English Edition
Dhivehi Edition
އޮންލައިން ސްކޭމެއް ރަމްޒުކޮށްދޭ ފޮޓޯއެއް

ރާއްޖޭގައި އޮންލައިން ވިޔަފާރިއާއި ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިކަމަށް އެދިފައިވަނީ މިދިޔަ ހަފްތާގެ ސްކޭމް ތަފާސްހިސާބުތައް އާއްމުކުރަމުންނެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މިދިޔަ ހަފްތާގައި އެ ސެންޓަރަށް ރިޕޯޓުކޮށްފައިވާ 39 ސްކޭމް މައްސަލައިގެ ތެރެއިން އެންމެ ގިނައީ އޮންލައިން ވިޔަފާރިއާއި ގުޅޭ މައްސަލަތަކެވެ. އެގޮތުން އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމަށްފަހު މުދާ ނުލިބޭ 13 މައްސަލައަކާއި، ބޭރު ފައިސާ، ހާއްސަކޮށް ޑޮލަރު، މާރުކުރުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލުމުގެ 10 މައްސަލައެއް މި މުއްދަތުގައި ވަނީ ހުށަހަޅާފައެވެ.

މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށްޓަކައި، ފުލުހުން ވަނީ އާންމުންނަށް މުހިންމު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން، އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ލިބުމުން ފައިސާ ދެއްކުމަށް (ކޭޝް އޮން ޑެލިވަރީ) އިސްކަންދިނުމަށާއި، ބޭރު ފައިސާ މާރުކުރުމުގައި ހުއްދަ އޮންނަ ބޭންކުތަކާއި މަނީ އެކްސްޗޭންޖްތައް ފިޔަވައި އަމިއްލަ ފަރާތްތަކާއެކު ސޯޝަލް މީޑިއާ މެދުވެރިކޮށް މުއާމަލާތް ނުކުރުމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ވިޔަފާރިތަކުން ފައިސާ ލިބުނުކަން ކަށަވަރުކުރުމަށްޓަކައި، ކަސްޓަމަރުން ފޮނުވާ ސްކްރީންޝޮޓްތަކަށް އެކަނި އިތުބާރު ނުކޮށް، ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ އެކައުންޓަށް ވަންތޯ ޔަގީންކުރުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ. ސޯޝަލް މީޑިއާ ޕޭޖެއްގައި ގިނަ ފޮލޮވަރުން ތިބުމަކީ އެއީ ސައްހަ ވިޔަފާރިއެއްކަން އަންގައިދޭ ހެއްކެއް ނޫންކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.