ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަކީ ބިލާހެއްފަދަ ހުވަފެނެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ
ޕީއެސްއެމްގެ “އެންމެ ފުރަތަމަ ގައުމު” ޕްރޮގްރާމްގައި އަޒްލީންވަނީ ނަޝީދަށް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަކީ ބިލާހެއްފަދަ ހުވަފެނެއް ކަމަށާއި އެ ހުވަފެން ނުބެއްލެވުމަށް ގޮވާލާފައެވެ. މީގެ އިތުރުން އަޒްލީން ވިދާޅުވީ ނަޝީދު ޒުވާންކަމުގައި ހުންނަވަނިކޮށް އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވި އަދި އެމްޑީޕީން އެހެން ކެންޑިޑޭޓެއް ނެރެފިނަމަ ނަޝީދުގެ އޮފްދާރުކަން ކެނޑި، އެމްޑީޕީގެ ބާރު ގެއްލިގެންދާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ އޮފްދާރުކަން ކެނޑުމާއެކު އެމްޑީޕީގެ ސަޕޯޓަރުން ބަލައިގަންނާނީ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ނެރޭ ކެންޑިޑޭޓަކީ އެމީހުންގެ ވެރިޔާގެ ގޮތުގައި ކަމަށެވެ.އަދި އެހާ ހިސާބުން ރައީސް ނަޝީދަށް ސިޔާސީ ޕްލެޓްފޯމް ގެއްލިގެންދާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ
އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވެ އަޒްލީން ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ނެރެން މަޝްވަރާ ކުރަމުންދާ އެއް ކެންޑިޑޭޓެއް ވެސް ނުނެރެވޭނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އަޒްލީން ވިދާޅުވީ ނަޝީދު ނޫން ކެންޑިޑޭޓެއް އެމްޑީޕީން ނެރޭނަމަ އެޕާޓީ ބައިބައިވެގެން ގޮސް ”ފުނޑިގެން” ހިގައިދާނެކަމަށާއި ޖުމްހޫރީޕާޓީން ގާސިމް އިބްރާހިމް ދުނިޔޭގައި ހުންނަވަނިކޮށް އެހެން ބޭފުޅަކު ރައީސްކަމުގެ މަގާމަށް ނުނެރޭނެ ކަމަށެވެ