English Edition
Dhivehi Edition

އަހަރެންގެ ނަމަކީ ޔާސްމީން އެވެ. އެކަމަކު ގޭގައި އަހަންނަށް ކިޔާ އަޑު އިވޭނީ ދިޔެ އެވެ. ގޭގައި ނޫނަސް ދަންނަ އެންމެނާ ރައްޓެހީންވެސް ކިޔާނީ އެހެންނެވެ. އަހަންނާމެދު އެންމެންވެސް ދެކޭނީ މާ ކުޑަ ކުއްޖެއްގެ ގޮތުގައެވެ. އެކަމަކު އަހަންނަށް އަށާރަ މި ފުރުނީއެވެ. ކޮށިން ދޫވި ދޫންޏެއް ފަދައިން އަހަރެން މިނިވަން ވީއެވެ.

މަންމައާއި ބައްޕަ އަހަރެން ދެކެ ލޯބިވަނީ އިންތިހާއަށެވެ. އަހަރެންގެ ކޮންމެ ހަރަކާތެއް މަންމަ، ނުހަނު ގާތުން ބަލާނެއެވެ. ފޯނެއްގެ އަޑު ކިރިޔާ އިވިލިޔަސް އައިސް އެއީ ކާކުގެ ކޯލެއްތޯ އޮޅުން ފިލުވާނެއެވެ.

މިއުމުރުގައި ކޮންމެ ކުއްޖެއްގެވެސް ބިޓެއް ހުންނާނެކަން މަންމައަކަށް ގަބޫލެއް ނުކުރެވެއެވެ. އަށާރަ އަހަރު ފުރުމަކީ އަހަރެން ބޮޑުވުން ކަމަކަށް މަންމަ ގަބޫލެއް ނުކުރެއެވެ. އަހަންނަކީ އަދިވެސް މަންމަގެ ބޭބީއެވެ.

އަހަރެން ހުންނަނީ އަށާރަ ނުފުރިގެން ދުވަސް ގުނާލަ ގުނާލައެވެ. އަހަރެންގެ ބިޓް އަހަންނަށް ވުރެން ފަސް އަހަރު ދޮށްޓެވެ. އެކަމަކު އަހަރެން އެކަމަކާއެއް ނުވިސްނަމެވެ. އަހަންނަކަށް އަހަރަރެންގެ ބިޓް ވަރެއް ނެތެވެ. ކޮންމެހެން މާ ރީތި ވެގެންނެއް ވެސް ނޫނެވެ. އަހަންނަށް ރީތި ކުއްޖެއް ފެނުނަކަސް އެދިމާއަކަށް ނުވެސް ބަލަމެވެ. އަހަންނަށް އަހަރެން ރައްޓެހިވެގެން އުޅޭ ބިޓުން ފުދެއެވެ.

އެއީ މަރަދޫ ކުއްޖެކެވެ. އަހަންނަކީ ފޭދޫ ކުއްޖެކެވެ. ދެރަށެއް ކަމަކު މިހާރު މީީ ފަސް މިނެެޓެއްހާ ދުރެވެ. އޭނާގެ އަތުގައި ސައިކަލެއް ހުރެއެވެ. އެހެންކަމުން ކިތަންމެ ހަނި ދޭތެރެއަކުން ވެސް އޭނާ އައިސް އަހަންނާ ބައްދަލުކޮށް ހަދައެވެ.

އަހަންނަށް އަށާރަ ފުރުމުން އޭނާ އަހަރެން ގޮވައިގެން ދުއްވާލަން ދާން ރޭވިއެވެ. މީގެ ކުރީގައި އޭނާ ކުޑަކުއްޖަކު ލައިގެން ދުއްވާކަށް ބޭނުމެއްނުވެއެވެ. އެއީ އޭނާގެ ނަމަށް ހުތުރުވެދާނެތީއެވެ. މީހުން ތިބޭނީ އޭނާގެ ފުށުން ކަމެއް ނުފެނިފައެވެ. އެކަމަކު އަށާރަ ފުރުނީމަކާ އެހެން މީހަކު ބުނެފާނެ އެއްޗަކަށް އޭނާ ފަރުވާލެއް ނުބަހަށްޓާނެއެވެ. އަމުދުން އެއީ އަހަރެން ކަމުންނެވެ.

އެދުވަހު މަންމަމެން ގޭގައި އަހަރެންގެ އުފަން ދުވަސް ފާހަގަކުރަން ރޭވި ވެސް މެއެވެ. އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. އެއީ ނަދީމް އާއެކު އަހަރެން ބޭރަށް ދާން ރާވާފައިވާތީއެވެ. އަދި އެދުވަހު ކޮލެޖްގެވެސް ފަންކްޝަނެއް އޮތީމައެވެ. އާންމުކޮށް އަހަރެން ކޮލެޖަށް ދަނީ ބައްޕައާއެކު ކާރުގައި ކަމަށް ވިޔަސް މިއަދު އަހަރެން ދަނީ ރައްޓެއްސަކާއެކުގައި ކަމަށް ބުނީމެވެ.

މަންމަ ވަރަށް ދެކޮޅު ހެދިއެވެ. އެކަމަކު ބައްޕަ ބުނުއްވީ އަހަންނަށް މިނިވަންކަން ދޭންވާނެ ކަމުގައެވެ. އުމުރުން އަށާރަ ފުރުނީމާ މަސްއޫލިޔްޔަތު އުފުލަން ދަސް ކުރަން ޖެހޭނެ ކަމުގައެވެ.

މަންމަ ހަތިޔާރު ބަހައްޓަން ޖެހުނީ ބައްޕަ އަހަރެންގެ ކޮޅަށް ޖެހުނީމައެވެ. މަޖްބޫރުވެގެންނެވެ.

އެދުވަހު ނަދީމްއާ އަހަރެން ބައްދަލު ކުރީމެވެ. މީގެ ކުރީގައި ދުވަހަކުވެސް ބައްދަލު ނުވާހާ މިނިވަންކަމާއެކުގައެވެ. އަހަރެން އަވަހަށް ގެޔަށް އަންނާށޭ މަންމަ ވަރަށް ކިޔެވެ. އެކަމަކު މިއަދު އަހަރެން ލަހުން ދިޔަޔަކަސް މަންމައަކަށް ދެއްކޭނެ ބަހަނާއެއް ނެތެވެ. އަހަރެން މީ ބޮޑު ކުއްޖެއްވީމެވެ. އަހަރެން ބޭނުން ގޮތަކަކަށް އަހަރެންގެ ދިރިއުޅުން ޚިޔާރު ކުރުމުގެ އިޚްތިޔާރު އޮތީމައެވެ.

އަހަރެމެން އެރޭ ދިޔައީ ސުވާދީބް ކެފޭއަށެވެ. އަހަރެމެން ބުއީ އައިސް ކްރީމެވެ. އަދި އުފަން ދުވަހުގެ ކުޑަ ކޭކެއްވެސް އެމީހުން ގެނައެވެ. އެއީ ސަޕްރައިޒް ގިފްޓެކެވެ. ނަދީމްއާއެކު އެ އުފާވެރި ހަފްލާ ހޭދަ ކުރެވުނީމާ އަހަރެން ހުރީ ބަނޑުފުރި ހިތް ފުރިފައެވެ.

ގޭގައިވެސް އަހަންނަށް ސަޕްރައިޒް ޕާޓީއެއް ބާއްވާނެކަން އަހަންނަށް ޔަގީންވެއެވެ. ވިޔަސް އަހަރެން އެހާ އަވަހަކަށް ދާކަށް ބޭނުމެއް ނުވިއެވެ. މާދަމާވެސް އަހަރެންނަށް އެއެއްޗެއް ކެވިދާނެއެވެ.

އަހަރެމެން ކެފޭގައި ތިއްބާ ޒުވާން ކުދިބަޔަކު އައިސް މެހިތަކެއް ބުރާހެން ބުރަން ފަށައިފިއެވެ. އޭގެ ތެރޭގައި އަހަންނާ އަޅައިގެން އުޅޭ ކުއްޖަކުވެސް ހުއްޓެވެ. އެއީ މަސްއޫދެވެ. ދެން ތިބީ ހިތަދޫ ކުދިންތަކެކެވެ. އަހަންނަކަށް އެކުދީންނެއް ނޭނގެއެވެ.

މިކުދީން އައިސް އުޅުނު ގޮތުން އަހަންނަށް އުނދަގޫތަކެއް ވިޔެވެ. އެކަމަކު ނަދީމް ނެގީ ވަރަށް އާދައިގެ ގޮތެއްގައެވެ. “ރީތި މަލެއް ފޮޅުނީމާ ކޮކާތައް އަންނާނެއެއްނު” އެނާ ފަރުވާ ކުޑަގޮތަކަށް ބުންޏެވެ.

ކިތަންމެ ކޮކާތަކެއް އަޔަކަސް އަހަންނަށް ކޮން މައްސަލައެއް ހެއްޔެވެ. އަހަންނާއެކު މިހިރީ ނަދީމު އެވެ. އެހެންކަމުން އަހަންނަށް ރައްކާތެރިކަން ލިބޭނެ ކަން އަހަންނަށް ޔަގީންވެއެވެ.

ކެފޭއިން ނައްޓާލުމާއެކު ނަދީމް މިސްރާބު ޖެހީ ހިތަދޫގެ އޮޑައްސަލާ ދިމާއަށެވެ. އޭރު އެއައި ގުރޫޕުގެ ފަސްކުދީން ސައިކަލްގައި ނައްޓާލައިފިއެވެ. އަހަރެން ހުރީ ގެޔަށް ދާކަށް އަވަސް އަަރާފައެއް ނޫނެވެ. ނަދީމްއާއެކު ހޭދަވާ ކޮންމެ ވަގުތެއް އަހަންނަށް އުފާވެރިވެފައި ފޮންޏެވެ.

އަހަރެން ގޮވައިގެން ނަދީމު ދިޔައީ ހަނި މަގަކުންނެވެ. އަނދިރި ކަމުގެ ތެރެއަށެވެ. އަހަރެން ގަންނަންވީ ކޮން ބިރެއް ހެއްޔެވެ. އަހަރެން މީނީ އަހަރެންގެ ބެސްޓްގެ ގާތުގައެވެ. އޭނާގެ ގައިގައި ބެއްދުނުހާ ބާރަކަށް ބައްދައިގެން ހޯނެއްހެން އޭނާގެ ގައިގައި ތައްލަވައިގެންނެވެ. އޭނާގެ ކޮނޑުގައި ބޯ އަޅައިގެން އަހަރެން އިނީ ލޯމަރާލައިގެންނެވެ.

ކަކުންޏަކީ އަހަރެން މާ ބިރުގަންނަ އެއްޗެކެވެ. ކަކުންޏާހެދި ސައިކަލް ދުއްވަންވެސް ދަތިވެއެވެ. އެކަމަކު ނަދީމް ދިޔައީ ކުރިމައްޗަށް އަރާ ކަކުންޏެއް ވިއްޔާ ޗިސް ކުރަމުންނެވެ. އަހަންނަށް މަޖާވިއެވެ. އަހަރެން ހެމުން ދިޔައީމެވެ. މިއީ އަހަރެން ކުޑަކުއްޖަކުން ބޮޑު މީހަކަށް ބަދަލު ވުމުގެ ފެށުމެވެ. ބޮޑެތި މީހުން އުޅޭ ދުނިޔެއާ ކުރިމަތިލާ ފުރަތަމަ ދުވަސްވެސް މެއެވެ. އަހަރެން އުފާވަނީ އަހަރެންގެ އެންމެ ލޯބިވާ މީހާއާއެކު މިދުވަސް ހޭދަ ކުރެވޭތީއެވެ.

އެކަމަކު މިހާރު މާބޮޑަށް ލަސްވަނީއެވެ. އަހަރެންގެ މަންމަ ކަންބޮޑުވާނެވަރު އެނގެއެވެ. ސްކޫލުން އައުން ކިރިޔާ ލަސްވިޔަސް ޚަބަރުބަލާނެއެވެ. ސްކޫލުގެ އޮފީހަށް ގުޅާނެއެވެ. ބައްޕައަށް އަންގާނެއެވެ.

ބައްޕަ ވަރަށް ކޫލްވާނެއެވެ. އެންމެން ދަންނަ މަޝްހޫރު ހާޖީ އިސްމާލުބެއެވެ. ގަމީހެއްގައި ރުލެއްހާ މިންވަރުވެސް ހުއްޓަކާ ނުފެންނާނެއެވެ. އިސްތަށިގަނޑު ނުރަވެފައި ވިޔަސް އަދިވެސް ވަރުގަދައެވެ. އަބަދުވެސް ހުންނާނީ ރީއްޗަށް ފުނާއަޅާފައެވެ. ބައްޕަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މަންމަ ހަމަ ޖައްސަފާނެއެވެ. އެކަމަކު މިހާ ގިނަ އިރަކު އަހަރެން އެކަނި މީގެ ކުރީގައި ދުވަހަކުވެސް ބޭރުގައި އުޅެފައެއް ނުވާނެއެވެ. ނަދީމްއާ އެކީގައި ބުރެއް ޖަހާލަން ދެވޭތީ އަހަރެން އުފާވެއެވެ. އެކަމަކު މަންމަ ކަންބޮޑުވާނެ ވަރު ހިތަށް އަރާފަ އެކަމާ ވެސް ވިސްނެއެވެ.

އެންމެ ފަހުން ނަދީމު ގޮސް މަޑު ކުރީ ލަކުޑިން ހަދާފައި ހުރި ޕްލެޓްފޯމަކަށެވެ. އެއީ މީހުން ދޫނި ބަލަން އަރާ ތިބޭތަނެވެ. ހިތަދޫގެ މަޝްހޫރު އީދިގަލި ކިޅިއެވެ.

ސާފު ރެއެއްކަމުން ހީވަނީ އަތްޖެހޭ ހިސާބު މަތީގައި ތަރިތަކުގެ ސާލެއް ދަމާފައި އޮތްހެންނެވެ. އުޑުމަތީގައި އެހާ ގިނަ ތަރިތައް ހުއްޓާ އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އަހަރެން ވަރަށް އުފާވިއެވެ. އަދި ނުހަނު ބާރަށް އަހަރެންގެ ލޯބިވާ ނަދީމް ގައިގައި ބައްދައިގެންފީމެވެ. އަހަރެންނަށް ދުވަހަކުވެސް ނުލިބޭ ވަރުގެ މިނިވަންކަމެއް ލިބުމުން ވީއުފަލެއްގެ ބޮޑުކަމުންނެވެ. ނަދީމު އަހަރެން އުފުލާލުމުން އަހަންނަށް އޭނާގެ އުނަގަނޑުގެ ވަށައިގެން ދެފައިން ހިފަހަށްޓާވެސްލެވުނެވެ. އެއީ އަހަރެންގެ ލޯބީގެ އިންތިހާއީ އުފާވެރި ހިނދުކޮޅެއްކަމުގައި ހިމެނިގެން ދިޔައެވެ.

ފުރަތަމަ ފަހަރަށް ލޯބީގެ ފޮނިރަހަ އަހަރެންގެ ތުންފަތުގައި ލިއެވެ. އެއީ މިހާތަނަށް އަހަންނަށް އިހްސާސް ކުރެވިފައި ނުވާ އަދި މަހުރޫމް ކުރެވިފައިވާ ލައްޒަތެއް ވެސް މެއެވެ.

އަހަރެން ނޭވައެއް ނުލެވިފައި އެވީ ދެތިން މިނިޓަކީ ހާދަ ކުރު ވަގުތުކޮޅެކެވެ.

ނަދީމް އަހަރެން މަޑުމަޑުން އެ ޕްލެޓްފޯމްގެ މަތީގައިވަ ބެންޗަކަށް ތިރިކޮށްލިއެވެ. އެ ވަގުތުކޮޅު ހުއްޓުވާކަށްވެސް އަހަންނަކަށް ހިތަކަށް ނޭރިއެވެ. އެހިނދުކޮޅު އަހަންނަށް މަންމަގެ މަތީންވެސް ހަނދާނެއް ނުވިއެވެ.

އެކަމަކު ދެން ކަންތައް ދާން ފެށި ދިމާ ވިސްނުމުން އަހަރެން މަޑުމަޑުން ބުނީމެވެ.

“ޑިއަރ. މިރޭ މާލަސްވެއްޖެ އެއް ނު.”

“ނޫން ސްވީޓީ. މިރެއެއް ދެވަނަ ފަހަރަކަށް ނާންނާނެ.” އޭނާ އަދިވެސް ޖެހުނީ އަހަންނާ ކައިރިއަށެވެ. މަތީން ފެންނަން އޮތް ތަރިތަކުގެ ސަނދުވާއަށް އަހަރެން ފޮރުވުމަށް އުޅޭ ފަދައަކުންނެވެ.

ނަދީމް އަކީ އަހަރެންގެ ސްވީޓްހާޓެވެ. އެއީ އަހަރެންގެ ހިތެވެ. އަހަރެންގެ އަލަތު ލޯތްބެވެ. އަހަރެން ހިތުން ނަފްސުން އޭނާއަށް މަރުހަބާކީމެވެ. އޭނާ އަންނާނެ ވަރަކަށް ކައިރިއަށް އައުމަށެވެ.

އެއީ އަހަރެމެންތިބި ޕްލެޓްފޯމް ތެޅިގަތް ވަގުތެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. އަނދިރީގެ ތެރޭން އެމީހުން އައިކަން އެނގުނީވެސް އައިސް އަހަރެމެންގެ މައްޗަށް ގުދުވެ ތިއްބާ ފެނުމުންނެވެ.

އަހަންނަށް މަސްއޫދުގެ ސިފަ ވަކި ކުރަން އެނގުނެވެ. އޭނާ ހުރީ ބޮލުގައި ހުޑެއް އަޅުވައިގެންނެވެ.

“ތިކަލޭގެ ދުރަށްލާ.” އޭނާ އަމުރުވެރި ގޮތަކަށް އޭނާގެ ބައިވެރީންނަށް އެންގިއެވެ. “ފޯނު އަތުލާ. އަތުލާފަ ގެންގޮސް ބަނދެފަ ބަހަށްޓާ.
އަހަރެމެން މިކަންތައް ކުރާގޮތް އޭނާއަށް ފެންނަން ޖެހޭނެ.”

އެއަކަށް ވުރެން ބޮޑު ބިރުވެރިކަމެއް އަހަންނަކަށް ކުރިމައްޗެއް ނުވެއެވެ. މަސްއޫދު އެހާ ނުލަފާ ވާނެހެއްޔެވެ؟ އޭނާގެ އަތުގައި އޮތް ތޫނު ވަޅިއެއް އަހަރެންގެ ކަރުގައި ޖެއްސިއެވެ. އެންމެ އަޑެއް ލައްވާލިޔަސް ނިމުނީ.”

އެކަކު އަހަރެންގެ ދެފައިގައި ހިފެހެއްޓިއެވެ. އަނެކަކު އަހަރެންގެ ބޮލާ ކޮނޑުގައެވެ. އަނެކަކު އަހަރެންގެ ހެދުން ވީދާފައި އަނގަޔަށް ކޮއްޕާލިއެވެ.

އޭގެފަހުން އަހަރެން ތަދުގެ ފުންމިން ނޭނގޭ ކަނޑަކަށް ގެނބިގެން ދިޔައެވެ.

އެއީ ވޭން ހުރި ވަގުތު ކޮޅެކެވެ. ރަހުމެއްގެ ކަންފުޅެއް ހުރި މީހަކުވެސް އޭގެ ތެރެއަކު ނުވެއެވެ. ތަދުވަނީ ކޮން ދިމާއަކުން ކާކު ކުރާ ކޮން ކަމަކުން ކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ބޮޑުކޮށްފައިވަނީ ލޯބިންނެވެ. މީހެއްގެ އިނގިލި ކުރިވެސް ނުޖައްސައެވެ. މިރޭ އަހަންނަށް ކުއްލިއަކަށް މިހާ ބޮޑު ތަދެއް އުފުލަން ޖެހުނީއެވެ. ކެއްކުރާނީ ކިހިނެއްހެއްޔެވެ؟ ނުރޮއި ހިފެހއްޓޭނެ ހެއްޔެވެ؟ ފަސް މީހަކު މިނިވަން ކަމާއެކު އަހަންނަށް ހަދާނެ ގޮތެއް ހަދަނީއެވެ. އަހަރެން އެމީހަކަށް އިތުބާރު ކޮށްގެން ހުރި އަހަރެންގެ ބިޓް އެވަނީ ބާރެއް ނެތިފައެވެ.

އެކަކު ހަމަ ގަސްތުގައި އަހަރެންގެ މޫނު މަތީގައާއި މޭމަތީގައި ތެޅިކަން ވެސް އެނގެއެވެ. އަހަރެންގެ ހޭވެރިކަން ކެނޑިގެން ހިނގައިދާނެ ކިތަންމެ ހިނދުކޮޅުތަކެއް އައެވެ. އަހަންނަށް ގަސްތުގައި އަނިޔާ އެ ދެނީ މަސްއޫދުކަން އަހަންނަށް އެނގުނެވެ. އެއްފަހަރަކު އޭނާ އަހަންނަށް އިންޒާރު ވެސް ދީފައި އޮތީމައެވެ. އޭނާ ބެލީ އަހަންނަށް ދެވުނުހާ ގެއްލުމެއް ދެވޭނެ ގޮތްތަކެވެ. ދަތް އަޅާތަނެއް ވެއްޖެއްޔާ ލޭ ރަހަ ނުލަނީހެއް ދުލެއް ނުކުރެވެ. އަހަރެން ރޯ އަޑެއް ނުނުކުމެއެވެ. އެކަމަކު ކަރު ވަނީ މަށައިގެން ގޮސްފައެވެ.

އަހަރެންނަށް އަނިޔާ ލިބެމުން ދިޔަ ވަގުތުގެ ދިގުމިނެއް ނުވެސް އެނގެއެވެ. ތޫނު ވޭނެއް ނާޅާ ސިކުންތު ކޮޅެއްވެސް ނާދެއެވެ. އަހަރެން މަރުވަނީއޭ ހީވި ކިތަންމެ ފަހަރެއް އައެވެ.

އެއީ ސައިކަލެއްގެ އަޑު އަހަންނަށް އިވުނު ވަގުތެވެ. އަދި އެއާއެކު ނަދީމު ބާރަށް ހަޅޭއްވެސް ލަވައިގެންފިއެވެ. ސައިކަލް އަައިސް އެތަނަށް ހުއްޓާލިކަން އެނގުމުން އެމީހުން އަވަސްކޮށްލައިގެން އަތު ޖެހުނު އަންނައުނެއް އަތަށް ނަގައިގެން ދުއްވައިގަތެވެ. ސައިކަލްގައި އައީ ދެ މީހެކެވެ.

އެމީހުންނަށް އެތަނަށް އަންނަން އެނގުނީ އަހަރެން ލަސްވެގެން މަންމަ ގުޅީމާ އެމީހުން ހޯދި މައުލޫމާތެއްގެ އެހީގައެވެ.

އަހަރެން އޮތީ ލެއިން ތަތްތެޅިފައެވެ. އަހަރެން ހޭއެރީ ހޮސްޕިޓަލްގެ އެނދެއްގައި އޮއްވައެވެ.

އަހަރެން އުމުރުން އަަށާރަ ފުރި ބޮޑުމީހެއްގެ ގޮތުގައި ކުރި ފުރަތަމަ ތަޖްރިބާއަށް ވުރެން ވޭނީ އެއްވެސް ކަމެއް އަހަންނަކަށް ކުރިމައްޗެއް ނުވެއެވެ. މިއީ ކުޑަކުއްޖަކުން ބޮޑުމީހަކަށް އެންމެންވެސް ދަތުރުކުރަން ޖެހޭ ގޮތްހޭ އަހަރެންގެ ހިތާ ހިތާ ސުވާލު ކުރީމެވެ.

މަންމައާ ބައްޕަ އަދި އާއިލާގެ މީހުން އަހަރެން ހޮސްޕިޓަލުގައި އޮތްހާ ދުވަހަކު އެތާ ތިއްބެވެ. އަހަންނަށް ލިބުނު ޒަޚަމްތައް ފަސޭހަވީ ނަމަވެސް އަހަރެންނަށް ނަފްސާނީގޮތުން ލިބުނު ވޭންތަކަށް ލުޔެއް ނުލިބުނެވެ.

އަހަންނަށް ހަމަލަ ދިން ޒުވާނުން ޖަލުގައި ތިއްބެއްކަމަކު ބިރެއް ނުކެނޑެއެވެ. އަބަދު ހުންނަން ޖެހެނީ ސިހި ސިހި އެވެ. އެއްވެސް މީހެއްގެ ލޯތްބަކަށް އިތުބާރެއް ނެތެވެ. ނަދީމުވެސް ވަނީ މިކަންތައް ރޭވުމުގައި ބައިވެރިވީކަމަށް ޝައްކު ކުރެވި ބަންދު ކުރެވިފައެވެ. އަހަންނަށް ކުއްލިއަކަށް މިލިބުނު ޝޮކުން އަރައެއް ނުގަނެވުނެވެ. އެހަނދާންތައް ހިތުން ފިލުވައެއް ވެސް ނުލެވުނެވެ.

އަހަރެންގެ ހަޔާތުގައި ބާކީ އޮތް ދުވަސްތައް އަހަރެން ހޭދަކުރަން މިޖެހެނީ މި ހިތާމަވެރި ގޮތެގައި ހެއްޔެވެ؟ އެއްވެސް އުފަލެއް ލޯތްބެއްގެ އިތުބާރެއް ނެތް ގޮތެއްގައި ހެއްޔެވެ؟ ލޯތްބޭ މީހަކު ކިޔާ އަޑު އިވުނަސް އަހަރެން މިހާރު ގަންނަނީ އަމަށަކު ބިރެއް ނޫން ކަމެވެ.

މިއަދު އަހަރެން ގަބޫލު ކުރެވެނީ ލޯތްބޭ ކިޔަނީ ތަދަށް ކަމަށެވެ. ވޭނަށް ކަމަށެވެ. ރިހުން ކަމަކަށެވެ. އަހަންނަކަށް އަލަކުން އެފަދަ ވޭނަކަށް އަހަރެންގެ ނަފްސު ހުޅުވައެއް ނުލެވޭނެ. އެ ތަދު އަހަންނަށް މުޅިއުމުރަށް ފުދޭނެއެވެ.

ނިމުނީ