English Edition
Dhivehi Edition
ޑރ. ޝަހީމް ހުތުބާ ދެއްވަނީ

މާލޭގެ މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ތާޅަފިލިން ކަނޑާލަން އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީއަށް އިމާމުން ގެންގޮސް އެންގި ކަމަށް ބުނެ ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާން ކުރެއްވި ތުހުމަތުތަކަށް އިސްލާމީ ކަންތައްތަކާއި ބެހޭ މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތްތަކުން ނަމާދުގެ އަޑު ކަނޑާލަން އެންގި ކަމަށް ބުނެ ފަތުރަމުންދަނީ މުޅިން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

މި މައްސަލަ ފެންމަތިވީ ޝެއިހް އާދަމް ނިޝާން އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ވީޑިއޯއެއްގައި، މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އިމާމުން މިނިސްޓްރީއަށް ގެންގޮސް ނަމާދުކުރާ އަޑު ތާޅަފިލިން ކެނޑުމަށް އެންގި ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ޝެއިހް ނިޝާން ވިދާޅުވީ ފުރުގާން މިސްކިތުގައި ރޭގައި މަޣްރިބް އަދި އިޝާ ނަމާދުގެ އަޑު މިސްކިތުގެ ބޭރަށް ނީވޭތީ އެތައް ބަޔަކު ޝަކުވާކޮށްފައިވާ ކަމަށާއި، މުސްލިމް މުޖުތަމައެއްގައި މާތްﷲ ގެ ގެކޮޅުތަކުގެ އަޑު ކަނޑުވާލުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

އިސްލާމް ދީން ނަގަހައްޓައި ދެމެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރު، 74 މިސްކިތާއި ހަތް އިސްލާމީ މަރުކަޒާއި، ތިން ގުރްއާން މަރުކަޒާއި، ހަ ވަގުފު ބިނާއާއެކު، މުޅިއަކު 90 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، މީގެތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި، 10 ރަށެއްގެ މިސްކިތް ނިންމައި ހުޅުވައި، ނިމިދިޔަ ރޯދަ މަހު އެކަނިވެސް އަށް މިސްކިތެއް ވަނީ ހުޅުވާފައެވެ.