English Edition
Dhivehi Edition

ސައުދީ އަރަބިއްޔާއިން ގަތަރާ ގުޅުން ކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދަށް ދަންނަވައިފިއެވެ

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕް މިއޭޕްރިލްމަހުގެ ދެވަނަ ދުވަހު ސަލްމާން ކުރެއްވި ފޯނުކޯލެއްގައި، ސައުދީ އަރަބިއްޔާއާއި އެގައުމުގެ ބައިވެރިން ގަތަރާ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމުގައި ދަންނަވާފައިވެއެވެ. ޓްރަމްޕްގެ ވާހަކައަށް ސައުދީ ރަސްގެފާނު ދެއްވި ޖަވާބެއް އަދި އެގިފައިނުވާއިރު ގަތަރު މައްސަލަ ހައްލުކުރަން ޓްރަމްޕް ސަލްމާނަށް ވަރަށް ބޮޑަށް ބާރު އަޅުއްވަމުން ގެންދަވާކަމަށް ރިޕޯޓްތައްވަނީ ބުނެފައެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ ގަލްފުގެ އަރަބިގައުމުތަގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި އެންމެން ގުޅިގެން އީރާނާ ދެކޮޅަށް މަސައްކަތްކުރުމަށް އެދިވަޑަގެންފައެވެ

ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާކަމަށް ތުހުމަތުކޮށް ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) ، ބަހުރައިން އަދި މިސްރުން ގަތަރާ ގުޅުން ކަނޑާލައި، އެގައުމުތަކުގެ ވަޔާއި ކަނޑުގެ ސަރަހައްދު ބޭނުންކުރުން ގަތަރަށް މަނާކުރީ މިދިޔަ އަހަރުގެ ޖޫންމަހުގައެވެ