ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހާޒިރުވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ބިލަށް ހިޔާލު ހުށަހެޅުމަށް މަޖިލީހުން ދިން ފުރުސަތު ގަބޫލުކޮށް، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒް އަލީ ސޮއިކުރައްވައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވަނީ، ޕާޓީގެ ފަރާތުން ބިލަށް މަޝްވަރާ ދެއްވުމަށް ވަޑައިގަންނަވާނީ ނަޝީދާއި ފައްޔާޒް ކަމަށް އަންގާފައެވެ.
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ހުށަހެޅުއްވި މި ބިލު މިހާރު ދިރާސާކުރަމުންދަނީ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީންނެވެ. ކޮމިޓީން ވަނީ އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތައް އަދި ޖަމިއްޔާތަކަށް ޑިސެމްބަރު 2، 2026 ގެ ނިޔަލަށް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ މުއްދަތުގެ ތެރޭގައި ހިޔާލު ހުށަހަޅާ ޕާޓީތަކާއި ޖަމިއްޔާތަކަށް ކޮމިޓީއަށް ހާޒިރުވެ ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، މި ބިލުގެ ދިރާސާގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ފަދަ އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޮމިޓީން އަމާޒު ހިފާފައިވަނީ ޑިސެމްބަރު 7، 2026 ގެ ކުރިން މި ބިލުގެ ދިރާސާ މަސައްކަތް ނިންމުމަށެވެ.