English Edition
Dhivehi Edition
މައުރިފާ ފޮތް މައުރަޒުގެ ތެރެއިން: ފޮޓޯ ސަރުކާރު

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ “މައުރިފާ” ފޮތް މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ފޮތް އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ހުޅުވާލައިފިއެވެ. ދީނީ އަދި އިލްމީ ފޮތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މައުރަޒުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ހާއްސަ އޮންލައިން ފޯމު މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 އިން 3 ގެ ނިޔަލަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިގޮތުން މައުރަޒު ކުރިއަށްދާ ތިން ދުވަހުވެސް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް މައުރަޒު ހުޅުވިފައި ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ ދީނީ އަދި އެކި ދާއިރާތަކުގެ އިލްމީ ފޮތްތަކަށް އާންމު ރައްޔިތުން އަހުލުވެރިކުރުވައި، ފޮތް ކިޔުމުގެ ރީތި އާދަ މުޖުތަމައުގައި ކުރިއެރުވުމަށް ބާއްވާ މުހިންމު ހަރަކާތެއް ކަމަށެވެ. މީގެ އިތުރުން އިސްލާމީ ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި މައުރަޒު ބޭއްވުމުގެ މައިގަނޑު އެއް މަގުސަދެވެ.

ހަމައެއާއެކު، ރާއްޖޭގައި ފޮތް ލިޔާ ފަރާތްތަކަށާއި، ފޮތް ޗާޕުކޮށް ޝާއިއުކުރާ އަދި ވިޔަފާރިކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމުގެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީވެސް މީގެ ބޭނުމެކެވެ. މިކަމުގެ ސަބަބުން ދިވެހި ލިޔުންތެރިންނާއި ފޮތް ޝާއިއުކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ދެކެއެވެ.

މި މައުރަޒުގެ ސަބަބުން ފޮތް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކަށް އެއް ތަނަކުން ފަސޭހަކަމާއެކު، ހެޔޮ އަގުގައި ފޮތް ގަތުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކަކުން މި މައުރަޒުގައި ބައިވެރިވެ، މައުރަޒުގެ ފުރިހަމަ ބޭނުން ހިފުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.