެހުނީ ޕަރީޒާއާއެވެ. އޭނާ އަކީ އަލަށް އޮފީހަކަށް ވަންނަން ހުށަހަޅާ ކުއްޖެކެވެ. އަހަންނަށް މި އިންޓަރވިއު ކުރަން ދަތިވި އެންމެ ބޮޑު ސަބަބަކީ އަހަރެން އައީ ރީތީގެ މުބާރާތެއްގެ ޖަޖަކަށް ވުމަށް ތައްޔާރުވެގެން ނޫންކަމެވެ. އަހަންނަށް އަހާލެވުނީ ނަމާ ކިޔަވާފައި ހުރި ފެންވަރެވެ. އިތުރު ސުވާލެއް ކުރަން ހިތަކަށް ވެސް ނޭރިއެވެ. އިތުރު ސުވާލެއް ވިސްނުމެއް ނެތި ވަގުތުން އޭނާއަށް ވަޒީފާ ދިނީމެވެ.

އަހަރެންގެ މި ނިންމުމާ ދެކޮޅުވެރިވި އެކަކުވެސް ނެތެވެ. އޮފީސްތެރެއަށް ހީވީ ފިނިފެން މަލުގެ ބަހާރު މޫސުމެއް އައިހެންނެވެ. މުޅި ސެކްޝަން އެކުގައި ދިރި އަލުން ރޫހުތައް ތާޒާވެއްޖެއެވެ.

އޮފީސްތެރޭގައި އަހަރެން ހުންނަނީ ކުޅިބަލާށެވެ. ޕަރީޒާ ނޫނީ ހުސް އަދި މިހާ ރީތި އަންހެން ކުއްޖަކު އޮފީހުގައި ނުވެސް ނެތެވެ.

ޕަރީޒާގެ ތަފާތު ކަމަކީ ބަރާބަރަށް ގަޑިޔަށް އައުމާއި ކުރަން ހަވާލުވި މަސައްކަތް ފަރުވާ ތެރިކަމާއެކު ކުރަމުން ދިއުމެވެ. އޭނާގެ ވަށައިގެން ހުޅުކޮޅެއްގެ ވަށައިގެން ބަޅިދާތަކެއް އެނބުރޭހެން އެހެން މުވައްޒިފުން އުޅެމުން ދިޔައެއް ކަމަކު އޭނާ އެކަމަކަށް މާބޮޑު ސަމާލު ކަމެއް ނުދެއެވެ. އޭނާ އުޅެމުން ދަނީ ހިތްގައިމު އަދި ނުހަނު ހަރުދަނާ ކަމާއެކުގައެވެ.

އަހަރެންގެ ހިތް ޕަރީޒާއަށް ސަމާލުކަންދިނީ މި ސަބަބަށްޓަކައެވެ. އޭނާގެ ރީތިކަމާއެކު އޭނާގެ ހިތްހެޔޮކަމާއި ވިސްނުންތެރިކަން އެކުވެފައި ވުމުން އަހަންނަށް އޭނާ ފެންނަނީ ވިދާ ބަބުޅާ ރަންގަނޑެއްގެ ގޮތުގައެވެ. ވަކީން ޚާއްސަކޮށް ސަރީނާ އާ އަޅުވާ އިރުގައެވެ.

އަހަރެންނަކަށް ސަރީނާ ވަކި ހުތުރެއް ވެސް ނޫނެވެ. އޭނާ ޕަރީޒާހާ ޅަވެފައި ރީތިވާކަށް ކޮންމެހެން ނުޖެހެއެވެ. އަހަރެން އެދޭހާވެސް ކަމަކީ އޮފީހުން ގެޔަށް ދިއުމުން އުފަލާއެކު މަރުހަބާ ކިޔާނެ އަތްނބަކަށެވެ. ލިބޭ މުސާރައިން ފުއްދައިގެން ޝަކުވާ ނުކޮށް އުޅޭނެ ބައިވެރިޔަކަށެވެ.

ޕަރީޒާ އަހަންނަށް އިހްތިރާމް ކުރާކަން އަހަންނަށް ފާހަގަ ކުރެވެއެވެ. އަދި އޮފީހުގެ އެހެން ކުދީންނާ ދޭތެރޭ ބަހަށްޓާ ގާތްކަމާ ޚިލާފަށް އަހަންނަށް ސަމާލުކަން ދީހަދައެވެ. ޕަރީޒާ ކޮފީ ހަދާ އިރެއްގައި ނަމަ ނުބުންޏަސް އަހަންނަށް ކޮފީތަށްޓެއް ގެނެސްދީ ހަދައެވެ. އަހަރެން ދައްކާވަހަކައެއް ނަމަ ކަނުލާ އަޑު އެހުމުގެ އިތުރަށް އޭނައަށް އެކަމަކާ ދޭތެރޭ ފެންނަ ގޮތެއް ތެދުވެރިކަމާއެކު ބުނެވެސް ހަދައެވެ. މިއީވެސް އަހަންނަށް ޕަރީޒާގެ ކިބައިން މިވީތަނަށް ފެނުނު ރީތި ސިފައެކެވެ. ރުޅިއައުން އެއީ ޕަރީޒާ ދަންނަ ކަމެއްހެން ވެސް ހިޔެއް ނުވެއެވެ.

އަހަރެން ގެޔަށް ވަންނަ ކޮންމެފަހަރަކު ސަރީނާ ހުންނާނީ ރުޅިއައިސްފައެވެ. ކުރާނެ ޝަކުވާއެއް ހުހެއްނުވެއެވެ. މިހާރަކަށް އައިސް ކުރިއާ ޚިލާފަށް އަހަންނަށް ވެސް ރުޅިއާދެވެއެވެ. ރޭގަނޑު ނިދިޔަ ނުދިނީމާ، ކާން ހަދާ ނުދިނީމާ ކޮންމެ މީހަކުވެސް ރުޅިއަންނާނެއެވެ. މިހާރު އަދި ވަކީން ބޮޑަށް ސަރީނާގެ ޚަރަދު ބޮޑުކަން ފާހަގަ ކުރެވެއެވެ. ގޭގައި ކާން ތިބެނީ ދެމީހުންެވެ. ފަސްހާސް ރުފިޔާވެސް މަހެއްގެ މައްޗަށް އޮންނަނީ މަދުވެފައެވެ. މިކަން މިހެން އޮންނަ އިރު ވެސް ގެޔަށް އައުމުން ހިތަށް ހަމަޖެހުމެއް ގެނެސްދޭ ނަމަވެސް އެންމެ ރަނގަޅަޅެވެ. ގެޔަށް އައުމަކޭ ސިންގާ ކޮށްޓަކަށް ވަންނަން އައުމެކޭ ތަފާތެއް ނުހުރެއެވެ.

އަހަންނަށް ކުޑަވެސް ހަމަޖެހުމެއް ލިބެނީ އޮފީހަށް ގޮސް އުޅޭ ވަގުތުތަކުގައެވެ. އޮފީސް ނިންމާލާފައި މީހުން އަވަހަށް ގެޔަށް ދާން އުޅޭތަން އަހަންނަށް ފެނެއެވެ. އެހެންނަމަވެސް އަހަރެން ބަލަނީ އޮފީހުން ގެޔަށް ދެވެން އޮތް އެންމެ ލަހަކުން ދެވޭތޯއެވެ.

ޕަރީޒާއަކީ އެންމެ ލަހުން ގެޔަށް ދާ ކުއްޖާކަމުން ވަރަށްގިނަފަހަރަށް އަހަންނާ ޕަރީ އެކަނި އޮފީހުގައި ތިބެން ޖެހެއެވެ. އޭނާވެސް ގެޔަށް ދާން ބޭނުންވަނީ ވީ އެންމެ ލަހަކުންނެވެ. އޭނާގެ ގެ ހުން ތަނާއި ގޭގައި ކަންތައް ހުންނަ ގޮތް ކޮންމެވެސްވަރަކަށް އަހަންނަށް ވަނީ އެނގިފައެވެ.

ޕަރީޒާ އުޅެނީ ދޮންމަންމައަކާ އެކުގައެވެ. ގޭގައި އުޅޭނީ ބައްޕައާ ދޮންމަންމަގެ އެހެން ބަފައެއްގެ އަންހެން ކުއްޖެކެވެ. އިތުރު ތަފްސީލަކަށް ނުދިޔަސް ޕަރީޒާ ގެޔަށް ދިއުން ލަސްކުރާ ސަބަބު އަހަންނަށް ވިސްނެއެވެ.

އަހަންނާ ޕަރީޒާއާ ގުޅުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔަޔަސް އަހަރެންގެ ދިރިއުޅުމުގެ ކަންތައް ހުރި ގޮތެއް އަދި އަންހެނުންނާ ބެހޭ ވާހަކައެއް ޕަރީޒާގެ ގާތަކު ނުދައްކަމެވެ. އަހަރެން މީހަކާ އިނދެގެން އުޅޭކަން އެނގިއްޖެއްޔާ ޕަރީޒާ އަހަންނާ ދުރުހެލި ވެދާނެތީ ވެސް އަހަރެން ކަންބޮޑުވެއެވެ. މިއަދު އަހަރެންގެ ހިތަށް ލިބޭ ހަމަ އެކަނި އުފަލަކީ ޕަރީއާއެކު ހޭދަކުރެވޭ ވަގުތުކޮޅެވެ. އެކަން ނިމުމަކަށް އަތުވެއްޖެއްޔާ އަހަރެންގެ ދިރިހުރުމުގެ ހުރިހާ އުންމީދެއް ގެއްލިގެން ދާނެއެވެ.

މިހެން ކަންތައް އޮތް ކަމުގައި ވިޔަސް މިކަން ސިއްރެއްގެ ގޮތުގައި މާ ގިނަ ދުވަހަކު ނޯންނާނެކަން އަހަންނަށް އެނގެއެވެ. އެއްގޮތަކީ މިކަންތައް އެނގުމުގެ ކުރީގައި ސަރީނާ ދޫކޮށްލުމެވެ. ސަރީނާއާ އިނދެގެން މިއުޅޭ އުޅުމަކީ އަހަންނަށް މިއަދު ކުޑަ މުސީބާތެއް ވެސް ނޫނެވެ. މިކަހަލަ ދިރިއުޅުމަކަށް ވުރެން ހުސްކޮށް ހުރުންވެސް މާ ރަނގަޅެވެ.

މިހާރު އެންމެ ބޮޑަށް ކުރާ ޝަކުވާއަކީ ދަރިޔަކު ހޯދަން ނޫޅޭ ވާހަކައެވެ.

މިއީވެސް ވަކި ކުޑަ ކަމެއް ނޫނެވެ. ކުރީކޮޅު އަހަރެންވެސް ދަރިޔަކު ބޭނުންވެގެން އުޅުނީމެވެ. އެކަމަކު ސަރީނާގެ ކިބައިން ލިބޭ ހިތް ނުތަނަވަސް ކަމުގެ ސަބަބުން ފަހުން އަހަރެން ބަލަނީ އެއްވެސް ގޮތެއްގައި ސަރީނާއާ މާ ގައިގޯޅި ނުވެ އުޅެވޭތޯއެވެ.

މަޑުމަޑުން އެކަމަކު ވަރަށް ބާރަށް އަހަރެން ޕަރީޒާގެ އިޝްގުގައި ޖެހިއްޖެއެވެ. މީގެ ކުރިޔަކުން އިޝްގަކީ އެހާ ގަދަ ބާރެއް އެކުލެވޭ އެއްޗެއް ކަމެއް އަހަންނަކަށް އެނގިފައެއް ނެތެވެ. އަހަންނަށް ޕަރީއާ ނުލާ ނޭވާއެއް ލުމަކީވެސް ދަތިކަމަކަށް ވެއްޖެއެވެ

އަހަރެންގެ ކުރިމަތީގައި މިވަނީ ނާކާމިޔާބުވެފައިވާ ކާވެންޏެކެވެ. އަނެއްކޮޅުން އަހަރެން މިވަނީ ޒުވާން ނުފޮޅޭ މަލެއްގެ އިޝްގުގައި ދީވާނާ ވެފައެވެ. އަހަރެން މިއަދު އަޅާ ފިޔަވަޅަކީ އަހަރެންގެ ހަޔާތް އާބާދުވާނެ ނުވަތަ ބަރުބާދު ވާނެ ފިޔަވަޅެއްކަން އަހަންނަށް އެނގެއެވެ. ޕަރީޒާއަށް ލޯބި ހުށަހެޅިދާނެއެވެ. ވިޔަސް އޭނާ ދޭނެ ޖަވާބެއް ޔަގީނެއް ނުވެއެވެ. ނޫނެކޭ ބުނެފިނަމަ އޮފީހުގެ ތެރޭގައި އުޅުން ދަތިވެދާނެއެވެ. އާނއެކޭ ބުނެފި ނަމަ އަހަރެންގެ އަނބިމީހާގެ ދިރިއުޅުން ބަރުބާދު ވެގެން އެދިޔައީއެވެ. އަހަރެން ހިތަށް އެރިއެވެ.

އިޝްގުގައި ކިތަންމެ ގަދަ ބާރެއް ހުރި ކަމުގައިވިޔަސް ހަމަ ވިސްނުން އޭގެ މައްޗަށް ނުހިނގަންވީ ސަބަބެއް ނެތެވެ.

އަހަރެން ދެލޯ މަރާލާފައި ޗުއްޓީއެއް ނަގައިފީމެވެ. އަހަރެން ގަސްތު ކުރީ މިކަންތަކާ ރަނގަޅަށް ވިސްނުމަށް ފަހު ނޫނީ ގޮތެއް ނުނިިންމުމަށެވެ. އަހަންނަކީ އަބަދުވެސް ވަރިކުރުމާ ދެކޮޅަށް ވަކާލާތު ކުރާ މީހެއް ވީމައެވެ. އަހަރެން ގެޔަށް ދިއުމަށް ފަހު އަހަރެންގެ ޚިޔާލުގައި ސަރީނާއަކީ ޕަރީ ކަމަށް ދެކެން ފަަށައިފީމެވެ. ސަރީނާއާމެދު ޕަރީޒާއާމެދު ކަންތައް ކުރާނެ ގޮތަށް ހުރިހާ ކަމެއްވެސް ބަހައްޓަން ފަށައިފީމެވެ. ލޯމަރާލުމަށްފަހު ޚިޔާލީގޮތުން ސަރީނާ ޕަރީޒާކަމަށް ބަދަލު ކޮށްލީމެވެ.

ލޯމަރާލައި ލޯހުޅުވާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ހަޔާތަށް ޕަރީޒާ ގެނެވުނުތަން އަހަންނަށް ފެނިއްޖެއެވެ. އިސާހިތަކު ސަރީނާގެ އުޅުން ބަދަލުވެއްޖެއެވެ. ބޭކާރުޝަކުވާ ކުރުމާއި ދެންވެސް އަހަންނަށް ކެތްނުކުރެވިގެން އުޅުނު ހުރިހާ ކަމެއް ނެތިގެން ހިނގައްޖެއެވެ. ޚަރަދު އިންތިހާއަށް ކުޑަވެއްޖެއެވެ.

ޕަރީޒާދެކެ އަހަރެން ވާން ފެށި ލޯބި ސަރީނާއަށް ބަދަލުކޮށްލުމުން ހުރިހާ މަސްއަލައެއް ހައްލުވެގެން ހިނގައްޖެއެވެ. އަހަރެން ޕަރީޒާއާ ދޭތެރޭގައި ބެހެއްޓީ ސާފުތާހިރު ގާތްކަމެކެވެ. މިކަމަކުން އޭނާ އަހަންނަށް ކުރާ އިހްތިރާމު ކުޑައެއް ނުވިއެވެ. އަހަރެންގެ ހިތުގައި ރޯވި އިޝްގުގެ ހުޅުކޮޅު ޕަރީޒާއަށް ނުދައްކަމެވެ.

ގިނަ ދުވަހެއް ނުވެ އަހަރެންގެ ވަޒީފާގެ ކުރިއެރުން ލިބި ތަނަވަސްކަން އިތުރުވެއްޖެއެވެ. ކުޑަ ކޮޓަރިއަކުން އެޕާޓްމެންޓަކަށް ދިރިއުޅުން ބަދަލު ކުރެވިއްޖެއެވެ. ސަރީނާއަކީ ދެވަނައެއް ނެތްފަދަ އަތްނބެއްކަން ހުރިހާ ގޮތަކުންވެސް ހާމަ ކޮށްދީފިއެވެ. މިއަދު ޕަރީޒާގެ ސޫރައަށް ސަރީނާ މިވަނީ ބަދަލުވެފައެވެ. އޭނާ މެދު ރޯވި އިޝްގުގެ އަލިފާން ހުޅުގަނޑަކަށް ވުމުގެ ކުރީގައި ނިއްވާލެވުމަކީ އަހަންނަށް ލިބުނު އެންމެ ބޮޑު އުފާ ކަމުގައި ވެއްޖެއެވެ.

ނިމުނީ