މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކުން 10،000 އަށްވުރެ ގިނަ އުޅަނދު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޖެނުއަރީ އެކަކުން ޖޫން 30 ގެ ނިޔަލަށް ޖުމްލަ 21،354 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު، އޭގެ ތެރެއިން 10،878 ފަހަރު ވަނީ ޖޫރިމަނާކޮށްފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 60 ޖޫރިމަނާއެވެ. އަދި ބެލި ކޮންމެ 100 އުޅަނދުގެ ތެރެއިން 51 އުޅަނދެއް ޖޫރިމަނާކުރިއިރު، 41 އުޅަނދަކަށް ވަނީ ނަސޭހަތްދީފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ޖޫރިމަނާކޮށްފައިވަނީ އުޅަނދުގެ އަހަރީ ފީ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގައެވެ. އެގޮތުން އަހަރީ ފީގެ މައްސަލަތަކުގައި 2،249 ޖޫރިމަނާއެއް ކޮށްފައިވާއިރު، މިއީ މުޅި ޖޫރިމަނާގެ 20.67 ޕަސަންޓެވެ. މީގެ އިތުރުން އެންމެ ގިނައިން ފާހަގަކުރެވުނު 10 ބާވަތުގެ ކުށަށް އެކަނިވެސް 8،611 ޖޫރިމަނާ ކޮށްފައިވެއެވެ. މިއީ ޖުމްލަ ޖޫރިމަނާގެ 79.16 ޕަސަންޓެވެ.
ޖޫރިމަނާ ކުރެވުނު މައިގަނޑު ކަންކަމުގެ ތެރޭގައި އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި، ޑްރައިވިންގ ލައިސަންސް ނެތި ދުއްވުމާއި، ޓްރެފިކް ނިޝާންތަކާ ހިލާފުވުން ހިމެނެއެވެ. އަދި ދުއްވަމުން ފޯނު ބޭނުންކުރުމާއި، ގަވާއިދާ ހިލާފަށް ޕާކުކުރުމާއި، ނަންބަރު ޕްލޭޓްގެ މައްސަލަތަކުގައިވެސް ގިނަ އަދަދެއްގެ އުޅަނދު ވަނީ ޖޫރިމަނާކޮށްފައެވެ.
މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި 998 ޗެކްޕޮއިންޓެއް ގާއިމުކޮށް، ސްކޫލް ސަރަހައްދުތަކާއި ޓްރެފިކް ބެލެހެއްޓުމަށް 10،263 ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 3،417 އުޅަނދެއް ޓޯކޮށްފައިވާއިރު، އޭގެ ތެރޭގައި 3،336 ސައިކަލު (97.63 ޕަސަންޓު) ހިމެނެއެވެ.