English Edition
Dhivehi Edition

ކައިށާ ފެޑުން3 ގެ ޗެމްޕިއަންކަން އަލްފާކިއު އިން ހޯދައިފިއެވެ. މިރޭ މިދޫ ފުޓްސެލް ދަނޑުގައި ކުރިއަށް ދިޔަ ފޯރިގަދަ މެޗުގައި އަލްފާކިއު މޮޅުވީ ޑްރިބުލް އެފްސީ އާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. މި މެޗުގެ ދެވަނަ ހާފްގައި އަލްފާކިއު އިން ޑްރިބުލް އެފްސީގެ ޑިފެންސް ފޫ އަޅުވާލުމަށްފަހު ވަނީ ގިނަ ހަމަލާތައް ގޯލަށް އަމާޒުކޮށްފައެވެ. މި ގޮތުން ދެވަނަ ހާފްގައި އަލްފާކިއުގެ ވިޝަލް ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރެއް ނަގާނެ ފުރުސަތެއް ނުލިބި ވަނީ ގޯލަށް އަމާޒުވެފައެވެ. ވިޝަލްގެ ލަނޑާއެކު ޑްރިބުލް އެފްސީ އިން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށްޓަކައި ވަނީ ގިނަ ހަމަލާތައް އުފައްދާ އެލްފާކިއު ޓީމު ހިފެހެއްޓުމަށް މަސައްކަތްކޮށްފައެވެ. މި މެޗު ނިމިގެން ދިޔައީ މެޗުގެ ނަތީޖާ ބަދަލުކުރާނެ ފުރުސަތެއް ޑްރިބުލް އެފްސީއަށް ނުލިބިއެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑްރިބުލް އެފްސީގެ އަބްދުއްﷲ ވިޝަލް އެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ އައްޑޫ ސިޓީ މީދޫ ކައުންސިލަރު ހިޔާޒު ހަސަންއެވެ. މި މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ މަގާމު ލިބިފައިވަނީ އަލްފާކިއުގެ އަހްމަދު ވިޝާހް، އަލްފާކިއުގެ ވިޝަލް، އެފްސީ ހިތްވަރުގެ އަހްމަދު ސަބާހު އަދި ޑްރިބުލް އެފްސީގެ ހަސަން މައުޝުގުއެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އަލްފާކިއުގެ އަބްދުއްﷲ ވިޝަލްއެވެ. ވިޝަލް ވަނީ މި މުބާރާތުގައި 9 ގޯލް އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. މި މުބާރާތަކީ މީދޫގެ ޒުވާނުން އިސްނަގައިގެން 2015 ވަނަ އަހަރުން ފެށިގެން މީދޫ ކުޅުންތެރިންނަށް އަމާޒުކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް 2018 ވަނަ އަހަރު ވެސް ކުރިއަށްދާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުންވަނީ ބުނެފައެވެ. އަދި މިއަންނަ އަހަރުގެ މުބާރާތަކީ މިއަށްވުރެ ފެންވަރު ރަގަޅު މުބާރާތަކަށް ވެގެން ދާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.