ރާއްޖެއަށް ވަޒަންތަކެއް އެތެރެކުރަން އުޅުނު އެމެރިކާގެ ރައްޔިތަކު ހައްޔަރުކޮށް، އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކޮބޯލޯ ބްރިޓެއިން ޓައިލާ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އައި ވަގުތު އޭނާގެ ލަގެޖު ފާސްކުރިއިރު، އޭގެ ތެރެއިން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި މިހާރު ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން ހަނގުރާމަވެރި ހަތިޔާރާއި، ވަޒަނާއި ގޮވާތަކެތި ރާއްޖެއަށް އެތެރެކުރުމަކީ ވަރަށް ބޮޑެތި އަދަބު ލިބޭނެ ކުށެކެވެ. އެހެންކަމުން އެއާޕޯޓުގައި މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެން ބަލަމުން ގެންދެ އެވެ.