English Edition
Dhivehi Edition
އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާއިން، އީރާނުގެ ނިއުކްލިޔާ ހަކަތަ އުފައްދަން މަސައްކަތް ކުރަމުންދާ މަރުކަޒުތަކަށް ރޭ ބޮން އަޅައިފިއެވެ.

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ތިން ނިއުކްލިޔާ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން މަރުކަޒަށް އެމެރިކާ އިން ހަމަލާދީފައިވާކަމަށް ބުނެފައެވެ. އީރާނުގެ އެ ތިން ނިއުކްލިޔާ މަރުކަޒު، އެކީގައި ސުންނާފަތިކޮށްލެވިފައިވާ ކަމަށް ޓްރަމްޕް ބުނެފައިވާއިރު އިރާނުންވަނީ، އެމެރިކާގެ ހަމަލާތަކާ އެކު ވެސް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

އެމެރިކާގެ މި ހަމަލާތަކުގައި އާންމުންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވާއިރު މިހަމަލާގައި ނިއުކްލިޔާ މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

އިޒްރޭލާއި އިރާނުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން ބޮޑުގެ، ހަނގުރާމައެއް ފެށިފައިވާއިރު އެމެރިކާއިން ވަނީ އިޒްރޭލަށް ވާގިވެރިވެދޭނެކަމަށް ބުނެފައެވެ. އެމެރިކާއިން އިރާނަށް ދިން މި ހަމަލާއަކީ ހަނގުރާމައިގެ ތެރެއަށް އެ ގައުމުން ވަދެއްޖެކަން އެންގުމަށް ދިން ހަމަލާއެއްކަމަށް ބެލެވެއެވެ.