ރޭ ހޫތީން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާ ކުށްވެރިކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ހަމްދަރުދީގެ މެސެޖެއް ފޮނުވައިފިއެވެ
ރައީސް ޔާމީން މިއަދު ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި ވިދާޅުވީ މުހިއްމު ބިނާތަކާއި، ކުށެށް ނެތް އާއްމު ރައްޔަތުންނަށް އަމާޒުކޮށް ދިން ހަމަލާގެ ހަބަރު އެމަނިކުފާނު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއިއެކު ކަމަށެވެ. އަދި ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ
މީގެ އިތުރުން ރައީސް ވިދާޅުވީ ޓެރަރިޒަމްގެ އެ ފިނޑި އަމަލު ސަރުކާރާއި ރައްޔިތުންނާއި ރައީސް ޔާމީން އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ
މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރުމަހުވެސް ހޫސީން ސައުދީއަށް މިސައިލް ހަމަލާތައް ފޮނުވާފައިވާއިރު ސައުދީ އިން ވަނީ ކޮންމެ ފަހަރަކުވެސް މިސައިލް އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލާފައެވެ