1 ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގާއި ގުޅިގެން ނަގާފައިވާ ބަޔާންތަކެއް ސޯޝަލްމީޑިއާގައި ލީކުކޮށްލާފައިވާ ކަމަށާއި އެ މައްސަލަ ސީރިއަސްކޮށް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ ބަޔާންތައް ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައި ވަނީ ނުފޫޒުގަދަ ބަޔަކު ރާވައިގެން ކަމަށާއި އެ މައްސަލަ ބަލައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ. މީގެ އިތުރުން ޝިފާން ވިދާޅުވީ މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި މިއީ ގާނޫނީ ނިޒާމާއި މެދު އާންމުންގެ މެދުގައި އިތުބާރު ނަގާލާއި ގާނޫނީ ނިޒާމަށް ހުރަސް އެޅުމަށް ހިންގި އަމަލެއް ކަމަށެވެ
ލީކްވެފައި ވަނީ ސައްހަ ބަޔާންތަކެއްކަން ރަސްމީ ފަރާތަކުން ކަށަވަރުކޮށްދީފައިވާއިރު ލީކުކޮށްލި ބަޔާންތަކުގެ ތެރޭގައި، ބައެއް ފަނޑިޔާރުންނާއި ފުލުހުންގެ އިސް ވެރިންތަކެއްގެ ބަޔާން ހިމެނެ އެވެ. ލީކުވެފައިވާ ބައެއް ބަޔާންތަކުގައިވާ ގޮތުން ވަކި ގޮތަކަށް ހުކުމްތައް ނެރެން ގާޒީންނަށް ނުފޫޒު ފޯރުވާފައިވާކަމަށް ހެކި ބަސް ދީފައިވެ އެވެ