English Edition
Dhivehi Edition

 

އަފަގާޓޯގެ ވަކީން ހުރި މޭޒެއްގައި އެތިން ކުދިން ވާހަކަ ދައްކަން ތިބޭތާ ކިތަންމެ އިރެކެވެ. އެއްކުއްޖަކު ޗޮކްލެޓް އައިސްކްރީމެވެ. އަނެއް ކުއްޖަކު ވެނީލާއެވެ. ތިންވަނަ ކުއްޖާ، އާދެ، ސޯލިހާ ބޮމުން ދިޔައީ ބަނާނާ މިލްކް ޝޭކެކެވެ.

އެންމެ އަޑުގަދައީ ސަމީރާގެއެވެ. އޭނާ އަކީ ވަރިވެފައި ހުރި މީހެކެވެ. ދެން އިން ކުއްޖާ އެއްޗެއް ބުނެލަނީ މަދުފަހަރަކުއެވެ. އެއީ ކާވެންޏާ ބެހޭ ވާހަކައެއް ދައްކަން އަދި އޭނާއަށް ނޭގޭތީއެވެ. އޭނާ އަކީ ހުސްހަށިބައި ކުއްޖެކެވެ. ސޯލިހާ ކާވެނިކުރިތާ މިވީ ދޮޅު އަހަރެވެ.

ސަމީރާ އަޑުގަދަވާނެތާއެވެ. އެންމެ ތަޖްރިބާ ގިނައީ އޭނާގެއެވެ. އޭނާ އެމީހުންނަށް ވިސްނާ ދެމުން ގެންދިޔައެވެ. ތެދުވެރި ފިރިހެނަކު ނޫޅޭނެއެވެ. އިންނަތާ ކުރީކޮޅު ނުވަތަ އިނުމުގެ ކުރީން ވަރަށް ހެޔޮވާނެއެވެ. އަޅާލާނެއެވެ. އަބަދުހެން ސަމާލުކަން ދޭނެއެވެ. މޫނުގައި ބިއްސެއް ނެގިޔަސް އެކަމާ އުޅޭނެއެވެ. އެހާވަރަށް ފިރުމާނެއެވެ. އެކަމަކު ފަހުންފަހުން ގޮސް މީހަކު ހުންނަ ކަމެއްވެސް ހަނދާނެއް ނުހުންނާނެއެވެ. ޖެހިގެން އޮށޯވެ އޮންނަ އިރުވެސް އަތްވެސް ބީއްސާނުލާނެއެވެ.

ސޯލިހާ މިވާހަކައާ ވަރަށް ގަޔާވިއެވެ. އޭނާ ވިސްނަމުން ދިޔައެވެ. އޭނާވެސް އިންތާ ކުރީކޮޅުގައި ޒައިދު އުޅުނީ ހަމަ އެބުނާ ގޮތަށެވެ. މޫނުގައި ބިއްސެއް ޖެއްސަސް އެކަން އޭނާއަށް ބޮޑުވާނެއެވެ. އަތެއް ފައެއްގައި ނުރިއްސިއަސް ފިރުމާ ދޭނެއެވެ. މިހާރު ގޭގައި މަސައްކަތްކޮށްކޮށް ވާޅުވެގެން އައިސް އޮށޯތަސް ކަހާތަން ހިރުވާވެސް ނުދޭނެއެވެ. މަސްގުޅަ ކެޔަސް މޮޑެއެއް ނުދޭނެއެވެ. ބުރަކަށީގައި ފިރުމައެއް ނުދޭނެއެވެ. ބޮލުގައި ރިއްސާތީ ބުންޏަކަސް ބޮލުގައި އަތްވެސް ލައި ނުދޭނެއެވެ. ކުރީ ކޮޅުގައި އަހަރެން ހައިރާންވެފައި ހުންނަނީ އަހަންނަށް މި އިނދެވުނީ މަސާޖް ޕާލާއެއްގައި އުޅޭ މީހަކާއޭ ހީވެ އެވެ.

ފަހީމާވެސް މިވާހަކައިގެ ތެރެއަށް ވަދެލިއެވެ. “ކިތަންމެ ލޯބިން އިނަސް ކަންތައް ވާނީ ތިހެންތަ؟” އޭނާ މީހަކާ ނީދެ ހުންނަނީވެސް އެހެންވެދާނެތީއެވެ. ރައްޓެހިވާން އަހާ މީހުން މަދެއް ނޫނެވެ. އެކަމާ ގަންނަ ބިރަކުންނެވެ.

އޭގެ ޖަވާބު ދިނީ ސޯލިހާއެވެ. “އަހަންނާ ޒާހިދަށް ވުރެން ލޯބިންނެއް އެކަކުވެސް ކާވެންޏެއް ނުކުރާނެ. އަހަރެމެންގެ ދެމީހުންގެ ކާވެނި ޕާޓީ ބޭއްވުނީ ގަމުގެ އަސްޓްރާ ސިނަމާގައި. މުޅި އައްޑު އޮތީ އެތަނަށް އެއްވެފަ. “

“އާނ. އެނގޭ. މަވެސް ދިޔައިމެއްނު.” ފަހީމާ ހަނދާންކޮށްދިނެވެ. “ތިހާ ލޯބި ޖޯޑެއް މަވެސް ނުދެކެން. އެކަމަކު މިހާރު އެލޯބި ގެއްލުނީތަ؟”

“ ގެއްލުނީއެއް ނޫން.” ސޯލިހާގެ ތަޖްރިބާ ފަހީމާއަށް ކިޔާދިނެވެ. “ފަނޑުވެގެން ދިޔައީ. ދުވަހެއް ދުވަހަކަށް އޭނާއަށް އަހަރެން މީ އުޅޭ މީހެއްކަންވެސް ނޭނގޭން ފެށީ. “

ޒާހިދު ކޮންމެ ގަޑިޔަކު އައި ނަމަވެސް އަހަރެން ހުންނަނީ ކާން ހަދާފައެވެ. މަސައްކަތަށް ދާން ވާއިރަށް ހެދުންތައް ދޮވެ އިސްތިރިކޮށް ތައްޔާރުކޮށްފައެވެ. ހެނދުނު ފެންވަރައިގެން އަންނައިރު ކޮފީ ސެންޑްވިޗްއާއި ބިސްގަނޑާއި ދޮންކެޔޮ ބަހަށްޓާފައި ހުންނާނެއެވެ. ފެންތަށި ގެނެސް އަހަރެން ދެމެވެ.

މިއަކީ މަސައްކަތެއް ކަމަކަށް ޒައިދުއަކަށް ނުފެންނާނެއެވެ. ގޭގައި ގެންގުޅޭ މީހެއް ނުހުންނަ ހަނދާނެއްވެސް ނުހުރެއެވެ.

އަހަރެން ދެއްކި ވާހަކައާ ސަމީރާ އެބުނި އެއްޗަކާ ދިމާވެއެވެ. ގެޔަށް އައިސް ޒައިދު އޮންނާނީ އެނދުގައެވެ. ނުވަތަ ކޮންޕިއުޓަރު ދޮށުގައެވެ. އަބަދު ފޯނަށް ކޮންމެވެސް މެސެޖެއް އަންނަ އަޑު އިވެއެވެ. ވާހަކަ ދައްކަނީ ކާކާކަމެއް ކުރާ ކަމެއް އަހަންނަކަށް ނޭނގެއެވެ. އޭނާ ނިދަން އައިސް އޮށޯތުމުން އަހަރެން އެނދުގައި އޮންނާތީ އުނދަގޫވާހެން ހީވެއެވެ. އޮށޯތުމާއެކު އެނބުރޭނި ބިއްދޮށަށެވެ. އަހަރެން ކޮއްޓާލިޔަސް ލާނީ ފޮޅުވައެވެ. އަހަރެން ލޮލުން ކަރުނައެއް އަޔަސް އަންނާނީ ރުޅިއެވެ.

އަހަރެން ހިތަށް އަރައެވެ. އެހާވަރުގެ ޕާޓީއެއް ބާއްވައިގެންއަހަންނާ އެވަރުން ކާވެނި ކުރީ މިހެން ހަދަން ވެގެންހެއްޔެވެ؟ އެހާވަރަށް ލޯބި ދިނީ ފަހުން އެލޯބިން އަހަރެން މަހުރޫމު ކުރުވައިގެން އަހަރެންގެ ހިތުގައި ޖައްސަން ހެއްޔެވެ؟

ސަމީރާ އެރޭ ކިޔާ ދިނީ އަހަރެންގެ ހިތުގެ ހާލުކަން މިހާރު އަހަންނަށް ވިސްނެއެވެ. ކޮންމެ ރެއަކު ނިދަން ގެއަށް އައިސް ޒައިދު ހަދާނީ އެހެންނެވެ. ކޮންމެ ދަންވަރަކުވިޔަސް އަންނަ މެސެޖްތަކަށް ޖަވާބު ދޭކަށް އުނދަގުލެއް ނުވެއެވެ. އެކަމަކު އަހަރެން ކިރިޔާ އަތްލިޔަސް އުނދަގޫވެއެވެ.

ކުރިއަށް އޮތީ އަހަރެމެންގެ ކާވެނީގެ އަހަރީ ދުވަހެވެ. ޒައިދު ހަނދާނެއް ވެސް ނުހުންނާނެއެވެ. އަހަރެން ހަނދާން ކޮށެއް ނުދޭނަމެވެ. އަހަރެން ހިތަށް އެރިއެވެ. ޒައިދު އެހާވަރުން އަހަންނާ އިންނަން އުޅުނު ދުވަސްވަރު އެހާވަރަށް އަހަންނަށް އަޅާލީ އަހަރެން މިހެން މަޅީގައި ޖެއްސުމަށް ބާވައެވެ؟ އޭނާގެ ކޮށީގައި ދޫންޏެއް ފަދައިން އަހަރެން ބަންދުކޮށްފައި ބޭންދުމަށް ހެއްޔެވެ؟ ޒައިދު މިނިވަން ކަމާއެކު އެ އުޅެނީއެވެ. އަހަރެން މީހަކާ ދިމާއަށް ބަލާލިޔަސް އޭނާ އެހާ ރުޅި އަންނާނެއެވެ.

ސަމީރާ ވިސްނައިދިނީ އަހަރެން ވަރަށް ކުރާ ހިތް ނުވާ ކަމެކެވެ. އަޑިއަޑީން ކުއްޖަކާ ރައްޓެހިވުމަށެވެ. މިގޮތުން ޒައިދުގެ ކިބައިން މިނިވަން ވެގަތުމެވެ.
“އުދުހިގަތުމުގެ ކުރީގައި އިށީންނާނެ ގަލެއް ހޯދާފައި ބަހަށްޓާ! އެކަހަލަ ފިރިހެނުން އުޅޭނީ އެހެން. އަނބިމީހާ ކިޔަމަންތެރިނަމަ އަޅަކަށް ހަދާލާނެ. އެއީއަކީ މިޒަމާނު އުޅެން ޖެހޭނެ ގޮތެއް ނޫން. ދިރިއުޅެންވާނީ ޒަމާނާ އެއްގޮތަށް.”

ސަމީރާގެ ނަސޭހަތް އެންމެން ވެސް އަހާނެއެވެ.

އޭނާ ވިސްނާދިނީ ޒައިދުގެ ހުރި ތަނަވަސްކަމެއްގެ ފައިދާ ނެގުމަށެވެ. މާދަމާވެސް އޭނާ އަހަރެން ދޫކޮށްލާފައި އިންނާނީ އެހެން މީހެކެވެ. އާ މީހަކާއެވެ. ޒުވާން ކުއްޖަކާއެވެ. އޭރު އަހަރެން ގެ ޒުވާންކަން އޮންނާނީ ގޮސްފައެވެ. ދަރިއަކު ނުލިބޭކަން ރަނގަޅުތާއެވެ. އޭގެ ކުރީން މަލުގެ ތާޒާ ދުވަސްވަރު ލައްޒަތު ލިބިގަންނާށެވެ. ދަތްހުރި ދުވަހު ކާށި ކާށެވެ. އެއީ ސަމީރާ ނޫން އެހެން މީހުންވެސް ބުނާ އެއްޗެއް މެއެވެ.

އަހަރެންވެސް މަޑުމަޑުން އެނަސޭހަތުގެ އަވާގައި ޖެހެން ފަށައިފިއެވެ. މިހާރަކު އަހަރެންވެސް ކޮންމެ ދުވަހަކު ހަނދުނު އެހާވަރަކުން ބިސްގަނޑު އަޅައި ކޮފީ ތައްޔާރު ކުރާކަށް ނޫޅެމެވެ. އެޅިޔަސް ކުރީގައި އަޅާކަހަލަ މަސަލާ ބިސްގަނޑެއް ނާޅަމެވެ. އެއީ ޒައިދަށް ނުލާހިކު މީރު އެއްޗެކެވެ. ރޭގަނޑުވެސް އަހަރެން ބަހަށްޓަނީ ބަތާ ގަރުދިޔައާ އެކަންޏެވެ. މަހެއް ނުފިހަމެވެ. މަސް ހަނާ އެއް ނުކުރަމެވެ.
މިހާރަކަށް އައިސް ގިނަ ދުވަހު އަހަރެން ކަނީ ވެސް ބޭރުންނެވެ. ފަސޭހަގޮތް އަހަންނަށް ވެސް ފަސޭހަވާނެތާއެވެ.
ޒައިދުއަށް މިކަން ނިކަން ރަނގަޅަށް ފާހަގަ ކުރެވިއްޖެއެވެ. އަހަރެން ޒައިދު ދެކެ ވާލޯބި މަދުކޮށްލިކަން އޭނާއަށް ރަނގަޅަށް ވިސްނިއްޖެއެވެ.

ޒައިދު އެންމެ ކަންބޮޑުވީ އަހަރެންގެ ފޯނަށް ނޭނގޭ މެސެޖްތައް އަންނަން ފެށުމުންނެވެ. ދަންވަރު ގަޑީގައި ވެސް މެސެޖްއަންނަ ކަމުގެ އަޑު އިވޭތީއެވެ. އަދި އަހަރެން އެމެޖެސްތައް ފުހެލާކަން ވެސް އޭނާ ފާހަގަ ކުރިއެވެ. އެއީ އޭނާ އަހަރެންގެ ފޯނު ނުބަލާނެ ކަން އެނގޭ އިރުވެސް މެއެވެ. އެހެންނަމަވެސް މިކަމާ އޭނާ ސުވާލެއް ވެސް ނުކުރެއެވެ.
ޒައިދު މިފަހަކުން ރޭގަނޑު ގެޔަށް ނާންނަތާ ވެސް ދެތިން ދުވަސް ވެއްޖެއެވެ. އަހަރެން ކޮންމެ ކަމެއް ކުރިޔަސް ޒައިދު ދެކެ ވާ ލޯތްބެއް އުންޏެއް ނުވެއެވެ. ވަކިވެގެން ދާކަށް ބޭނުމެއް ނުވިއެވެ. އެލޯބި އަހަރެންގެ ހިތުން ނުއެއް ފިލިއެވެ. އަހަރެން ވަރަށް ހިތުގައި ޖެހިއްޖެއެވެ. ކެތް ނުވާން ފަށައިފިއެވެ.
ޒައިދުގެ މަސައްކަތަކީ ކުރެހުމެވެ. ޑިޒައިން ކުރުމެވެ. އޭނާގެ ސްޓޫޑިއޯއަކީ ލައްޕާ ތަނެއް ނޫންކަން އަހަންނަށް އެނގެއެވެ. އެއީ އަލަށް ތައްޔާރު ކުރާ ރިސޯޓެއް ކުރަހަމުންދާ ތަނެކެވެ. މަސައްކަތް ހުހެއް ނުވާނެއެވެ. އެކަމަކު މިހާތަނަކަށް ޒައިދު ރޭގަނޑަކު އެހާ ގިނަ އިރަކު ބޭރަކު ނޫޅެއެވެ. ސަމީރާ ބުނީ އޮފީހުގައޭ ކިޔާފައި ފިރިހެނުން ގޮސް ތިބޭނީ ވަގު އަނބީންގެ އޮފީހުގައި ކަމަށެވެ. ކަލޭވެސް އެކަހަހަލަ އޮފީހެއް ހުޅުވަންވީ ނޫންހެއްޔެވެ؟

އަހަރެން ހިތަށް އެރިއެވެ. އަހަރެން ޖެހޭނީ މިހަގީގަތް ބަލާށެވެ. ސަމީރާ އެއުޅޭ ކަހަލަ ދިރިއުޅުމެއް އަހަންނަކަށް ނުވެސް އުޅެވޭނެއެވެ. އެހެންވެ އަހަރެން ޒައިދު އުޅޭ ސްޑޫޑިއޯއަށް ޓެކްސީއެއްގައި ދަންވަރު ހިނގައްޖެއީމެވެ. ގޮސް ބެލި އިރު ޒައިދު ނެތުމުން އަހަރެންގެ ހިތް ކުދިކުދި ވެގެން ދިޔައެވެ. ސަމީރާ އެދެއްކީ ތެދުވާހަކައެއްކަން އަހަންނަށް ގަބޫލު ކުރެވުނީ މިހާ ހިސާބުންނެވެ.
ޒައިދު އައީ އެދުވަހު އިރުއަރަން ކައިރި ވެފައި ވަނިކޮށެވެ. އައި ގޮތަށް އައިސް ފެންވަރާލައި ރީތި ވެއްޖެއެވެ. އަހަރެން ހުރީ ހެނދުނަށް ސައިވެސް ތައްޔާރު ނުކޮށެވެ.

“ހިނގާ އަވަހަށް ދާން. ދެހެދުމެއް ދަބަހަށްލައިގެން އާދޭ.”

އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ފިރިހމީހާގެ ކުރިމަތީގައި ޗުއްޕުއޭ ވެސް ބުނާކަން އަހަރެން ބޭނުމެއް ނުވިއެވެ.

އަހަރެން ގަމަށް ދިޔައިރަކުވެސް މިދަނީ ކޮންތާކަށް ދާން ކަމެއް އަހަންނަކަށް ނޭގެއެވެ. އަހަރެން ޒައިދުގެ ފަހަތުން ކިޔަމަންތެރިކަމާއެކު ދިޔައީމެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ އަލަތު ފިރިމީހާ އެވެ.
ފްލައިޓަށް އެރުމަށް ފަހު ޒައިދު ބުންޏެވެ.
“އަހަރެން މިހާ ދުވަހު މިހާ ބުރަކޮށް އުޅުނީ މިދަތުރު ދިއުމަށް ޗުއްޓީ ނަގަން. އަހަރެން މިއައީ ރިސޯޓް ހުޅުވަން ބޭނުންވާ ވަރަށް ހުރިހާ މަސައްކަތެއް ނިންމާދީފަ. ދެން ހުރި މަސައްކަތް އަހަރެން ނެތަސް އެމީހުންނަށް ކޮށްލެވިދާނެ.”
“މިދަނީ ކޮން ތާކަށް ؟” އަހަރެންނަކަށް އޭރަކު ހަނދާނެއް ނެތެވެ. “ ސޯލިހާ ހަނދާން ނެތީތަ އަހަރެމެންގެ ކާވެނީގެ ފުރަމަ އެނިވަރސަރީ މާދަމާ ނޫންތަ؟”
އޭނާ ބުންޏެވެ. “އަހަރެން ހަނދާންެ ނައްތައެއް ނުލަން. ސޯލިހާ އަހަންނާ އެހާ ދުރުހެލިވީ އަހަރެން މިކަމަށް ތައްޔާރުވާން ވެގެން އަވަދި ނެތި އުޅުނީމައެއްނު؟ އިނދެގެން އުޅޭ އިރު ދެމީހުން ވެސް ގުރުބާނީތަކެއް ވާން ޖެހޭނެ. ވަޒީފާގެ ކަންތައް ބޮޑުވީމާ އާއިލީ ކަންތައް ދަށަށް ދާނެ. އަހަރެމެން މިދަނީ ލަވްއައިލެންޑް ރިސޯޓަށް. އެއީ އެނިވަރސަރީއާއި ހަނީމޫނަށް އެންމެން ދާ ރިސޯޓް. އަހަންނަށް މިވަނީ ޗުއްޓީއަކަށް އެއް މަސް ލިބިފައި.”
“އެކަމަކު އެއީ ހާދަ އަގުބޮޑުތަނެއް؟”

“އަހަރެންގެ ލޯބިވާ ވައިފީ އަކަށް ވުރެން އަގުބޮޑެއް ނުވާނެ.”

އެތަކެއް ދުވަހެއް ފަހުން ޒިޔާދު އަހަންނަށް ލޯބި ދިނެވެ.

އެއަށް ވުރެން އުފާވެރި ވަގުތު ކޮޅެއް އަހަންނަކަށް ނާދެއެވެ.

އަހަރެން ހިތަށް އެރިއެވެ. ގޯސް މިހެދުނީ އަހަންނަށެވެ. ސަމީރާ ވިސްނައި ދިން ގޮތަށް އަހަރެން ޒައިދު ދޫކޮށް ދިޔަ ނަމަ އަހަންނަށް ވެސް އުޅެން ޖެހޭނީ ސަމީރާ އެއުޅޭ ކަހަލަ ބޭޗާރާ ދިރިއުޅުމެކެވެ. އެކަކާ ރައްޓެހިވެގެން ހަރެއް ނުލައެވެ. އިންނަން ކަމުދާ އެކަކުވެސް ނުފެނެއެވެ. ނީނދޭ އުޅެވޭނެ ގޮތެއް ވެސް ނޯވެއެވެ. އެއީ އަހަރެން އެދޭ ކަހަލަ ދިރިއުޅުމެއް ނޫނެވެ.

އަހަންނަށް ކަންތައް ކުރެވުނުގޮތާ މެދު އަހަރެން ޒައިދު ކުރެން މައާފަށް އެދިއްޖެއީމެވެ. “

މާފު ކުރަން ޖެހޭނީ ކުށްވެރީންނަށް.” ޒައިދު ބުންޏެވެ. “ކުށް ކުރެވުނީ އަހަންނަށް. “

“ނޫން.” އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. “އަހަރެންނަށް ކުރެވުނު ކުށް މާބޮޑު. ޒައިދުގެ އެއްވެސް ކުށެއް ނެތް. ހަމަ އެކަނި އަހަންނަށް މިކަން ސިއްރު ކުރީ. އެއަކީވެސް ކުށެއް ނޫން.”

“އަހަރެން އުޅުނީ ސަޕްރައިޒެއް ކޮށްލަން.” ޒައިދު ބުންޏެވެ. “އެކަމަކު ފަހުން ދިމާވި ގޮތަކުން ހީކުރިހާ އަވަހަށް މަސައްކަތް ނުނިމުނީ. އެހެންވެ ނުބުނެ ތިން ދުވަސްވަންދެން ރިސޯޓަށް ގޮސް ހުރެގެން މަސައްކަތް ނިންމުވީ.”

މާފު ކުރާނެ ކަމެއް އޮތްނަމަ މިހާރު އެކަމެއް މިވަނީ ނިިމިފައެވެ. ކަރުނައެއް އޮއްސާކަށް ހިތާމައެއް ކުރާކަށް ފުރުސަތެއް ޖާގައެއް ނެތެވެ. ކާވެނީގެ ފަހުންވެސް ކުރީގެ ލޯބި ދެމެހެއްޓިދާނެއެވެ. ނުވަތަ އެއަށް ވުރެންވެސް ބޮޑަށް ލޯބި ވެވިދާނެއެވެ.

ބޭނުމީ ކެތްތެރިކަމާ ވަފާތެރިކަމެވެ.

އޭގެ އެއް އަހަރުގެ ފަހުން އަހަރެމެންގެ ފުރަތަ ދަރިފުޅު މި ދުނިއެއަށް އުފަންވެއްޖެއެވެ. އަހަރެމެންގެ ލޯބި ތިންގުނަވީއެވެ.

މިއަދު އަހަންނަށް މިވަނީ ލޯތްބަކީ ކޮބައިކަން ދަސްވެފައެވެ. އެލޯތްބަކަށް އުނިކަމެއް ބަދަލުވުމެއް އައުމެއް ނެތެވެ. ދުވަހެއް ދުވަހަކަށް އެލޯބި ދިޔައީ ގުނަވަމުން އިތުރުވަމުންނެވެ. އޭގެ ފަހުން އަހަރެން އަފަގާޓޯއަށް ދަނީ އަހަރެންގެ ލޯބިވާ ފިރިމީހާއާއި ދަރިފުޅާ އެކު އެވެ.