ސަޕްލައި ދޯނި ދިޔަވެ އަޑިއަށް ހިނގައްޖެ ހާދިސާގައި މީހުންނާއި މުދާ ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި އަމަލީގޮތުން ހަރަކާތްތެރިވި ފުލުހުންނާ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ބައްދަލުކުރައްވައިފިއެވެ.
ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ގއ. ވިލިނގިއްޔަށް ކުރެއްވި މި ޒިޔާރަތުގައި، އެ ސްޓޭޝަންގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ. އަދި ދިޔަވެ އަޑިއަށް ހިނގައްޖެ ދޯނިން މީހުންނާއި މުދާ ސަލާމަތްކުރުމަށްޓަކައި، ހާދިސާގެ މައުލޫމާތު ލިބުނު ހިސާބުން ފެށިގެން ފުލުހުން ކުރި މަސައްކަތްތައް ފާހަގަކުރައްވައި ހިތްވަރު ދެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މީހުންނާއި މުދާ ސަލާމަތްކުރުމަށް މަސައްކަތްކުރި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު އާއި ސިފައިންގެ ބޭކަލަކާއި ދޯނީގެ ކެޕްޓަން ގެއްލުމުގެ ހިތާމައިގައި ސަރުކާރުން ފުރިހަމައަށް ބައިވެރިވާ ކަމަށެވެ. އަދި މި ހާދިސާގައި ފުލުހުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ނަމޫނާ މަސައްކަތްތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ، މި ދަތުރުގެ އެންމެ މުހިއްމު ބޭނުމަކީ މި ހިތާމަވެރި ދަނޑިވަޅުގައި ސާޖަންޓް އަލީ ނާފިއުގެ އާއިލާއާ ބައްދަލުކުރުމާއި، މި ހާދިސާގައި އަމަލީގޮތުން ހަރަކާތްތެރިވި ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލުކުރެއްވުން ކަމަށެވެ. ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމުގައި ފާހަގަކުރައްވައި، ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެއިތުރުން، ގެއްލިފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމާއި، ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ކޮމިޝަނަރ ވަނީ ފުލުހުންނާ ހިއްސާކުރައްވާފައެވެ.