ހަތަރު އަހަރު ފަހުން އަހަރެން އެނބުރި އައި އިރުވެސް ޝުވީޒާއަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އައިސްފައި ހުރިއްޔާ ހުރި ބަދަލަކީ އޭރަށް ވުރެން ރީތި ވުމެވެ.
އޭނާ އަހަންނަށް އިންތިޒާރު ކުރުމަށް އައިސް އިނީ ސުވާދީބު ކެފޭގެ ފުނުގައި ހުރި އެކަނިވެރި މޭޒެއްގައެވެ. އަހަރެން ފެނުމުން ވަރަށް އުފާވިކަން އެނގުނެވެ. އޭރު އޭނާ އިނީ ކޮންމެވެސް ހިތްގައިމު ރާގަކަށް ގެއްލިފައެވެ. އަހަރެން ފެނުމުން ފުރަތަމަ ޔަގީން ނުވެގެން ބަލަހަށްޓައިގެން އިނެވެ. އެއީ އަހަރެންގެ އިސްތަށިގަނޑު މިހާރު ކުރުކޮށް ކޮށާފައި ހުރީމާ ކަމަށް ވެދާނެއެވެ. ފުރިއިރު އެއީ އަހަރެންގެ ވެސް އެންމެ ފެޝަން ދުވަސްވަރު ކަމުން އަހަރެންވެސް ހުންނަނީ އިސްތަށިގަނޑު ދިގުކޮށް ބަހަށްޓާފައެވެ. ޝުވީޒާވެސް އޭރު ހުންނަނީ ވަރަށް މޭކަޕްކޮށް ހަދާފައެވެ. މިހާރު މާ ބޮޑު މޭކަޕެއްނެތި އިން އިރު އަދި މާރީތިކަމަށް މި ފެންނަ ސަބަބެއް ވެސް ނޭނގެއެވެ. އަހަރެން މޭޒުގެ އަނެއް ފަރާތުގައި އިށީނުމުން އަހަންނަށް ތިން ކާޑެއް ދިއްކޮށްލިއެވެ. އެއީ އަހަރެންގެ އުފަން ދުވަހަށް އޭނާ ތައްޔާރު ކުރި ކާޑުތަކެވެ. ކޮންމެ ކާޑެއްވެސް ވަރަށް ފުރިހަމައެވެ.
އެކާޑުތައް އޭނާ އެހާ ލޯބިން ހެދިކަމުގައި ވިޔަސް ފޮނުވޭނެ ގޮތެއް ވަނީ ނެތިފައެވެ. އަހަރެން ފިންލޭންޑަށް ދިޔަ ފަހުން އޭނާއަކަށް އެޑްރެހެއްވެސް ދީފައެއް ނޯންނާނެއެވެ. އަދި ފޯނެއް ވެސް ނުކުރަމެވެ. އެއީ އޭރު އަހަރެންގެ ކިޔެވުމުގެ ކަންތައް ހުރިގޮތުންވެސް މެއެވެ. އަހަރެން ކިޔަވާ ނިމިގެން އަންނަންދެން ޝުވީޒާ އިންތިޒާރު ކުރާނެ ކަމުގެ ޔަގީންކަން އޮންނާތީވެސް މެއެވެ.
ހަތަރު އަހަރު ފަހުން އަހަރެން އައި އިރު ޝުވީޒާއަށް ހަދިޔާއެއް ގެނައީމެވެ. އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ހަދަން އެނޫން ކުއްޖެއް ނެތެވެ. އެއީ އަހަރެން އަލަށް ވެސް ބަލަށް ވެސް ރައްޓެހިވި ފުރަތަ ކުއްޖާއެވެ. ވަކި މިންވަރެއް ނެތްހާވަރަށް އޭނާ ދެކެ ލޯބި ވެވޭތީވެސް މެއެވެ.
އަހަރެން ގެނައި އަގުބޮޑު ހަދިޔާ ފުރަތަމަ ނުދެއްކީމެވެ. އޭގެ ބަދަލުގައި އަހަރެން ދިނީ ކޯކްދަޅު ކަނޑަން ހުންނަ ރިންގެކެވެ.
“ހަތަރު އަހަރު ކޮށްފައި އައި އިރު އަހަންނަށް ގެނައި ހަދިޔާއަކީ މީތަ؟” އޭނާއަށް އެކަން ސަމާސާއަކަށް ނުވިއެވެ. އަހަންނަށް ޝުވީޒާ އެންމެ ރީތިވަނީ ނުރުހިފައި އިންނަ އިރުގައެވެ.
އަހަރެން ގެނައި އަސްލު ހަދިޔާ ދެން އޭނާއަށް ދިނީމެވެ. އެހަދިޔާ ވަނީ ރީތި ކުޑަ ރަންކުލައިގެ ފޮށްޓެއްގައެވެ.
“ހުޅުވާ ބަލާބަލަ.” އަހަރެން މިހެން ބުނުމުން ޖެހިލުންވެ އިނދެގެން އޭނާ އެހުޅުވާލިއެވެ.
“މީތި ހާދަ އަގު ބޮޑުވާނެ.” އޭނާގެ ދެލޯ ބޮޑުވެފައި އިނެވެ. “އަހަރެން މިހާ އަގުބޮޑު ހަދިޔާއެއް ބޭނުމެއް ނޫން.”
“ޝުވީ އަކަށް ވުރެން ތި ތީގެ އަގު ބޮޑެއް ނޫން.” އަހަރެންގެ އަތުން އޭނާގެ އަތުގައި އެ އަނގޮޓި އަޅުވާލީމެވެ.
“މިއީ ދާއިމީ އަނގޮޓިއެއް. މި ނުވާނެ ބާލައިގެންނެއް.”
“އެކަމަކު މީގެ ފަހުން މިހާ އަގުބޮޑު ހަދިޔާއެއް އަހަންނަށް ދީގެން ނުވާނެ.” ޝުވީޒާ ނުރުހިފައި ހުރެގެން ބުންޏެވެ.
“މިހަފްތާ ހޭދަ ކުރަން ޖެހޭނީ އަހަރުމެން ދެމީހުން އެކު އެކީގައި.” އަހަރެން ބުނީމެވެ.
ޝުވީޒާއަކީ ފޭދޫ ކުއްޖެއް ކަމުން މިއަކީ ފަސޭހަ ކަމަކަށް ވެސް ނުވާނެއެވެ. އާއިލާގެ ބެލެހެއްޓުމުގެ ތެރެއަކުން އަދިވެސް އޭނާއަކަށް ސަލާމަތެއް ނުވެވެއެވެ. އުމުރުން މީ އެކާވީސް ވަނަ އަހަރެވެ. އެކަމަކު އެކަނި ގޭން ބޭރުވުމަކީ އަދިވެސް ދަތިކަމެކެވެ.
“ޝުވީ އަށް ބޭނުންހާ އިޚްތިޔާރެއް މައިންބަފައިން ދޭނީ ކޮން އިރަކުން؟”
“އަމިއްލައަށް ދިރިއުޅެން ފަށައިގަނެވުނު ދުވަހަކުން!”
“އަހަރެންގެ ބެލުމުގެ ދަށަށް އަތުވެއްޖެއްޔާ.”
“މައިންބަފައިން މައްސަލަ ޖައްސާނެ.”
“ކާވެނި ކުރީމާ.”
“އޭރުން ފިރިމީހާ މައްސަލަ ޖައްސާނެ ” ޝުވީޒާ ސަމާސާ ކުރާނީ އެކަހަލަ ރާގަކަށެވެ. “ބަލަ ޝުވީޒާއަކާ އެހެން މީހަކު ނީންނާނެއެއްނު. އިންނާނީ މަށާއެއްނު.”
އެހާތަނުން އޭނާގެ ރައްޓެހި ކުއްޖާ އައިސް ސިއްރުން އެއްޗެއް އޭނާގެ ގާތު ބުނެފިއެވެ.
“ދާ ގަޑި ޖެހުނީ.” ޝުވީޒާ ބުންޏެވެ.
އަހަރެން ކަންބޮޑުވިއެވެ. “ދެން ކޮން އިރަކުން ދިމާވާނީ.”
“ފަހުން ބުނާނަން.”
އޭނާ އަވަސް އަރައިގެން ރައްޓެހި ކުއްޖާއާއެކު ދާން ތެދުވެއްޖެއެވެ. އެވަގުތު އަހަރެން ގެނައި ހަދިޔާ މޭޒުމަތިން ނަގާ އަހަރެން ދިއްކޮށްލީމެވެ. އޭނާ އެ ހިފައިގެން ދިއުމުން އުފާވެރިކަމެއް އަހަންނަށް ލިބުނެވެ.
ޝުވީޒާ ދިއުމަކީ އަހަންނަށް ލިބުނު ހިތް ދަތިކަމެއް މެއެވެ. އެންމެ ދެރައީ ގުޅޭނެ ގޮތެއް ނެތީމައެވެ. އެހާ ކުޑަ ދުވަސްކޮޅަކަށް އަހަރެން އައިސް ހުރީމައެވެ. ހިތް އެދެނީ ކާވެނި ކޮށްގެން ދިއުމަށެވެ. ވިޔަސް މިކަންތައް ހަމަ ޖެއްސޭނީވެސް ދެމީހުން އެކީގައި ބައްދަލުވެ ވާހަކަ ވެސް ދެކެވިގެން މެއެވެ.
ޝުވީޒާ ދިޔައީ މަންމަ ބަލިވެގެން ނެވެ. މިއޮތްހާ ދުވަސްކޮށްފަ އަހަރެން އައިމަ ވެސް އެކީގައި މިނިވަންކަމާއެކު ބައްދަލުކޮށްލާ އުޅުމުގެ ފުރުސަތެއް ނުލިބުނުކަން އެއީ އިއްތިފާގު ދިމާކުރުވި ހިތާމައެކެވެ.
ޝުވީޒާއާ ބައްދަލު ނުވާނެ ކަމަށް ގަބޫލު ކުރެވުމުން އަހަރެން ދާން ގަސްތުކުރީ މިދުވަސްކޮޅު ކޮންމެވެސް ރިސޯޓެއްގައި ހުރެލުމަށެވެ. އަހަންނާ ކެނަރީފް ރިސޯޓްގެ މެނޭޖަރަކީ ކުޑައިރުގެ ދެ ފުރެންޑުންނެވެ. އެހެންކަމުން އެ ދަތުރު ފަސޭހައިން ހަމަ ޖެހިއްޖެއެވެ. އަހަރެން ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަން އުޅެނިކޮށް ޝުވީޒާ އައުމަކީ އަހަންނަށް ބަޔާން ކޮށްދޭން ވެސް ނޭނގޭފަދަ އުފަލެއް ލިބުނު ކަމެކެވެ. އަހަރެން ހީކުރީ އޭނާ އެދުވަހު މާލެ ފުރީކަމަށެވެ. އެ ސުވާލު ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެއީ އިރުއޮއްސޭ ދަޅައެވެ. ލޯންޗް ބާރު ސްޕީޑުގައި ދިޔައިރު އެރީތި މަންޒަރު ބަލަން ޝުވީޒާ އިނެވެ. އަހަރެން ބަލަން އިނީ ޝުވީޒާގެ ހިތްގައިމު މޫނަށެވެ.
މުޅި ރޭގަނޑު އަހަރެމެން ދެމީހުން އެކުގައި ހޭދަކުރީމެވެ. ބަސްތަކަކަށް ލަފްޒުތަކަކަށް ޖާގައެއް ނެތް ގޮތުގައެވެ. އުފަލުގެ މިންވަރެއް ނުވާ އިންތިހާގައެވެ. އެރޭ ހޭދަވެގެން ދިޔައީ ހިނދުކޮޅެއްހެން ހީވާފަދަ ގޮތެއްގައެވެ.
އަހަރެން މި ރިސޯޓްގައި އުޅެން ރޭވިފައިވަނީ ދެދުވަހަށެވެ. އަނެއް ދެދުވަހު ފުރުމުގެ އިންތިޒާމް ކުރަން ޖެހިފައިވުމާއެކު އަހަރެން އެނބުރި ދާން ޖެހެއެވެ. ވިޔަސް މި ދެ ދުވަހު ޝުވީޒާއާ އެކު ހޭދަކުރަން ލިބުމަކީ އަހަންނަށް ވޭތިވެދިޔަ ހަތަރު އަހަރު ވަކީން އުޅެން ޖެހުނު އެކަނިވެރިކަން ފޫބެދުނު ކަމެއް ކަމުގައި ވިއެވެ.
އަހަރެންނަށް ހޭލެވުނީ އަނެއް ދުވަހު ނުވައެއް ވެސް ޖެހިފަހުންނެވެ. ސަޔަށް ދާންވެގެން އަހަރެން ހޯދާލި އިރަކު ޝުވީޒާއެއް ކޮޓަރިއަކު ނެތެވެ. އަހަރެން ފުރަތަމަ ހީކުރީ ފާޚާނާގައި ކަމަށެވެ. ފަހުން ގޮސް ބަލާލި އިރު އެތާކުވެސް ނެތެވެ. ބޭރު ފެންޑާއަކުވެސް ނެތެވެ. އެހެންވެ އަހަރެން ތައްޔާރުވެގެން ނުކުމެ ހޯދަމުން ދިޔައީމެވެ. އެއީ ބޮޑު ރަށަކަށް ނުވާތީ ހިސާހިތަކު ރަށްވަށާ ބުރެއް ޖަހާލެވިއްޖެއެވެ. އެއްވެސް ތާކުން ޝުވީޒާ ނުފެނުމުން އަހަރެން ރިސެޕްޝަނުން އޮޅުން ފިލުވީމެވެ. ޝުވީޒާ “ކިޔާ ކުއްޖަކު ރެޖިސްޓާ ވެފައެއް ނެތް.” އެމީހުން ބުންޏެވެ.
އެކަމާ އަހަރެން ހައިރާންވާކަށް ނުޖެހެއެވެ. ޝުވީޒާ ލޯންޗުން ފައިބައިގެން ދިޔައީ އަހަންނާ އެކު ކޮޓަރިއަށެވެ. އޭނާ ރެޖިސްޓަރ ކުރާކަށް އަހަރެން ރިސެޕްޝަނަކަށް ނުދަމެވެ. އަހަރެން ހީކޮށް ހުރީ މެނޭޖްމެންޓުން އެކަންތައް އޮންނާނީ ހަމަޖައްސާފައި ކަމަށެވެ.
އަހަރެން ހަނދާންވިއެވެ. އެރޭ އަހަރެމެން ދެމީހުން ކާކަށް ވެސް ނުދަމެވެ. ބަނޑުހައެއްވެސް ނުވެއެވެ. އަހަންނަށް ކެއުމުގެ މައްޗަކުން ހަނދާނެއްވެސް ނުވިއެވެ. މުޅިރޭގެ އިރާކޮޅު ހޭދަ ކުރެވުނީ ގޮނޑުދޮށުގައެވެ. އެކަކު އަނެކެއްގެ އަތުތެރޭގައެވެ. ބަހެއް ބުނާކަށް ވެެސް ފުރުސަތެއް ނެތިއެވެ. އެކަންތައް ހަނދާންވުމުން ޝުވީޒާގެ މަތީން މާބޮޑަށް މިސްވާން ފެށިއެވެ. އަހަރެން ހީކޮށްހުރީ ހަމަ ލަސްތަކެއް ނުވެ އަތުވެދާނެ ކަމަށެވެ. އެހެންވެ ހެނދުނުގެ ބްރެކްފާސްޓް ނިންމާލާފައި އަހަރެން އަވަހަށް ދިޔައީ ކޮޓަރިއަށެވެ. އެތަނަށް އައިސް ހުރެދާނެ ކަމަށެވެ.
އެކަމަކު ޝުވީޒާ ނުބުނެ ދިޔައީ ކީއްވެބާއޭ އަހަރެންގެ ހިތަށް އަރަން ފެށިއެވެ. އަހަރެން އަނެއްކާވެސް ރިސެޕްޝަނަށް ގޮސް އޮޅުން ފިލުވީމެވެ. ފަތިހުއްސުރެން ފެށިގެން އެއްވެސް ލޯންޗެއް ފުރައިގެން ދިޔަކަމެއް ރިސެޕްޝަނަކަށް އެނގިފައެއް ނުވެއެވެ. އަހަރެން ހާސްވީ ދެނެވެ. އަނެއްކާ އޭނާ މޫދަށް އެރުނީ ބާއެވެ. އެކަނި ގޮސް މޫދަށް އެރިފާނެހެއްޔެވެ؟ ދާދިފަހުންވެސް މޫދަށް އެރި އުޅެނިކޮށް މީހަކު ގެއްލިފައިވާ ކަމުގެ ޚަބަރު ކީ ހަނދާނެއްވެގެން އަވަހަށް އަހަރެން އެކަން މެނޭޖްމެންޓަށް އަންގައިފީމެވެ. އެހެންވެ މެނޭޖަރ ޚާއްސަ ސަމާލުކަމެއް ދީގެން މޫދު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އިސާހިތަކު ކޯސްޓްގާރޑުވެސް ހަރަކާތްތެރި ވެއްޖެއެވެ. ވިޔަސް އޭނާ މޫދަށް އެރުނުކަމުގެ އެއްވެސް ހެއްކެއް ނެތް މެއެވެ. އަދި އަހަރެން ބުނާބަހަކުން ނޫނީ އޭނާ އެރިސޯޓަށް އައިކަންވެސް އެނގޭ މީހަކު ނެތެވެ. އެންމެ ދެރައީ އޭނާ ލައިގެން ހުރީ ކޮން ކުލައެއްގެ ހެދުމެއްކަންވެސް ބުނެދޭން އަހަންނަށް ނޭނގުނު ކަމެވެ. އޭނާގެ އަތުގައި އަހަރެން އަޅުވާ ދިން އަނގޮޓި ނެތްކަން އަހަންނަށް އެއްފަހަރު ފާހަގަ ވިއެވެ. ވިޔަސް އެ ސުވާލު އޮތީ ނުކުރެވިފައެވެ.
ވަގުތު ހޭދަވަމުން ދާވަރަކަށް އަހަރެންގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އޭނާ ފުރައިގެން ދާނެ ފުރުސަތު ނެތްކަމީ ގެޔަށް ގުޅައިގެން އޮޅުން ފިލުވަން އެކަކުވެސް ނޫޅުނު ސަބަބެވެ. އެހެންނަމަވެސް އަހަރެންގެ ހާސްކަން އިތުރުވާން ފެށުމުން އަހަރެން ބެލީ ކޮންމެވެސް ގޮތަކުން އޭނާގެ ގެޔަށް ގުޅާލެވޭތޯއެވެ.
ޝުވީޒާގެ ފޯނަކުންވެސް އަދި ދަންނަ އެހެން މީހެއްގެ ފޯނަކުންވެސް ނުގުޅުނެވެ. އެހެންވެ ފޭދޫ އޮފީހަށް ގުޅައިގެން އޮޅުން ފިލުވަން އުޅުނީމެވެ. އަހަރެންނަށް ޝުވީޒާގެ މައިންބަފައިންގެ ނަމެއްވެސް އަދި ގޭގެ ނަމެއްވެސް އަހާލެވިފައެއް ނުވެއެވެ. އެނގެން އޮތީ އޭނާގެ ފޯނުކުރި ނަމްބަރެވެ. ނަމްބަރު ޗެކް ކުރުމުން އެނގުނީ އެއީ އޭނާގެ ނަމްބަރެއް ނޫންކަމެވެ. އެނަމްބަރަކުން ފޯނެއް ވެސް ނުނަގައެވެ.
އަހަންނަކީ ދިވެހި ނޫސް ކިޔާ އުޅޭ މީހެއް ނޫނެއްކަމަކު އެދުވަހުގެ އައްޑޫގެ އޮންލައިން ނޫހެއް ބަލާލީމެވެ. ޝުވީޒާގެ ޚަބަރެއް އޭގައި އޮތްތޯއެވެ. އެކަމަކު އެފަދަ ޚަބަރެއް އެދުވަހަކު ނެތެވެ. އޮތްހާވެސް ޚަބަރަކީ ހެރެތެރެ ރިސޯޓުން މީހަކު ގެއްލިގެން އުޅޭ ޚަބަރު ލިބޭކަމަށެވެ. ތަފްސީލު ލިބުނުވަރަކުން ގެނެސްދޭނެ ކަމަށެވެ. އަހަރެން އެނޫސް ބަލަމުން ދަނިކޮށް އޭގެ ކުރީ ދުވަހެއްގެ ޚަބަރެއްގައި އަޅައިގަތެވެ. ލިންކްރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާން ކުއްޖަކު ސީރިޔަސްވީ ޚަބަރެވެ. އޭގެ ފަހަތުގައި އޮތީ އެކްސިޑެންޓްވެގެން ސީރިޔަސްވީ އަންހެން ކުއްޖާ ނިޔާވި ވާހަކައެވެ. އެއީ އެކާވީސް އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ އިނީ ދުއްވާފައި ދިޔަ ސައިކަލްގެ ފަހަތު ސީޓްގައެވެ. ދުއްވަން އިން ކުއްޖާއަކަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. ނިޔާވި ކުއްޖާގެ ނަމަކަށް އާމިނަތު ޝުވީޒާ އޮތީމާ އަހަރެންނަށް އިތުރު ކަންބޮޑުވުމެއް އިހްސާސް ވިއެވެ. އެކަމަކު އެއަކީ އަހަރެންގެ ޝުވީޒާ ކަމަކަށް ނުވާނެއެވެ. އެބުނާ ދުވަހު އެ ބުނާ ވަގުތެއްގައި އަހަރެންގެ ޝުވީޒާ ހުރީ އަހަރެންގެ ގާތުގައެވެ. އެކަމަކު އަހަރެންގެ ޝުވީޒާ އެރޭ އެހާ ތަފާތީ ކީއްވެގެންބާއޭ މިހާރު ހިތަށް އެރިއެވެ. އަހަންނާއެކު އޭނާ ހޭދަކުރި އެއްވެސް އިރެއްގައި އޭނާ އެއްވެސް އެއްޗެއް ބުނި ހަނދާނެއް ނުވެއެވެ. އާނއެކެވެ. މިހާރު ރަނގަޅަށް ޔަގީން ވެއްޖެއެވެ. ބަހެއްވެސް ނުބުނެއެވެ. އެފުރުސަތެއްވެސް ނުދެއެވެ. އޭނާގެ މޫނުމަތީން ފެންނަން ހުރީ އުފާވެރި ކަމަށް ވުރެން ބޮޑަށް ނުތަނަވަސް ކަމެވެ.
އަހަރެން މިކަންތައް އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ. އެހެންވެ އަހަރެން އަވަހަށް ފޭދުއަށް ދިޔައިމެވެ. އަދި އެކްސިޑެންޓުގައި ނިޔާވި ކުއްޖާގެ އާއިލާ ހޯދައިގެން އެގެޔަށް ދިޔައިމެވެ. ގޭގައި ހުރީ އޭނާގެ ބޭބެ އެކަންޏެވެ. އޭނާ ރޮއިރޮއިފައި އެހާދިސާ ހިނގިގޮތް ކިޔާދިނެވެ. އަދި އޭނާގެ ކޮއްކޮ ޝުވީޒާގެ ފޮޓޯއެއް ވެސް ދެއްކިއެވެ.
އެއީ ދެވަނަ ކުއްޖެއް ނޫނެވެ. އަހަރެންގެ ޝުވީޒާއެވެ. އަހަރެންގެ ހޭވެރިކަން ހުސްވެގެން އެތަނަށް ވެއްޓުނީ އެވަގުތު އެވެ.
ނިމުނީ