ބޮލީވުޑްގެ މަޝްހޫރު ތަރި ޝްރީދޭވީގެ ކުއްލި މަރާއެކު އޭނާއަށް ތާއިދުކުރާ ފަރާތްތަކާއި ބޮލީވުޑުގެ ތަރިންނަށް ލިބިގެން ދިޔައީ ކުއްލި ހައިރާންކަމަކާއި ބޮޑު ހިތާމައެކެވެ
13 އޯގަސްޓް 1963 ވަނަ އަހަރު އުފަންވި ސްރީދޭވީ އޭނާގެ ފިލްމީ މަސައްކަތް ފެށީ އުމުރުން އެންމެ ހަތަރު އަހަރުގައެވެ. ކުޑަކުއްޖެއްގެ ރޯލުން ފެށިގެން، ޒުވާން އުމުރާއި މަންމައެއްގެ ރޯލުންވެސް ފެނިގެން ގޮސްފައިވާ ސްރީދޭވީ އަކީ ތަމަޅަ، މަލަޔާލަމް. ކައްނާޑީ، ޓެލުގޫ އަދި ހިންދީ ގިނަ ފިލްމުތަކެއް ކުޅެފައިވާ ތަރިއެކެވެ. ބޮލީވުޑްގެ ފުރަތަމަ ‘ސުޕަސްޓާރ’ގެ މަގާމު ހޯދާފައިވާ ސްރީދޭވީ ވަނީ 6 ފިލްމު ފެއާރ އެވޯޑް ހަފްލާގައި އެވޯޑް ހާސިލްކޮށްފައެވެ. 1990ވަނަ އަހަރު އެންމެ ބޮޑު އަގެއްގައި ފިލްމު ކުޅެފައިވާ ސްރީ ދޭވީވަނީ 275 އަށްވުރެ ގިނަ ފިލްމު ކުޅެފައެވެ
އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން ތަމަޅަ، މަލަޔާލަމް، ކައްނާޑޭ، ޓެލުގޫ ފިލްމުތަކުގައި މަސައްކަތްކުރަމުން އައި ސްރީދޭވީގެ އެންމެ ފުރަތަމަ ބޮލީވުޑްގެ ފިލްމަކީ 1975 ވަނަ އަހަރު އޭނާ ކުޅެފައިވާ ‘ޖޫލީ’އެވެ. އުމުރުން 13 އަހަރުގައި ތަމަޅަ ފިލްމެއްގައި ޒުވާން އަންހެންކުއްޖެއްގެ ރޯލުން ފެނިގެންދިޔަ ސްރީދޭވީ ވަނީ 1977 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާއި ހަމައަށް ތަމަޅަ އަދި ޓެލުގޫ ސިނަމާތަކުގައި ރަނިކަންކޮށްފައެވެ
ސްރީދޭވީގެ ޒުވާން ދުވަސްވަރު އެންމެ ފުރަތަމަ ކުލެފައިވާ ފިލްމަކީ 1978 ވަނަ އަހަރު ކުޅުނު ފިލްމް ‘ސޯލްވާ ސަވަން’ އެވެ. އެއަށްފަހު 1983 ވަނަ އަހަރު ކުޅުނު ‘ހިއްމަތުވާލާ’އާއި އެކު ސްރީދޭވީގެ ތަރިވަނީ އުދަރެހަށް އަރާފައެވެ. 1983 ވަނަ އަހަރުން ފެށިގެން 1986 ވަނަ އަހަރާއި ހަމައަށް ސްރީދޭވީ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ނަޔާ ކަދަމް، ތޯފާ، މަގްސަދް، ނަޒްރާނާ، ޗާދްނީ އަދި މިސްޓަ އިންޑިއާ އަކީ ފާހަގަކޮށްލެވޭ ފިލްމުތަކެވެ. ދިހަ ފަހަރު ފިލްމު ފެއާރ އެވޯޑަށް ނޯވިނޭޓްވެ ހަފަހަރު އެވޯޑް ކާމިޔާބުކޮށްފައިވާ ސްރީދޭވީ ގެ ނާގިން، ލާޑްލާ، ގުމްރާހް، ޗާލްބާޒް އަކީ އޭނާގެ ހުނަރުވެރިކަން ގިނަ ބަޔަކަށް ފެނިގެން ދިޔަ ފިލްމުތަކެވެ.1980 ގެ އަހަރު ތަކުގައި ޖީތެންދްރާ އާއި ސްރީދޭވީގެ ޖޯޑަކީ އޭރު އެންމެ ކާމިޔާބި ޖޯޑުކަމުގައި ވީ ހިދު ދެމީހުންވަނީ އެކުގައި ކާމިޔާބު 13 ފިލްމު ކުޅެފައެވެ. މިގޮތުން 1986 ވަނަ އަހަރު ސްރީދޭވީ ކުޅުނު ނާގިން އަކީ ބޮލީވުޑްގައި މިހާތަނަށް ކުލޅެފައިވާ އެންމެ ކާމިޔާބު ‘ހަރުފަ’ ފިލްމެވެ. އޭރު ބޮލީވުޑްގެ މަޝްހޫރު ހުރިހާ އެކްޓަރުންނާއެކު މަސައްކަތްކޮށްފައިވާ ސްރީދޭވީގެ ނެށުމުގެ ހުނަރަކީ ގިނަ ބައެއްގެ ހިތް އޭނާއަށް ފިދާވެގެން ދިޔަ ހުނަރައެއްކަމުގައި ވެގެންދިޔައެވެ
1984 ގެ އަހަރުތަކުގައި ރާކޭޝް ރޯޝަންގެ ‘ޖާގް އުޓާ އިންސާން’ ކުޅުނު ދުވަސްވަރު އެ ފިލްމުގެ ބަތަލް މިތުން ޗަކްރަބަތީ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެތަރިން ސިއްރުން ކައިވެނިކޮށްފައިވާ ވާހަކަތަކެއް ވަނީ އެ ދުވަސްވަރު ވަރަށް ގަދައަށް ފެތުރިފައެވެ. އަދި މި ވާހަކަތަކައް ބާރު ލިބޭ ގިނަ ހެކިތަކެއް ލިބިފައިވާއިރު މެގަޒިންއެއްގައި ދެމީހުންގެ ކައިވެނީގެ ސެޓްފިކެޓް އާންމުވި ހިސާބުން މިތުންވަނީ ކައިވެނީގެ ވާހަކައަކީ ހަގީގަތެއް ކަމުގައި ބުނެފައެވެ.މިކަމާ ގުޅިގެން ސްރީދޭވީ އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު 1996 ވަނަ އަހަރު އޭނާވަނީ މަޝްހޫރު ޕްރޮޑިއުސަރ ބޯނީ ކަޕޫރް އާއި ކައިވެނިކޮށްފައެވެ. އަނިލް ކަޕޫރް އާއި ސަންޖޭ ކަޕޫރްގެ ބޭބެ ބޯނީ ކަޕޫރް އާއި ސްރީދޭވީ ކައިވެނިކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުންތައް ސްރީދޭވީއަށް އަމާޒުވިއިރު ބައެއް މީހުންވަނީ އުމުރުގެ ގޮތުން އެހާ ތަފާތު ބޮޑު މީހަކާއި ކައިވެނިކުރި ސަބަބާ ބެހޭ ގޮތުންވެސް ގިނަ ވާހަކަތަކެއް ދައްކާފައެވެ
ބޯނީ ކަޕޫރް އާއި ކައިވެނިކޮށް ދަރިއަކު ލިބުމާއެކު ސްރީދޭވީ ވަނީ ކެމެރާ ކުރިމަތިން ގެއްލިފައެވެ. ޖާންވީ އާއި ހުޝީ ގެ ކުޑައިރު ދަރިންނަށް ވަގުތު ދިނުމުގެ ބޭނުމުގައި 15 އަހަރުގެ މެދުކެޑުމަކަށްފަހު ދެން ސްރީދޭވީ ފެނިގެންދިޔައީ 2013 ވަނަ އަހަރު ‘އިންގްލިޝް ވިންގްލިޝް’ އިންނެވެ
ސްރީދޭވީއަށް ވަނީ 1990 ވަނަ އަހަރު އިންޑިއާގެ ސިނާމާއަށް ކޮށްފައިވާ ހިދުމަތްތައް ފާހަގަކޮށް ‘ސްމިޓަ ޕަޓިލް އެވޯޑް’ ދީފައެވެ. 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ އިންޑިއާގައި ހަތަރުވަނައަށް ދެވޭ އެންމެ މަތީ އެވޯޑް ‘ޕަދްމާ ޝްރީ އެވޯޑު’ ވެސް ދީފައެވެ
އުމުރުން 54 އަހަރުގެ ސްރީދޭވީ މަރުވެފައި ވަނީ އިއްޔެ (24 ފެބްރުއަރީ 2018) ގައި ދުބާއީގައި ހިތް ހުއްޓިގެންނެވެ. ސްރީދޭވީ މަރުވީ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށް ފިރިމީހާ ބޯނީ ކަޕޫރު އަދި ދަރިފުޅު ޚުޝީ ކަޕޫރާއެކު ދުބާއީގައި ހުއްޓައެވެ