ބޮލީވްޑްގެ މަޝްހޫރު ތަރި ސަލްމާން ހާން ދެއަހަރަށް ޖަލަށް ލުމަށް އިންޑިއާގެ ޖޯދުޕޫރުގެ މެޖިސްޓްރޭޓް ކޯޓުން ހުކުމް އިއްވައިފި ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުން ރިފޯޓްކޮށްފައިވަނީ، މައުލޫމާތުގެ ކުށަކުން ކަމަށް އެމީޑިއާތަކުން ބުނެފިއެވެ
އިންޑިއާގެ މީޑީއާތަކުން ފަހުން ބުނެފައިވަނީ އަސްލު އޮޅުން އެރީ ސަލްމާންގެ ވަކީލު ކޯޓުން ނިކުމެ އަތުގެ އިޝާރާތުން ދެ އިނގިލި މައްޗަށް ނެގުމުން ކަމަށާއި އެހެން ނަމަވެސް ވަކީލު އެއިޝާރާތް ކުރީ “ކާމިޔާބު” ގެ ނިޝާނައް ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ
ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލަ ސަލްމާންގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ކޯޓުން ނިންމާފައިވާއިރު ސަލްމާންގެ ވަކީލުން ވަކާލާތު ކުރަމުންދަނީ، މީގެ ކުރިން ސަލްމާންގެ މައްޗަށް ކުށެއް ސާބިތުވެފައި ނުވާތީ ސަލްމާންގެ މައްޗަށް ބޮޑު ޙުކުމެއް ނީއްވުމަށެވެ.
ސަލްމާން އަށް ޙުކުމް ކުރާނެ ވަގުތަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާއިރު ތިން އަހަރަށް ވުރެ ކުރު މުއްދަތެއްގެ ޖަލު ޙުކުމެއް އިއްވައިފިނަމަ ކަފާލާތުގެ ދަށުން މިނިވަން ކޮށްދޭން ސަލްމާނަށް ވަގުތުން ހުށައެޅޭނެއެވެ. އަދި މަތީ ކޯޓެއްގައި އޭނާ އަށް މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިގެންދާއިރު އެހާލަތުގައި ސަލްމާން ވަގުތީ ގޮތުން މިނިވަން ވާނެއެވެ
ސަލްމާންގެ މައްޗަށް ކޮށްފައިވަނީ 1998 ވަނަ އަހަރު ސޫރަޖް ބަރްޖަތްޔާގެ ފިލްމު “ހަމް ސާތް ސާތް ހޭ” ގެ ޝޫޓިންއަށް ރާޖަސްތާނުގެ ރަށެއް ކަމަށްވާ ކަންކަނީއަށް ގޮސް އުޅުނިކޮށް، ޖަނަވާރު ޝިކާރަކުރަން ނިކުމެ ހިމާޔަތް ކޮށްފައިވާ ކަޅު ކުލައިގެ ފުއްލާތަކެއް ގަވާއިދާ ހިލާފަށް މަރާލި ކަމުގެ ދައުވާއެވެ. މި މައްސަލައިގައި ސަލްމާންގެ އިތުރުން މަޝްހޫރު ބޮލީވުޑްގެ ތަރިން ކަމަށްވާ ސައިފް އަލީ ހާން އާއި ނީލަމް، ތާބޫ، ސޮނާލީ ބެންޑްރީ އަދި ދުޝްޔަންތު ސިންހްގެ މައްޗަށްވެސް ވަނީ ދައުވާކޮށްފައެވެ. އެހެންނަމަވެސް މި ތަރިންގެ ކުށެއް ނެތްކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ