English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އޮންނާނެ ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ

ރައީސް ނަޝީދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކެންޑިޑޭޓެއްގައި ހުންނަން ޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަވެފައިވާ ފަރާތަކީ ނަޝީދުކަމުގައެވެ

މީގެ އިތުރުން އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމް ދިވެހިން ދޭން ބޭނުންވާ އެ ޝަރުތު ފުރިހަމަވާ ކަމަށް ދިވެހިން އެންމެ ގަބޫލު ކުރާ ފަރާތަކީ ރައީސް ނަޝީދު ކަމަށެވެ. އަދި ނަޝީދު ވެރިކަމަށް ކުރިމަތިލާން ނިންމެވީ އެކަމުގައި ނުކުމެވަޑައިގަތުމަށް އެތަށް ދިވެހިން އެމަނިކުފާނު އަރިހުގައި ތަކުރާރުކޮށް އެދެމުންދާތީ ކަމަށެވެ

13 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ރިޔާސީ އިންތިހާބުގައި ނަޝިދުއަށް ވާދަކުރެއްވުމުގެ ޝަރުތު ހަމަނުވާކަމަށް ބުނެ ދައްކަމުންދާ ވާހަކައަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ބޮޑުވެގެންވާ ހުކުމެއް ރައީސް ނަޝީދުގެ މައްޗައްކޮށްފައިވީ ނަމަވެސް 1 ފެބްރުއަރީގެ އަމުރަށް ފަހު އެ ހުކުމް އުވިފައިވާކަމަށެވެ.އަދި އިންތިހާބުގައި ރައީސް ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެކަމަށާއި ޕާޓީގެ އުއްމީދު ފުޑުފުޑުކޮށްލެއްވުމަށް ސަރުކާރުގެ ވެރިން ޖައްސަވާ މަޅިއެއްގައި ރައީސް ނަޝީދު ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ