އަހަރެން މެލޭޝިއާގައި މެޑިސިން ކިޔަވަން އުޅުމަށް ފަހު ޗުއްޓީއަކަށް އައިތަނުން އަހަންނަށް ރަށުގެ ހޮސްޕިޓަލުގެ ވަޒީފާއަކަށް ދިއުމުގެ ފުރުސަތު ލިބުނެވެ. މިފަހަރު މިއީ ދިގު ޗުއްޓީއެއް ކަމުން އަހަރެން އެފުރުސަތުގެ ބޭނުން ހިފީމެވެ.
އަހަރެންނަށް ވަޒީފާ ލިބުނީ ހުޅުދޫ ހޮސްޕިޓަލުންނެވެ. އެއީ ބިޔަ އިމާރާތެކެވެ. މުވައްޒިފުން ގިނައެވެ. ބަލިމީހުން ބައިވަރެވެ. މަސައްކަތް ބޮޑެވެ. އައްޑޫގެ ވަކި އެހެން ރަށެއްގައި މިހާ ބާރުބޮޑު ހޮސްޕިޓަލެއް ނުވެސް ހުންނާނެއެވެ. އެއީ މިހޮސްޕިޓަލަކީ ކިޑްނީއަށް ޚާއްސަކުރެވިފައިވާ ހޮސްޕިޓަލެއް ވީމައެވެ.
އަހަރެން އުޅޭ ބައިގައި އެކަނިވެސް ވިއްސަކަށް ނަރުސް ކުދީން އުޅެއެވެ. އެއިން ކޮންމެ ކުއްޖަކީވެސް ރަނގަޅަށް ތަމްރީނު ކުރެވިފައިވާ ކުދީންނެވެ. ފަރުވާތެރިއެވެ. ބަލިމީހުންނަށް އެހީތެރިއެވެ. ގަޑިޔަށް ސަމާލުކަންދީ ގިނަވަގުތު މަސައްކަތުގައި އުޅޭ ހީވާގި ކުދީންތަކެކެވެ. އެކުދީންނަށް އެވަޒީފާއަށް ދެވިފައިވަނީ އެކުދީންގެ ހުރި ރީތި ކަމަކަށް ހުންނަ ބައްޓަމަކަށްޓަކައެއް ނޫނެވެ. ކޮންމެ ކުއްޖަކީވެސް ސްކޫލު ނިންމާފަ ޓްރޭނިން ހެދުމަށްފަހު އެވަޒީފާއަށް ނުކުމެތިބި ޒުވާން ކުދީންނެވެ.
އެއްކަހަލަ ހުދު ފިޔާތޮށި ޔުނިފޯމެއްގައި ތިބޭއިރު ހީވަނީ އެއް ގޮފިގަނޑެއްގައި ޖައްސާފައިތިބޭ ދޮންދީނި ތަކެއް ހެންނެވެ. މިޒާޖު އުފާވެރި ޅަކުދީންތަކެކެވެ.
އެކުދީންނެކޭ އެއް ފަދައިން އަހަންނަކީ ވެސް ޒުވާނެކެވެ. ފަލިޖެހުމާ ރާޅާ އެޅުމަކީ އަހަރެންގެ ހޮބީއެކެވެ.
އަހަންނަކީވެސް ހަމަ އެކުދީން ފަދައިން ސަމާސާ މިޒާޖުގެ މީހަކީމެވެ. ރީތި އެއްޗެހި އަހަންނަށްވެސް ރީތިވެއެވެ. ހިތްގައިމު ހިނިތުންވުންތަކުން އުފާވެސް ލިބެއެވެ. ވިޔަސް އަހަރެންގެ ނެތީ އެއިން އެއްކުއްޖަކާވެސް ހިތާވެ ލޯބީގެ ގޮތުން ގުޅުމުގެ ޚިޔާލެވެ. އަހަންނަކީ ކިތަންމެ ޒުވާން މީހެއް ނަމަވެސް އެކުދީންނަށް ވުރެން ސީނިއަރ މީހެއް ކަމުގައި އެކުދީންވެސް ދެކެއެވެ. އަހަންނަށް ބައެއް ކުދީންގެ ފަރާތުން އެކިކަހަލަ އިޝާރާތްތައް އަންނަކަން އަހަންނަށް ފާހަގަ ކުރެވެއެވެ. ބަލާލާ ބެލުމަކުން، ހިނިތުން ވެލުމަކުން ކޮށްލާ ހަރަކާތަކުން އެކުދީން ކޮންމެވެސް އެއްޗެއް ބުނަން އުޅޭކަން އަހަންނަށް އެނގެއެވެ.
އަހަންނަކީވެސް ލެޔާ މަހުން އުފެދިފައިވާ އިންސާނެއްކަމުން މިފަދަ ކަތިލާފަދަ ނަޒަރުތަކުން ޒަޚަމު ނުވެ ސަލާމަތްވަނީ ހަމަހިތްވަރާއި ގަދަ އަޒުމުންނެވެ.
އަހަރެންގެ ޗުއްޓީ ދުވަސްތައް އަވަހަށް ނިމުމަށް އަހަރެން ހިތް އެދެނީ މި ސަބަބަށްޓަކައެވެ. ވިޔަސް އަހަރެންގެ މަންމައާ އާއިލާއާ ދުރުގައި އެހާ ދުވަހު އުޅުމަށްފަހު ގެޔަށް އާދެވުމަކީ އަހަންނަށް ލިބުނު ނުހަނު ބޮޑު އުފަލެއްމެއެވެ. އެއާއެކު ހޮސްޕިޓަލުގައި މިހޭދަ ކުރެވޭ ވަގުތު ތަކަކީވެސް އަހަރެންނަށް ނުހަނު ބޭނުންތެރި ވަގުތު ތަކެކެވެ. އަހަންނަށް އެންމެ ބޮޑު ދަތިކަމަށް އިހްސާސްވަމުންދަނީ އަހަރެންގެ ވަށައިގެން އެނބުރޭ ވިއްސަކަށް އަންހެން ދުދީންގެ ތެރޭން ކުއްޖެއްގެ އިޝްގުގައި ނުޖެހި ޗުއްޓީ ނިމެންދެން ހިފަހަށްޓާލުމެވެ.
އަސްލުގައި އަހަންނަށް މިއަދު މަދުވާ އެއްވެސް ކަމެއް ދުނިޔެމައްޗަކު ނެތެވެ. މައިންބަފައިން ހަމަށް އެތަބިއްބެވެ. ތަނަވަސްކަން އެބަހުއްޓެވެ. ބަލާލަން އަހަރެން ހުތުރެކޭ އެކަކުވެސް ނުބުނެއެވެ. އިސްކޮޅުން ތަންކޮޅެއް ދިގުވުން އެއީ އައިބެއް ކަމަކަށް އެކަކުވެސް ނުދެކެއެވެ. އަދި އެންމެ ދޮން ނޫނަސް އަހަންނަކީ ކަޅު މީހެކޭވެސް މީހަކު ނުބުނާނެއެވެ. އަހަރެންނަށް އައްޑޫ ރިތިކްއޭ ކިޔަނީ އަހަރެންގެ ނަމަކަށް ރޯޝަން ކިޔާތީއޭ އެއްބަޔަކު ބުނެއެވެ. އެކަމަކު އެއީ އަހަރެން ނުހޭން ހުއްޓާ ހެވޭ އިރު ރިތިކާ ވައްތަރު ވާތީ ކަމަށްވެސް އެއްބަޔަކު ބުނެއެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ރީތި ކަމަކުން ނުވަތަ ތަނަވަސް ކަމަކު ފައިދާއެއް ނަގައިގެން އަހަރެން މިތަނުން ނަރުސް ކުއްޖަކާ ހިތާވެ ހެސްގަންނާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އޮފީސްތަކުގެ ތެރޭގައި ކަންތައް ދާގޮތުން އަހަރެންގެ ޗުއްޓީ ކުރުކޮށްލަން ވެސް ބޭނުންވާން ފަށައިފިއެވެ.
އަހަރެން ހޮސްޕިޓަލުން ކުރު ޗުއްޓީއެއް ނެގި އެންމެ ބޮޑު އެއް މަގުސަދަކީ އެއީއެވެ. އެއީ އަހަންނަށް އަރިދަފުސް ރޯގާއެއް ވެސް ޖެހުނު ދުވަސްތަކެއް ކަމުން މެޑިކަލް ލީވެއް ނަގަން ފަސޭހަވިއެވެ. “ޑޮކްޓަރުންވެސް ބަލިވޭތަ؟” މިކަމާ ގުޅިގެން ސިއްރިޔާތުގައި ހީނ ޖެއްސުމުގެ ބަސްތައް ވެސް ބުނެވުނެވެ. މިކަންތަކުގެ އަޑީގައި ހުންނަނީ ކުޑަ މަރީއެވެ.
މަރީއަށް އެހެން ކިޔަނީ އޭނާ އެހެން ކުދީންނަށް ވުރެން ކުޑަވީމައެއް ނޫނެވެ. އޭގެތެރޭގައި މަރީ ކިޔާ ތަންކޮޅެއް ފަލަ ކުއްޖަކު އުޅޭތީ ތަފާތު ކޮށްލުމަށެވެ. ކުޑަމަރީއަކީ އެކުދީންގެ ތެރޭގައި ހުންނަ އެންމެ ރީތި ކުއްޖާ ކަމަށް ދެބަސްވާނެ އެކަކުވެސް ނުހުންނާނެއެވެ. އޭނާ ރީތީ އެކަންޏެއް ނޫނެވެ. އޭނާގެ މޫނުމައްޗާ ހަރަކާތްތައް ވެސް ޖޫހީއާ ވައްތަރު ގޮތެއް ހުންނާތީ އެވެ. އަދި ބަލައިލާ ބެލުންތަކުން މީހެއްގެ މޭތޮރުފާލަފައި ހިތަށް ދުއްޕާން ކޮށްލުމުގެ ކުޅަދާނަކަން ހުންނަ ކަމަށް ގަބޫލު ކުރެވޭތީއެވެ. އެހެންވެ އަހަރެން ބަލަނީ މަރީއާ ހަތަރުކަޅި ހަމަކޮށްނުލާވޭތޯއެވެ. ވިޔަސް މަރީގެ ނަޒަރަކުން އަހަންނަކަށް އެންމެ ދުވަހަކުވެސް ސަލާމަތް ވެވޭކަމަކަށް ނުވެއެވެ.
އަހަރެންގެ ގެ ހުންނަނީ ހުޅުދޫގެ އަތިރިފަރާތުގައެވެ. މަތީބުރި ޚާއްސަކުރެވިފައި ހުންނަނީ އަހަންނަށެވެ. އެއީ ބައްޕަމެން އަހަންނަށް ހަދާދީފައި ހުންނަ ކުޑަވަރެއްގެ ރެސޯޓެކެވެ. ބެލްކަނީގައި އެއްތެޔޮ އުނދޯލި އެލުވައި ކޮފީމޭޒު ބަހައްޓާފައި ހުންނަ އިރު ބޭރުން ބަލާލީމާ އެގެ ނޭނގޭ މީހަކަށް ހީކުރެވޭނީ އެއީ ގެސްޓުންނަށް ތައްޔާރުކޮށްފައިވާ ކޮންމެވެސް ގެސްޓް ހައުސް އެއް ކަމުގައެވެ.
އަހަރެންނަށް ލިބުނު މި ޗުއްޓީގައި އަހަރެން ހޭދަކުރަން ބޭނުންވީ އެކަހެރި ގޮތުގައެވެ. ގިނަވަގުތު ފޮތްކިޔުމާއި މިއުޒިކް އަޑު އެހުމުގައި ހޭދަ ކުރީމެވެ.ބައްޕަމެންނާއި ގޭގެ އެހެނިހެން މީހުން އުޅޭނީ އަނެއް ފަރާތުގައި ހުންނަ ގެއެއްގައެވެ. އަހަރެންނަށް ކާން ހަދާދޭން ހުންނަ ދުވަސްވީ ޚާދިމު ނޫން މީހަކު މިގެޔަކު ނޫޅޭނެއެވެ.
އެދުވަހު އަހަރެން އިނީ ހަވީރު ސައިބޯށެވެ. ޓީވީގައި ހުރީ ކާޓޫނު ފިލްމެކެވެ. އަހަރެންނަކަށް ޓޮމްއެންޑް ޖެރީ ދައްކާނަމަ އެހެން ޗެނަލަކަށް ބަދަލެއް ނުކުރެވޭނެއެވެ. އަހަރެން އެކަނި އިނދެގެން ނިކަން ގަޔާވެގެން އެސޮރުމެން ގަންނަ ސަކަރާތް ބަލަން އިނީމެވެ. އެވަގުތު އަހަރެންގެ ހިމޭންކަން ގެއްލުވާލީ ގޭގެ ރަނގަބީލުންނެވެ.
ނޯކަރު އަލިބެ އިރުކޮޅަކުން ދެއަންހެން ކުއްޖަކު ގޮވައިގެން އެތަނަށް އަތުވެއްޖެއެވެ. އިސްކޮށް ހުރީ ކުޑަމަރީ ކަމަށް ވީކަމީ އަހަރެންގެ ޖަޒްބާތު އެފުށް މިފުށަށް ޖެހިގެން ދިޔަ ކަމެކެވެ.
“މިގަޑީގަ، މިގެޔަށް؟ ޑިއުޓީ އެއް ނެތްތަ؟”
“ބަލިމީހުންގެ ގާތަށް ނަރުހުން އައުމަކީވެސް ޑިއުޓީއެއްނު؟” ކުޑަމަރީގެ އަނގަޔަކުންވެސް ނާރާނެއެވެ. ޒުވާބެއް ކުރާކަށް ދެކޮޅެއް ހަދާކަށް އުޅޭނެ ކަމެއް ނެތެވެ. އޭނާއާއެކު އޭނާގެ ބެސްޓް ފުރެންޑްވެސް އައިސް އިނެވެ.
“އެހެން ކުދީންނަށް އެނގިއްޖެއްޔާ؟ “ އަހަންނަށް ބުނެވުނެވެ. އަހަރެން ކަންބޮޑުވީމާ އެމީހުންނަށް ވަނީ މަޖަލަކަށެވެ.
“ބަލަ ރިތީކް! މީ ސްކޫލް ކުދީންތަކެއްތަ؟ އަހަރެމެން ހުރިހާ ކުދީންނަށް ވެސް އަށާރަ ފުރިއްޖެ.”
އެއީވެސް ތެދެކެވެ. ރައްޓެހީން ބައްދަލު ކުރަން އަންނާނެއެވެ. އަހަރެމެންނަކީ އެއް އޮފީހެއްގައި އެއްކަހަލަ މަސައްކަތެއް ކުރާ މީހުންނެވެ. ގާތްކަން އޮންނަން ވާނެ އެވެ.
ކުޑަމަރީއަކީ ހިތަދޫކުއްޖެކެވެ. އޭނާ އައިސް ހުންނަނީ ރައްޓެހި ގެއެއްގައެވެ. އޭނާގެ ބެސްޓް ފުރެންޑު ސޯބިރާއަކީ މިރަށު ކުއްޖެކެވެ. އޭނާ އަށް އައި ފޯނަކާ ގުޅިގެން މަރީ ބައިންދާފައި އޭނާ ހިނގައްޖެއެވެ.
ދެން ޖެހުނީ އަހަރެންގެ ހިތުގެ ޖަޒްބާތުތަކާ އަހަރެން އެކަނި ހަނގުރާމައެއް ކުރާށެވެ. މަރީގާތު ދާށޭ ބުނާނެ ހިތްވަރެއް ނެތެވެ.
މަރީއާއެކު ކުދިކުދި އެތައް ވާހަކައެއް ދައްކަން އަހަރެން އިނީމެވެ. އޭނާއަށް ސައިވެސް ގެނުވައި ދިނީމެވެ. އެންމެފަހުން އޭނާ ޑިއުޓީއަށް ދާން ތައްޔާރުވާން ހިނގައްޖެއެވެ.
އަހަރެން ވަރަށް ވިސްނީމެވެ. މިކުރެވުނީ ރަނގަޅު ކަމެއް ބާވައެވެ. އެކަމަކު މިއީ އަހަރެން ގަސްތުގައި ކުރިކަމެއް ކަމަކަށް އަހަންނަކަށް އެއްބަހެއް ނުވެވުނެވެ. އެމީހުން އައީ އަހަރެންގެ ދައުވަތަކަށް ނޫނެވެ. ވިޔަސް އަހަންނާއެކު މަސައްކަތް ކުރާ އަންހެން ކުދީންތަކެއް އެއައީ އަހަރެން އެކަނި ދިރިއުޅޭ ގެޔަކަށެވެ. އާދަވެގެން މިގެޔަށް އެއްވެސް ވަރަކަށް މީހުން އައިސް އުޅޭތަނެއް ހިސާބުގަނޑުގެ މީހުންނަކަށް ވެސް ފެނިފައެއް ނުވާނެއެވެ. ހަގީގަތެއް ނެތި މީހުން ދައްކާނެ ވާހަކަ ހަގީގަތުގައި ކަމެއް ހިނގީމާ ވާވަރަށް ވުރެން ބޮޑުވާނެއެވެ. އަހަރެން ހާސްވީ ހޮސްޕިޓަލުގެ ތެރޭގައި މިވާހަކަ ދެކެވޭނެ ގޮތް ހިތަށް ވަނުމުންނެވެ.
މަރިޔަން ނަޝާތަކީ ހިތަދޫގެވެސް ގަދަރުވެރި އާއިލާއެއްގެ ކުއްޖެކެވެ. ކުޑަމަރީއޭ އޮފީސްތެރޭގައި ކިޔެއްކަމަކު އޭނާގެ ގަދަރުވެރިކަމަށް އުނިކަމެއް ނާދެއެވެ. މަޖާ މިޒާޖެއްގެ ހިތްގައިމު ކުއްޖެއްކަމުން ވެސް މެއެވެ. ރީތި ކަމާއެއްވަރަކަށް އަޚުލާގު ރަނގަޅެވެ. ބަނިޔާދަނެވެ. މަރީ އިންނަން ހުރެއްޖެނަމަ ނުރުހޭނެ އެއްވެސް ފިރިހެން ކުއްޖެއް ނެތެވެ. އޮފީސްތެރޭގައިވެސް އޮންނަ ހަރުކަށި އުސޫލުތަކުން ނޫންނަމަ ހުށަހަޅާނެ ކިތަންމެ ބަޔަކުވެސް އުޅޭނެއެވެ. އެހެން ނޫނަސް އަހަންނަށް އެނގުމެއް ނެތިވެސް މަރީއާ އާ އަހަންނޭ ކިޔައިގެން އަޑު ފެތުރިފައި ވެސް އޮވެއެވެ. އެއަޑު ގަދަވެފަައިވަނީ މަރީ އެކަމާ ދެބަސް ނުވާތީއެވެ.
އަހަރެންނަކަށް ވެސް އަސްލުގައި މަރީއަކަށް ނޫނެކޭއެއް ނުބުނެވޭނެއެވެ. އޭނާ އިންނަން ހުރިއްޔާ ދެވަނަ ކުއްޖަކުވެސް ޚިޔާރެއް ނުކުރެވޭނެއެވެ. އަހަރެން ބޭނުން ނުވަނީ އޮފީސް ކުއްޖަކާ ގުޅި އެ އަޑު މުޅި އޮފީހުގައި ފެތުރިގެން ދިއުމެވެ. އަދި ރައްޓެހިވެގެން އެއް އޮފީހެއްގައި އުޅުމަކީވެސް އަހަންނަށް ގަބޫލު ކުރެވޭ ކަހަލަ ކަމެއް ނޫން ވީމައެވެ.
މަރީ އެނގުމެއްނެތި ކުއްލިއަކަށް މިއައި އައުމަކީ އަހަރެންގެ ހިތުތެރެ ޒަލްޒަލާ ކޮށްލި ކަމެއްކަން ކަށަވަރެވެ. އުޅެ އުޅެވެސް “މަރީ” ނޫން ލަފްޒެއް އަހަރެންގެ ހިތަށް ނޭރިއެވެ. މުޅި އެރޭ ދިގުވެގެން ދިޔައީ ހިތަށްވެސް ލޮލަށް ވެސް އަރާމެއް ނުލިބިގެންނެވެ. މަރީ ދުށުމަށް އަހަރެންގެ ލޯ އިންތިޒާރު ކުރީމައެވެ. އޭނާއަށްޓަކައި ހިތް ބޭކަރާރުވީމައެވެ. އެގޮތަށް ދެދުވަސް ހޭދަވެގެން ދިޔައެވެ.
އެއީ ތިންވަނަ ދުވަހުގެ ހަވީރެވެ. އަހަރެންވެސް އަނެއްކާ ކިޔެވުން ކުރިޔަށް ގެންދަން ފުރުމުގެ ވަގުތު ކުޑަތަން ވެއްޖެއެވެ. އަރިދަފުހުގެ ކަންފުޅެއް ވެސް މިހާރަކު ނެތެވެ. އޮފީހަށް ނުކުތުމުން އަނެއްކާވެސް އަހަރެންގެ ހިތުން މަރީގެ އަޑު ކެނޑިގެން ހިނގައިދާނެއެވެ. ބަލާނީ އެންމެ ބުރަކޮށް އުޅެވޭނެ ކަހަލަ ކަމެއްގައި މި ދެތިންދުވަސް ހޭދަ ކުރުމަށެވެ.
އެއީ އަނެއްކާވެސް ހަވީރުގަޑިއެވެ. ދޮރުގެ ބެލްގެ އަޑު އިވުމާއެކު އަހަރެންގެ ހިއްސުތައް ތެޅިގަނެގެން ދިޔައެވެ. އެވާނީ މަރީއަށެވެ. އަހަރެން ބާރަށް ގޮސް ދޮރު ހުޅުވާލިއިރު އެއީ އަހަރެންގެ ބައްޕައާ މަންމަ މެންނެވެ. ހާސްވެސް ވިއެވެ. އުފާވެސް ވިއެވެ. މަރީ ނޫން ވީމާ ނާ އުންމީދު ވެސް ވިއެވެ.
ގިނަ އިރެއް ނުވެ އަނެއްކާވެސް ބެލްގެ އަޑު އިވިއްޖެއެވެ. މިފަހަރު އައީ އަހަރެން ނުދަންނަ މެދު އުމުރެއްގެ ދެމަފިރިއެވެ. ބައްޕަމެންގެ ރައްޓެހިބައެއްކަން އެމީހުން ބުންޏެވެ. އެކަމަކު އެނގުމެއްނެތި އެމީހުން މިގެއަށް އައުމުން މެހްމާންދާރީވެސް އަދާ ކުރެވޭކަށް ނެތް މެއެވެ.
ދެންވެސް ލައިގަތީ ހައިރާން ކުރަނިވި ކަންތައް ގަނޑެކެވެ. ގޭގެ ނޯކަރުގެ ފަހަތުން ސައި ފޯންޗުތަކާއި ހެދިކާ އޭތި މީތި ހިފައިގެން ބައިބަޔަށް އައިސް ބަދިގެއަށާއި ކާމޭޒުމައްޗަށް ގެންދަން ފަށައިފިއެވެ. ހީވަނީ ބޮޑު ޖާފަތެއް ތައްޔާރުވީ ހެންނެވެ. އެއާ އެކު ދެން އެންމެ ހައިރާންވާ ކަހަލަ ކަމަކަށް ދިމާވީ ހޮސްޕިޓަލުގެ އިސް ވެރީންނާއި ޑޮކްޓަރުންނާ ނަރުހުންވެސް އެތަނަށް އައީމައެވެ.
މިވީގޮތް ރަނގަޅަށް އޮޅުން ފިލާކަށް ގިނަ އިރެއް ނުނެގިއެވެ. ބައްޕަމެންނާ އެކު އައީ މަރީގެ މައިންބަފައިންނެވެ. އެމީހުން މިއައީ އަހަރެމެންގެ ކާވެނީގެ ހުރިހާ ތައްޔާރުތަކެއް ކޮށް ނިންމަައިގެންނެވެ. ހެކިވެރީންނާއި ގާޒީ އިސާހިތަކު އައިސް ކާވެނީގެ މޭޒުދޮށަށް އަހަރެން ގެންގޮއްސިއެވެ. މަރީވެސް ލަދުމަލެއްހެން ފޮޅިފައި ހުރެގެން އައިސް އަހަރެންނާ ޖެހިގެން އިށީނެވެ. ރަންކިޔައި ކާވެނި އަގުދު ކުރެވި ހުރިހާ ކަމެއް ހިނގައިދިޔައީ ހުވަފެނެއް ފެނި ހޭލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެއީ ނުހަނު ހިތްގައިމު ހުވަފެނެކެވެ. އެއަށް ވުރެން ވަކި ކުލަގަދަ އުފާވެރި ހުވަފެނެއް އަހަރެންގެ މުޅި ހަޔާތުގައި ވެސް ފެނިފައެއް ނެތެވެ.
ނިމުނީ