ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާތީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލުހުން މިކަމަށް އިލްތިމާސްކުރީ ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރުމާ ގުޅިގެންނެވެ. ފުލުހުން ވަނީ ޒަރޫރީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މި ދުވަސްވަރު ނުކުރުމަށް އެދިފައެވެ.
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ނެރެފައިވާ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ ބާރުއަޅާފައެވެ. މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ.
އެ އިދާރާއިން ބުނީ އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.
މޫސުމީ މި ނުތަނަވަސްކަމުގައި ކަނޑުމަތީގެ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި، ކަމާ ބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލަނބައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އެދިފައެވެ.