މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 7،349 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހަޅާފައިވަނީ 6،720 މައްސަލައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރަށްވުރެ އިތުރު އަދަދެކެވެ.
ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 2،054 މައްސަލައެއް ހުށަހަޅާފައިވެއެވެ. ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި މަގުމަތީގެ އެކްސިޑެންޓު މައްސަލަތަކެވެ. މީގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ 1،487 މައްސަލައާއި، މަގުމަތީގެ އެކްސިޑެންޓުގެ 1،083 މައްސަލަ ހިމެނެއެވެ.
މީގެއިތުރުން ތަކެތި ގެއްލިގެން 605 މައްސަލައާއި، މާރާމާރީގެ 395 މައްސަލައިގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ 377 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ގެވެށި އަނިޔާގެ 197 މައްސަލައާއި، ޖިންސީ ކުށުގެ 152 މައްސަލައިގެ އިތުރުން ފޭރުމުގެ 93 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ.
އަދި މަކަރާއި އޮޅުވާލުމުގެ 156 މައްސަލައާއި، ފޯޖުކުރުމުގެ 29 މައްސަލައިގެ އިތުރުން އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކުރުމުގެ 1 މައްސަލަވެސް ޖުލައި މަހުގެ ނިޔަލަށް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.