English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުކުރަން މަޖިލިހުގެ ބައެއް މެމްބަރުންނަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން،ރިޝްވަތު ދިންކަމުގެ ހެއްކާއި ގަރީނާ ލިބިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. ސްކަންދަރު ކޮށޫގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ މަޖިލީސް މެމްބަރުންނަށް ރިޝްވަތުދޭން އުޅުނު ކަމުގެ ޝަކުވާތައް ލިބުމާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ޝިފާން ވިދާޅުވީ ރިޝްވަތުގެ މައްސަލައިގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އަހުމަދު ޝާފިއު، ސްވީޓް ފްލާވާ، ލ. ފޮނަދޫ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މުވައްޒަފެއްގެ ގޮތުން އުޅުނު އަހްމަދު ސަފްއާން ވެސް ހޯދަމުން އަންނަ ކަމަށެވެ. ޝިފާން ވިދާޅުވީ ރިޝްވަތުގެ މައްސަލަތައް ބެލުމުގައި ފުލުހުން އެއްވެސް ފަރާތެއް އިސްތިސްނާ ނުކުރާނެ ކަމަށެވެ. އަދި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިންކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މައުލޫމާތެއް ވީ އެންމެ އަވަހަކަށް ފުލުހުންނާ ހިއްސާކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.