ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލިހުގެ ގޮނޑިއަށް ވާދަކުރައްވަވާ އަދި ފިރިކަލުން ގާސިމް އިބްރާހީމަކީ ޖަވާހިރެއް ކަމަށާއި އަދި މައްޗަންގޮޅީ އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ފާރިސް މައުމޫން އަކީ އެ ދާއިރާ އަށް ލިބޭނެ ރައުސްމާލެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ސްކޫލްގައި ބޭއްވި, ފާރިސް މައުމޫނުގެ ކެމްޕޭނު ޖަލްސާގައި ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، މާމިގިލި ޖަލްސާއެއްގައި ގާސިމް އިބްރާހީމަކީ އެ ދާއިރާ އަށް ލިބޭނެ އަގުބޮޑު ޖަވާހިރެކޭ ވިދާޅުވެފައިވާ ކަމަށާއި ހަމަ އެ ގޮތަށް ފާރިސް އަކީ މައްޗަން ގޮޅީ ދާއިރާގެ ރައްޔިތުން ދާއިރާގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ލިބޭނެ ބޮޑު ރައުސުލްމާލެއް ގަބޫލު ކުރައްވަވާ ކަމަށެވެ.
ކުރީ ސަރުކާރުން އެތައް އަނިޔާތަކެއް ލިބުނު ނަމަވެސް ހިތްވަރާ އެކު އަބަދުވެސް ފާރިސް ހުންނެވިކަން ފާހަގަ ކުރައްވަމުން ނަހުލާ ވިދާޅުވީ ސަރުކާރުގެ ކޯލިޝަން ދަމަހައްޓައި، ރައްޔިތުންނަށް ހިދުމަތް ކުރާނެ ފުރުސަތު ދިނުމަށް ފާރިސް އިންތިހާބު ކޮށްދިނުމަށް މަންޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.