2019 ވަނަ އަހަރު ބާއްވާ ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރަކަށް ހިޝާމް އަހްމަދު ވިދާޅުވެއްޖެއެވެ
ރޭ ހިޝާމް އަހްމަދު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ 2019 ވަނަ އަހަރު ރައްޔަތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލައްވާނެކަމަށެވެ. ” ރައްޔަތުންގެ މަޖިލީހަށް، ޖުމްހޫރީ ޕާޓިގެ ފަރާތުން ކުރިމަތިލާކަން އައްޑޫ މީދޫ ދާއިރާގެ އެންމެހާއި ލޯބުވެތި ރައްޔަތުންނަށް ދަންނަވަން”ހިޝާމްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ
2014 ވަނަ އަހަރު ވެސް ހިޝާމްވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ މީދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވާފައެވެ. އަދި 2015 އަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހިޝާމް އަހްމަދު އައްޔަން ކުރައްވާފައެވެ
އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރުކަމުގެ މަގާމުން ހިޝާމް އިސްތިއުފާ ދެއްވީ 05 ފެބްރުއަރީ 2018 ގައެވެ. ހިޝާމް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ވިދާޅުވެފައި ނުވާއިރު ބައެއް ފަރާތްތަކުން ބުނެފައިވަނީ ހިޝާމް އިސްތިއުފާ ދެއްވީ، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރު އާއި މިނިސްޓިރީގެ ތެރެއިން އުފެދުނު ހިތްހަމަނުޖެހުންތަކާއި ގުޅިގެން ކަމުގައެވެ