English Edition
Dhivehi Edition

ފިރިމީހާ ރާމިޒުގެ ކުރިމަތީގައި އަހަރެން މީ ރަންމުތެކެވެ. އެއީ އޭނާ ބުނާ ގޮތުގައެވެ. އަހަރެން އެވާހަކަ ގަބޫލުވެސް ކުރަމެވެ. އެއީ އޭނާއަށް ލިބޭ ވަރަކުން އަހަންނަށް އަބަދުވެސް ހަދިޔާ ގެނެސްދޭތީއެވެ. އެހެންނަމަވެސް މިހާތަނަކަށް އަހަންނަކަށް ރަންމުތެއް ނުވަތަ ރަންމުތުގެ ހާރެއް ގެނެސްދީފައެއް ނުވެހެއެވެ.

އަހަރެންވެސް ރީތި އެއްޗެހި ބޭނުން ވެއެވެ. އަދި ފިރިމީހާ ގެސްޓު ވިޔަފާރީގައި އުޅުނެއްކަމަކު އޭނާއަކަށް އެފަދަ ހާރެއް ގަނެދެވޭވަރުގެ ތަނަވަސްކަމެއް އަދި އެއްނެތެވެ. އޭނާއަކީ މިހާރު އައްޑޫ ހޮލިޑޭސްގެ އިސް މަގާމެއްގައި އުޅޭ މީހެކެވެ. އޭނާއަށް އެވަރުގެ ތަނަވަސްކަމެއް ލިބުން މިހާރު ދުރެއްވެސް ނޫނެވެ. އަހަންނަށް އެފަދަ ހާރެއް ނުދިން ނަމަވެސް އޭނާއަށް ލިބޭ ހުސް ވަގުތުގައި އަހަންނާއެކު ހޭދަ ކުރެއެވެ. އަހަރެން ގޮވައިގެން ރިސޯޓަށް ގޮސް މީރު ކެއުންދީ ހަދައެވެ. އެވަރުން ފުދެން އަހަންނަށް ދަސްވާން ޖެހޭނެއެވެ.

ރާމިޒް އަހަރެންގެ ގާތު އީދު ބަންދުގައި މާލެއަށް ދިއުމަށް ހުށަހެޅިއެވެ. އެހެންނަމަވެސް އެއީ އަހަންނަށް ދެވޭނޭ ދުވަސްތަކެއް ނޫންކަމަށް އަހަރެން ބުނީމެވެ. އެއީ އަހަންނަށް ވަރަށް މުހިންމު ދުވަސް ކޮޅެކެވެ. “އަހަރެންގެ ކަޒިންއެއްގެ އުފަން ދުވަސް ފާހަ ކުރަން ހުޅުދުއަށް ދާން ޖެހޭނެ ނު.” އަހަރެން ހަނދާން ކޮށްދިނީމެވެ. އޭނާވެސް ހަނދާން ހުއްޓެވެ. ރާމިޒު މާލެ ދާން އުޅުނީ ގެސްޓުން ގެނައުމުގެ ކަންތައް އިތުރަށް ކުރިއެރުވުމުގެ ބޭނުމުގައެވެ. އެދަތުރު ނުގޮސް މަޑުކުރަން އޭނާ ހުށަހެޅީމަވެސް އަހަރެން އެކަމާ ދެކޮޅު ހެދީމެވެ.

“ރާމިޒު މަޑު ކުރާނެ ކަމެއް ނެތް.” އަހަރެން ވަރަށްވެސް ލޯބިވެތި ކަމާއެކު ބުނީމެވެ. “އަމުދުން އެއީ މަޖާ ދަތުރެއް ވެސް ނޫނެއްނު. މާލެ ކައިރީގެ ރިސޯޓްތަކާއި އައްޑޫގެ ރިސޯޓްތައް ގުޅިގެން ގެސްޓުން ގެނެވޭނެގޮތެއް ތިޔަ ދަތުރުގައި ހަމަޖެއްސޭނެ ކަމަށް ބުނީމެއްނު.”
“އެކަންތައް ފޯނުންވެސް ހަމަ ޖެއްސޭނެއެއްނު، މިޒަމާނުގަ.” އޭނާ ނުދާން ބާރު އެޅިއެވެ.

“ނޫން ސީދާ ރިސޯޓް އޯނަރުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުން ބޮޑު ތަފާތެއް ވާނެ.” އަހަރެންވެސް ގަދަ އެޅީމެވެ. އެހެން ނޫނަސް ޗުއްޓީ ނަގައިގެން ގޭގައި ހުރީމަވެސް ކިހާ ފޫއްސެއް ވާނެ. އަަހަރެން ކޮންމެހެންވެސް ހުޅުދުއަށް ދާން ޖެހޭނެ.”

“މަށަށްވެސް ދެވިދާނެ ނު ހުޅުދުއަށް. “
“ނޫން އެއީ ހައްތާވެސް އަހަރެންގެ އާއިލާގެ މީހުން. މުޅިގެ އަޮންނާނީ ފުރިފަ. އަހަންނަށް ގޭކުއްޖަކާއެކު އެއް އެނދެއްގަ ވެސް އޮވެވިދާނެ. އެކަމަކު ރާމިޒް ގޮއްސިއްޔާ ހުރުމުގެ މައްސަލަ ބޮޑުވެ އެމީހުންނަށް ވެސް ދަތިވާނެ.”

ރާމިޒަށް އެކަން ގަބޫލު ކުރެވުނީ އެއްފަހަރަކު އޭނާ ވެސް އަހަންނާ އެކު ހުޅުދުއަށް ގޮސް އުޅެން ޖެހުނު ގޮތަކުންވެސް މެއެވެ.

އަހަރެން މިދައްކަނީ ބަހަނާއެއްކަމަށް ރާމިޒަށް ޝައްކުވިޔަ ނުދޭން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އެންމެ ފަހުން ރާމިޒް ފުރައިފިކަން މުޅީން ކަށަވަރު ވުމުން އަހަރެން އެ މުހިންމު ކޯލް ކުރީމެވެ.

އެރޭ އަހަރެން ރިސޯޓަށް ދިޔައީ އެކަނި ކަމުން ވަރަށް ގިނަ ބައެއްގެ ނަޒަރު އަހަންނަށް ހުއްޓުނެވެ. އެމީހުން އަހަރެން ދަންނާނެތީއެއް ނޫނެވެ. އަހަންނަށް ރީތި ވެވިފައި ހުރިލެއް ބޮޑުކަމުން ވެސް މެއެވެ.

އަހަރެން ރީތިވާނެ ނޫންހެއްޔެވެ؟ އަހަރެން ބައްދަލުކުރީ މީގެ ފަސް އަހަރުގެ ކުރީގައި އަހަރެންގެ އެކްސް އަކާއެވެ. މިހާރު އޭނާއަކީ މިލިއަނަރެއްވެސް މެއެވެ. އޮސްޓްރޭލިޔާގެ ވިޔަފާރިވެރީންގެ ތެރޭގައި ހިމެނޭ މަޝްހޫރު މާއިޝްއާ އެވެ.

މާއިޝް އަހަންނާ ބައްދަލު މިވަނީ އެހާ ދުވަސް ފަހުންނެވެ. އޭނައަކީ އަހަރެން ރާމިޒްއާ އިނުމުގެ ކުރީގައި ހުރި އަހަރެންގެ އެންމެ ގަޔާވާ ބިޓެވެ.

ރާމިޒަކީވެސް އޭނާ ފަދައިން އިސްކޮޅުން ދިގު ބަލާލަން ހިތްގައިމު މީހެއްކަމަކު މާއިޝްއާ އަޅުވާ ކިޔޭވަރުގެ އެއްވެސް ކަމެއް ނެތެވެ. ފެށުނީއްސުރެންވެސް މާއިޝްއާއެކު އަހަރެމެން ހޭދަކުރި ދުވަސްތަކާއި ރޭތައް އެއީ ހިތުން ނުފިލާ ހުންނަ ފޮނި ހަނދާންތަކެކެވެ.

އަހަންނަކީ އައްޑޫގެ ކުއްޖެއްވީމާ މާއިޝްގެ މައިންބަފައިން އަހަންނާ އޭނާ އިންނާކަށް ގަބޫލެއް ނުވިއެވެ. އަދި އޭރު އަހަރެންގެ އުޅުން ހުރީއަކީވެސް އެހާ ރަނގަޅަކަށް ނޫން ވީމައެވެ. އެހެންވެ އެމީހުން އެންމެ ފަހުން މާއިޝް ގޮވައިގެން އޮސްޓްރޭލިއާއަށް ދިޔައީއެވެ.

މާއިޝް އަހަންނާ ގުޅުން ކެނޑުމުން އަހަރެންވެސްވީ ނާއުންމީދު ފިލުވަން ރަށަށް އައިސް މީހަކާ އިނދެލީއެވެ. އަހަންނަށް ހުށަހެޅި މީހުންގެ ތެރޭން ރާމިޒް އެއީ އޭރު އަހަންނަށް އެންމެ ކަމުދިޔަ މީހާ އެވެ.

މާއިޝް އަހަންނާ ނުގުޅާ އެތަކެއް ދުވަސްކޮށްފައި އަލުން ގުޅީ މާލެއައިސްފައެވެ. އަހަރެން އިނދެގެން އުޅޭ ވާހަކަ ބުނީމެވެ. އަދި ރަނގަޅު ވަގުތަކު ގުޅާލާނެ ކަމަށް ވެސް ބުނީމެވެ. އޭރު އޭނާވެސް ވަނީ އޮސްޓްރޭލިއާގެ ކުއްޖަކާ އިނދެގެންނެވެ. މިހާރު އޭނާއަކީ އޭނާ ހާސިލް ކުރަން ބޭނުންވާ ކޮންމެ މީހަކު ހާސިލް ކުރެވޭނެ ފެންވަރުގެ މީހެއް ވެސް މެއެވެ.

މާއިޝް އަހަންނާ އެކު މި ހޭދަކުރި ތިން ގަޑި އިރަކީ އަނެއްކާވެސް އަހަރެންގެ ހަނދާނުގައި ހަރުލާފައި ހުންނާނެ މާމުއިގެ ހަނދާނެކެވެ. އެއީ ރާމިޒްއާއެކު އަހަރެން ހޭދަ ކުރި ތިން އަހަރާ ވެސް ނުބައްދަލު ތިން ގަޑިއިރެވެ.

މާއިޝް މާލޭގައި ހުރެފައި މިއަދު މިއައީވެސް ހަމަ އެކަނި އަހަންނަށް މި އުފާވެރި ވަގުތުކޮޅު ދިނުމަށެވެ. އޭނާއަކީ ނުހަނު އަވަދި ނެތި އުޅޭ މީހެއްވެސް ވުމާއެކުގައެވެ. އަނެއްކޮޅުން ހެނދުނުގެ ފުލައިޓުން މާއިޝްގެ އަންހެނުންވެސް އައްޑުއަށް އަންނާނެއެވެ. އަހަރެން ކިތަންމެ ހިތް ނޭދުނު ކަމުގައި ވިޔަސް މި ބައްދަލުވުން މިހާ ހިސާބުން ނިންމާލަން ޖެހެއެވެ.

އަހަރެން މާއިޝްއާ ވަކިވުމުގެ ކުރީގައި އޭނާ ކުޑަ ގިފްޓެއް އަހަންނަށް ދިނެވެ. އަހަރެން ފަހުން ހުޅުވާ ބަލާލިއިރު އެއީ ރަންމުތުގެ ރީތި ހާރެކެވެ.

މިއީ އަހަންނަށް ނުހަނު ރީތި އަބަދުވެސް ހިތް އެދި އެދި ހުރި ކަހަލަ ހާރެއް މެއެވެ. ވިޔަސް އަހަންނަކަށް މިއެއް ގެޔަކަށް ގެންދެވޭކަށް ނެތެވެ. ރާމިޒްގެ ގާތު އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެންގެ މުޅި އާއިލާގެ ތެރެއަކުވެސް މިވަރުގެ ހާރެއް އަހަންނަށް ގަނެދެވޭ ވަރު މީހަކު ނެތެވެ.

އަހަރެން މިއަށް ހަދާނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. މާއިޝް ފުރައިގެން ދިޔައިމާ ރާމިޒަކަށް އަހަރެން މާއިޝްއާއެކު މިހޭދަ ކުރި ވަގުތުތަކުގެ ޚަބަރެއް ނުވާނެއެވެ. އެކަމަކު މިހާރު ފެނިއްޖެއްޔާ އަހަންނަށް މިކަންތަކެއް ސިއްރެއް ނުކުރެވޭނެއެވެ.

އެންމެ ބޮޑު މައްސަލައަކީ މިވަރުގެ އެއްޗެއް ގަންނާނީވެސް ކާކު ބާވައޭ އެވެ.

އަހަރެން ހިތަދުއަށް އައިސް ރައްޓެހި ވިޔަފާރި ވެރިއެއްގެ ގާތަށް އެހާރު ހިފައިގެން ހިނގައްޖެއީމެވެ. އޭނާއަކީ ރަންރިއްސާއި ޖަވާހިރުގެ ވިޔަފާރި ކުރާ މީހެއްވީމައެވެ.

އަހަރެން އޭނާއަށް އޭތި ދައްކާލުން ދެލޯ ބޮޑުވެގެން ދިޔައެވެ.

ކުޑަ އަގެއް ދެނިކޮށް ހެޔޮ.” އަހަރެން އޭނާގެ އުދަނަގޫ ފިލުވައި ދިނީމެވެ.

“މިވަގުތަކު ނެތް ފަސްހާސް ވަރުވެސް ދެވޭކަށް. މީގެ އަގު ފަސްހާސް ޑޮލަރަކަށް ވުރެން އެންމެ ލާރިއެއްވެސް މަދެއް ނުވާނެ. މިއީ ސާފު ރަން”

“އެހެންވީ އިރު ގެނޭ ހާހެއްހާ ރުފިޔާ. ”

“އޭނ! މި އަނގޮޓި އެކަނިވެސް ފަސްހާހަށް ވުރެން އަގުބޮޑުވާނެ.“ އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނު ކަހަލައެވެ.
“އެންމެ ރަނގަޅު.” އޭނާގެ މޫނުމަތީން ފެންނަށް ހުރީ ޚަޒާނާއެއް ލިބުނީމާ މީހަކު ވާނެ ފަދަ އުފަލެކެވެ. އޭނާ އަހަރެން ބުނިވަރަށް ފައިސާދީފައި އޭތި ބާއްވައިފިއެވެ.

އަހަރެން މި ވިޔަފާރި ނިންނާމާފައި ގެޔަށް އައި އިރު ރާމިޒް ވެސް އަތުވެއްޖެއެވެ. ފަހުން އަހަރެން ބަލާލިއިރު އޭނާ އައި ވާހަކަ މެސެޖް ކޮށްފައި އޮއްވާ ވެސް ފެނުނެވެ.

އަހަރެން އަނެއްކާވެސް އެއްވެސް ކަމެއް ނުހިނގާ ފަދަޔަކުން ރާމިޒާ މާ ގާތްވެލައިގެން އުޅެން ފަށައިފީމެވެ.

މާއިޝް ދިޔަ ފަހަކުން ގުޅާވެސް ނުލައެވެ. ގުޅަން ޖެހޭނީ އަހަންނެވެ. އެހެންކަމުން މާއިޝްއާ އަހަރެންގެ ގުޅުން އޮންނާނީ ވަރަށް ފުނުގައިވާ ސިއްރެއްގެ ގޮތުގައެވެ. ވިޔަސް މާއިޝްގެ އެ ސިއްރު ގުޅުން އަހަރެންގެ ހިތުގެ ތިލަފަށުގައި އަބަދުވެސް އާވެ އާވެ ހިތަށް ކަށި ހަރާލަ ހަރާލާ އޮވެއެވެ.

ރާމިޒްއާއެކު އަހަރެން އޭގެފަހުން ކިތަންމެ ފަހަރަކު ރިސޯޓަށް ހިނގައްޖެއީމެވެ. އަަހަރެން ދާ ކޮންމެ ފަހަރަކު އަހަރެން ރިސޯޓަށް ދިޔަކަން އެނގޭނެ މީހަކު ހުރެދާނެކަމަށް ހީކޮށް ޖެހިލުންވެއެވެ.

ވަކީން ޚާއްސަކޮށް އެތަނުގެ ރިސެޕްޝަނިސްޓް އަހަންނަށް ބަލާވަރުންނެވެ. އެއީ ފޭދޫ ކުއްޖެކެވެ. ޚާއްސަކޮށް ރާމިޒާއެކު އަހަރެން ފެނިއްޖެއްޔާ ނިކަން ލޮލުގެ ހިމަކޮޅުން ބަލާނެއެވެ.

އަހަރެންގެ އުފަންދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ރާމިޒް އަހަރެން ގޮވައިގެން އަނެއްކާވެސް ރިސޯޓަށް ހިނގައްޖެއެވެ. އެތާ ރެސްޓޯރެންޓްގައި ތައްޔާރު ކުރެވިފައިވަނީ ވަރަށްވެސް ފުރިހަމަ ޖާފަތެކެވެ. އަހަންނާއެކު ރާމިޒްގެ ބައެއް ރައްޓެހީންވެސް އެ ޖާފަތުގައި ބައިވެރި ކުރެވުނެވެ.

އެ ޖާފަތުގެ ކަންތައް ނިމުމަށް ފަހު އަހަރެމެންނަށް ތައްޔާރުވެފައިވާ ކޮޓަރިއަށް އަހަރެމެން ހިނގައްޖެއީމެވެ. މިއީ އަހަންނަށް މިހާތަނަށް ލިބުނު އެންމެ އުފާވެރި ދަތުރުވެސް މެއެވެ. ވިޔަސް އަހަރެން ވަންނަން ޖެހުނީ އަހަރެން މިއަދު ވަންނަން އެންމެ ބޭނުން ނުވި ކޮޓަރި އަށެވެ. މި ކޮޓަރިއަކީ މީގެ ދުވަސްކޮޅެއް ކުރީގައި އަހަންނާ މާއިޝް ނުހަނު އުފަލުގައި ވަގުތުތަކެއް ހޭދަ ކުރި ކޮޓަރި ކަމަށްވީމައެވެ. އިއްތިފާގުވެސް ދިމާ މިވީ އަހަރެންގެ ހިތަށް ކަށިތައް ހެރޭނެ ފަދަގޮތަކަށެވެ. މި ދަތުރަކީ ދެދުވަހުގެ ޗުއްޓީ އަކާއެކު ރާމިޒަށް އޭނާގެ ކޮމްޕަނީއިން ދިން ހަދިޔާއެކެވެ. އެހެން ކަމުން އެއްވެސް މީހެއްގެ ރޭވުމެއް މިކަމުގައި ނުވެސްވާނެއެވެ. މި ދެދުވަސް ހިމެނުނީ އަހަރެން ހޭދަ ކުރަން ޖެހުނު އެންމެ ދިގު ވޭނީ ދެ ދުވަސް ކަމުގައެވެ.

ރިސޯޓުން ފުރަން އޮތް ދުވަހު އަހަންނަށް ރާމިޒް ވަރަށް ރީތި އަނގޮޓިއެއް ދިނެވެ. އެކަމަކު އެއީ އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ އަނގޮޓިއެކެވެ. އަހަރެން ރަނގަޅަށް ދެވަނަ ފަހަރަށް އަނގޮޓިއަށް ބަލާފައި ހައިރާންވިއެވެ. މިއީ މާއިޝް އަހަންނަން ދިން ހާރާއެކުގައި ހިމެނޭ އަނގޮޓިކަން ޔަގީނެވެ.

“މީ ކޮން އަނގޮޓިއެއް.” އަހަންނަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ. ”ތިއީ ޝީޒާއަށް އަަހަރެން ދޭ ހަދިޔާއެއް ނޫންތަ؟”

“އެކަމަކު މިއީ ރަންމުތެއް ނޫންތަ؟” އަހަންނަށް ބުނެވުނެވެ.
“ތިއީ ރަންމުތެއް.” ރާމިޒު ވެސް ބުނެލިއެވެ. “ ތިޔާއެކު ވަރަށް ރީތި ހާރެއްވެސް އޮތް. އެކަމަކު އެއީ ގަނެވޭވަރަށް ވުރެން އަގުބޮޑު އެއްޗެއް ވީމާ. ނުގަނެވުނީ.”

އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. އެކަމަކު ރާމިޒު ދިނެއްކަމަކު އަހަރެންނަކަށް މިއަނގޮޓި އަޅާކަށް ކެތެއް ނުވާނެއެވެ. މިއާ ނުލާވެސް އަހަރެންނަށް މިއުޅެވެނީ މާއިޝްގެ ހަނދާންތަކުން ސަލާމަތް ނުވެވިގެންނެވެ.

ރާމިޒަކަށް މިކޮޓަރީގައި އަހަރެން ކޮށްފައިވާ ކަންތަކެއް ނޭނގުނު ނަމަވެސް މިއަނގޮޓި އަހަންނަށް އެހަނދާންތައް އަބަދު އާކޮށް ދުއްތުރާ ދޭނެއެވެ.

އަހަރެން ފުރުމުގެ ކުރީގައި އިރުކޮޅަކަށް ރިސެޕްޝަންގައި މަޑުކޮށްލައިގެން އެއަނގޮޓިއަށް ބަލަން އިނީމެވެ. އޭރު އެއްކަލަ ރިސެޕްޝަނިސްޓް ކަރުގައި އަޅާފައިވާ ހާރު އަހަންނަށް ފެނުނެވެ. އެއީ ތަނެއްގައި އޮތްނަމަ ދެވަނަ ހާރެއް ނޫނެވެ. އެއީ މާއިޝް އަހަންނަށް ދިން ހާރެވެ. އަހަރެން ވިއްކާލި ހާރެވެ.

އަހަރެން މިކަން ރަނގަޅަށް ޔަގީން ކުރަން ބޭނުންވިއެވެ. އެހެންވެ ޖެހިލުމެއް ނެތި އެ ރިސެޕްޝަނިސްޓްގެ ގާތަށް ގޮސް އެއީ ކިހިނެއް ލިބުނު އެއްޗެއްތޯ އޮޅުން ފިލުވީމެވެ.

“ތީ ކަލޭ ކިހިނެއް ހޯދި ހާރެއް.”

އޭނާ ދެލޯ ބޮޑުވެފައި ހުރެގެން އަހަންނަށް ބަލާލިއެވެ.

“މިއީ އަހަރެންގެ ބޯއިފްރެންޑް ދިން އެއްޗެއް.” އަހަރެން އޭނާގެ ބޯއިފްރެންޑަކީ ކާކުތޯ ނާހަނީސް އޭނާ ބުންޏެވެ.

“މީތި އަހަންނަށް ދިނީ. ކަލޭގެ ފިރިމީހާ. ރާމިޒް.”

އަހަރެންގެ ފައިދަށުން ބިންގަނޑު ކެހިގެން ދިޔައެވެ.

“އަހަރެންގެ ބޯއި ފްރެންޑަކީ އޭނާ.”

އަހަރެން ގޮތް ހުސްވެފައި ހުރި ވަގުތު އަނެއްކާވެސް އޭނާ ބުންޏެވެ. “ކަލޭ މާއިޝްއާއެކު މިތަނުގެ 101 ނަމްބަރ ކޮޓަރީގައި ތިން ގަޑިއިރު ކުރިކަންތަކުގެ މަތީން ހަނދާން ވީދޯ؟ ކަލޭ ދިޔައީ މިފޮށި ހިފައިގެންކަން އަހަންނަށް އެރޭވެސް ފާހަގަވި.”

އޭނާ އަހަރެންނަށް މާއިޝް ދިން ރަނުގެ ހާރު ލާފައި އޮތް ފޮށި ދައްކާލިއެވެ.

“ކަލޭގެ ފިރިމީހާގެ ގާތު އެވާހަކަ ބުނީ އަހަރެން. ރަންވިއްކާ ލަތީފް ފިހާރައަށް ގޮސް މި ގެނައީ ކަލޭގެ ފިރިމީހާ.”

ފުރަތަމަ ގޯސް ހެދުނީ އަހަންނަށެވެ. ގޯސް މަގަކުން ހިނގަމުން ދިޔައީ އަހަންނެވެ. ގޯހަކުން ހެދޭނެ ރަނގަޅެއް ނޯންނާނެކަން މިއަދު އަހަންނަށް ވިސްނިއްޖެއެވެ. އެއްކަމަކީ ވެސް ސިއްރުވާނެ ކަމެއް ނޫނެވެ. އަމުދުން ބޭވަފާތެރި ކަމެވެ.

މިއަދު ކުށްވެރިޔަކީ ރާމިޒެއް ނޫނެވެ. އަހަންނަށް ވުރެން ވަކީން ބޮޑު ކުށްވެރިޔަކު މިއަދަކު ނުވެއެވެ. އެކުށުގެ އަގު އަހަރެންގެ މުޅި ހަޔާތުގައި ދައްކަން ޖެހޭނެއެވެ. އެއަގު ރަންމުތުގެ ހާރަކާ ނުބައްދަލެވެ.

ނިމުނީ